އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު
މިއަދު ބަލައިމިލަނީ ބުއްދިވެރިއަކު ބުނެފައިވާ ވަރަށް ފައިދާހުރި ބަސްކޮޅަކަށެވެ.
"ތިބާގެ ބައިވެރިޔާގެ ކިބައިގައި ހުރި ތިބާ ހިތްހަމަޖެހޭ ސިފަތައް މަދުވެދާނެއެވެ. ނަމަވެސް ވަކިވުމުގެ ކުރިން ވިސްނައިލާށެވެ! ދެން ލިބޭ ބައިވެރިޔާގެ ކިބައިގައި ހުންނަ ތިބާ ހިތްހަމަޖެހޭ ސިފަތައް އަދި މާމަދުވެސް ވެދާނެއެވެ! ބުއްދިވެރިންނަކީ ވަކިނުވެ، ލިބުނު މިންވަރަށް ޝުކުރުކުރުމާއިއެކު ލިބޭ އުފާވެރިކަން އިތުރުކުރަން މަސައްކަތްކުރާ މީހުންނެވެ."
ލޯބިވެގެން އުޅޭއިރު ލޯބިވެރިޔާގެ ކިބައިން އުނިކަން ނުފެނިދާނެއެވެ. އަދި ފެނުނަސް ކަންބޯދުވެސް ނުވެދާނެއެވެ. އެއީ ކައިވެނިކުރެވުމުން އެކަންކަން އިޞްލާޙްކުރެވޭނެ ކަމުގެ އުންމީދު އޮންނާތީއެވެ.
ކޮންމެ މީހަކުވެސް ކައިވެނިކުރެވުމަށްފަހު ބައިވެރިޔާގެ ކިބައިން އުންމީދުކުރާ ކަންތައްތަކެއް ހުންނާނެއެވެ. ބައިވެރިޔާގެ ކިބައިގައި އެކަންކަން ހުންނަ މިންވަރު މަދުވެސްވެދާނެއެވެ. ނަމަވެސް ރަނގަޅަށް ވިސްނައިލާށެވެ! އަދި އެއީ ަބއިވެރިޔާ އާއި ވަކިވާންޖެހޭ ވަރުގެ ކަމަށް ނުހަދައި ބައިވެރިޔާގެ ކިބައިން ތިބާ އެދޭ ކަންކަން ޙާޞިލުކުރެވިގެންދާނެ ގޮތަކަށް ވިސްނުން އިތުރުކުރާށެވެ.
ވަރަށް ގިނަ ބައެއްގެ ތަޖުރިބާއަށް ބަލައި ބުނަމެވެ. ބައިވެރިޔާގެ ކިބައިން ލިބޭ މިންވަރު މަދުވެގެން ބައިވެރިޔާ ދޫކޮށްލައި ދެން ހޯދާ ބައިވެރިޔާގެ ކިބައިން ކުރީގެ ބައިވެރިޔާގެ ކިބައިން ލިބުނު މިންވަރަށްވެސް ކަންކަން ނުލިބުމަކީ ހަމަ ވަރަށް ޢާންމު ކަމެކެވެ. ވީމާ ހިތްފުރަން ބޭނުންވެގެން ބައިވެރިޔާ ބަދަލުކުރަންވެއްޖެނަމަ އެއީ ކޮޅުންލާން އޮތްކަމެއް ނޫނެވެ. މިދުނިޔޭގައި ހަމައެކަކުގެވެސް ހިތެއް ނުފުޜޭނެއެވެ. ހިތްފުރަން ލިބުމަކީ ހަަމއެކަނި ސުވަރުގެ ލިބޭއަޅުންނަށް ސުވަރުގެ ލިބުމުން ލިބެން އޮތް ޚާއްޞަ ނިޢުމަތެކެވެ.
- އަލަފް
Advertisement
28 ޖުލައި 2023