އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 42 ސިކުންތު
އަބަދުވެސް ބުނަންޖެހޭ ފަދައިން މިއަދުގެ ބެލެނިވެރިންގެ ތެރެއިން ގިނަ ބައަކު ދަނީ ދަރިން ލައްވައި ނަމާދުކުރުވަން އިހްމާލްވަމުންނެވެ. އެކަން އެނގެނީ ދަރިން ގޮވައިގެން މިސްކިތުގެ ޖަމާޢަތަށް ގޮސްއުޅޭ ބެލެނިވެރިންގެ ޢަދަދު މަދުކަމުންނެވެ. ޖަމާޢަތަށްދާ ކުޑަކުދިންގެ ޢަދަދުމަދުކަމުންނެވެ.
ދަރިންނަށްޓަކައި މައިންބަފައިންނަށް ކޮށްދެވޭބެ އެންމެ ބޮޑު ހެޔޮކަމަކީ އެކުދިންނަށް ނަމާދުކުރަން ދަސްކޮށްދީ އެކުދިންނަކީ ނަމާކުރަން ލޯބިކުރާ އަދި މިސްކިތްތަކުގެ ޖަމާޢަތުގައި ނަމާދުކުރަން ޝައުޤުޤުވެރިވާ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުމެވެ.
ތިރީގައިވާ ލިޔުމަކީ ބެލެނިވެރިން ކިޔައިލުން ވަރަށް މުހިންމު ލިޔުމެވެ.
ދަރިންނާ ނަމާދު.
الحَمْدُ لِلّٰهِ وَالصَّلَاةُ وَالسَّلَامُ عَلَىٰ رَسُولِ اللهِ وَعَلَىٰ آلِهِ وَصَحْبِهِ وَسَلَّمَ.
ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. އެއީ ޢާލަމްތަކުގެ ރައްބު ފަރުޟު ކުރައްވައިފައި ވާ އެންމެ މުހިންމު އަޅުކަމެވެ. އެއީ ޤިޔާމަތްދުވަހުން އެންމެ ފުރަތަމަ އެ އަޅުކަމަކާ ބެހޭގޮތުން ސުވާލު ކުރެވޭނޭ އަޅުކަމެވެ. ނަމާދުތަކަށް ރައްކައުތެރިވެއްޖެ މީހާއަށް ޓަކައި އެ ނަމާދު ވާހުށީ ޤިޔާމަތްދުވަހުގެ ނަޖާވުމަކާއި ނޫރެއްކަމުގައެވެ.
ދަރިން ކުޑައިރުއްސުރެ ނަމާދުތަކަށް އާދަކުރުވުމަކީ އެ ކުދިން ބޮޑުވުމަށް ފަހު ނަމާދުތައް އަދާކުރުމުގެ މަތީގައި ޘާބިތުވެ ތިބުމަށް ފަސޭހަ ވާނޭ ކަމެކެވެ. އަދި އެ ކުދިން ކުޑައިރު މި ކަމަށް އިހުމާލުވެއްޖެ ނަމަ އެ ކުދިން ބޮޑުވުމަށް ފަހު ނަމާދުތަކަށް ރައްކައުތެރިކުރުވައި އެ ކަމަށް ހޭނުވުމަކީ އުނދަގޫ ވާނެ ކަމެކެވެ.
މުޖުތަމަޢިން މިއަދު ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. ނަމާދު ވަގުތު ޒުވާނުން ތިބެނީ ކޮފީތަކުގައެވެ. ބަންގީގެ އަޑު ފޯރާ ހިސާބުގައްޔާއި މިސްކިތް ލޮލަށް ފެންނަ ހިސާބުގައި ޒުވާނުން ކުޅިވަރާއި މަޖަލުގައި ތިބެނީއެވެ. އެ މީހުންގެ ކުރިމަތިން ބަޔަކު ނަމާދަށް ގޮސް، ފައިބައިގެން އަންނަ އިރުވެސް އެއްވެސް އެއްޗެއް ހިތަށް ނާރާކަހަލައެވެ. މިއީ ދަރިން ތަރުބިއްޔަތު ކުރުމުގައި އަޅުގަނޑުމެންނަށް އިހުމާލުވެވިފައި ވާ ކަމުގެ ހެއްކެކެވެ.
ލޮބުވެތި މައިންބަފައިންނޭވެ! ދަރިންނަކީ މާތް الله ޙަވާލުކުރައްވާ އަމާނާތެކެވެ. ދަރިންނާ މެދު އެ އިލާހަށް ބިރުވެތިވާށެވެ. ޤިޔާމަތްދުވަހުން އެ ކުދިންނާ ބެހޭގޮތުން ސުވާލުކުރައްވާނޭ ކަން ދަންނާށެވެ. އިސްލާމްދީނުގައި ނަމާދަށް ދެއްވައިފައިވާ މަޤާމު ދަރިން ކުޑައިރު ބުނެދީ، ނަމާދުތަކަށް އެ ކުދިން އާދަކުރުވާށެވެ. ނަމާދު ކުރުމުގައި މައިންބަފައިން އެ ކުދިންނަށް ނަމޫނާ ދައްކާށެވެ.
ނަމާދު އެޅުކަމީ ކިހާވަރެއްގެ ކަމެއްކަން ކުޑައިރުއްސުރެ އެ ކުދިންނަށް ބުނެދޭށެވެ. މާތް الله ވަޙީކުރެއްވިއެވެ. ﴿فَوَيْلٌ لِلْمُصَلِّينَ(٤) الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ﴾ (الماعون) މާނައީ: [ފަހެ، އެއުރެންގެ ނަމާދާ މެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ.] މިއީ ޝަރުޢީ އެއްވެސް އުޒުރަކައި ނުލާ ނަމާދު ލަސްކުރާ މީހުންގެ ވާހަކަ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެހެންކަމުން މި ކަމުން ލިބިދާނޭ ގެއްލުމަކާ މެދު އަޅުގަނޑުމެން އެންމެން ވިސްނާން ޖެހެއެވެ! އަދި ނަމާދު ނޭޅުމަށް ޢަޒުމުކަނޑައަޅާން ޖެހެއެވެ.
މާތް ﷲ ޙިކުމަތް ދެއްވި ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވިއެވެ. ﴿يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ﴾ ﴿لقمان: ١٧﴾ މާނައީ: [އޭ އަހުރެންގެ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމު ކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރު ކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! އަދި ތިބާޔަށް ޖެހޭ މުޞީބާތްތަކަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަން ވަނީ، ޢަޒުމު ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.] އަދި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمއާ މުޚާޠަބުކުރައްވައި މާތް الله ވަޙީކުރެއްވިއެވެ. [އަދި ކަލޭގެފާނުގެ އަހުލުންނަށް ނަމާދުކުރުމަށް އަމުރު ކުރައްވާށެވެ! އަދި އެ ކަމުގެ މައްޗަށް ކެތްތެރިވެ-ވަޑައިގަންނަވާށެވެ! ރިޒުޤު ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންއިލާހު އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒުޤު ދެއްވަނީ، ތިމަންއިލާހެވެ. އަދި ރަނގަޅު ނިމުން ވަނީ، ތަޤުވާވެރިންނަށެވެ.] (طه: 132)
އަޅަމެންނާއި އަޅަމެންގެ ދަރިންނަކީ ނަމާދުތަކަށް ރައްކާތެރިވާ ބަޔަކު ކަމުގައި ލައްވާށިއެވެ! އަދި އަޅުގަނޑުމެންނަކީ ދަރިންނާ މެދު މާތް اللهއަށް ބިރުވެތިވާ ބަޔަކު ކަމުގައި ލައްވާށިއެވެ! އާމީން.
- މިއީ އައްޝައިޚް نَظِيم نِظَام "ދީނުގެ މަގު މަޖައްލާއަށް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.
Advertisement
9 ޑިސެމްބަރ 2023