އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީނުގެ ކަންކަމަށް ބީރައްޓެއްސެއްގެ ގޮތުގަ ރަމަޟާންމަހާ ކުރިމަތިލާން ޖެހުމަކީ ލަދުގަންނަން ޖެހެންވީ، ރޯދަނުހިފެންއޮތް ސަބަބެއް ނޫން!: އިމާމް ޢުމަރު ސުލައިމާން

ދީނުގެ ކަންކަމަށް ބީރައްޓެއްސެއްގެ ގޮތުގަ ރަމަޟާންމަހާ ކުރިމަތިލާން ޖެހުމަކީ ލަދުގަންނަން ޖެހެންވީ، ރޯދަނުހިފެންއޮތް ސަބަބެއް ނޫން!: އިމާމް ޢުމަރު ސުލައިމާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

ރޯދަ ފަރުޟުކުރެއްވެވުނީ ހިޖުރައިން 2 ވަނަ އަހަރުގެ ޝަޢަބާން  މަހުގައެވެ. އެއިރު މީސްތަކުން އިސްލާމްދީނަށް ވަންނަމުންދަނީއެވެ. ވީމާ ރަމަޟާން މަސް ބައްދަލުކުރުމުގެ ހަފްތާއެއް، 3 ދުވަސް، 1 ދުވަސްކުރިން އިސްލާމްވެވަޑައިގެންނެވި ޞަހާބީންވެސް ތިއްބަވާނެއެވެ.  

ހަމަ ޤައިމުވެސް އެބޭކަލުންނަށް އަޅުކަން ކުރައްވަންވެސް އެނގިވަޑައެއް ނުގަންނަވާނެއެވެ. ޤުރްއާނުން ބާވައިލެއްވެވިފައިވާ މިންވަރުންވެސް އެނގިވަޑައެއް ނުގަންނަވާނެއެވެ. އެކަމަކުވެސް އެބޭކަލުން ރޯދަ ހިއްޕެވިއެވެ.  

ވިސްނައިލާށެވެ! ނަމާދު ފަރުޟު ކުރެއްވެވުނީވެސް އަދި ރޯދަ ފަރުޟު ކުރެއްވެވުނީވެސް އަދި އެހެނިހެން އަޅުކަން ފަރުޟު ކުރެއްވެވުނީވެސް އަދި ސުންނަތް އަޅުކަން ކުރަން އަންގަވާފައިވަނީވެސް އެއްވެސް މީހަކަށް ތަކްލީފެއް ޖެއްސެވުމަކަށް ނޫނެވެ. އެކަންކަން ކޮށްގެން ހިދާޔަތު ލިބިގަތުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމަށެވެ.  

ރަމަޟާން މަސް އައިސް ބައްދަލުކުރުމުން އޮތީ އެންމެ ފުރިހަމައަށް އަޅުކަންކުރާ މީހުން ކުރާ ޢަމަލުތަކަށް ވިސްނައި މާޔޫސްވުމެއް ނޫނެވެ. ރަމަޟާން މަސް އައުމުން ކުރަން އޮތް ކަމަކީ އިތުރަށް އުނގެނެން މަސައްކަތްކުރުމާއިވެސް އެކުގައި އެމީހަކަށް އެނގިހުރި މިންވަރަކުން ޢަމަލުކުރަން މަސައްކަތްކުރުމެވެ.  

މިޘާލަކަށް ޤުރްއާނަށް ނުފަރިތައީއެވެ. ކިޔަންވީ ޛިކުރުތައް ނުއެނގެނީއެވެ. މިސްކިތުގައި ނުވަތަ މުސައްލަމތީގައި ނުވަތަ ގޭގެ ގޮނޑިއެއްގައި ނަމަވެސް އިންނާށެވެ! އިނދެގެން ﷲ ތަޢާލާ ހަނދުމަކުރާށެވެ. ކިޔަންއެނގޭ އެއްޗެއް ކިޔާށެވެ. ހަމަޤައިމުވެސް ޝަހާދަތް ކިޔޭނެ ނޫންހެއްޔެވެ؟  

ކޮންމެ ޙާލެއްގައިވެސް ފަރުޟުނަމާދުތަކަށް ރައްކައުތެރިވާށެވެ! ދެން މިބުނި މަގުން އެމީހަކަށް ކުރެވުނު މިންވަރަކުން އަޅުކަންކުރާށެވެ! އެކަނި ނަމާދުކުރަން ނުއެނގޭނަމަ ޖަމާޢަތުގައި ކުރާ ސުންނަތް ނަމާދުތައް އެކަނި ނަމަވެސް ކުރާށެވެ!  

ހަމައެއާއިއެކު އަޅުކަންކުރަން ނުއެނގުނަސް ﷲ ތަޢާލާ ޙަޜާމް ކުރައްވަވާފައިވާ ކަންކަން ނުކޮށްހުންނަން އެނގޭނެ ނޫންހެއްޔެވެ؟ ޞަދަޤާތްކުރަން އެނގޭނެ ނޫންހެއްޔެވެ؟ މީހުން ރުޅިއަންނާނެ ކަންކަން ނުކޮށް ހުންނާށާއި މީހުންނަށް އޯގާތެރިވެ ހެޔޮކޮށް ހިތަން އެނގޭނެ ނޫންހެއްޔެވެ؟ ދުލުން ނުބައި ބަސްތައް ނުބުނެ ހެޔޮބަސްތައް ބުނަން އެނގޭނެ ނޫންހެއްޔެވެ؟ ޢާއިލާއަށް އަޅާލައި އެހީތެރިވާން އެނގޭނެ ނޫންހެއްޔެވެ؟  

އަހުރެން ބުނާނީ ފަރުވާކުޑަކަމުން ނުވަތަ އެހެންވެސް ސަބަބެއް މެދުވެރިވެގެން ރޯދަ ނުހިފައި ހުރެފައި މިއަހަރު ރޯދަހިފަން ފެށިނަމަވެސް ނުކުރެވޭނެ ނުވަތަ ކުރަން އުނދަގޫވާނެ އަޅުކަމަށްވުރެ ގިނަވާނީ ކުރަން ފަސޭހަ، ނުހަނު ފަސޭހައިން ކުރެވޭނެ އަޅުކަން ކަމަށެވެ.  

ބޭނުންވަނީ ރަމަޟާން މަސް ކާމިޔާބުކުރުމުގެ ޢަޒުމެވެ. އެކަމަށް މަސައްކަތްކުރުމެވެ. އެއިރުން ކާމިޔާބުވާނެއެވެ. އިން ޝާ ﷲ  

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް