އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު
ކުރަން އެންމެ ފަސޭހަ އަދި އެކަމެއް ކުރުމުން އެމީހަކަށް އެންމެ ފައިދާކުރާނެ ޢަމަލު ބަޔާންކުރައްވަވައި ދެއްވަވަމުން ރަސޫލް ﷺ ޙަދީޘްފުޅު ކުރެއްވެވީ ﷲ ތަޢާލާގެމަތިން ހަނދުމަކޮށް ޛިކުރުކުރުން ކަމަށެވެ. އެކަންކުރުންމަތީގައި އަބަދުވެސް ދެމިހުރުން ކަމަށެވެ.
މިޙަދީޘްބަސްފުޅުގެ މާނައަކީ ވީހައި ގިނައިން ﷲ ތަޢާލާ ހަނދުމަކޮށް ޛިކުރުކުރުމެވެ. ކިތަންމެ ކުޑަ ނަމަވެސް ވަގުތުކޮޅެއް ލިބޭއިރަށް ﷲ ތަޢާލާގެމަތިން ހަނދުމަކުރުމެވެ. ޛިކުރުކުރުމެވެ.
ޛިކުރުކުރުމަކީ ޢަދަދު ކަނޑައެޅިގެންވާ ކަމެއް ނޫނެވެ. އެމީހަކަށް ވީހައިގިނައިން ޛިކުރުކުރަންވީއެވެ.
ޛިކުރުކުރުމުގެ އެންމެ ބޮޑު ފައިދާއަކީ އެމީހަކު ﷲ ތަޢާލާގެމަތިން ހަނދުމަކުރުމުން އެމީހާގެމަތިން ﷲ ތަޢާލާ ހަނދުމަފުޅުކުރައްވަވާ ކަމެވެ. އެއީ އެކަލާނގެ ވަޙީ ބަސްފުޅެކެވެ. ވީމާ އެކަމަށް އެއްވެސް މީހަކު އެއްވެސް ވަރަކަށް ޝައްކުކޮށްގެން ނުވާނެއެވެ.
ދެން އޮތީ ދުޢާކުރުމެވެ. ދުޢާކުރަންވީ ހިތުންނެވެ. ތުންތަޅުވައިލުމަކީ ދުޢާކުރުންކަމަކަށް ނުވެއެވެ. އަދި ކީއްހެޔެވެ؟ ސަޖިދައިގައި އޮވެގެންކުރި ނަމަވެސް ދެއަތްއުފުލައި ކުރިނަމަވެސް ހަމައެކަނި ހިތުން ދުޢާކުރި ނަމަވެސް ކޮންމެ ގޮތަކަށް ދުޢާކުރިނަމަވެސް ދުޢާކުރަންވާނީ ދުޢާ އިޖާބަކުރައްވަވާނެ ކަމުގެ ފުރިހަމަޔަޤީންކަމާއިއެކުގައެވެ.
ބައެއް މީހުން ތުންތަޅުވައި ދުޢާކުރެއެވެ. ދުޢާކުރާއިރުވެސް ހިތަށް އަރުވައިގެން ހުންނަނީ އެހެންކޮންމވެސް ކަމެކެވެ. އެދޭކަމެއް ހިތަށް އަރުވައިގެން ދުޢާކުރުމުން ނޫނީ ދުޢާކުރިކަމަކަށް ނުވާނެއެވެ!
މިދެއްކި ކުރު ވާހަކަކޮޅުގެ ވަރަށް ކުރު ޚުލާޞާއެއްވެސް ބުނެލައިފާނަމެވެ. ފުރަތަމަކަމަކީ ކޮންމެ ކަމަކަށް އެދިގެން ދުޢާކުރި ނަމަވެސް ހިތުގެ އަޑިން ދުޢާކުރުމެވެ. ދެވަނަ ކަމަކީ ފުރިހަމަ ޔަޤީންކަމާއިއެކު ދުޢާކުރުމެވެ. މި ދެ ޝަރުޠު ހަމަވާ އެއްވެސް ﷲ ތަޢާލާ ބާކީ ނުކުރައްވަވާނެތެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
27 ޖުލައި 2023