އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު
ރާއްޖޭގެ ހުރިހާ ކަންކޮޅަކުން އިވެމުންދަނީ ދިވެހިންގެ ގައުމު ދިވެހިންނަށް ލިބެންޖެހޭކަމުގެ ހިޔާލުތައް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިފަދައިން ވިދާޅުވީ "ދިވެހިންގެ ގައުމު ދިވެހިންނަށް" މި ޝިއާރުގެ ދަށުން މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީގެ އުތުރު ކެމްޕެއިން ޓީމްގެ ފަރާތުން އިސްނަގައިގެން ބޭއްވި ހާއްސަ ހަފްލާގައި، އޯޑިއޯ މެސެޖެއް މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
ގާސިމް ވިދާޅުވީ އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުން ރާއްޖެ މިނިވަންވީ އިރާއި މިހާރާއި އަޅާކިޔައި ވަޒަން ކޮށްލެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. "މިނިވަންކަމުގެ ބަތަލުގެ ފަހަށް ދިވެހިންގެ މިނިވަންކަމާއި އިސްތިގްލާލު އެންމެ ފުރިހަމައަށް ދެމެހެއްޓިފައިވޭތޯ ރައްޔިތުން ސުވާލުކުރޭ. ރާއްޖޭގެ ހުރިހާ ކަންކޮޅަކުން އިވެމުންދަނީ ދިވެހިންގެ ގައުމު ދިވެހިންނަށް ލިބެންޖެހޭކަމުގެ ހިޔާލުތައް. ތަފާތު މާނައިގައި." ގާސިމް ވިދާޅުވިއެވެ.
ދިވެހިންނަށް މިނިވަންކަން ހޯއްދަވާދެއްވި އޭރު ރާއްޖޭގެ ވަޒީރުލްއަޢުޡަމްގެ މަޤާމުގައި ހުންނެވި ރައީސް އިބްރާހީމް ނާޞިރުގެ ފަހަތްޕުޅުން އެކިގޮތްގޮތުން މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް މާތް ﷲ ހެޔޮ ޖަޒާ މިންވަރު ކޮށްދެއްވުމަށް އެދިވަޑައިގެން އެމަނިކުފާނުވަނީ ދުއާ ދަންނަވާފައެވެ.
"ނާސިރު ރާއްޖެ މިނިވަންކުރެއްވި އިރު އޮތް ހާލަތާއި މިހާރު އޮތް ހާލަތާ އެތައް ގޮތަކުން ތަފާތު. އެދުވަހު އެމަނިކުފާނު ހޯއްދަވާދެއްވި މިނިވަންކަން ދިވެހި ދިވެހި ވެރިންގެ ކިބައިން ފިލައިގެންދިޔަކަމީ ހިތާމައިގެ ކޮޅެއްނެތްކަމެއް. ރައީސް މައުމޫނުގެ ޒަަމާނުގައި ހާރިޖީ ވަކި ސިޔާސަތަކަށް ބުރަނުވެ މިނިވަންކަމާއެކު ހިންގި. އެކަމަށް އެމަނިކުފާނަށް ޝުކުރު ހައްގު." ގާސިމް ވިދާޅުވިއެވެ.
Advertisement
26 ޖުލައި 2023