އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު
ޤިޔާމަތް ދުވަހުގައި ކުރިމަތިވާނެ ބިރުވެރިކަންކަމުގެ ވާހަކަ ދައްކަން ފަށާއިރަށް ދެކަންފަތުގައި އަތްއަޅައިގެން ދުވެފިލާ ބައަކު އުޅެއެވެ. މިއަދު ދުވެފިލިދާނެއެވެ. ސުވާލަކީ ޤިޔާމަތްދުވަހުގެ ބިރުވެރިކަން ލޮލަށް ފެންނަން ފެށުމުން ފިލަން ދުވެވޭނެ ހެއްޔެވެ؟ ގޮސް ވަންނާނީ ކޮންތަނަކަށް ހެއްޔެވެ؟
"މިދުނިޔޭގައި މީސްތަކުންނަށް ނުދައްކަވާ އެތައް ކަމެއް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ދައްކަވާނެތެވެ. ޖިންނި ޝައިޠާނުންތައް ފެންނާނެއެވެ. ބިރުން މީހާ ފުނޑުފުނޑުވެގެން ދިއަ ނަމަވެސް އެއްވެސް މީހަކު މަރެއް ނުވާނެއެވެ. ހެއެއްވެސް ނުނެތޭނެތެވެ. ޖެހޭނީ ހަމަ ބަލަން ހުންނާށެވެ. ހަށިގަނޑަށް ހުރިހާ ކަމެއް މިދުނިޔެއަށްވުރެ މާބޮޑަށް އިޙްޞާޞް ކުރެވޭނެއެވެ."
"ބިރުންތިބެ ހަލާކުވަމުންދާއިރު ކާފަރުން އަލުން ދުނިޔެއަށް ފޮނުއްވަވައި ދެއްވެވުން އެދި ރޮއި އާދޭސްކުރާނެއެވެ. ކަރުނަ އަޅާނެތެވެ. ކަރުނައަލަމުން ގޮސް ލޮލުން ލޭ އަންނަމުންދާނެއެވެ. ނަމަވެސް ދެވަނަ ފުރުޞަތަކީ އެއްވެސް މީހަކަށް ދެއްވަވާނެ ފުރުޞަތެއް ނޫނެވެ."
މީސްތަކުންނޭވެ! ﷲ ތަޢާލާވަނީ މީސްތަކުންނަށް އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެ އިޚްތިޔާރުތައް އެމީހަކު ބޭނުން ކަމެއް ކުރަން ބޭނުންކުރެވިދާނެއެވެ. ބިރުވެތިވެތިނުވެ ތިއަބައިމީހުންގެ އަތްތަކުން މިއަދު ވައްކަން ކުރެވިދާނެއެވެ. ޙަރާމްކުރައްވަވާފައިވާ ކަންކަން ކުރެވިދާނެއެވެ. މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެވިދާނެއެވެ. އެދުވަހު އެކަންކަން ނުކުރާ ކަމަށް ދަންނަވާނެއެވެ! ނަމަވެސް އަތްތަކާއި އެކަމެއްކުރި ގުނަވަންތައް ވާހަކަ ދައްކައި ކުރި ހުރިހާ ކަންކަމަށް ހެކި ދޭނެއެވެ.
އިންސާނާ ގޮތް ހުސްވުމުން އޭނާގެ ގުނަވަންތައް ކުށްވެރިކުރާނެއެވެ. ބުނާނެއެވެ. "އަހުރެން މިހުރިހާ މަސައްކަތެއް މިކުރީ ތިއަ ގުނަވަންތައް ނަރަކައިން ސަލާމަތްކުރާށެވެ! އެކަމަކު އަމިއްލައަށް ތިއަ އިޢްތިރާފްވީއެވެ."
މީސްތަކުންނޭވެ! ޤިޔާމަތް ދުވަހުގެ ވާހަކަތައް ގިނަގިނައިން ކިޔާށެވެ! ހިތަށް ބިރުވެރިކަން ވެއްދޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ފާފަކުރުމަށް ބިރުގަނެ ދުރުހެލިވެވޭނީ އެއިރުންނެވެ. އަޅުކަން ކުރުން ގިނަ ކުރުމަށް ޝައުޤުވެރިކަން އިތުރުވާނީވެސް އެއިރުންނެވެ. ނަރަކައިން ސަލާމަތްވެވެން އޮތް ހަމައެކަނި މަގަކީ ޤިޔާމަތް ދުވަހުގެ ޢަޛާބަށް ބިރުވެތިވުމެވެ.
--ބިލާލް އަސްއަދުގެ ދަރުސަކުން
Advertisement
3 ޑިސެމްބަރ 2023