އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު
ކައިވެނި ރޫޅުމުން ވަރަށް ގިނަ (ރަނގަޅު) އަންހެނުން ހިތާމަކުރެއެވެ. ދެވަނަ ކައިވެނި ރޫޅިއްޖެނަމަ ވަކިން ބޮޑަށް ހިތާމަކުރެއެވެ. މިފަދަ އަންހެނުންގެ ކިބައިން ވަރަށް ގިނަ އިން ސުވާލުތައް ލިބޭތީ ބުނެލަން ބޭނުންވަނީ "ކޮންމެ މީހަކުވެސް ކުށްވެރިވާނީ ކުށްކުރީމައެވެ. ކުށް ނުކުރާ މީހުންނަށް ދުނިޔޭގައި އަދަބު ލިބުނަސް ޤިޔާމަތްދުވަހުގެ ޙާލަތު ތަފާތެވެ. ކުށެއް ނުކުރާ ޙާލުގައި ދުނިޔޭގައި ލިބުނު އަނިޔާ ބަދަލުކުރައްވަވާނީ ޘަވާބަށެވެ.!" އިން ޝާ ﷲ
ނުބައި ފިރިއަކު ރަނގަޅު އަންތބަކަށް، ނުބައި އަންތބަކު ރަނގަޅު ފިރިއަކަށް ބުނާ ނުބައި ބަސްތަކާއިމެދު އަޅައިވެސްނުލާށެވެ! ރަނގަޅު މީހުން ވަނީ ނުބައި މީހުންގެ ކިބައިން ބަރީޢަވެގެންނެވެ! ރަނގަޅު މީހުންގެ ފާފަ ފުއްސަވައިދެއްވަވާނެތެވެ! އަދި ރިޒްޤްވެސް އިތުރުކުރައްވަވައި ދެއްވަވާނެތެވެ.
(އައްނޫރު ސޫރަތުގެ 26 ވަނަ އާޔަތް ބަލާށެވެ!)
"ނުބައި އަންހެނުން ނުބައި ފިރިހެނުންނަށެވެ. ނުބައި ފިރިހެނުން ނުބައި އަންހެނުންނަށެވެ. ރަނގަޅު އަންހެނުން ރަނގަޅު ފިރިހެނުންނަށެވެ. ރަނގަޅު ފިރިހެނުން ރަނގަޅު އަންހެނުންނަށެވެ. އެއުރެން (އެބަހީ ނުބައި މީހުން) ބުނާ ބުނުންތަކުން އެއުރެން (އެބަހީ: ރަނގަޅު މީހުން) ބަރީޢަވެގެންވެއެވެ. ފާފަފުއްސެވުމާއި، ދީލަތިވެގެންވާ ރިޒްޤް އެމީހުންނަށް ހުއްޓެވެ!"
ދެމަފިރިންގެ ތެރެއިން އެކަކު ނުބައި ބަސްތައް ބުނުމުން އަނެކަކު ވަރަށް ދެރަވެއެވެ. ހިތްދަތިވެއެވެ. އަދި ތިމާއަކީ އޭނާ އެބުނާ ފަދަ ނުބައި މީހެއްކަމާއިމެދު އަމއްލަ ނަފްސާއި ސުވާލުވެސްކުރެއެވެ.
އަމިއްލަ ނަފްސަށް ޔަޤީންކުރަންވީ ތިމާއަކީ ރަނގަޅު މީހަކުކަމެވެ. ރަނގަޅު މީހަކާއި ދިމާއަށް އެހެން މީހަކު ނުވަތަ ކިތަންމެ ގިނަބައަކު އެއީ ނުބައި މީހެއް ކަމަށް ބުނުމަކުން އެއީ ނުބައި މީހަކަށްނުވާނެއެވެ! ނުބައި ކަނޑައެޅުއްވެވުން ވަނީ ﷲ ތަޢާލާއަށެވެ!
ކަން އޮތީ މިފަދައިން ނަމަވެސް އަނބިމީހާ ނުވަތަ ފިރިމީހާ ތިމާއަކީ ނުބައި މީހަކު ކަމަށްބުނެ ހުތުރު ބަސްތައް ގޮވުމުން އެކަމުގެ ހިތާމައިގައި ބައެއް މީހުން މާޔޫސްބަލީގެތެރެއަށް އެބަ ވަދެގެންދެއެވެ. ދުނިޔެމަތިން އެބަ ފޫހިވެއެވެ. އެއްގޮތަކަށްވެސް އެގޮތަށް ކަންތައް ނުކުރާށެވެ!
"އެއުރެން (އެބަހީ ނުބައި މީހުން) ބުނާ ބުނުންތަކުން އެއުރެން (އެބަހީ: ރަނގަޅު މީހުން) ބަރީޢަވެގެންވެއެވެ. ފާފަފުއްސެވުމާއި، ދީލަތިވެގެންވާ ރިޒްޤް އެމީހުންނަށް ހުއްޓެވެ!" މި ވަޙީބަސްފުޅުން ޚާއްޞަކޮށް އަންހެނުން ހިތްވަރުލިބިގަންނަން ވާނެއެވެ. ލިބިގެންދަނީ ތިމާ ރަނގަޅު ގޮތުގައި ހުއްޓައި ނިކަމެތިކޮށް އެކަނިވެރިކޮށްލި ނަމަވެސް ﷲ ތަޢާލާ އެމީހަކަށް ރިޒުޤާއި ނިޢްމަތްތައް މިންވަރުކުރައްވަވާނެކަން ކަމުގައި ޤަބޫލުކުރާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
12 އޮގަސްޓް 2023