އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު
މިއަދުގެ ޙާލަތަށް ބަލައިފިނަމަ ގިނައީ ހުކުރު ދުވަހުގެ މުސްލިމުންނެވެ. އެހެނީ ގިނަބައަކަށް މިސްކިތް ފެންނަނީ ހުކުރު ދުވަހުގެ ހުކުރު ނަމާދަށެވެ! އެއީވެސް މުސްލިމުން ނޫން ކަމަށް ބުނަނީއެއް ނޫނެވެ. ޝަހާދަތް ކިޔައިގެން ހުރި މީހަކަށް ކާފިރެކެވެ ބުނާކަށް ނެތީމެވެ. ނަމަވެސް އަޅާ އާއި ކާފިރުކަމާއި ދެމެދުގައިވަނީ ނަމާދުއެޅުންކަމަށް ޙަދީޘްފުޅުގައި އެބައޮތެވެ.
އެހެންކަމުން ނަމާދުނުކުރާ މީހާއަށް ޖެހޭނީ އިސްލާމްވާށެވެ! އެހެންކަމަށްވާއިރު ހަމައެކަނި ހުކުރު ދުވަހުގެ ހުކުރުނަމާދަށްދާ މީހުންނަކީ މުސްލިމުން ކަމަށްވާނީ ކިހިނަކުން ހެއްޔެވެ؟ އަދި އެއިގެ އިތުރުން ކޮންމެ އަހަރަކު ދެދުވަހު ހަނދު ފެންނަ ބައަކު އުޅެއެވެ. އެއީ ދެ ޢީދު ދުވަހުގެ ޢީދުނަމާދަށް އެކަނިދާ މީހުންނެވެ. އެމީހުންނަކީ މުސްލިމުންނަށް ވާނީ ކިހިނަކުން ހެއްޔެވެ؟ ފަރުޟު 5 ނަމާދު ޤާއިމުނުކުރާތީ އެމީހުން ތިބޭނީ ކާފިރުންގެ ފަޅީގައި ނޫންހެއްޔެވެ؟
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ރަމަޟާން މަހު ގިނަ ބައަކު ނަމާދުކުރާތީ އުފާކުރަމެވެ. ހަމައެއާއިއެކު ރަމަމާން މަސް ނިމުމުންވެސް ފަރުޟު 5 ނަމާދަށް ރައްކައުތެރިނުވާނަމަ އެމީހާއަށް އެހުރެވެނީ މުސްލިމުންގެ ފަޅިއަކު ނޫނެވެ. އެހުރެވެނީ ކާފިރުންގެ ފަޅީގައެވެ. ސަބަބު މިބަޔާންކުރީއެވެ.
ﷲ ތަޢާލާ ރަމަޟާން މަހަށް ޚާއްޞަކުރައްވައިގެން ބާވައިލެއްވެވި އެއްވެސް ފަރުޟު ނަމާދެއް ނެތެވެ. އޮތީ ސުންނަތް ނަމާދެކެވެ. އެއީ ޖަމާޢަތުގައި ކުރާ ތަރާވީޙް ނަމާދެވެ. ރޭއަޅުކަމަކީވެސް ހަމަ އެހެން މަސްތަކުގައިވެސް ކުރަންޖެހޭ ކަމެކެވެ. ވީމާ ހަމައެކަނި ރަމަޟާން މަހު ފަރުޟު ނަމާދުތައް ކޮށްލުމަކުން ނުފުދޭނެއެވެ. އެއީ މުސްލިމުން ޢަމަލުކުރަންޖެހޭނެ ގޮތެއް ނޫނެވެ.
ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުވުމަށާއި މުސްލިމެއްގެ ގޮތުގައި މަޙްޝަރު ކުރެއްވެވުމަށް އެދޭމީހާ މިދެއްކި ވާހަކަކޮޅަށް ވިސްނައި ސަމާލުކަންދޭށެވެ. ސަމާލުކަން ދިނުމަކީ ޢަމަލުކުރުމެވެ. އިސްލާމް ދީނަކީ ޝަހާދަތްކިޔައި ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމުގެ ދީނެވެ. ރަސޫލް ގެ ރަސޫލްކަން ޤަބޫލުކުރުމަސްފަހު ސުންނަތަށް ޢަމަލުކުރުމުގެ ދީނެވެ. ޢަމަލުނުކުރާނަމަ އެމީހާގެ ކިބައަކު އިސްލާމްކަމެއް ނެތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
26 މާޗް 2023