އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު
އަހުރެންގެ ތަޖުރިބާއަށް ބަލައި ބުނަމެވެ. ގިނަ ކައިވެނިތައް ރޫޅެން މެދުވެރިވާ ސަބަބަކީ ކުށެއް ކުރެވުމެއް ނޫނެވެ. ކުށް ތަކުރާރުކުރަމުން ގޮސް އިޞްލާޙް ނުވާނެކަމަށް ޤަބޫލުކުރެވުމުންނެވެ. ވަކިވުމަށްވުރެ ރަނގަޅު ގޮތެއް ނެތްކަމަށް ވިސްނޭ ޙާލަތަށް ދިއުމުންނެވެ.
ބައިވެރިޔާ އިޞްލާޙްވާނެ ކަމަށް އުންމީދުކޮށް އެކަމަށް މަސައްކަތްކުރަމުން، އިންތިޒާރުކުރަމުންގޮސް ކެތްތެރިކަން ކޮޅުންލުމުންނެވެ. މާޔޫސްވެ ގޮތްހުސްވުމުންނެވެ.
މިކަން މެދުވެރިވާ ސަބަބަކީ ތިމާ ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް، ކޮންމެ ކަމެއް ކުރިނަމަވެސް ބައިވެރިޔާ ތިމާއާއި ވަކިވެގެން ނުދާނެ ކަމަށް ޔަޤީންކުރެވުމެވެ. ފަހަރެއްގައި އެގޮތަށް އެކަން ޔަޤީންކުރެވެނީ ބައިވެރިޔާއަކީ ތިމާއަށްވުރެ މާނިކަމެތި މީހެއް ކަމަށް ޤަބޫލުކުރެވުމުން ކަމަށްވެސް ވެދާނެއެވެ.
އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އަހުރެމެންނަށް މިވެނި މީހަކީ ކިތަންމެ ނިކަމެތި މީހެއް ކަމުގައި ޤަބޫލުކުރެވޭ މީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިވެގެންވާ މިންވަރެއް ނުއެނގޭނެއެވެ. އޭނާއަށް ލައްވަވާނެ ރަހްމަތެއް ނުއެނގޭނެއެވެ.
ލޮބުވެތި އެކުވެރިންނޭވެ! ބައިވެރިޔާއަކީ ކިތަންމެ ބޮޑު ފަޤީރަކަސް އަދި އަޅައިލާނެ މީހަކު ނެތް މީހަކުނަމަވެސް އޭނާއަކީ ނިކަމެތިވެ ގޮތްހުސްވެފައިވާ މީހަކު ކަމަށް ބަލައި ދެރަކޮށް ނިކަމެތި ނުކުރާށެވެ! ބައިވެރިޔާއަކީ އެފަދަ މީހަކު ކަމުގައިވާނަމަ އެކަމަށްޓަކައިވެސް ހެޔޮކޮށް ހިތުން އިތުރުކުރާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި އެކަމުގެ ހެޔޮ ދަރުމަ އެމީހަކަށް ދެދުނިޔޭގައިވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ
- އަލަފް
Advertisement
19 ސެޕްޓެމްބަރ 2023