އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު
عَنْ أَبِي بَكْرَةَ نُفَيْعِ بْنِ الْحَارِثِ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ صَلّى اللَّهُ عَلَيْهِ وَسَلَّمَ: "أَلاَ أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ؟" ثَلاَثًا، قُلْنَا: بَلَى يَا رَسُولَ اللَّهِ: قَالَ: "الإِشْرَاكُ بِاللَّهِ، وَعُقُوقُ الْوَالِدَيْنِ". َكَانَ مُتَّكِئًا فَجَلَسَ، فَقَالَ: "أَلاَ وَقَوْلُ الزُّورِ، وَشَهَادَةُ الزُّورِ". فَمَا زَالَ يُكَرِّرُهَا حَتَّى قُلْنَا: لَيْتَهُ سَكَت". (مُتَّفَقٌ عَلَيهِ)
މާނައީ: [މާތް اللَّهُ، އެ ކަލޭގެފާނަށް ރުއްސުންލެއްވި އަބޫބަކުރާ، ނުފައިޢު ބްނު އަލްޙާރިޘުގެ ކިބައިން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صَلّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {އެންމެބޮޑެތި ފާފަތަކަކީ ކޮބައިކަން ތިޔަބައިމީހުންނަށް ވިދާޅުވެދެއްވަން ހެއްޔެވެ؟} މިފަދައިން ތިން ފަހަރު ޙަދީޘްކުރެއްވިއެވެ. ތިމަންމެން (އަޞްޙާބުން) ދެންނެވީމުއެވެ. ވިދާޅުވެދެއްވާށެވެ. އޭ اللَّهُގެ ރަސޫލާއެވެ. ޙަދީޘްކުރެއްވިއެވެ. އެއީ، اللَّهُ އަށް ޝަރީކު ކުރުމެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވުމެވެ. މިހެން ޙަދީޘްކުރެއްވި އިރު، އެކަލޭގެފާނު އިންނެވީ، ތަނެއްގައި ލެނގިވަޑައިގެންނެވެ. ފަހެ، އެކަލޭގެފާނު ރަނގަޅަށް ހަމަޖެހިވަޑައިގެން އިށީނދެވަޑައިގަތުމަށްފަހު، ޙަދީޘްކުރެއްވިއެވެ. ދަންނާށެވެ! އަދި ދޮގު ބުހުތާން ވާހަކަދެއްކުމެވެ. އަދި ދޮގުހެކިދިނުމެވެ. ފަހެ، އެކަލޭގެފާނު މި ބަސްފުޅު ހުއްޓަވައިނުލައްވައި ތަކުތާރުކުރައްވަމުން ގެންދެވިއެވެ. އެކަމުގެ ސަބަބުން އެކަލޭގެފާނަށް އުނދަގޫފުޅެއް ވެދާނެކަމަށްޓަކައި ދެން ހުއްޓަވައިލައްވާނެނަމަ ކޮންފަދަހެއްޔޭ ތިމަންމެން ހިތައިފުމަށް ދާނދެނެވެ.]
ކޮންމެ މީހަކާއިމެދުގައިވެސް ހެކިބަސް ދޭންޖެހޭނީ ޙައްޤަށެވެ! އެމީހެއްގެ ކިބައިން އެކަމެއް ފެނިފައިވާ ގޮތަކަށެވެ. އެކަން އޮޅުވާލުމަކީ ދޮގުހެކި ދިނުމެވެ. އިސްލާމް ދީނަށް ކަނޑައެޅިގެން ގެއްލުންދޭ މީހަކީ ދީނަށް ނަޞްރުދޭ މީހަކުކަމަށް ބުނުމަކީ ދޮގުހެކި ދިނުމެވެ. ތެދު ހެކި ކަމުގައިވާނީ އޭނާގެ ކިބައިން ކަންކަން ފެނިވާ ގޮތަށް ތެދަށް ބުނުމުންނެވެ.
އެއްވެސް މީހަކު ކުރިކަމެއް ނުކުރާކަމަށް ބުނުމަކީ ދޮގުހެކި ދިނުމެވެ. އެމީހަކު ޒިންމާ އުފުލަންޖެހޭ ކަންކަމުގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ބުނުމަކީ ދޮގުހެކި ދިނުމެވެ. ނުކުރާ ކަމެއް ކުރިކަމަށް ބުނުމަކީވެސް ދޮގުހެކި ދިނުމެވެ.
ވީމާ މީސްމީހުންނަށް ތަޢްރީފްކޮށް ވާހަކަދެއްކުމުގައިވެސް އަދި މީހަކު ބަދުނާމުކުރަން ވާހަކަ ދެއްކުމުގައިވެސް މިކަންކަމަށް ވިސްނަން ޖެހޭނެއެވެ. ނޫންނަމަ އެމީހަކާއިމެދު އެދެވެނީ ދޮގުހެކި ނޫން ކަމަކަށް ނުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
(ޙަދީޘް މާނަކޮށްދެއްވީ: އައްޝައިޚް މުޙައްމަދު ލަޠީފް/ އިސްލާމީ މަރުކަޒުގެ ކުރީގެ އިސް އިމާމް)
Advertisement
28 ސެޕްޓެމްބަރ 2023