އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްރާ އާއި މިޢްރާޖްގެ ދަތުރުފުޅާ ބެހޭގޮތުން ގިނަ ބައަކަށް ކުރިން ވިސްނަންވެސް ނުއެނގޭ ބައެއް ކަންކަން-

އިސްރާ އާއި މިޢްރާޖްގެ ދަތުރުފުޅާ ބެހޭގޮތުން ގިނަ ބައަކަށް ކުރިން ވިސްނަންވެސް ނުއެނގޭ ބައެއް ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 27 ސިކުންތު

ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންނަށް މާތް ﷲ މުޢުޖިޒާތްތައް ދެއްވަނީ އެބޭކަލުންގެ ނުބުއަވްތުގެ ތެދުވެރިކަން ސާބިތު ކުރައްވާ ﷲ ވޮޑިގެން ވާކަމުގެ ހުއްޖެއް ޤާއިމް ކުރެއްވުމުގެ ގޮތުން. މުޢުޖިޒާތަކީ އިންސާނީ ބުއްދީގެ ތަސައްވުރުން ބޭރުން ފިތުރަތުގެ ޤާނޫނުންވެސް ބޭރުން ހިނގާ އާދަޔާ ޚިލާފު ކަންކަން. އެއީ ކޮންމެހެން މިޒަމާނުގެ ސައިންސަށް ސާބިތުވާން ޖެހޭ ކަމެއްވެސް ނޫން. 

މިސާލަކަށް: އަލިފާނަށް މީހަކު ލުމުން އެމީހަކު ނުއަނދާ ސަލާމަތުން އިންނާނޭ ގޮތެއް ސައިންސުން ސާބިތު ކުރެވޭނެ ގޮތެއް އޮންނާނެބާ؟ ނުވަތަ ފަރުބަދައެއްގެ ތެރެއިން ޖަމަލެއް ނުކުތުން ސައިންސަށް ސާބިތު ކުރެވޭނެ ގޮތެއް އޮންނާނެތޯ؟ ނުވަތަ ލަކުޑި އަސައެއް ހަރުފަޔަކަށް ބަދަލުވުން ސައިންސުން ސާބިތު ކުރެވޭނެ ގޮތެއް އޮންނާނެތޯ؟ ނުވަތަ މަރުވެފަވާ މީހަކު އަލުން މި ދުނިޔެއަށް ދިރުވުން ސައިންސުން ސާބިތުވާނެތޯ؟ ނުވަތަ އަތް ބީއްސާލުމުން ބަލިތަކަށް ޝިފާ ލިބޭނެ ގޮތް ސައިންސުން ސާބިތު ވާނެތޯ؟ 

ސައިންސަކީ ފުރަތަމަ އިންސާނާގެ އުފެއްދުން. މިއަދުގެ ޞައްޙަ ނަޒަރިއްޔާއެއް މާދަމާ އެހެން ޢިލްމީ ޙަޤީގަތެއްގެ  އަލީގައި ދޮގު ނަޒަރިއްޔާ އަކަށްވެސް ވެދާނެ. ސައިންސްގެ ޤަދަރު ކުޑަކުރަނިއްޔެއް ނޫން. ޤުރުޢާނުގައި ބަޔާންވެގެންވާ ކިތަންމެ ހަޤީގަތްތަކެއް މިޒަމާނުގެ ޢިލްމީ ހަޤީގަތްތަކާ އެއްގޮތް ވެފައި އެބަހުރި. 

ފަލަކުގައިވާ ޕްލެނެޓްތައް ދައުރުވާ ވާހަކަ އާއި ވާރޭ ވެހުމާއި ބަނޑުގައި ދަރިއުފެދޭ ގޮތާއި ބިމަކީ ވަށް އެއްޗެއް ކަމާއި، މިކަންކަމަކީ ޤުރުޢާނުގައި ބަޔާންވެގެންވާ ޙަޤީގަތްތައް. އަދި  މިޒަމާނުގެ އިލްމުންވެސް އެއާ އެއްގޮތަށް ނަޒަރިއްޔާތައް ޤާއިމްވެފައިވާ ހަޤީގަތްތަކެއް. ނަމަވެސް މުޢުޖިޒާތްތްކަކީ މުޅިން ތަފާތު ކަންކަން. މުޢުޖިޒާތްތައް އިންސާނުންގެ ޢިލްމީ ނަޒަރިއްޔާތަކާ އެއްގޮތް ވާކަށް ނުޖެހޭ. އިސްވެ ބަޔާންކުރި މުޢުޖިޒާތްތަކަކީ ސީދާ ރަސޫލު ބޭކަލުންނަށް ދެއްވި މުޢުޖިޒާތްތަކެއް. 

އެގޮތުން އިސްރާއާއި މިޢުރާޖުގެ ހާދިޘާއަކީވެސް މަތިވެރި ވެގެންވާ މުޢުޖިޒާތެއް. އިސަރާ އަކީ މައްކާއިން ބައިތުލް މަޤްދިޘް އަށް ކުރެއްވި ދަތުރު. މިޢުރާޖަކީ ބައިތުލް މަޤްދިޘުން މަތިވެރި ވެގެންވާ އުޑުތަކަށް ކުރެއްވި ދަތުރު. އެއީ އިންސާނަކަށް ދެއްވި އެންމެ މަތިވެރި ޝަރަފް.  އެކަމުގެ މައްޗަށް އެކަލޭގެފާނަށް މާތް ﷲ ތަޢުރީފުގެ ބަސް ވަޙީ ކުރައްވާ، އެކަލާންގެ ޒާތުފުޅު މަތިވެރި ކުރައްވާފައިވޭ. އިސްރާއާއި މިޢުރާޖްގެ ވާހަކަ الاسرا ސޫރަތާއިالنجد " ސޫރަތުގައި ބަޔާންވެގެންވޭ. 

ކޮންމެހެން އެ މުޢުޖިޒާތް ޢިލްމީގޮތުން ސާބިތު ކުރަންވެސް ނުޖެހޭ. އެއަށް ޖެހޭނީ ޢީމާން ވާން . އސްރާއާއި މިޢުރާޖުގެ ހާދިޘާއަކީ ޤުރުއާނާއި ސުންނަތާއި މި އުއްމަތުގެ ދަންނަ ބޭކަލުންގެ އިޖުމާޢުން ސާބިތުވާ މުޢުޖިޒާތެއް. 

އިތުރު އެކަލޭގެފާނު އިސްރާއާއި މިޢުރާޖުގެ ދަތުރު ކުރެއްވީ އާދަޔާ ޚިލާފު ބާރުމިނެއްގައި ދަތުރުކުރާ ސަވާރީ ބުރާޤުގަ. އެއީ ޙިމާރާއި ބަޤަލާ ދެމެދުގެ މިނެއްގައި ވާ ދާއްބައެއް.  ބުރާޤަކީ ބަރަޤްއިން ނެގިފައިވާ ލަފްޒެއް. އެއީ ވިދުވަރެއް. ބުރާޤު އެއަށް ކިޔަނީ ވިދުވަރެއް ފަދައިން ދަތުރު ކުރާތީ. މި ސަވާރީގައި ޖިބްރީލްގެފާނުގެ އަރިހުގައި ދަތުރު ކުރެއްވި. އެކަލޭގެފާނުގެ އެ ދަތުރުފުޅު ކުރައްވާފައިވަނީ ރޫޙާއި ހަށިގަނޑާއި އެކު. ރޫޙުގައި އެކަނި ކުރެއްވި ދަތުރެއްނަމަ ސަވާރީއެއް ބޭނުމެއް ނުވީސް. ބުރާޤުގައި ދަތުރު ކުރެއްވިކަން އެއީ ޚިލާފެއްނެތި ސާބިތުވާކަމެއް. މިއީ އެކަލޭގެފާނުގެ ރޫޙުފުޅާއި އެކު އެކަނި ކުރެއްވި ދަތުރެއްނަމަ އެކަން މުޢުޖިޒާތަކަށް ނުވީސް. ނުވަތަ އެއީ ހުވަފެންފުޅެއް ނަމަވެސް މުޢުޖިޒާތަކަށް ނުވީސް. މުޢުޖިޒާތަކަށްވީ، އެފަދަ ބާރުމިނެއްގައި ދަތުރު ކުރާ ސަވާރީއެއްގައި ހަށިގަނޑާއި ފުރާނައާއިއެކު ހޭފުޅުގައި ހުންނަވައިގެން ކުރެއްވި ދަތުރަކަށް ވީތީ. 

