އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢާއިޝަތުގެފާނުގެ ސީރަތު 4: ތުއްޕުޅުއިރުވެސް އެކަމަނާއަކީ ވިސްނުންފުޅު ތޫނު ބޭކަނބަލެއް-

ޢާއިޝަތުގެފާނުގެ ސީރަތު 4: ތުއްޕުޅުއިރުވެސް އެކަމަނާއަކީ ވިސްނުންފުޅު ތޫނު ބޭކަނބަލެއް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ވިސްނުމާއެކު ދެއްވަވާ ޖަވާބުގެ މޮޅުކަމުން

     އިސްދަށަށް ޖެހިދެއޭ ޙުއްޖަތުގެ ވަރުގަދަކަމުން

އެންމެ ތުއްޕުޅުއިރުން ފެށިގެންވެސް އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ދެކެވަޑައިގަންނަވަމުން ގެންދެވީ ނުހަނު ޠާހިރު ވެއްޓެކެވެ. އެހެނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ،ރަސޫލުކަން އިޢުލާން ކުރައްވާ އިރަށް އެކަމަނާގެ ބަފައިކަލުން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު އިސްލާމްވެވަޑައިގެންފިއެވެ. އެޔާއެކު، އެކަލޭގެފާނުގެ އަނބިކަނބަލުން އުއްމު ރޫމާން ރަޟިޔަﷲ ޢަންހާވެސް އިސްލާމްވެވަޑައިގެންފިއެވެ. 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އަރިހުން އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވައިފައިވެއެވެ. 

لَمْ أَعْقِلْ أَبَوَىَّ إِلاَّ وَهُمَا يَدِينَانِ الدِّينَ، وَلَمْ يَمُرَّ عَلَيْهِمَا يَوْمٌ إِلاَّ يَأْتِينَا فِيهِ رَسُولُ اللَّهِ صلى الله عليه وسلم طَرَفَىِ النَّهَارِ بُكْرَةً وَعَشِيَّةً {ޞަޙީޙު ބުޚާރީ، ކިތާބުލް އަދަބު، ޙަދީޘް 6079}

މާނައީ: [އިސްލާމްދީން ފިޔަވައި އެހެންދީނަކަށް އަހަރެންގެ މައިންބަފައިން އުޅުނު ހަނދާނެއް އަހަރެންގެ ނުހުރެއެވެ. ހެނދުނާއި ހަވީރު މާތް ރަސޫލާ صلّى اللّـه عليه وسلّم، އަހަރެމެންގެ ގެއަށް ވަޑައިނުގަންނަވާ ދުވަހެއް އަހަރެން ހަނދާނެއް ނުހުރެއެވެ.] 

އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ތުއްޕުޅުއިރުގެ ޙާދިޘާއެކެވެ. އެއްފަހަރު އެކަމަނާ ގެކޮޅުގައި ކުޅުއްވަން އުޅުއްވަނިކޮށް އެތަނަށް މާތް ރަސޫލާ صلّى اللّـه عليه وسلّم  ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވަޑައިގެން އެކަމަނާގެ ގާތުގައި މަޑުކޮށްލެއްވިއެވެ. އޭރު އެކަމަނާ އިންނެވީ ދެފިޔަގަނޑުލާފައިވާ އަހެއްގެ ސޫރައިގައި ހަދައިފައިވާ އެއްޗަކާ ކުޅުއްވާށެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم، އެކަމަނާއާ މުޚާޠަބުކުރައްވައި ޙަދީޘު ކުރެއްވިއެވެ.

[ތިޔައީ ކޮން އެއްޗެއް ހެއްޔެވެ؟]

އެކަމަނާ ޖަވާބު ދެއްވިއެވެ. [މިއީ އަހެކެވެ.]

މާތް ރަސޫލާ ހިނިވަރުނަ ކުރައްވައި ޙަދީޘް ކުރެއްވިއެވެ. [އަހުގައިވެސް ފިޔަ ހުރޭ ހެއްޔެވެ؟]

އެކަމަނާ ޖަވާބު ދެއްވިއެވެ. [ސުލައިމާނުގެފާނު ގެންގުޅުއްވި އަސްތަކުގައިވެސް ފިޔަ ހުރެއެވެ.]

މިދެންނެވި ޙާދިޘާއިންވެސް އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ބުއްދިފުޅު ފުރިހަމަކަން ހާމަވެގެންދެއެވެ. ދީނުގެ ކަންތައްތަކުގައި އެކަމަނާގެ ލޯފުޅު ހުޅުއްވިފައިވާކަން ދޭހަވެއެވެ. {މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 45}

 

Advertisement

ކޮމެންޓް ކުރެއްވުމަށް