އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 21 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
މައިންބަފައިންނަށް ކިޔަމަންތެރިވުމަކީ ވަކިން ޚާއްސަކޮށް މަންމައަށް ކިޔަމަންތެރިވުމަކީ ޞާލިޙު މުސްލިމަކު މާތް الله އަށްޓަކައި ކުރާ އެންމެ ރަނގަޅު އެއް ޢަމަލު ކަމުގައި ބެލެވޭއިރު، މާތް الله އަމުރުކުރެއްވެވި ފަދައިން ޤުރުއާނުން ނުވަތަ ރަސޫލާ ﷺ ގެ ސުންނަތުގައި އެކަން ކުރުމަށް އިލްތިމާސްކުރައްވަވާފައިވެއެވެ.
މާތް ﷲ ސުބްހާނަހޫ ވަތަޢާލާ އިސްރާ ސޫރަތުގެ 23ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.
۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ
މާނައީ: "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ."
މަންމައަށް މާތްކޮށް ހިތުމާއި ކިޔަމަންތެރިކަން އަދާކުރުމަށް ވަރަށް ގިނަ ޙަދީޘްފުޅުތަކުގައި ބަޔާންކުރައްވަވާފައިވެއެވެ. އެކަމަނާގެ މަޤާމުގެ މަތިވެރިކަމުގެ ސަބަބުން، މަންމައަށް މާތްކޮށް ހިތުމުގެ މާތްކަން މި ލިޔުމުގެ ތިރީގައި ބަޔާންކޮށްލާނަމެވެ.
· ބައްޕައަށް ކިޔަމަންތެރިވުމާއި އެހެން މީހުންނަށް ކިޔަމަންތެރިވުމަށް ވުރެ ބޮޑަށް މަންމައަށް ކިޔަމަންތެރިވުން އިސްވެގެންދޭ-
فقال له النبيّ: (أمَّك قال: قلت ُ: ثمَّ من؟ قال أمَّك قال: قلت: ثمَّ من؟ قال: أمَّك قال: قلتُ: ثمَّ من؟ قال ثمَّ أباكَ، ثمَّ الأقربَ، فالأقربَ)
މާނައީ: ނަބިއްޔާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ޙަދީޘް ބަސްފުޅެއްގައިވެއެވެ. ތިބާގެ މަންމައެވެ. ތިމަންކަލޭގެފާނު އެއްސެވީމެވެ. ދެން ކާކު؟ ދެން ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ތިބާގެ މަންމައެވެ. ތިމަންކަލޭގެފާނު އެއްސެވީމެވެ. ދެން ކާކު؟ދެން ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ތިބާގެ މަންމައެވެ. ދެން ތިމަންކަލޭގެފާނު އެއްސެވީމެވެ. ދެން ކާކު؟ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ދެން ތިބާގެ ބައްޕަ، ދެން އެންމެ ގާތް މީހުންނެވެ. ދެން އެންމެ ގާތް މީހުންނެވެ.
· މަންމައަށް ޝުކުރުވެރިވުން ގުޅިފައިވަނީ މާތްރަސްކަލާނގެއަށް ޝުކުރުވެރިވުމާއެވެ. ﷲ ތަޢާލާ ކީރިތި ގުރްއާނުގެ ލުޤމާން ސޫރަތުގެ 14 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ ﴿١٤﴾
މާނައީ: އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ! އެނބުރި رجوع ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. (14)
· މަންމައަށް ކިޔަމަންތެރިކަން އަދާކުރުމަކީ ނަބިއްޔުންނާއި ރަސޫލުންވެސް ޢަމަލުކުރާ ހެޔޮ ސިފައެކެވެ: ކީރިތި ޤުރުއާނުގައި މަރްޔަމް ސޫރަތުގެ 32 ވަނަ އާޔަތުގައި އީސާގެފާނުގެ ދޫފުޅުން ކުރައްވާފައިވާ ދުޢާގައިވެއެވެ.
وَبَرًّا بِوَالِدَتِي وَلَمْ يَجْعَلْنِي جَبَّارًا شَقِيًّا ﴿٣٢﴾
މާނައީ: "އަދި މިއަޅާގެ މަންމާއަށް ހެޔޮކޮށް ހިތާމީހަކު ކަމުގައިވުމަށްވެހެވެ. އަދި މިއަޅާޔަކީ އަބާއްޖަވެރި، جبّار އަކު ކަމުގައި ނުލައްވަތެވެ."
· މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކޮށް އިޙްތިރާމް ކުރުމަކީ މާތް الله އަށް އެންމެ ލޯބިވާ ޢަމަލުތަކުގެ ތެރެއިން އެއް ޢަމަލެވެ. މިކަން ބަޔާންކުރެއްވާފައިވަނީ މީހަކު އައިސް ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަ އާއި ﷲ ތަޢާލާ އެންމެ ލޯބިފުޅުވެވޮޑިގަންނަވާ މީހާއާ ބެހޭގޮތުން ސުވާލު ކުރުމުންނެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.
(الصَّلَاةُ لِوَقْتِهَا، وبِرُّ الوَالِدَيْنِ، ثُمَّ الجِهَادُ في سَبيلِ اللَّهِ)
މާނައީ: "ނަމާދު އޭގެ ވަގުތުގައި އަދާކުރުމާއި، މައިންބަފައިންނަށް ކިޔަމަންތެރިވުމާއި، ﷲ ގެ މަގުގައި ޖިހާދުކުރުމެވެ."
Advertisement
26 މެއި 2023