އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެއުމާއިބުއިން މަކްރޫޙަ ތަކެތި-

ކެއުމާއިބުއިން މަކްރޫޙަ ތަކެތި-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 25 ސިކުންތު

ފިޔައާއި، ލޮނުމެދު ރޯކޮށްހުށްޓައި ކެއުމާއި، އެދެބާވަތާ ވައްތަރު، ލީކުއާއި ރެޑިޝްފަދަ ވަސްފިލައިނުގޮސް ގިނައިރުހުންނަ ނުބައިވަސްދޮވާޒާތުގެ ތަކެތި ކެއުމާއިބުއިމަކީ މަކްރޫހަކަމެކެވެ. އެއީ އެކަމުގެ ސަބަބުން އެހެންމީހުންނަށް އުނދަގޫ ލިބޭނެތީއެވެ. ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. 

((مَنْ أَكَلَ ثَوْمًا أَوْ بَصَلًا فَليَعْتَزِلنَا أَوْ قَالَ: فَلْيَعْتَزِلْ مَسْجِدَنَا وَليَقْعُد فِيْ بَيْتِه)) (رواه البخاري) 

މާނައީ: "ލޮނުމެދާއި ފިޔާ ކައިފިމީހާ އަހަރެމެންނާ ދުރުހެލިވާށެވެ. ނުވަތަ ވިދާޅުވިއެވެ: އަހަރެމެންގެ މިސްކިތާ ދުރުހެލިވާށެވެ. އަދި އޭނާގެ ގޭގައި ހުންނާށެވެ."

މުސްލިމްގެ ރިވާޔަތެއްގައި ވެއެވެ.  

((مَنْ أَكَلَ البَصَلَ وَ الثَّوْمَ وَ الكراث فَلَا يَقْرَبَنَّ مَسْجِدَنَا فَإنْ المَلَائِكَةَ تَتَأَذَّى مِمَّا يَتَأَذَّى مَنْهُ بَنُو آدَمِ)) (رواه مسلم) 

މާނައީ: "ފިޔައާއި ލޮނުމެދާއި ލީކު ކައިފިމީހާ އަހަރެމެންގެ މިސްކިތާ ގާތްނުވާށެވެ. ހަމަކަށަވަރުން އާދަމުގެ ދަރިންނަށް އުނދަގޫވާ ކަންތަކުން މަލާއިކަތުންނަށްވެސް އުނދަގޫވެއެވެ." 

މިފަދަ އެއްޗެއް ކާކަމުގައިވާނަމަ އެއެއްޗެއް މިލުވައިގެން (ފެނުކައްކައިގެން ނުވަތަ ހޫނުކޮށްގެން ރޯކަންކަނޑުވައިގެން) ކެއުމަކުން އެއްވެސް ކުށެއްނެތެވެ. 

ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ((فَمَنْ أَكَلَهُمَا فَلْيُمِتْهُمَا طَبْخًا)) (مسلم) މާނައީ: "ފަހެ، އެދެއެތި (ފިޔަޔާއި ލޮނުމިދު) ކާނަމަ އެ ކައްކައިގެން ކާށެވެ." 

ނިންމުން: 

ބަޔާންވެމިދިޔައީ އިސްލާމީ ފިޤުހުގެ އަލީގައި ކާބޯތަކެއްޗާމެދު ކުރުގޮތަކަށް އަލިއަޅުވާލެވިގެންނެވެ. މިގޮތުން، ކާބޯތަކެތީގެ އެންމެ މުހިއްމު ޤަވާޢިދަކީ، ކާބޯތަކެއްޗަކީ އޭގެ އަޞްލުގައި ޙަލާލު އެއްޗެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމްކުރައްވާފައިވާ އެއްޗެއް މެނުވީއެވެ. އަޅުގަނޑުމެން ވިސްނާފިކުރުކޮށްލައިފިކަމުގައިވާނަމަ މިކަމުގައިވެސް އަޅުންގެ މައްޗަށްވާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތްވަންތަކަމާއި، އޯގާވަންތަކަން ހާމަވެގެންދެއެވެ. ﷲގެ ރަޙްމަތްވަންތަކަން ބޮޑުކަމާއެވެ! އެއިލާހު ޚަލްޤުކުރައްވާފައިވާ އެތައް ވައްތަރެއްގެ ތަކެތީގެ ތެރެއިން އެއިލާހުގެ އަޅުންނަށް ޙަރާމްކުރައްވާފައިވަނީ ދާދިމަދު ވައްތަރުތަކެކެވެ. އަދި އެއިލާހު ޙަރާމްކުރައްވާފައިވާ ތަކެއްޗަކީ އިންސާނާގެ ބުއްދިން ވިސްނާލިނަމަވެސް އެތަކެތީގައި އިންސާނާއަށް އެތައް ގެއްލުމެއްވާ ތަކެއްޗެކެވެ. އެއިލާހު ޙަރާމްކުރައްވާފައިވަނީ ހަޑިމުޑުދާރު، ގެއްލުން ހުރި ތަކެއްޗެވެ. އަދި އެއިލާހު ޙަލާލުކުރައްވާފައިވަނީ ހެޔޮ ރަނގަޅު ތަކެއްޗެވެ. 

ޙައިރާންވާންޖެހޭ ކަމަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ގުނާ ޢަދަދުނުކުރެވޭނެ ތަފާތު މަސްތައް ޙަލާލުކުރައްވައި، ތަފާތުވައްތަރުގެ ގޮވާމާއި، މޭވާތަކާއި، ތަރުކާރީއާއި، އެމޭވާތަކާއި ތަރުކާރީތަކުން ހެދޭ ތަފާތު އެތައް ޖޫސްތަކަކާ އެނޫނަސް އެތައް އެއްޗެއް ޙަލާލުކުރައްވާފައިވާހިނދުވެސް، މީސްތަކުންގެ ތެރެއިން ގިނަބަޔަކު އެއިލާހުގެ ޙައްދުތައް ފަހަނައަޅައި، އެއިލާހު ޙަރާމްކުރައްވާފައިވާ ތަކެއްޗާ ދިމާލަށް ދާތީއެވެ. ޙަލާލުގޮތުގައި އެތަކެތި ހޯދާނެގޮތް ދައްކަވައި، ބަރަކާތް ހާޞިލުކުރެވޭނެ މަގަކީ ޙަލާލުމަގުތައްކަމުގައި އަންގަވާދެއްވާފައިވާއިރުވެސް، ވައްކޮށްގެންނާއި، ރިބާގެ މުޢާމަލާތުކޮށްގެންނާއި، ރިޝްވަތާއި، ޖުވާއާއި އެއާއެއްވައްތަރުގެ ކަންތައްތައް ކޮށްގެން މުދަލާއި ކާބޯތަކެތި ހޯދާތީއެވެ. ޖާހިލުކަމުންނެވެ. ނުވަތަ ބޮޑާކަމާއި، ހައްދުފަހަނައަޅައި ދިޔުމުގެ ސަބަބުންނެވެ. ހަވާނަފްސުގޮވާގޮވުންތަކަށް ތަބާވެ، އެނަފްސުގެ އެދުންތަކަށް އަޅުވެތިވެފައިވުމުގެ ސަބަބުންނެވެ. 

އެއިލާހު ޙަރާމްކުރައްވާފައިވާ ތަކެތި ކައިބޮއިއުޅުމަކީ މީހާގެ އަޚްލާޤަށާއި، ސުލޫކަށް ނުބައި އަސަރުކުރުވައި، ތަފާތު ބަލިތަކުގެ ޝިކާރައަކަށް މީހާވެގެންދާ ކަމެވެ. އެފަދަ ތަކެތި ކާމީހުންގެ އަޚްލާޤު ނުބައިވެ، ލަދުޙަޔާތްގެއްލިގެންދިޔުމަކީ ޙަޤީޤަތެއްކަން އަޅުގަނޑުމެންގެ ލޯމަތިން މިދަނީ ފެންނަމުންނެވެ. 

އަޅުގަނޑުމެން ވިސްނާފިކުރުކޮށްލާކަށް ނުވޭތޯއެވެ؟ އެއިލާހު ދެއްވާފައިވާ މަތިވެރި ދެއްވުންތަކަށް ޝުކުރުކުރާ ބަޔަކުކަމުގައި އަޅުގަނޑުމެންވުމަށް އަވަސްވެގަންނާކަށް ނުވޭތޯއެވެ؟ އެއިލާހުގެ ވޭންދެނިވި ގަދަފަދަ ޢަޛާބަށް ބިރުވެތިވެ، އެއިލާހު ޙަރާމްކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުމަށް އަވަސްގަންނާކަށް ނުވޭތޯއެވެ؟ 

ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެނަށް ފާފުއްސަވައި، އެއިލާހުގެ ސީދާވެގެންވާ މަގަށް މަގުދައްކަވާށިއެވެ. އަދި އަޅުގަނޑުމެންނަކީ އެއިލާހުގެ ނިޢުމަތްތަކަށް ޝުކުރުކުރާބައެއްކަމުގައި ލައްވާށި! ހަމަކަށަވަރުން ޝުކުރުވެރިވުމަކީ ނިޢުމަތްތައް ދެމިހުންނާނެކަމެކެވެ. އާމީން. 

(ނިމުނީ) 

- އައްޝައިޚް މުޙައްމަދު ސިނާން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް