އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ފާފަކޮށްގެން ހޯދި ސައިކަލުގައާ ގައިގަ އަލިފާންރޯވާތީ ހުވަފެނުން ފެނުނު އަންހެނަކު ތައުބާވުމުން ލިބުނު ބޮޑު ރަހްމަތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ފާފަކޮށްގެން ހޯދި ސައިކަލުގައާ ގައިގަ އަލިފާންރޯވާތީ ހުވަފެނުން ފެނުނު އަންހެނަކު ތައުބާވުމުން ލިބުނު ބޮޑު ރަހްމަތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 41 ސިކުންތު

"މިހާރަކަށް އައިސް ބޮޑެތި ފާފަތައް ކުރަން ބިރުގަންނަ މީހުން ދަނީ މަދުވަމުންނެވެ. އެގޮތުން އަޅުގަނޑުގެ އެކުވެރިންގެ ތެރެއިންވެސް އެކަކީ ޢޭނާއަށް ލިބޭ މޫސަރައަށްވުރެ މާށގިނަ ރުފިޔާ ކޮންމެ މަހަކު ޚަރަދުކޮށްގެން އަގުބޮޑު އެއްޗެތިތައް ބޭނުންވަރަކަށް ގަންނަމުންދާ އަންހެނެކެވެ. 

އޭނާއަށް ނަބޭޙަތްދޭން ވަރަށް މަސައްކަތްކުރެވިއްޖެއެވެ. ހުރިހާ އެކުވެރިންވެސް އޭނާއަށް ނަޞޭޙަތްދެއެވެ. ނަމަވެސް އަދިވެސް އޭނާ އިޞްލާޙެއް ނުވެއެވެ. ވީމާ އޭނާއަށް ވިސްނައިދޭން ކުރެވިދާނެ ކަމެއް ބުނެދެއްވަފާނަންތޯ؟ 

ފުރަތަމަ ކަމަކަށްވެސް ބުނެލަން އޮތީ އެކުވެރިޔާ އިޞްލާޙްކުރަން ތިއަކުރައްވާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އެހެނީ ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި މަގުގެއްލިފައިވާ މީހަކަށް މަގުދައްކައިދިނުމަކީ މީހަކު އިސްލާމްކުރުން ފަދަ މަތިވެރި ކަމެކެވެ. ތިއަ  މަސައްކަތް ނަމަނަމަ ހުއްޓާނުލާށެވެ! ބާރަށް ކުރިއަށް ގެންދާށެވެ. އަދި ހުރިހާ އެކުވެރިންވެސް އެކުވެރިޔާއަށްޓަކައި ހެޔޮދުޢާވެސް ކުރަމުން ގެންދާށެވެ! 

ދެން ބުނެލަން ބޭނުންވަނީ ތިރީގައި އެވާ ވާހަކައަކީ ތިއަފަދަ ޙާލަތެއްގައި ވަރަށް ފައިދާކޮށްފާނެ ޢިބްރަތްތެރި ވާހަކައެކެވެ. އަގުހުރި ފިލާވަޅެކެވެ. އޭނާއަށް ވިސްނައިދޭށެވެ! ޙަރާމް ގޮތުގައި ހޯދައިގެން ގައިގަ އަޅާ ގަހަނާއަކީ އަލިފާނެވެ. ލާފޭރާމަކީވެސް ގައިގަ އެލުވޭ އަލިފާނެއެވެ. މިފަދަ ކޮންމެ ކަމަކުންވެސް އެކުރެވޭކަމަކީ ގައިގަ އަމިއްލައަށް ހުޅުޖެހުމެވެ.

ވާހަކަ: 

އެންމެ ފުރަތަމަ މިކިޔައިދެނީ އަހަރެންނަށް ފެނުނު 2 ހުފަނެކެވެ. 

ފުރަތަމަ ރޭ ފެނުނީ ސައިކަލުގައި އަލިފާން ރޯވެ އަނދާތަނެވެ. ހޭލެވުމާއިއެކު ނުކުމެ ބެލިއިރު ސައިކަލަކަށް އެއްވެސް ކަމެއް ނުވެއެވެ. އެހެންވެ އިބިލީހުގެ ވަސްވާސް ކަމަށް ޤަބޫލުކޮށް ނިދީއެވެ. 

އެއިގެ 3 ރޭ ފަހުން ހުވަފެނުގައި ފެނުނީ އަހަރެން ސައިކަލުގައި ދުއްވާފައިދަނިކޮށް މަޑީގައި އަލިފާން ރޯވެ އަހަރެންގެ ގައިގައިވެސް ހުޅުހިފިތަނެވެ. ދުއްވާފައި ދިއައީ ރިންގ ރޯޑުންކަމަށްވުން އަވަސް އަވަހަށް ފައިބައިގެން ދުވެފައިގޮސް މޫދަށް ފުންމައިލީއެވެ. އެހިސާބުން ކުއްލިއަކަށް ހޭލެވުނީއެވެ. 

2 ރޭ އެގޮތަށް ފެނުމުން ވަރަށް ބިރުގަތެވެ. އަނެއް ދުވަހު ރައްޓެހި ދީނީ ޢިލްމުވެރިއަކާއި މަޝްވަރާކޮށްލުމުން ފުރަތަމަވެސް ކުރެއްވި ސުވާލަކީ ސައިކަލަކީ ކިހިނެއް ލިބުނު ސައިކަލެއްތޯއެވެ؟ 

ގައިން ހީބިހި ނަގައިގަތެވެ. ވަރަށް ފިނިވިއެވެ. ބިރުވެސް ގަތެވެ! އެހެންކަމުން ތެދަށް ޝައިޚަށް ކިޔައިދިނީމެވެ. 

"ޝައިޚް އެވެ. އަޅުގަނޑު އަބަދުވެސް ވާދަކުރަން ބޭނުންވާ އަވަށްޓެރި އަންހެން ކުއްޖަކު ހުރެއެވެ. އޭނާއަކީ ކިޔަވައިގެން ހުރި ކުއްޖެކެވެ. އުޅެނީވެސް ވަރަށް ބޮޑު މުސާރަ ލިބޭ ވަޒީފާއެއްގައެވެ. އޭނާ ސައިކަލެއް ގަތުމުން އަޅުގަނޑު ބޭނުންވީ އެ ސައިކަލަށްވުރެ މޮޅު ސައިކަލެއް ގަންނާށެވެ! 

ނަމަވެސް އަތުގައި ފައިސާ ނެތުމުން އެކަންކުރާނެ ގޮތަކަށް ވިސްނަމުން ދަނިކޮށް ވިސްނުނީ ވަރަށް ނުބައިގޮތެކެވެ. ޙަރާމްކަންކަން ކޮށްގެން ފައިސާހޯދާށެވެ! އެއީ ވަރަށް ބޮޑު ފާފައެއްކަންވެސް އެނގެއެވެ. ނަމަވެސް ވާދަވެރިކަން ހިތުގައި އޮތްވަރުން އެކަންކުރެވުނީއެވެ. 

އަޅުގަނޑު އަނދައިގެން ހިނގައިދާނެއެވެ. ސައިކަލް އެއްލާލަންވީތޯއެވެ؟ ނޫނީ މީހަކަށް ދޭންވީތޯއެވެ؟" 

ޝައިޚް ވިދާޅުވިއެވެ. "ނޫނެކެވެ. ސައިކަލް ބޭނުންކުރާށެވެ! ކުރެވުނު ފާފައެއް ތިއަވަނީ ކުރެވިފައެވެ. އަވަހަށް ތައުބާވާށެވެ! ދެން އިތުރަށް އެއްވެސް ފާފައެއް ނުކުރާށެވެ! އަދި ހެޔޮ ޢަމަލުތައްކުރުން ގިނަކޮށް ކުރެވުނު ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކުރާށެވެ! ފުރިހަމަ ގޮތުގައި ތައުބާވުމުން އެމީހަކީ ފާފައެއް ނުކުރާ މީހަކުފަދައެވެ." 

އަދިވެސް ޝައިޚް ވިދާޅުވިއެވެ. "ތިއަ 2 ހުވަފެން ފެނުނުކަން އެއީ ލެއްވެވި ރަޙްމަތެއްކަމަށް ދެކޭށެވެ! ތައުބާވާން ލިބުނު އިންޒާރެއްކަމަށް ދެކޭށެވެ. ކިތަންމެ ދެރަ މީހަކާއި ނަމަވެސް އަވަހަށް ކައިވެނިކުރާށެވެ. ރިވެތި ދިރިއުޅުމެއް އުޅެން ފަށާށެވެ."   

އަޅުގަނޑު ތައުބާވީމެވެ. ހެޔޮ ޢަމަލުތައްކުރުން ގިނަކުރީމެވެ. ދަމުނަމާދުވެސް ކުރަން ފެށީމެވެ. ހިތަށް ހަމަޖެހުން ލިބެންފެށިއެވެ. ނަމަވެސް ސައިކަލް ދުއްވަން ބޭނުމެއް ނުވިއެވެ. އެއީ އޭގައި އަލިފާންރޯވެދާނެތީ ބިރަކުން ނޫނެވެ. ސައިކަލް ފެނުމުން އެ ހޯދުނުގޮތް ހަނދާންވާތީއެވެ. ދެރަވާތީއެވެ. އެހެންވެ ސައިކަލް ވިއްކާލާފައި ލިބުނު ފައިސާ ޞަދަޤާތްކުރީއެވެ. 

އަހަރެންނަކީ އުމުރުން 26 އަހަރުގެ އަންހެނަކީމެވެ. މިކަން ހިނގައިދިއައީ މިއަހަރުގެ މެދުތެރޭގައެވެ. އެހައިތަނަށް އަހަރެންނަކީ ކައިވެނި ކުރަން ވިސްނި މީހެއް ނޫނެވެ. އެކަމަށް ވިސްނަންވެސް ނިންމައިގެންހުރީ 30 އަހަރުވުމުންނެވެ. 

ކުޑަ ދުވަސްކޮޅެއް ފަހުން އަހަރެންގެ އެފްބީ ސްޓޭޓަސްގައި ލިޔުނީމެވެ. "ވަރަށް ފަޤީރު ފިރިހެނަކާ ކައިވެނިކުރަން ބޭނުމެވެ." 

ވިހިވަރަކަށް ފިރިހެނުން މައުލޫމާތުވެސް އޮޅުނަފިލުވިއެވެ. އެއިގެ ތެރެއިން އެންމެ ފަޤީރު މީހާކަމަށްބުނި މީހާ އާއި ކައިވެނިކުރަން ނިންމީމެވެ. އެއީ ކުރިން ބައްދަލުވި މީހެއްވެސް ނޫނެވެ. އޭނާގެ ޕޭޖަކުންވެސް އެއީ ކާކުކަމެއްވެސް ނުއެނގެއެވެ. އެނގުނީ ހަމައެކަނި ވަރަށް ބޮޑަށް ދީނަށް ލޯބިކުރާ މީހެއް ކަމެވެ. 

ފުރަތަމަ ބައްދަލުވީވެސް ކައިވެނިކުރަން ކޯޓުގައެވެ. ފޮޓޯވެސް ފެނިފައި ނެތުމުން ދެނެގަންނަންވެސް އުނދަގޫވިއެވެ. ކޮންމެއަކަސް ކައިވެނިކުރެވުނީއެވެ. ކައިވެނިކޮށްގެން އޭނާ ބޭނުންވީ ފުރަތަމަ އޭނާގެ ގެއަށް ގޮސްލުމަށެވެ. 

މަންޒަރު މުޅިން ތަފާތެވެ. ޤަބޫލުކުރަން ވެސް އުނދަގޫވިއެވެ. އޭނާއަކީ ތަނަވަސް މީހެކެވެ. 6 ބުރި ގެއެކެވެ. ވިޔަފާރިވެރިއެކެވެ. އަމިއްލަ 2 ކާރުވެސް އޮވެއެވެ. އެތަނުން އެއްކާރު މިހާރުވަނީ އަހަރެންނަށް ދީފައެވެ. 

މިއަދުނޫހާއި އަހަރެންގެ ޙަޔާތުގެ ވާހަކަ ހިއްޞާމިކުރީ އަހަރެންގެ މޮޅުކަން ހާމަކުރުމަކަށް ނޫނެވެ. ފިރިމީހާގެ ތަނަވަސްކަން ހާމަކުރާކަށްވެސް ނޫނެވެ! އަހަރެންނަށްވެސް ބޮޑެތި ކުށްތަކެއް ކުރެވުނުކަމާއި ނަމަވެސް ތައުބާވުމުން ލިބުނު ފުރުޞަތު ހާމަކޮށް އަހަރެން ފަދައިން ފާފަކުރެވޭ ކުދިންނަށް ތައުބާވުމަށް ހިތްވަރުދިނުމަށެވެ. ތައުބާވުމުން ﷲ ދެއްވަވާނެ ފުރުޞަތުތައް މާރަނގަޅުވާނެކަން އަމިއްލަ ތަޖުރިބާއިން ހާމަކުރުމަށެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް