އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ ސިފައިންނަށް މި ފަސް އަހަރުގެ ތެރޭގައި ގެދޮރުވެރިކަން ޔަޤީން ކޮށްދޭނަން: ރައީސް

ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ ސިފައިންނަށް މި ފަސް އަހަރުގެ ތެރޭގައި ގެދޮރުވެރިކަން ޔަޤީން ކޮށްދޭނަން: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 30 ސިކުންތު

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ސިފައިންނާ ބައްދަލުކުރައްވައިފިއެވެ. ސިފައިންގެ އެންމެމަތީ ވެރިޔާ، ސިފައިންނާ ބައްދަލުކުރައްވާފައި ވަނީ ރޭ ކަޅުތުއްކަލާކޮށީގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިފައިންގެ އެންމެމަތީ ވެރިޔާ ވަނީ، ސިފައިންގެ ޤައުމީ ޚިދުމަތު މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާތު ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. 

އެ މަނިކުފާނުގެ ވާހަކަފުޅުގައި، އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގައި ވެސް އެންމެ ކޯރ އަސާސްކަމުގައި ވާންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އަޤީދާގެ މަތީގައި ދެމިތިބެ، އިސްލާމްދީން ހިމާޔަތްކޮށް ބަލަހައްޓާ، ފަޚުރުވެރިކަމާ އެކީގައި އެ ދީން ދެމެހެއްޓުމަށް ޓަކައި މަސައްކަތްކުރުން ކަމުގައި ވިދާޅުވިއެވެ. އަދި، އަޅުގަނޑުމެންގެ ކާމިޔާބީގެ އަސްލަކަށް ވާންވީ، އަދި ވާނީވެސް، ވެފައި އޮތީވެސް އިސްލާމްދީނަށް ނަޞްރުދިނުންކަން ފާހަގަކުރައްވައި، ދިވެހި ޤައުމަށް ކުރިމަތިވި ކޮންމެ ނުރައްކާތެރި ހާލަތެއްގައި ވެސް، ޤައުމު ސަލާމަތްކުރި ކޮންމެ އަބްޠާލަކު އެ ކުރެއްވި ޖިހާދުގައި ވެސް މައިގަނޑު އަސާސްއަކަށް ހެއްދެވީ، އިސްލާމްދީން ނަގަހައްޓައި، ކުރިއަށް ގެންދިޔުން ކަމަށާއި، މިއީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ. އަދި މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ދިވެހި އަސްކަރިއްޔާއަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވާ ދެެއްވުމަކީ އެމަނިކުފާނުގެ އެންމެ އިސްކަމެއްގެ ގޮތުގައި ކުރައްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. 

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިފައިންގެ އެންމެމަތީ ވެރިޔާ ވިދާޅުވީ، ބަވަނަވެފައިވާ ދުނިޔޭގައި މިހާރު ހިނގަމުންދާ ނޭދެވޭ ހުރިހާ އޮއިވަރުތަކުން ޤައުމު ސަލާމަތްކޮށް، ކުރިއަށްއޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު، ކަނޑިއާއިބަޑިއަށް ވުރެ މާނުރައްކާތެރި ހާލަތެއް (ފިކުރީ ހަނގުރާމަ) ކުރިމަތިވެފައިވާ ކަމަށެވެ. އަދި، އެއިން ކޮންމެ ކަމެއްގައި ވެސް، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށް، ޒަމާނަށް އަންނަ ބަދަލާއެކުގައި، ކޮންމެ ސިފައިންގެ މީހަކީ ވެސް މި ވިސްނުމުގައި ޒަމާނާ އެއްގޮތަށް މިކަމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއްކޮށް، މި ޖީލު ސަލާމަތްކުރުމަށް ޓަކައި، ޒަމާނާ ގުޅޭގޮތުން ކަންތައްތައް ކުރުމަށް ތައްޔާރުވެފައި ތިބި ބަޔަަކަށް ވާން ޖެހޭ ކަމުގައި ވިދާޅުވިއެވެ. އެހެންނޫނީ، ނޭނގި ހުއްޓައި އަޅުގަނޑުމެންގެ އަތުން ބީވެގެންދާނީ އަޅުގަނޑުމެންގެ ޒުވާން ޖީލުގެ މުސްތަޤްބަލު ކަމުގައި ފާހަގަކުރެއްވިއެވެ. 

ސިފައިންގެ އެންމެ މަތީ ވެރިޔާގެ ވާހަކަފުޅުގައި، ސިފައިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް ވޭތުވެދިޔަ ދުވަސްތަކުގައި އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި، ސިފައިންގެ ޤާބިލުކަން ވަރުގަދަކޮށް، ސިފައިންގެ ވެލްފެއަރ ކަންކަން ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ސިފައިންގެ އެންމެ މަތީ ވެރިޔާ ވިދާޅުވީ، ސިފައިންނަކީ ވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް ވާއިރު، ގެދޮރުވެރިކަން ނުވަތަ ބޯހިޔާވަހިކަމަކީ ސިފައިންނަށް ވެސް ބޭނުންވާނެ އެންމެ އަސާސީ ކަންތައް ކަަމަށާއި، އެހެންކަމުން ކުރިއަށްއޮތް ތަނުގައި ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ އެކިއެކި ސްކީމްތަކުގެ ތެރޭގައި، ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ ދިވެހި ސިފައިންނަށް ޚާއްޞަ ކުރެވިގެން އެކަށީގެންވާ އަދަދަކަށް، އެކަން ހަމަޖެހިގެންދާ މިންވަރަށް އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަން ޔަޤީން ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި، ދިފާޢީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މަޢުމޫން ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ދިފާޢީ ވަޒީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ މިނިވަންކަމުގެ އިމުގައި ކޮމާންޑަރ އިން ޗީފް ދަންމަވާފައިވާ ވަރުގަދަ ރަތް ރޮނގު ބެހެލެއްޓުމަށް އެންމެ ޒަމާނީ ވަސީލަތައް ހޯއްދަވައި ދެއްވައި، ދިވެހި އަސްކަރިއްޔާގައި ފުރަތަމަ ފަހަރަށް އެއަރ ކޯއެއް ޤާއިމުކޮށްދެއްވައި، ޚިދުމަތަށް އަންމޭންޑް އޭރިއަލް ވެހިކަލްސް (ޔޫއޭވީ) ހޯއްދަވައި ދެއްވި ދެއްވުމަކީ، އެ ރައީސުލްޖުމްހޫރިއްޔާ އަދި ކޮމާންޑަރ އިން ޗީފްގެ ދުރު ވިސްނުންފުޅާއި، ދިވެހި ޤައުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމާއި، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުުރެއްވުމަށް އެމަނިކުފާނު ދެއްވާ އިސްކަން ސާބިތުވެގެންދާ ކަމެއްކަން ފާހަަގަކުރެއްވިއެވެ. 

އަދި، ސިފައިން ހަރަކާތްތެރިވާ ދާއިރާތަކަށް އެންމެ ޒަމާނީ ވަޞީލަތްތައް ހޯއްދަވައިދެއްވުމާއި، ސިފައިންގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްޕުޅުގެ އިތުރުން، ސިފައިންގެ ވެލްފެއަރ ކަންކަން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ފައްޓަވާފައިވާކަން ދިފާޢީ ވަޒީރު ފާހަގަކުރެއްވިއެވެ.  

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ދިފާޢީ ވަޒީރު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގައި ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމުގައި ކަނޑުމަގުން ސިފައިން ކުރަމުންދާ މަސައްކަތްތަކާއި، އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށް ރައްކާތެރިކުރުމާއި، އަދި ދިވެހި ރައްޔިތުންނަށްޓަކައި ސިފައިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، ދިފާޢީ ވަޒީރު ސިފައިންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޤައުމީ ޚިދުމަތުގައި ކުރިއަށްދިއުމުގައި ނަފުސަށްވުރެ ދިވެހި ޤައުމު އިސްކޮށްގެން މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ސިފައިންނަށް ނަޞޭހަތްތެރިވެ ވަޑައިގެންނެވިއެވެ. 

ރަސްމިއްޔާތުގައި މަރުޙަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފު ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި، ސިފައިންގެ މުއައްސަސާ ތަރައްޤީ ކުރުމަށާއި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ކޮމާންޑަރ އިން ޗީފް ކުރައްވާ މަސައްކަތްޕުޅުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި، ރާއްޖޭގެ އެކުވެރި ޤައުމުތަކަށް ކޮމާންޑަރ އިން ޗީފް ޒިޔާރަތްކުރައްވައި، ކޮންމެ ދަތުރުފުޅެެއްގައި ވެސް ސިފައިންގެ ޤާބިލުކަން އިތުރުކުރެއްވުމަށް އާ ފުރުޞަތުތައް ހޯއްދަވައިދެއްވުމުގައި މަސައްކަތްޕުޅު ކުރައްވާކަން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ. އަދި، ކުޑަ ދުވަސްކޮޅެއް ތެރޭ ދިވެހި ތާރީޚްގައި ރަންއަކުރުން ފަވާލެވިގެން ދިޔައީ، ދިވެހި އަސްކަރިއްޔާގައި ވައިގެ ބާރު އުފައްދަވައި، އެންމެ ޒަަމާނީ ވަސީލަތްތައް އަސްކަރިއްޔާއަށް ހޯއްދަވައިދެއްވުމުގެ އިތުރުން ކޯސްޓަގާޑުގެ ޤާބިލްކަން އިތުރު ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގައި ޔަޤީންކަން ދެެއްވަމުން ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންނާއި ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ސިފައިން ބައިވެރިވެލެއްވިއެވެ. 

ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ.މުޙައްމަދު މުޢިއްޒު ސިފައިންނާ ބައްދަލުކުރެއްވުމަށް ބޭއްވި މިރަސްމިއްޔާތުގެ ލައިވް ކަވަރޭޖު އައްޑަނަ ޓީވީގެ ޒަރީއާއިން އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކަކަށް ވަނީ ލައިވްކޮށް ދައްކާފައެވެ. އަދި އެކި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ އައުޓް ފޯސްޓްތަކަށް ވެސް މި ރަސްމިއްޔާތުގެ ލައިވް ކަވަރޭޖް ވަނީ ފޯރުކޮށްދީފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު