އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢީދުނަމާދުކުރާ ވަޤުތު އަވަސްކުރުމަކީ ގެނެވުނު ހެޔޮ ބަދަލެއް! ގިނަ ރަށްތަކެއްގަ ބޮޑުޖަމާޢަތުގަ ޢީދުނަމާދުކުރާއިރު މިއީ ގެންނަންޖެހިފައިވާ ބަދަލެއް!: ޝައިޚް ޝަފީޢު ޢަބްދުﷲ

ޢީދުނަމާދުކުރާ ވަޤުތު އަވަސްކުރުމަކީ ގެނެވުނު ހެޔޮ ބަދަލެއް! ގިނަ ރަށްތަކެއްގަ ބޮޑުޖަމާޢަތުގަ ޢީދުނަމާދުކުރާއިރު މިއީ ގެންނަންޖެހިފައިވާ ބަދަލެއް!: ޝައިޚް ޝަފީޢު ޢަބްދުﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

މިފަހަރު ޢީދު ނަމާދު، ކުރިން ޢީދު ނަމާދު ކުރަމުން އައި ވަގުތަށް ވުރެ 30 މިނިޓް އަވަސްކުރައްވަން އިސްލާމީ ވުޒަރާއިން ނިންމެވި ނިންމެވުމަކީ އެއިން ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނޭ ކަމެކެވެ. އެ ކަމަށް އިސްލާމީ މިނިސްޓްރީއަށް ތަޢުރީފު ޙައްޤެވެ.  

ސަބަބަކީ ކުރިޔާ ޚިލާފަށް މިހާރު ގިނަ ރަށްރަށުގައި ޢީދު ނަމާދު ކުރަނީ ބޮޑު ޖަމާޢަތެއްގައި ހުސް މައިދާނެއްގައެވެ. ރައްޔިތުންގެ ގިނަ ބަޔަކު ހާޒިރުވަނީ ވެސް ބޮޑަށް މިފަދަ މައިދާންތަކުގައި ކުރެވޭ ޢީދު ނަމާދަށެވެ. ރާއްޖޭގެ މޫސުމަށް ބަލާއިރު ގަޑިން 7.30 ވާއިރު އިރުއަވި ވަރަށް ގަދަވެ ހޫނުވެއެވެ.  

އެ ކަމުގެ ސަބަބުން މީސްތަކުންނަށް ވަރަށް ދަތިތަކާ ދިމާވެއެވެ. އެކަމުގެ ޝަކުވާތައް ރައްޔިތުން ކޮންމެ އަހަރަކު ވެސް ކުރައްވައެވެ. އެހެންކަމުން މި ކަންކަމަށް ރިޢާޔަތްކުރައްވައި 7.00 އަށް ހެއްދެވި ކަމީ ބަދަލުވެފައިވާ އާދަކާދައަށް ރިޢާޔަތްކުރުމުގެ ފިގްހީ ޤާއިދާއާއި ޝަރުޢީ މަޤާޞިދާ އެއްގޮތަށް ކުރެއްވި ހެޔޮކަމެކެވެ. ދިވެހީންގެ އާދަކާދައޭ ކިޔައި މި ކަމާ ދެކޮޅަށް ވާހަކަ ދެއްކޭނޭ ޝަރުޢީ އެއްވެސް ޙުއްޖަތެއް ނެތެވެ. އެފަދައިން އެ ވާހަކަތައް ދައްކާ ބަޔަކު އެ ދައްކަނީ މާ ކުރީގެ އާދަކާދައެއްގެ ވާހަކައެވެ. މައިދާންތަކުގައި ޢީދު ނަމާދު ނުކުރާ ޒަމާނުގެ އާދަކާދައިގެ ވާހަކައެވެ. ހަމައެކަނި މިސްކިތްތަކުގައި ޢީދު ނަމާދުކުރާ ޒަމާނުގެ ވާހަކައެވެ.  

އާދަކާދަ މި އޮތީ ބަދަލުވެފައެވެ. ދެން އޮތީ އެ އަށް އަޅުގަނޑުމެން ރިޢާޔަތްކުރުމެވެ. އެއަށް އަޅުގަނޑުމެން ފެތިގަތުމެވެ. ޢީދު ނަމާދުގެ ވަގުތަކީ އިރު ލޮންސިއެއްހައި މިންވަރަށް އެރުމާ އެކު (އެއީ އިރު އެރުމަށް ފަހު 15 ވަރަކަށް މިނިޓް ފަހުން) އިރު މެދުއުޑުގައި ޖެހުމުގެ ކުރީންނެވެ. (އެއީ މެންދުރު ނަމާދުވުމުގެ ކުޑައިރުކޮޅެއް ކުރިއެވެ. ) މިހެން މި ކަން އޮތް އިރު، ކަމާ ބެހޭ ފަރާތުން ރައްޔިތުންގެ އަހްވާލަށް ބައްލަވައި ބަދަލުވެފައިވާ ޢުރުފަށް ބައްލަވައި ޢިލްމުގެ އަހުލުވެރީންނާ މަޝްވަރާކުރައްވައި ޝަރުޢީ މަޤާޞިދުގެ ތެރެއިން ނިންމަވާ ނިންމެވުމާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ފިތުނަވެރިކަމަށް ޖާގަ ހުޅުވުމެވެ. އެއީ ކަނޑައެޅިގެން ހުއްދަވާނޭ ކަމެއް ނޫނެވެ. އެފަދަ މީސްމީހުންނާއި އަޅުގަނޑުމެން އެންމެންނަށް ވެސް ހެޔޮވިސްނުން މިންވަރުކުރައްވާށި... އާމީން! 

- ޝައިޚް ޝަފީޢު ޢަބްދުﷲ     

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް