އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢާއިޝަތުގެފާނުގެ ސީރަތު 3: އުފަންވެވަޑައިގަތުން

ޢާއިޝަތުގެފާނުގެ ސީރަތު 3: އުފަންވެވަޑައިގަތުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

އުފަންވެވަޑައިގަތުން އުފަލެއް ނިކަން ގެނުވައިފިއޭ

   އުފަލުން ނިކަން މައްކާގެ ބިން ޒީނަތްވިއޭ

 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އުފަންވެވަޑައިގެންނެވި ތާރީޚަކާމެދު މުއައްރިޚުންގެ މެދުގައި ހިސާބެއްގެ ޚިލާފެއް ހިނގައިފައިވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޢާއިޝަތުގެފާނު އުފަންވެވަޑައިގަތީ މާތް ރަސޫލާ صلّى اللّـه عليه وسلّم ، ރަސޫލުކަމާއިގެން ފޮނުއްވުމުގެ ހަތަރެއް ނުވަތަ ފަސް އަހަރު ފަހުންނެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަމަނާ އުފަންވެވަޑައިގަތީ މާތް ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރީންނެވެ.

އަލް އިމާމު އިބްނު ޖަރީރުއް ޠަބަރީ ލިޔުއްވައިފައިވާ ގޮތުގައި އަބޫބަކުރުގެފާނަށް އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުން ލިބިވަޑައިގަތީ މާތް ރަސޫލާ صلّى اللّـه عليه وسلّم، ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރީން، ޖާހިލިއްޔަ ޒަމާނުގައެވެ. 

އަލް ޙާފިޡު އިބްނު ޙަޖަރު ލިޔުއްވައިފައިވަނީ، ފާޠިމަތުގެފާނު، ޢާއިޝަތުގެފާނަށްވުރެ ފަސް އަހަރުފުޅު ދޮށިފުޅު ކަމަށެވެ. ފާޠިމަތުގެފާނު އުފަންވެވަޑައިގަތީ މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ޢުމުރުފުޅުން 35 އަހަރުފުޅުގައެވެ. އެހެންވެއްޖެނަމަ، ޢާއިޝަތުގެފާނު އުފަންވެވަޑައިގެންފައިވާނީ، އެކަލޭގެފާނުގެ ޢުމުރުފުޅުން 40 އަހަރުފުޅުގައެވެ. އެކަމަނާއާ އެކަލޭގެފާނު ކާވެނި ބައްލަވައިގަތީ އެކަމަނާގެ ޢުމުރުފުޅުން 12 އަހަރުފުޅުގައެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅުން 52 އަހަރުފުޅެވެ. 

އިމާމު ބުޚާރީ، އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ފަރާތްޕުޅުން ރިވާކުރައްވައިފައިވަނީ، މާތް ރަސޫލާ صلّى اللّـه عليه وسلّم، އެކަމަނާ އާ ކާވެނިބެއްލެވިއިރު ޢުމުރުފުޅަކީ، 6 އަހަރުފުޅު ކަމަށެވެ. އަދި އެކަލޭގެފާނު އެކަމަނާއާއެކު ރޭކުރެއްވި އިރު ޢުމުރުފުޅަކީ ނުވަ އަހަރު ކަމަށެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވިއިރު އެކަމަނާގެ ޢުމުރުފުޅަކީ 18 އަހަރުފުޅު ކަމަށެވެ. ކޮންމެއަކަސް، މި މައްސަލައިގެ ތަފްސީލުގެ ތެރެއަށް އަޅުގަނޑު ވަންނާކަށް ނެތީމެވެ. މި ދެގޮތްވެސް ޢިލްމުވެރިން ލިޔުއްވައިފައިވާތީ ބަޔާންކޮށް މިވަރުން ފުއްދައިލަމެވެ. 

ހުރިހާ ޢިލްމުވެރިންވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އުފަންވެވަޑައިގެންފައިވަނީ މާތްވެގެންވާ މައްކާގައެވެ. އަބޫބަކުރުއް ޞިއްދީޤުގެ ގަނޑުވަރުގައެވެ. 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ލަޤަބުފުޅަކީ އައްޞިއްދީޤާއެވެ. އެކަމަނާއަށް އައްޞިއްދީޤާ ބިންތު އައްޞިއްދީޤު އޭވެސް ކިޔައެވެ. އެކަމަނާގެ ކުންނިއްޔަތުގެ ނަންފުޅަކީ އުއްމު ޢަބްދުﷲ އެވެ. މި ނަންފުޅުން އެކަމަނާއަށް ނަންދެވިގެންވަނީ، އެކަމަނާގެ ދައިތާފުޅު އަސްމާގެފާނުގެ ދޮށީ ދަރިކަލުން ޢަބްދުﷲ ބިން ޒުބައިރު ރަޟިޔަﷲ ޢަންހުގެ ނަންފުޅަށް ނިސްބަތްކޮށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް