އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު
ކޮންމެ މީހެއްގެ ގާތުގައި އަހައިލިނަމަވެސް ބުނާނީ ތިމާ އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ފާފަތައް ފުހެވިގެންވާ މީހަކު ކަމުގައިވުން ކަމަށެވެ. އަހުރެންގެ ސުވާލަކީ އެންމެ ބޮޑަށް އެކަން ބޭނުންވާއިރު އެކަން ޙާޞިލުކުރަން ކުރަންޖެހޭ ކަންކަން އެންމެ ކުޑަމިނުން އަސާސީ ފެންވަރަށް އެބަކުރެވޭހެއްޔެވެ؟
ތިމާއަކީވެސް ރަސޫލް ޞައްލަﷲ ޢަލަލައިހި ވަސައްލަމަގެ ޞަޙާބީން ފަދައިން ފާފަތައ ފުހެވިގެންވާ މީހަކުކަމުގައިވުމަށް ނޭދޭނެ މީހަކު ނުހުންނާނެއެވެ. އެހެންކަމަށްވާނަމަ ޞަޙާބީން ޢަމަލުފުޅުކުރެއްވެވި ގޮތަށް ޢަމަލުކުރާ ބައަކަށްވާން އެބަޖެހެއެވެ.
މިސާލަކަށް ޞަޙާބީން އަބަދުވެސް ތިއްބަވަނީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރެއްވުމުގެ ފުރުޞަތަކަށް އެދިވަޑައިގެން އެކަމަށް ބައްލަވާށެވެ! ފުރުޞަތު ލިބިވަޑައިގެންފިނަމަ އަވަސްވެވަޑައިގަންނަވަނީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރެއްވެވުމަށެވެ.
ބައެއް ޞަޙާބީން އެބޭކަލުންގެ މުޅި މިލްކިއްޔާތު ވަނީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރައްވަވައިފައެވެ. އަނެއްބައި ބޭކަލުންވަނީ ދެބައިކުޅަ އެއްބައި ހޭދަކުރައްވައިފައެވެ. ކޮންމެ ބޭކަލަކުވެސް ވަނީ އެބޭކަލެއްގެ ފެންވަރުން ހޭދަކުރައްވަވައިފައެވެ.
ނަމަވެސް މިއަދު އަހަރެމެންނަށް މިއުޅެނީ ﷲ ތަޢާލާގެ މަގުގައި ނެރެންޖެހޭ ފަރުޟު ޒަކާތް ނުނެރެވިގެންނެވެ. އެންމެ 2.5 އިންސައްތަ ޒަކާތަށް ނެރެންޖެހުމުން މިދެއްކެނީ ހަމަ ދައްކަންޖެހޭ ޢަދަދުކަން ޔަޤީންކުރަން އެތައް މަސައްކަތެއް ކުރެއެވެ. އެންމެ ޑޮލަރެއްވެސް މަދުކުރެވެން އޮތްތޯ ބަލައެވެ. އެތައް ފަހަރަކު ފައިސާކޮޅު ގުނައެވެ.
ﷲ ތަޢާލާގެ ޙަޟްރަތުން ތިމާގެ ފާފަތައް ފުހެވިގެން ދިއުމަށް އުންމީދުކުރާ މީހާ ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމުގައި ދީލަތިކަން އިތުރުކުރާށެވެ! ފަރުޟު ޒަކާތް ދެއްކުމަށް ރައްކައުތެރިވުމާއިއެކު ޞަދަޤާތް ދިނުން ގިނަކުރާށެވެ! އަދި ޞަދަޤާތުގެ ގޮތުގައި ދެވެން އޮތްވަރު މަދުވެގެން ލަދުވެތިނުވާށެވެ! އެންމެ ދިރުހަމެއްވިޔަސް ދިއްކޮށްލާށެވެ! ތިބާގެ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން
Advertisement
8 އޮގަސްޓް 2023