އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 1 ސިކުންތު
މީސްތަކުންނޭވެ! ބިލިއަނުން ޚަރަދުކޮށްގެން ބިލް ގޭޓްސް އެވަނީ ދުނިޔޭގައި ނެތްވަރުގެ ގެއެއް އަޅައިފައެވެ. މާދަން އޭނާ މަރުވުމުން ކައްވަޅަށް ދާނީ ގެ ހިފައިގެން ހެއްޔެވެ؟ މުސްލިމުންގެ ތެރެއިން ދުނިޔޭގެ ރެކޯޑް ހޯދަން އުސް އިމާރާތްތައް އެޅި މީހުން މަރުވެ ވަޅުލެވުނީ އެމީހުން ބިނާކުރި އުސް އިމާރާތުގައި ހެއްޔެވެ؟
ގެ ހަމަ ހުރިތަނުގައި ހުއްޓައި ސަހަރާގައި އެކަނިމާއެކަނި ނޫން ހެއްޔެވެ؟ ބޮޑެތި ގަނޑުވަރުތައް އަޅައިގެން ދުނިޔޭގައި އުޅުނު އިސްލާމީ ޤައުމުތަކުގެ ވެރިން، ރަސްކަލުން ވެސް ވަޅުލެވުނީ ހަމަ އެކަނިމާއެކަނި ސަހަރާގައި ނޫން ހެއްޔެވެ؟ އެއިން ގެއެއްގައި ވަޅިލިއްޔާ ބަރުޒަޚުގެ ޢާލަމުގައި ދިރިއުޅޭނީ އެގޭގައި ހެއްޔެވެ؟ އެކަމުން އެމީހަކަށް އެއްވެސް ފައިދާއެއް ކުރާނެ ހެއްޔެވެ؟
މިފަދަ ޙަޤީޤަތްތައް އެނގޭއިރުވެސް ދުނިޔެއަށް ބަލާލައިފިނަމަ މިފެންނަނީ ބޮޑު ގެއެއް ނުއެޅިގެން އެންމެން ތެޅިފޮޅޭތަނެވެ. ރިބާ ހިމެނޭ ބޮޑެތި ލޯނުތައް ނަގައިގެންވެސް ރަށުގައި ހުރި އެންމެ އެންމެ އުސް، އެންމެ ފުރިހަމަ ގެއަކީ ތިމާގެ ގެކަމަށް ހަދަން މަސައްކަތްކުރަމުން ގެންދާ ތަނެވެ.
ހިތާމައަކީ ގެއަޅަން މަސައްކަތް ކޮށްކޮށް ހުއްޓައި މީހުން މަރުވަމުންދާއިރު އެކަމުން ޢިބްރަތެއް ޙާޞިލު ނުކުރެވޭ ކަމެވެ. މުޅި އުމުރުގައި ބުރަ މަސައްކަތްކޮށްގެން އަޅާގެއަށް ވަންނަ ތަނުން މަރުވެދާއިރު އެކަމުންވެސް ޢިބްރަތެއް ޙާޞިލު ނުކުރެވޭ ކަމެކެވެ.
މީސްތަކުންނޭވެ! މިބުނަނީ އެއްވެސް ޙާލެއްގައި ތަނަވަސްކަން ހުރި ނަމަ ފުރިހަމަ ގެއެއް ނުއަޅާކަށް ނޫނެވެ. މިބުނަނީ އިސްކަން ދޭންވީ ދުނިޔޭގައި ބޮޑު ގެއެއް އަޅަން ނޫން ކަމަށާއި އިސްކަން ދޭންވީ ކައްވަޅު އާރާސްތުކުރަން ކަމަށެވެ. ކައްވަޅު އާރާސްތުކުރުމަކީ ތިބާއަށްޓަކައި ކައްވަޅަކީ ސުވަރުގޭގެ ބަގީޗާއަކަށް ހެދުމެވެ. އެކަން ކުރަން ބޭނުންވަނީ ހަމައެކަނި ފައިސާއެއް ނޫނެވެ. ފައިސާ ހުރިނަމަ ގިނަގިނައިން ޞަދަޤާތް ކުރުމަކީވެސް ކުރަން އޮތް ކަމެކެވެ. ނަމަވެސް އެންމެ މުހިންމީ ކުރާ އަޅުކަން އިތުރުކުރުމެވެ.
ކައްވަޅުގައި ތިބާ އާއިއެކުގައި ވާނީ ހަމައެކަނި ތިބާ ދުނިޔޭގައި ކުޅަ އަމަލު އެކަންޏެވެ. ހެޔޮ އަމަލުކޮށްފިނަމަ އެއަމަލުތައް ތިބާއަށް އުފާވެރިކަން ކައްވަޅުގައިވެސް ހޯދައި ދޭނެއެވެ. ނުބައި އަމަލުތައް ކޮށްފިނަމަ ލިބެން އޮތީ ގަދަފަދަ ޢަޛާބެވެ! ބޭނުން ގޮތެއް އިޚްތިޔާރުކުރުމަކީ އެމީހެއްގެ ކަމެކެވެ.
އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. ރިބާ ހިމެނޭ ލޯނު ނަގައި ގެއެޅިތަނުން ތިބާ މަރުވީއެވެ؟ އެގެއިން ތިބާއަށް ލިބޭނީ ކޮން އަރާމެއް ނުވަތަ ކޮން އުފަލެއް ހެއްޔެވެ؟ ބަދަލުގައި ރިބާގެ ފާފަ އުފުލަން ނުޖެހޭނެކަމަށް ހީކުރަނީ ހެއްޔެވެ؟ މިކަންކަމަށް ފުންކޮށް ވިސްނައިލާށެވެ. މަރަށް ފުރިހަމައަށް ތައްޔާރުވެގެން ހުންނަ މީހަކަށްވާށެވެ!
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން
Advertisement
9 ޑިސެމްބަރ 2023