އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު
ބަރަކާތްތެރި ރަމަޟާން މަހެއް ކަމަކު މިވާހަކަ ދައްކަން މިޖެހެނީ ރަމަޟާން މަހުގައިވެސް އެންމެ ގިނަ ބައަކު ކަންބޮޑުވެގެން ސުވާލުކުރަނީ ދުޢާކުރިގޮތަށް ކަންކަން ހިންމަވައި ނުދެއްވެވުން، ލޯބިވެރިޔާ އާއި ވަކިވާންޖެހުން، ލޯބިވެރިޔާ ނޫން މީހަކާއި ކައިވެނިކުރަންޖެހުން، ދުޢާ ޢިޖާބަކުރެއްވެވުން ލަސްވުން ފަދަ ކަންކަމުގައި ކަމަށްވާތީއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިމާ އެދިގެން ދުޢާކުރި ގޮތް ނޫން ގޮތެއް މިންވަރުކުރައްވަވައިފިނަމަ ޤަބޫލުކުރަންވީ އެގޮތަށް އެކަން މިންވަރުކުރެއްވެވީ އެގޮތުން ތިމާއަށް ފައިދާބޮޑުވާނެތީކަމެވެ. ލިބޭނެ އުފާވެރިކަންވެސް ބޮޑުވާނެތީކަމެވެ.
ޚާއްޞަކޮށް ލޮބުވެތިކަނބަލުންނަށް މިރޭވެސް ބުނެލަން ބޭނުންވަނީ ލޯބިވެރިޔާ ނުލިބިއްޖެނަމަ ނުވަތަ ލޯބިވެރިޔާ ދެއްވެވުން އެދި ކުރި ދުޢާ ޢިޖާބަ ނުކުރައްވަވައި ބައިވެރިއެއްގެ ގޮތުގައި އެހެން މީހަކު ދެއްވަވައިފިނަމަ އޮތީ ދެރަވެ ހިތާމަކުރުމެއް ނޫނެވެ. އުފާކުރުމެވެ.
ތިބާ އެދުނު މީހާ ތިބާއަށް ނުދެއްވެވީ ހަމަ ތިބާއަށް ރަނގަޅަކަށެވެ. އޭނާ ދެއްވެވިނަމަ ތިބާއަށް ލިބޭނެ ހިތްދަތިކަމާއި އަނިޔާވެރިކަމުން ސަލާމަތްކުރެއްވެވުމަށެވެ. މިއީ ހަމަ ގިނަ ބައެއްގެ ތަޖުރިބާއިން ޔަޤީންވާން އޮތް ކަމެކެވެ. ވީމާ ހާސްވެ ކަންބޮޑުވެގެން ނުއުޅޭށެވެ. ހަމަޖެހިލައި އުފާކުރާށެވެ!
ތިބާ އެދުނު މީހާ ނޫން މީހަކު ބައިވެރިއަކަށް ދެއްވަވައިފިނަމަ އެކަމުން އަންގައިދެނީ ﷲ ތަޢާލާ ތިބާދެކެ ލޯބިވެވޮޑިގަންނަވާ ކަމެވެ. ވީމާ ތިބާއަށް ދެއްވެވި ބޮޑު ރަޙްމަތެއްކަމަށް ނޫނީ ޤަބޫލުނުކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
27 މާޗް 2023