އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު
ކާފިރުވި މީހުން ނަރަކައަށް އެއްލައިލެވޭ ދުވަހު، އެމީހުން އެ ނަރަކައަށް ވަންނަން ޖެހުނީ ކީއްވެގެންތޯ އެބައިމީހުންނާ ސުވާލު ކުރެވޭނެއެވެ. އެހިނދު އެ މީހުން ޖަވާބުގައި ބުނާނޭ ވާހަކަ ކީރިތި ޤުރްއާނުގައ މާތް الله ވަނީ ވަޙީ ކުރައްވަވާފައެވެ.
މާނައީ: "އަދި އެއުރެން ބުނާނެތެވެ. ތިމަންމެން އަޑުއަހާ ކަމުގައިވީނަމަ، ނުވަތަ ވިސްނައި ފިކުރުކުރާކަމުގައި ވީނަމަ، ނަރަކައިގެ އަހުލުވެރިންގެ ތެރެއަކު ތިމަންމެން ނުވީހެވެ. ފަހެ، އެއުރެން، އެއުރެންގެ ފާފަތަކަށް އިޢުތިރާފު ވާނެތެވެ. ފަހެ، ނަރަކައިގެ އަހުލުވެރިންނަށް ރަޙުމަތުން ދުރުކުރެއްވުން ހުއްޓެވެ." (މުލްކް ސޫރަތް)
އެބައިމީހުން އެގޮތަށް އެބުނަނީ އެބައިމީހުންގެ ދުންޔަވީ ޙަޔާތުގައި އެބައިމީހުންނަށް ބުއްދި ދެއްވާފައިނުވާތީ ހެއްޔެވެ؟ ޖަވާބުގައި ހަމަކަށަވަރުން ވެސް ތިޔަބައި މީހުން ބުނާނީ އެބައިމީހުންނަށް ބުއްދި ދެއްވާފައިވާ ވާހަކައެވެ. ނަމަވެސް އެބައިމީހުން ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފީ އެވެ. الله ފިޔަވައި ބުދަތަކަށާއި، އެނޫން ވެސް ތަކެއްޗަށް އަޅުކަން ކުރީއެވެ. އިންސާނުން އުފެއްދި ދީންތައް ކުރިއަށްނެރެ ފެތުރީއެވެ. اللهގެ މަގަށް ހުރަސް އެޅީ އެވެ. ރަސޫލުންނާއި، ނަބިއްޔުންގެ ދަޢުވަތަށް އިންކާރު ކުރީ އެވެ. ނަތީޖާ އަކީ އެބައިމީހުން ނަރަކައިގެ ޢަޛާބުގެ ރަހަ ދެކެންޖެހުމެވެ.
ފުރްޤާން ސޫރަތުގެ 44 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "ނުވަތަ އޭގެތެރެއިން ގިނަމީހުން އަހާކަމަށް، ނުވަތަ ވިސްނާކަމަށް، ކަލޭގެފާނު ހީފުޅުކުރައްވަމުތޯ އެވެ؟ ޖަނަވާރުތަކެއް ފަދައިން މެނުވީ، އެއުރެން ނުވެތެވެ. އަދި ކިއެއްތަ! އެއަށްވުރެ ވެސް އެއުރެން މަގުފުރެދުން ބޮޑެވެ."
ބުއްދިވެރިކަމާ ނުލައި ދީންވެރިކަމެއް ނެތެވެ. ދީންވެރި ކަމާ ނުލައި ލަދުވެތިކަމެއް ނެތެވެ. މިއީ އިންސާނާގެ ދުނިޔެ އާއި އާޚިރަތް ބާއްޖަވެރިކޮށްދޭ މާތް ސިފަތަކެވެ. ބުއްދިވެރިކަމާ އެކީ، ދީންވެރިކަމުގެ ސިފަ ނުލިބިއްޖެމީހާގެ ބުއްދި އަކީ، އެމީހާގެ މައްޗަށް ހުރި ވަބާއެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
27 ސެޕްޓެމްބަރ 2023