އެތައް ރާސްތާއެއްގެ ދުރުމިނުގެ ދަތުރެއް މަދު ވަގުތުކޮޅެއްގެ ތެރޭގައި ކުރެއްވުމަކީ މުޢުޖިޒާތެއް. އެހެން ނޫންނަމަ މައްކާގެ މުޝްރިކުން އެހާ ބޮޑަށް އެކަމަށް އިންކާރު ނުކުރީސް. އެމީހުން އެކަމަށް އިންކާރު ކުރުމުން، މަގުމަތިން ދިމާވިޤާފިލާގެ ވާހަކަވެސް އިތުރު އެކަލޭގެފާނު އެމީހުންނަށް ބަޔާންކޮށްދެއްވި. ސަލަފުއް ޞާލިހުންނާއި މި އުއްމަތުގެ ޖުމްހޫރު ޢިލްމުވެރިންގެ ރަޢުޔަކީ އެއީ ހަށިގަނޑާއި ފުރާނައާއި ޖިސްމު އެކީގައި ކުރެއްވި ދަތުރެއް ކަމަށް. އެއީ ރޫޙުގައި އެކަނިވި ކަމެއްނަމަ އެކަމުގެ މައްޗަށް މަތްﷲ ގެ ޒާތުފުޅަށް ތަޢުރީފުގެ ބަސް ވަޙީނުކުރެއްވީސް. 

އެކަލާންގެ ހުސް ތާހިރުވަންތަ ކަމާއެވެ. އެކަލާންގެ އެއީ މަސްޖިދުލް ޙަރަމުން މަސްޖިދުލް އަޤްޞާއަށް އެކަލާންގެ އަޅާ ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާންގެއެވެ. އެއީ އެތާންގެ ވަށައިގެން ތިމަން ރަސްކަލާންގެ ބަރަކާތް ލެއްވި ތަނެވެ.އެއީ ތިމަން ރަސްކަލާންގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ތެރެއިން ބައެއް އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ.  ހަމަ ކަށަވަރުން އެކަލާންގެ އެއީ މޮޅަށް އައްސަވާ ވޮޑިގެންވާ، މޮޅަށް ބައްލަވާ ވޮޑިގެންވާ ރަސްކަލާންގެއެވެ.

އިސްރާއާއި މިޢުރާޖަކީ ޤުރުއާނަށްފަހު ﷲ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެއްވި އެންމެ މަތިވެރި މުޢުޖިޒާތް. ނަމާދު ފަރުޟު ކުރެއްވީ އެ މުޢުޖިޒާތުގެ ތެރޭގައި. އަދި އެއީ ބައިތުލް މަޤްދިޘްއާއި ގުޅިފައިވާ މުޢުޖިޒާތެއްކަމުން އަލްމަސްޖިދުލް އަޤްޞާއާއި މުސްލިމުންނާ އޮންނަ ގުޅުން ކަނޑުވާލަންވެސް ޒަޔަނިސްޓުން އަޑީގައި ތިބެގެން އިސްރާއާއި މިޢުރާޖަކީ ދޮގެއްކަން ދައްކަން މަސައްކަތް ކުރޭ.

 

- އިސްލާމިކް މިނިސްޓްރީން ނެރުނު ރިޕޯޓް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް