އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ދަރިއަކު ލިބުނީމަވެސް އަނބިމީހާ ފަޤީރުވީމަ ދޫކޮށްލައި ހޯދި ތަނަވަސް އަނބިމީހާ ފުރޮޅުލީ ގޮނޑިއަކަށްލައިގެން ކޮއްޕަން ޖެހުނު ފިރިއެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ދަރިއަކު ލިބުނީމަވެސް އަނބިމީހާ ފަޤީރުވީމަ ދޫކޮށްލައި ހޯދި ތަނަވަސް އަނބިމީހާ ފުރޮޅުލީ ގޮނޑިއަކަށްލައިގެން ކޮއްޕަން ޖެހުނު ފިރިއެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 35 ސިކުންތު

އަޅުގަނޑާއި ފިރިމީހާ މަސައްކަތްކުރަމުން އައީ އެއް އޮފީހެއްގައެވެ. ކައިވެންޏަށް 2 އަހަރުވެ ދަރިއަކުވެސް ލިބުނުފަހުން އޮފީހުގެ ވެރިމީހާގެ ކޮއްކޮއަކާއި ފިރިމީހާ އާއި ދެމެދުގައި ލޯބީގެ ގުޅުން ހިންގަން ފެށިއެވެ. އޭނާއަކީ ފިރިމީހާއަށްވުރެ އެތައް އަހަރެއް ދޮށިވެސް އަންހެނެކެވެ. 

ކޮންމެއަކަސް ކަންކަން ލޮލަށްފނި އެކަން ޔަޤީންކުރެވުމުން ފިރިމީހާ ގާތުން ވަރިވީމެވެ. އެހެން އޮފީހަކަށްވެސް ބަދަލުވީމެވެ. އެއީ އެކަންކަން ދެކެން އެއޮފީހުގައި ހުންނަން ބޭނުންނުވާތީއެވެ. 

އަޅުގަނޑަކީ ފަޤީރެކެވެ. މައިންބަފައިންގެ ގެއިން ލިބިފައިވަނީ ވަރަށް ކުޑަކުޑަ ބިންކޮޅެކެވެ. ދިރިއުޅެނީ އެބިންކޮޅުގައި ކުޑަކުޑަ ޢިމާރާތެއް އަޅައިގެންނެވެ. ބިންކޮޅުގެ ބޮޑުމިނަކީ ކޮޓަރިއެކެވެ. ބޭބެ ވަނީ އެތަންކޮޅު އުފުލައި ލަކުޑިން 3 ފަންގިފިލާ އަޅައިދީފައެވެ. ވީމާ ދިރިއުޅެލެވެއެވެ. 

އެއަންހެން މީހާގެ 4 ކޮޓަރީގެ ފްލެޓެއް ހުރެއެވެ. ހުންނަނީ ލިފްޓް ބަހައްޓާފައި ހުންނަ ޢިމާރާތެއްގައެވެ. ވީމާ ފިރިމީހާއަށް އޭނާގެ އަނބިމީހާ އާއި ދަރިފުޅަށްވުރެ ތަނަވަސްކަމަށް އިސްކަން ދެވުނީމާ އަޅުގަނޑުގެ ނިކަމެތިކަން އަޅުގަނޑު އަމިއްލައަށް ޤަބޫލުކުރީއެވެ. 

ކޮންމެއަކަސް ވަރިވިތާ ހައަކަ މަސްވެސް ނުވަނީސް ދެވަނަ ކައިވެނިކުރީމެވެ. އެކައިވެންނަސްވެސް 2 އަހަރުވީއިރު ދަރިއަކު ލިބިއްޖެއެވެ. ފިރިމީހާއަކީ އެހައި ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް ނަމަވެސް އަމިއްލަ މަސައްކަތުން އުޅެލެވޭވަރުވެއެވެ. އެހެންވެ އަޅުގަނޑު މަސައްކަތަކު ނުފޮނުވައެވެ. ބައިންދަނީ ގޭގައެވެ. ބުނީ މައިން ކުރަން އެންމެ ރަނގަޅު، ފައިދާހުރި މަސައްކަތަކީ ދަރިންބެލުން ކަމަށާއި އޭނާއަށް ލިބޭ އާމްދަނީން އަސާސީ ބޭނުންތައް ފުދިގެން ދިރިއުޅެވޭނަމަ އެނިމުނީކަމަށެވެ. 

ފިރިމީހާ އަޅުގަނޑުގެ ބިންކޮޅުގައި ރަނގަޅު ޢިމާރާތެއް އަޅަން އުޅެން ފެށުމުން ޖެހިގެން އޮތް ދެ ބިންކޮޅު ދައްތަމެން އަޅުގަނޑަށް ދީފިއެވެ. 3 ބިންކޮޅު އެއްކޮށްލައިގެން 5 ބުރިއަށް ކުޑަ ޢިމާރާތެއް އަޅައިގެން ދިރިއުޅުނީ ހަމަ އުފަލުގައެވެ. 

ވަރިވިތާ 6 ވަނަ އަހަރެވެ. ހުކުރު ދުވަހެކެވެ. ދެމަފިރިން ކުދިން ގޮވައިގެންގޮސް ރަސްފަންނުގައި ތިއްބާ ފެނުނީ ކުރީގެ ފިރިމީހާ، އޭނާގެ އަނބިމީހާ ފުރޮޅުލީ ގޮނޑިއަކަށް ލައިގެން ކޮށްޕަމުން އަންނަ ތަނެވެ. އެދެމީހުންނަށް އަޅުގަނޑުމެން ފެނުމުން އަޅުގަނޑުމެންނަށް ބަލާކަށް ނުކެރުނެވެ. ނުވަތަ ބަލަން ބޭނުމެއް ނުވިއެވެ. 

އަރައިހަމަވުމުން ތެދުވެގެންގޮސް އަނހެންމީހާ އާއި ސަލާމްކުރީމެވެ. ހެޔޮދުޢާކޮށްފައި ވީގޮތެއް އަހައިލުމުން ބުނީ ސްޓްރޯކެއް ޖެހިފައި ވާގިނެތުނީކަމަށެވެ. އަޅުގަނޑު އަނެއްކާވެސް ހެޔޮދުޢާކުރަމުން އައީއެވެ. އެވަރުންވެސް ފިރިމީހާ އަޅުގަނޑާއި އަނގައިން ނުބުނި ތަނުގައި ދަރިފުޅަށްވެސް ބަލައިނުލައެވެ. 

އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިކިޔައިދިނީ އަޅުގަނޑުގެ ފިރިމީހާ ޖަހައިގަތް އަނހެންމީހާއަށް ދެރައެއް ލިބުމުން އުފާފައުޅުކުރާކަށް ނޫނެވެ. ބުނެލަން ބޭނުންވަނީ އުފަލުގައި ދުނިޔޭގައި އުޅެވިދާނެ ކަމަށް ދެކެގެން ދެމަފިރިންގެ ދޭތެރެއަށް ވަދެ ޢާއިލާތައް ނުރޫޅުވާށެވެ. އަހުރެމެން އެއްވެސް މީހަކީ އެއްވެސް ބާރެއް ލިބިގެންވާ ބައެއް ނޫނެވެ. ކޮންމެ ވަގުތަކު ކޮންމެ ފަދަ ކަމެއްވެސް ކުރިމަތިވެދާނެއެވެ. 

ޚާއްޞަކޮށް ތަނަވަސް މީހުންނަށް ބުނެލަން ބޭނުންވަނީ ﷲ ތަނަވަސްކަން ދެއްވެވީމާ ނިކަމެތިންގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަނެ ދިރިއުޅުން ހަލާކުކުރުވުމުގެ ބަދަލުގައި ނިކަމެތިންނަށް އެހީތެރިވެދީބަލާށެވެ! ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- މަރްޔަމް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


15%
ވ.ރަނގަޅު
31%
ރަނގަޅު
26%
އޯކޭ
26%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް