އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: މަންމައަށް ކުރާ ޚިދުމަތް މެދުވެރިކޮށް ދުޢާކުރުމުން ވަގުތުން ޢިޖާބަކުރެއްވެވުން ތަޖުރިބާކުރެވުނު މީހެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: މަންމައަށް ކުރާ ޚިދުމަތް މެދުވެރިކޮށް ދުޢާކުރުމުން ވަގުތުން ޢިޖާބަކުރެއްވެވުން ތަޖުރިބާކުރެވުނު މީހެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 12 ސިކުންތު

"އަޅުގަނޑުގެ މަންމަ އަޅުގަނޑާއި އެހެން ކުދިން ތަފާތުކުރެއެވެ. އެހެންވެ އަބަދު ހުންނަން ޖެހެނީ ދެރަވެފައެވެ. އެފަދަ ޙާލެއްގައި ބޮޑުވެ މިހާރު މިވަނީ ޢާއިލީ ދިރިއުޅުމެއް ފެށިފައެވެ. މަންމަ އަޅުގަނޑަށްވުރެ ބޮޑަށް ލޯބިވި ދަރިން މަންމައެއް ނުބެލިއެވެ. މަންމަ މިހާރު ބޭނުންވަނީ އަޅުގަނޑު ގާތަށް އަންނާށެވެ. 

މިޙާލަތުގައި އަޅުގަނޑު ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟"

ކިޔުންތެރިޔާ ތިއަ ފާހަގަކުރާ މައްސަލައަކީ ހަމަ ވަރަށް ޢާންމު ކަމެކެވެ. އެކަމަކުވެސް ބުނަން ހެއްޔެވެ؟ ތިއަ ލިބުނީ ތިބާއަށް ލިބޭނެ އެންމެ އަގުހުރި، އެންމެ ފައިދާބޮޑު ފުރުޞަތެވެ. އަވަހަށް މަންމަ ގެނެސް ވަރަށް ބޮޑަށް ހެޔޮކޮށް ހިތައިގެން ގެންގުޅެންފަށާށެވެ. އެއީ ތިބާއަށް ސުވަރުގެ ވަނުމަށް ލިބުނު ރަނުގެ ފުރުޞަތެއް ކަމަށް ދެކޭށެވެ! 

މިލިޔުމުގައި މިވާ ވާހަކައިން ޢިބްރަތް ޙާޞިލްކުރާށެވެ! އާދަފޫއަޅުވާލަނިވި އެތައް ކަމެއް ފެންނާނެއެވެ. އިން ޝާ ﷲ 

އަހަރެން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ޢާއިލީ ގޮތުން ކޮންމެވެސް ވަރެއްގެ ތިމާގެ ކަމެއްވެސް އޮތް އަންހެންކުއްޖަކާއިއެވެ. އެހެންކަމުން އެގެއަށް ގޮސް އެކުގައި ވަގުތުވެސް ހޭދަކުރަމެވެ. ދެމީހުން އެކުގައި ބޭރަށް ގޮސްވެސް އުޅުނީމެވެ. ނަމަވެސް އަހަރެމެންގެ މެދުގައި އެބާވަތުގެ އެއްވެސް ގުޅުމެއް އޮންނަކަން އެއްވެސް މީހަކަށް ނުއެނގޭނެއެވެ. 

ނުއަންގަނީ ކައިވެނިކުރަން ބޭނުންވުމުން ފަހަރެއްގައިވެސް ހުރަހެއް އަޅައި ބައްދަލުނުވެވޭނެ ގޮތް ހަދައިފާނެތީއެވެ. ހުރަސް އެޅިނަމަވެސް ކައިވެނިކޮށް ދެމީހުންނަށް އެކުގައި އުޅެވިދާނެކަން ޔަޤީންކުރެވޭ ހިސާބަށް ކަންކަން ކުރިއަށް ގެންގޮސްފައި ބުނަންވެގެންނެވެ. ހުރަސްއަޅައިފިނަމަވެސް ކައިވެނިކޮށް ވަކިން ދިރިއުޅެވޭނެ މަގު ފަހިކޮށްފައި ނޫނީ ނުބުނަންވެގެންނެވެ. 

ކޮންމެއަކަސް އެއީ ފުރަތަމަ ފަހަރަށް އަހރެން އަންހެން ކުއްޖާގެ ކޮޓަރިއަށް ވަންރެއެވެ. ކޮޓަރިއަށްވަނީ އެއްވެސް ނުބައި ކަމެއް ކުރުމުގެ ނިޔަތަކު ނޫނެވެ. އަނހެން ކުއްޖާގެ އަތުގައި ހުރި ސިއްރު އެއްޗެއް ސިއްރުން ބަލައިލަން ސިއްރުން ޖެހިގެންނެވެ. އެއީ ވާރުތަ މުދަލެއްގެ ސިއްރު ލިޔުންތަކެކެވެ. އަންހެން ކުއްޖާގެ ޢާއިލާއިން ވަރަށް ސިއްރުކޮށް ފޮތުވާފައި ހުރި އެއްޗަކަށްވާތީ ފައުޅުގައި ސިޓިންގ ރޫމްގައި އެބެލޭނެ ގޮތެއް ނެތިގެންނެވެ. 

ވަދެ ލިޔުންތައް ބަލަން އެނދުގައި ތިއްބާ ކުއްލިއަކަށް ބޭރުން ދޮރުގައި ޓަކި ޖަހައިފިއެވެ. އަދި މަންމަ ދަރިފުޅާ ދޮރުހުޅުވަބަލާށޭ ވެސް ބުނިއަޑު އިވުނެވެ. އެވަގުތު ހަތަރު އުދަރެސް ފެނުޖެހުނެވެ. ދޮރު ހުޅުވައިފިނަމަ ނުބައި ޝައްކެއް ކުރެވި އަހަރެންގެ ގުޅުމަށް ހުރަސް އެލިދާނެތީ އިންތިހާއަށް ކަންބޮޑުވިއެވެ. އެއްވެސް ނުބައި ނިޔަތެއް ނެތި ކުރެވުނު ކަމަކުން ބޮޑު ތުހުމަތެއް ކުރެވިދާނެކަމުގެ ބިރު އެހައި ބޮޑުވިއެވެ.

އަންހެން ކުއްޖާ ރޯން ފެށިއެވެ. އަހަރެން ވިސްނައިލީމެވެ. އެވަގުތު އަހަރެންގެ ހަނދާނަށް އައީ ބޮޑުކަމެއް ޖެހިއްޖެ ނަމަ އެމީހަކަށް ކުރެވިފައިވާ ހެޔޮކަމެއްގެ ވާހަކައިން ދަންނަވައި ދުޢާކުރަން ޢިލްމުވެރިއަކު ވިދާޅުވެފައިވާ ބަސްފުޅެވެ. ހޮހޮޅައިގެ ދޮރުމައްޗަށް ވެއްޓުނު ބޮޑު ހިލަ އަމިއްލައަށް ފުރޮޅި ބަންދުވެފައި ތިބި 3 މީހުންނަށް ނުކުމެވުނު ގޮތުގެ ޙަދީޘްފުޅުގެ ވާހަކައެވެ.

އަހަރެންނަކީ އަބަދުވެސް މަންމަގެ ރުހުން ހޯދަން މަސައްކަތްކުރާ މީހެކެވެ. ވަޒީފާއިން ލިބޭ މުސާރައިން އެންމެ ބޮޑުބައެއް މަންމައަށް ހޭދަކުރާ މީހަކީމެވެ. މަންމަގެ ބޭސްފަރުވާގެ ހުރިހާ ކަންކަން އަމިއްލައަށް ބެލެހެއްޓުމަކީ އުފަލެއް ކަމުގައި ދެކޭ މީހަކީމެވެ. އެހެންވެ އެކަންކަން މެދުވެރިކޮށް ދުޢާކުރީމެވެ. އެކަމުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދިއެވެ.

ކަންތައް ވީގޮތް އެނގޭ ހެއްޔެވެ؟ ކިޔުނުހައި ހެޔޮ އެއްޗެއް ކިޔަމުން ﷲ އަށް ވަކީލްކޮށްގެން މޫނު ފުހެލައިގެން ދޮރު ހުޅުވީއެވެ. އަހަރެން ހަމަ އިންގޮތަށް އެނދުގައި އިންދައެވެ. ދޮރު ހުޅުވުމުން މަންމަ ކޮޓަރި ތެރެއަށް ބަލައިވެސް ނުލައެވެ. "އެހެން ފަހަރަކުން އެބަ އަންނަން ކަމަކު" ބުނެލާފައި ހެވިފައި ހުރެގެން ދިއައީއެވެ.

ލިބުނު ފުރުޞަތުގައި ނުކުމެގެން ގޮސް ދެން ތިބީ ސިޓިންގ ރޫމްގައެވެ. ނިންމީ ކޮންމެ ހާލަތެއް ކުރިމަތިވިނަމަވެސް ކައިވެނީގެ ކަންތަކުގައި މައިންބަފައިންނާއި ވާހަކަ ދެއްކުމަށެވެ. ނިމިގެން އަންނާނެ ގޮތް ﷲ އަށް ވަކީލް ކުރުމަށެވެ. 

އަހަރެމެން ދެމީހުންނަކީވެސް ފަސްވަގުތު ނަމާދުކުރާ ދެމީހުންނެވެ. އަހަރެމެން އިސްތިޚާރާއެއް ނުކުރަމެވެ. ނަމަވެސް ވަރަށް ގިނައިން ދުޢާކުރުމަށްފަހު ދެމީހުން އެކުގައި ތިބެގެން އަންހެން ކުއްޖާގެ މައިންބަފައިންނަށް ހުށަހެޅުމުން ލިބުނީ ވަރަށް ކުރު ޖަވާބެކެވެ. "ދައްތަ (ޙަމީދުގެ މަންމަ) ރުހޭނަމަ މާދަންވެސް ފޯމުލާށެވެ! ތިއަކަން މިހާރުވެސް މާލަސްވެއްޖެއެވެ. އަވަސްކުރާށެވެ! ތިއައީ ހަމަ ހުރިހާ ގޮތަކުންވެސް މިގޭ ކުއްޖެކެވެ." 

އެއިގެ 2 ހަފްތާއެއްފަހުން ކައިވެނިކުރެވުނެވެ. ކައިވެންޏަށް 8 އަހަރުވީއެވެ. ފަޚުރުވެރިކަމާއިއެކު ބުނެލާނަމެވެ. ދެމަފިރިކަމާއި ލޯބީގެ ގުޅުމުގެ އިތުރުން ބެސްޓް ފްރެންޑުންގެ ގޮތުގައިވެސް އަހަރެމެން ދެމަފިރިންގެ ގުޅުމަކީ ހަމަ ވަރަށް ބަދަހިގުޅުމެކެވެ. 

ކިޔުންތެރިންނާއި ހިއްޞާކޮށްލަން ބޭނުންވީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަމެވެ. އެކަމަކީ ތިމާއަށް ދުނިޔޭގައި ކުރިމަތިވާ ބޮޑެތި މުޞީބާތްތަކުންވެސް ސަލާމަތްކުރައްވަވައިދެއްވަވާނެ ކަމެއްކަން އަހަރެންނަށް ވެސް ތަޖުރިބާ ކުރެވިފައިވާ ކަމެވެ. ހަމައެއާއިއެކު ކިތަންމެ ވަރަކަށް ލޯބިވެގެން އުޅުނު ނަމަވެސް އިންތަކުގައި ސާބިތުވެ ތިބުމުން ﷲ ގެ ރަޙްމަތް ލިބިގެންދާ ކަމެވެ. އަހަރެމެން ދެމަފަރިން ޤަބޫލުކުރަނީ އަހަރެމެންގެ ކާމިޔާބީގެ ހުރިހާ ވެސް ސިއްރަކީ އެއީ ކަމެވެ.

 

- އިޙްސާން/ މިއަދުނޫހުގެ ކިޔުންތެރިއެއް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް