އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު
މިއަދު ގިނަ ބައަކަށް އެންމެ ބޮޑު މައްސަލައަކަށް ވެގެން މިއުޅޭ އެއްކަމަކީ ތިމާއަށް ތިމާއަށް ތިމާ ފެންނަފަދައިން ދުނިޔޭގެ އެންމެންނަށްވެސް ތިމާ ފެންނަން ޖެހޭނެ ކަމަށް ޤަބޫލުކުރެވޭކަމެވެ. މިއީ އެއްވެސް ޙާލެއްގައި އެކަން ހިނގާނެ ގޮތެއް ނޫނެވެ.
މިޘާލަކަށް ކޮންމެ މީހަކަށްވެސް އެމީހަކު ވަރަށް ރީތިވާނެއެވެ. އަދި އެމީހެއްގެ ހުރި އުނި ސިފަތަކެއްވެސް ނުފެންނާނެއެވެ. ކުރެވޭ ކުށެއްވެސް ނުފެންނާނެއެވެ. އެމީހަކަށް އެމީހަކު ފެންނާނީ އެންމެ ފުރިހަމަ މީހެއްގެ ގޮތުގައެވެ.
ނަމަވެސް އެހެން މީހުންނަށް އެކަން އެހެން ނުވާދާނެއެވެ. އެހެން މީހަކަށް ރިތިވެސް ނުވެދާނެއެވެ. އުނިސިފަތައްވެސް ފެންނާނެއެވެ. އެއީ ކޮންމެހެން ތިބާއަށް ނަފްރަތުކުރާތީ ނުވަތަ ތިބާ ދެކެ ރުޅިއަންނާތީކަމަށްވެސް ނުވެދާނެއެވެ.
އެހެނަސް ގިނަ ބައަކަށް އެކަން ޤަބޫލުކުރެވެނީ އެގޮތަކަށް ނޫނެވެ. ލޯބި ހުށަހެޅުމުން ޤަބޫލުނުކުރިނަމަވެސް، އުނި ސިފައެއް ދެއްކި ނަމަވެސް އެމީހަކު ދެކެ ގިނަ ބައަކަށް ރުޅިއައުދެވެއެވެ. އަދި އެމީހަކާއިމެދު ޒާތީވެވެއެވެ. މިއީ ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. ހެދޭ ވަރަށް ބޮޑު ގޯހެކެވެ.
މިފަދަ ކަމެއްގެ ޝަކުވާ ކުރި މީހަކާއި ވާހަކަ ދައްކަމުން ގޮސް ސުވާލެއް ކުރީމެވެ. "އަހުރެމެންގެ އެކުވެރިންގެ ތެރެއިން މިވެނި މީހަކު އެހުރީ އަދިވެސް ކައިވެނި ނުކޮށެވެ. އޭނާ ޢާއި ކައިވެނިކުރަންވީ ނޫންހެއްޔެވެ؟"
ޖަވާބުގައި އޭނާ ބުންޏެވެ. "އެއީ ކައިވެނިކުރަން ކަމުދާ މީހެއް ނޫނެވެ. އަހަރެންނަށް ރީއްޗެއްވެސް ނޫނެވެ. މިވެނި އެވެނި ސިފަތަކެއް އޭނާގެ ކިބައިގައި އެބަހުއްޓެވެ." ދެން އަހުރެން އޭނާއަށް ވިސްނައިދިނީމެވެ. "އެހެން މީހަކަށްވެސް ތިބާ އާއިމެދު ހަމަ ތިއަގޮތަށް ވިސްނުމުގެ ޙައްޤު އޭނާއަށް އޮންނާނެ ނޫން ހެއްޔެވެ؟ އެއީ އޭނާ ދެކެ ރުޅި އަންނަން ޖެހެންވީ ސަބަބެއް ނޫނެއްނޫންހެއްޔެވެ؟"
މިއީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން މުހިންމު ކަމެއް ކަމަށް ވިސްނޭތީ ފާހަގަކޮށްލީއެވެ.
- އަލަފް
Advertisement
26 ޖުލައި 2023