އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަހު ދިހަ: އިޢްތިކާފަށް އިނުމާ ޛިކުރުކުރުމާ ދުޢާކުރުމާ އަސްތަޣްފާރުކުރުން ގިނަކުރައްވާ!

ފަހު ދިހަ: އިޢްތިކާފަށް އިނުމާ ޛިކުރުކުރުމާ ދުޢާކުރުމާ އަސްތަޣްފާރުކުރުން ގިނަކުރައްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 21 މިނެޓް, 0 ސިކުންތު

-5  ރަމަޟާން މަހުގެ ފަހު ދިހައެއްގައި އިޢުތިކާފު ކުރުމަކީ ސުންނަތެކެވެ. އެއީ ﷲ އަށް ކުއްތަންވެވޭ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަދި އެކަލޭގެފާނަށް ފަހު އެކަލޭގެފާނުގެ ޞަޙާބީން އެކަން ކުރެއްވިއެވެ. (އެއީ) އަޅުކަމުގައި ﷲ އާ ކުއްތަންވުމުގެ ގޮތުން މިސްކިތުގައި މަޑުކުރުމުގެ ނިޔަތުގައި، ދުނިޔެޔާއި ދުނިޔޭގެ ކަންކަމާ އެކަހެރިވެ، ދުނިޔޭގެ ޙަޔާތުގެ ކުޅިމަޖަލާ އެއްކިބާވެ، ކުއްތަންވުމުގެ ހިތްހަމަޖެހުން ﷲ ތާޢާލާއަށް އެކަނި ޚާއްޞަކޮށްގެން، ނަމާދުކުރުމާއި ޤުރްއާން ކިޔެވުމާއި، ﷲ އަށް ޛިކްރު ކުރުމުގައި މަޝްޣޫލުވެގެން، ޙަރާމް ކަންކަމާއި ދުރުހެލިވެގެން، ބަސްތަކާއި ކަންތައްތަކުގެ ތެރެއިން ނުބެހޭ ކަންކަމާ ދުރުހެލިވެ، މުސްލިމު އަޅާ  ހުކުރު ނަމާދުގެ ޖަމާޢަތް ޤާއިމްކުރާ މިސްކިތެއްގައި އިޢުތިކާފަށް އިނުމެވެ. އިޢުތިކާފު ވާހުށީ އަޅާ އޭނާގެ ރައްބާއެކު ވާ ޚަލްވަތެއް (އެކަހެރިވުމެއް) ކަމުގައެވެ. އޭނާގެ ހިތަށް ވާ އިޞްލާޙެއް ކަމުގައެވެ. އޭނާގެ ބައިބައިވެ ވަކިވެފައިވާ ކަންކަމަށްވާ އެއްކުރެއްވުމެއް (ބަދަހިކަމެއް) ކަމުގައެވެ. އަދި އޭނާގެ ނަފްސަށް ވާ ޙިސާބު ކުރުމެއް ކަމުގައެވެ. އޭނަގެ ވަގުތަށް ވާ ސަލާމަތްތެރިކަމެއް ކަމުގައެވެ. އަދި އޭނާއާ އޭނާގެ ރައްބާ ދެމެދު އޮންނަ ގުޅުމަށް ވާ ގަދަފަދަ ކަމެއް ކަމުގައެވެ. އަދި އޭނާގެ ރޯދަޔަށް ވާ ރައްކާތެރިކަމެއް ކަމުގައެވެ. އިޚްލާޞްތެރިކަމުގެ މައްޗަށް އޭނާ ތަރުބިއްޔަތު ކޮށްދޭ، އަދި މުބާޙު ކަންތައްތައް ކުރުން މަދުކޮށްދޭ، ދުނިޔެ މަތީގައި ވާ ޒުހުދުވެރިކަމެއް ކަމުގައެވެ.

 6ކީރިތި ޤުރްއާނަކީ ﷲގެ ކަލާމްފުޅެވެ. އެއީ އެއިލާހުގެ ވަޙީ ބަސްފުޅެވެ. ޚަލްޤުތަކުންނަށް އެއިލާހު ދެއްވި މެސެޖެވެ. އޭގެ ސަބަބުން ދަރަޖަތައް އުފުލިގެންދެއެވެ. ހެޔޮކަން އިތުރުވެގެންދެއެވެ. މި ބަރަކާތްތެރި ދިހަ ދުވަހުގައި ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުން ހުއްޓެވެ. ކޮންމެ މުސްލިމަކުވެސް އެތައްފަހަރަކު ޚަތިމުކުރުން ހުއްޓެވެ. ބައެއް ސަލަފުން ރަމަޟާން މަހު ކޮންމެ ތިން ދުވަހަކުން ޚަތިމެއް ކުރައްވައެވެ. އަނެއްބައި ބޭކަލުން ކޮންމެ ހަތް ދުވަހަކުން ޚަތިމެއް ކުރައްވައެވެ. ފަހު ދިހައެއް އައިސްފިނަމަ ބައެއް ބޭކަލުން ކޮންމެ ރެއަކު ޚަތިމެއް ކުރައްވައެވެ.

7-ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު:

((مَنْ قَرَأَ الْقُرآنَ فِي أَقَلَّ مِنْ ثَلَاثٍ لَمْ يَفْقَهْهُ)) – رواه أبو داود 1390 والإمام أحمد 6499 وصححه الألباني في الصحيحة 5/601  

(ތިން ދުވަހަށްވުރެ ކުރު މުއްދަތަކުން ޤުރްއާން އެއްކޮށް ކިޔަވާ މީހަކަށް ޤުރްއާންގައި އެ ބުނާ އެއްޗެއް (އޭނާ އެހާ ކުޑަމުއްދަތަކުން ކިޔަވައިގެން) ފަހުމެއް ނުވާނެއެވެ.)

މި ބަސްފުޅަކީ ޢާއްމުގޮތެއްގައި (އެހެނިހެން ދުވަސްވަރު) ޤުރްއާން ކިޔަވާ މީހާއާ ބެހޭގޮތުން އޮންނަ ބަސްފުޅެކެވެ. މާތްވެގެންވާ ވަޤުތުތަކުގައި މިސާލަކަށް ރަމަޟާން މަސް އަދި ޚާއްޞަކޮށް ފަހު ދިހައެއްގެ ދުވަސްތައް، އަދި މާތްވެގެންވާ ތަންތަން މިސާލަކަށް މައްކާއަށް އައި މައްކާގެ އަހުލުވެރިން ނޫން މީހުން، އެފަދަ މީހުންނަށް މުސްތަޙައްބު ވެގެންވަނީ ވީހާ ގިނައިން ކީރިތި ޤުރްއާން ކިޔެވުމެވެ. އެއީ އެ ވަޤުތާއި ތަނުގެ މާތްކަމުގެ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ލިބިގަތުމަށްޓަކައެވެ. މިއީ އިމާމު އަޙްމަދާއި އިސްޙާޤް އަދި އެނޫންވެސް ބޭކަލުންގެ ބަސްފުޅެވެ. އަދި އެހެނިހެން ބޭކަލުންގެ ޢަމަލުތައްވެސް އެކަމަށް ދަލާލަތު ކުރެއެވެ.

(ބައްލަވާ: ލަޠާއިފުލް މަޢާރިފު- އިބްނު ރަޖަބު ޞ171)

8- ދުޢާކުރުން އެއީ އަޅުކަމެކެވެ. އެއީ މުއުމިނުންގެ ހަތިޔާރެވެ. ﷲ އަށް ޓަކައި ކުރެވޭ އެންމެ މާތް އެއް ކަންތަކެވެ. އެއީ ﷲ ގެ މި އަމުރުފުޅު ތަންފީޒުކުރުމުގެ ގޮތުން ކުރެވޭ ކަމެކެވެ.

وَقَالَ رَبُّكُمُ ٱدۡعُونِيٓ أَسۡتَجِبۡ لَكُمۡۚ)

މާނައީ: ” އަދި ތިޔަބައިމީހުންގެ ރައްބު ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ. ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. “

ރޯދަ ވެރިޔާ މި ދިހަ ދުވަހުގައި އޭނާގެ ރައްބަށް ދުޢާކުރަންވީއެވެ. މަޑުމޮޅި ކަމާއި، ބިރުވެތިކަމާއި، ނިކަމެތިކަމާއި، ދެރަނިކަމެތިވެގެން ގޮސް އޭނާގެ ރައްބުގެ ކުރިމަތީގައި ފުނޑުފުނޑުވެގެންވާ ޙާލު، ދެއަތް މައްޗަށް ނަގައި، ޤިބުލައަށް ކުރިމަތިލައި، އޭނާގެ އެތެރެއާއި ބޭރު (ސިއްރާއި ފާޅު) ޠާހިރުކޮށް، އޭނާގެ ހިތް ޙާޟިރުކޮށްގެންނެވެ. އޭނާގެ ކެއުން ވަނީ ޙަލާލުވެފައެވެ. އޭނާގެ ޙާޖަތްތައް (އޭނާ ބޭނުންވާ ކަންކަން) ތެދެވެ. މާތް ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން، (ޤުރްއާނާއި ސުންނަތުގައި ވާރިދުވެފައިވާ) ޖާމިޢު ދުޢާތައް (އެދުޢާތަކުގައި ގިނަކަންކަން ޖަމާވެފައިވާ ދުޢާތައް) ކޮށްގެން، އޭނާގެ ރައްބަށް ވީހާވެސް ބޮޑަށް ސަމާލުކަން ދީގެން، ބިރުވެތިކަމާއި އުންމީދާއެކު އެއިލާހަށް ދުޢާކުރަންވީއެވެ. މި ޙާލުގައިވާ މީހާގެ ދުޢާ ރައްދުކުރެވޭނީ ކިހިނެއްތޯއެވެ؟ ޤަބޫލުކުރެއްވުން އެދި ﷲ އަށް ދަންނަވާށެވެ. ޢަމަލު ކުރުމަށް ދޭ ވަރަށް ބޮޑު މުހިންމުކަމެއް ޢަމަލު ޤަބޫލުކުރައްވާތޯ ދެންނެވުމަށް ދޭށެވެ. މި އާޔަތުގައި މިވާ އަހުލުވެރިންގެ ތެރެއިން ތިބާ ވޭތޯއެވެ.

(وَالَّذِينَ يُؤْتُونَ مَا آتَوا وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَاجِعُونَ) – المؤمنون 60- 

މާނައީ: "އަދި އެއުރެންނީ އެއުރެންގެ ރައްބަށް، ހަމަކަށަވަރުން، އެއުރެން އެނބުރިދާނޭކަމާމެދު އެއުރެންގެ ހިތްތައް ބިރުވެތިވެގެންވާ ޙާލު އެއުރެން ދޭ އެއްޗެއް ދޭ މީހުންނެވެ." 

އެބައިމީހުންނަކީ ރޯދަހިފާ މީހުންނެވެ. ނަމާދު ކުރާ މީހުންނެވެ. ޞަދަޤާތްކުރާ މީހުންނެވެ. އެބައިމީހުންގެ ޢަމަލުތައް ޤަބޫލުނުވެދާނެ ކަމަށް އެބައިމީހުން ބިރުވެތިވާނެއެވެ. 

أُولَـٰئِكَ يُسَارِعُونَ فِي الْخَيْرَاتِ وَهُمْ لَهَا سَابِقُونَالمؤمنون 60-

މާނައީ: "އެއުރެން އެންމެންނީ، ހެޔޮކަންތަކުގައި އަވަސްވެގަންނަ މީހުންނެވެ. އަދި އެއުރެންނީ އެކަންތަކުގައި ކުރިއަރައިދާ މީހުންނެވެ." 

9-މި ދިހަ ދުވަހާއި ރޭތަކުގައި، ހެޔޮޢަމަލުތައް، ފާފަފުއްސެވުން އެދި ދެންނެވުމާއި ނަރަކައިން މުއްތިކުރެއްވުން އެދިގެން ކުރެވޭ ޢަމަލުތައް އިތުރުކުރުން މުސްތަޙައްބުވެގެންވެއެވެ. ތަހްލީލް ކިޔުން އިތުރު ކުރުން އޭގެތެރެއިން ވެއެވެ. އެހެނީ ތައުޙީދަށް ހެކިވުމަކީ ފާފަތައް ފުނޑުފުނޑުކޮށްލާ، ފާފަތައް ފުހެވުމަކުން ފުހެލާ، ފާފަތައް ބާކީ ނުބަހައްޓާ (ހުސްކޮށްލާ) ކަމެކެވެ. އަދި އެ ޢަމަލާ އެއްވަރު އެހެން ޢަމަލެއް ނުވެއެވެ. އަދި އެކަމަކީ އަޅުން މިނިވަންކުރުމާ ޘަވާބުގެ ގޮތުން އެއްވަރުކަމެކެވެ. އަޅުން މިނިވަންކުރުމަކީ ނަރަކައިން މީހާ މުއްތިވާކަމެކެވެ. ހިތުގެ އިޚްލާޞްތެރިކަމާއެކު އެކަލިމަ ކިޔައިފިމީހާ ގެ މައްޗަށް ﷲ ތަޢާލާ ނަރަކަ ޙަރާމް ކުރައްވައެވެ. (ބައްލަވާ: ލަޠާއިފުލް މަޢާރިފު- އިބްނު ރަޖަބު ޞ214)

10 ޖަޒާ ވަނީ ޢަމަލާ ގުޅޭގޮތުންނެވެ. އަޅަކުން މިނިވަންކޮށްފިމީހާ، ﷲ ތަޢާލާ އޭނާ ނަރަކައިން މުއްތިކުރައްވައެވެ.

((أَيُّمَا رَجُلٍ أَعْتَقَ امْرَأً مُسْلِمًا, اِسْتَنْقَذَ اللَّهُ بِكُلِّ عُضْوٍ مِنْهُ عُضْوًا مِنْهُ مِنَ النَّارِ)) – رواه البخاري 2517 ومسلم 1509-

މުސްލިމު އަޅަކު އަޅުވެތިކަމުން މިންޖުކޮށްދީފިމީހާ، އޭނާ އެ މިނިވަންކުރި އަޅުމީހާގެ ގުނަވަނަކަށް، މިންޖުކުރި މީހާގެ ގުނަވަނެއް ﷲ ތަޢާލާ ނަރަކައިން ސަލާމަތްކުރައްވާނެއެވެ.” އެހެންކަމުން ބައެއް ސަލަފުން، ރަމަޟާންމަހުގެ ފަހުކޮޅު، ޖާރިޔާއިން މިނިވަންކުރައްވައެވެ. އެކަމުން އެބޭކަލުން އުއްމީދުކުރައްވަނީ ނަރަކައިން އެބޭކަލުން މުއްތިކުރައްވާނެ ކަމަށެވެ. (ބައްލަވާ: ލަޠާއިފުލް މަޢާރިފު- އިބްނު ރަޖަބު ޞ213)

ތަހްލީލް ގިނަގިނައިން ކިޔުމާއި ތައުޙީދަށް އިޤްރާރުވުމަކީ، މުސްލިމު އަޅާއަށް، އަޅުން މިނިވަންކުރުމުގެ ސަވާބު ލިބޭ ކަމެކެވެ. އަޅުން މިނިވަންކުރުމުގެ ސަބަބުން ނަރަކައިން މުއްތިވެގެންދެއެވެ. ޙަދީޘްގައި ވެއެވެ.

((مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ فِي يَوْمٍ مِائَةَ مَرَّةٍ كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ وَكُتِبَتْ لَهُ مِائَةُ حَسَنَةٍ وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ وَكَانَتْ لَهُ حِرْزًا مِنَ الشَّيْطَانِ يَوْمَهُ ذَلِكَ حَتَّى يُمْسِيَ وَلَمْ يَأْتِ أَحَدٌ بِأَفْضَلَ مِمَّا جَاءَ بِهِ إِلاَّ أَحَدٌ عَمِلَ أَكْثَرَ مِنْ ذَلِكَ )) - رواه البخاري 3293 ومسلم 2691

މާނައީ: "ދުވާލަކު ސަތޭކަފަހަރު މިޒިކުރުކޮށްފިމީހާ ދަންނައެވެ. އޭނާ ދިހަ އަޅުން މިނިވަންކުރިފަދައެވެ. އަދި އޭނާއަށް ސަތޭކަ ހެޔޮކަން ލިޔުއްވޭނެއެވެ. އަދި އޭނާގެކިބައިން ސަތޭކަ ފާފަފުއްސެވޭނެއެވެ. އަދި އެދުވަހު ހަވީރުވަންދެން ޝައިޠާނާގެ ކިބައިން އޭނާ ރައްކާތެރިކުރެވޭނެއެވެ. އަދި އޭނާއަށްވުރެ ގިނައިން މިޒިކުރު ކުރިމީހަކު މެނުވީ އޭނާއަށްވުރެ މާތް ޢަމަލެއްކޮށްގެންހުރި ހަމައެކަކު ނުހުންނާނެއެވެ." 

11-ޙަރަމާ ކައިރީގައިވާ މީހުން، އަދި އެބައިމީހުންނަށް ޠަވާފުކުރުން ފަސޭހަވެގެންވާ މީހުން، ކަޢުބާ ވަށައިގެން ޠަވާފުކުރާށެވެ. އެއީ އަޅަކު މިނިވަންކުރުމުގެ ސަވާބުހުރި ކަމެކެވެ.

مَنْ طَافَ بِالْبَيْتِ أُسْبُوعًا فَأَحْصَاهُ كَانَ كَعِتْقِ رَقَبَةٍ  (رواه الترمذي 959 وهو في صحيح الجامع 6380 )  މާނައީ: "މިގެކޮޅުގެ ވަށައިގެން ހަތްފަހަރު ޠަވާފުކޮށް، އެ ޠަވާފު ފުރިހަމަކޮށްފިމީހާ (ޠަވާފުގެ ޝަރުޠުތަކާއި ވާޖިބުތަކަށް ރައްކާތެރިވެ) ވާހުށީ އަޅަކު މިނިވަންކުރި މީހެއް ފަދައިންނެވެ."

12- މުސްލިމު އަޅާގެ މައްޗަށް ވަނީ، ﷲ ތަޢާލާ އޭނާ ނަރަކައިން މުއްތިކުރައްވަފާނެ ކަމުގައި އުންމީދުގައި، ނަރަކައިން މުއްތިކުރެއްވުމަށް އެދި ގިނަގިނައިން ދުޢާކުރުމެވެ. ޙަދީޘްގައިވެއެވެ.

إِنَّ لِله عُتَقَاءَ فِي كُلِّ يَومٍ وَلَيْلَةٍ، لِكُلِّ عَبْدٍ مِنْهُمْ دَعْوَةٌ مُسْتَجَابَةٌ  (رواه الإمام أحمد 7450 و صححه الألباني في صحيح الجامع 2169 )  "ހަމަކަށަވަރުން ރަމަޟާންމަހުގެ ކޮންމެ ދުވަހަކާއި ރެއެއްގައި ﷲ ތަޢާލާ މީސްތަކުން ނަރަކައިން މުއްތިކުރައްވައެވެ. އޭގެތެރެއިން ކޮންމެ އަޅަކަށް އިޖާބަވެގެންވާ ދުޢާއެއް ވެއެވެ."

13- ފަހުގެ ދިހައިގެ ރޭތަކުގައި އިސްތިޣްފާރުކުރުން ގިނަކުރުމުން ރަމަޟާންމަސް ނިންމުން މުސްތަޙައްބުވެގެންވެއެވެ. އެއީ ފާފަ ފުއްސެވުން އެދި ދެންނެވޭ ދެންނެވުމެކެވެ. ރޯދަވެރިޔާގެ ދުޢާއަކީ، އޭނާ ރޯދަޔަށް ހުންނައިރުގައްޔާއި އަދި ރޯދަވީއްލާއިރުވެސް އިޖާބަވެގެންވާ ދުޢާއެކެވެ. އިސްތިޣްފާރު ކުރުމަކީ އެއީ ހެޔޮޢަމަލުތައް ނިންމާގޮތެވެ. ނަމާދާއި ޙައްޖާއި ރޭއަޅުކަންވެސް ނިންމަނީ އިސްތިޣްފާރުންނެވެ. އަދި ޖަލްސާތައް ނިންމުންވެސް ވަނީ އިސްތިޣްފާރުންނެވެ. އެހެންކަމުން މުސްލިމުއަޅާ ރަމަޟާންމަސްވެސް އިސްތިޣްފާރުކުރުމުން ނިންމުން ހުއްޓެވެ. މިހެންވެ، ޢުމަރު ބިން ޢަބްދިލް ޢަޒީޒް ރަޙިމަހުﷲ، އިސްތިޣްފާރުކުރުމާއި ފިޠުރު ޒަކާތުން ރަމަޟާންމަސް ނިންމުމަށް، އެކި އެކި ރަށްތަކަށް (ސިޓީ) ލިޔުއްވިއެވެ. ހަމަކަށަވަރުން ފިޠްރު ޒަކާތް ވަނީ ރޯދަވެރިޔާއަށް ބުނެވިފައިވާ ބޭކާރު ބަސްތަކާއި ފާޙިޝް ވާހަކަތަކުން ޠާހިރު ކޮށްދޭ އެއްޗެއްކަމުގައެވެ. ފާޙިޝް ވާހަކަތަކާއި ބޭކާރު ބަސްތަކުގެ ސަބަބުން ރޯދަޔަށް ލިބޭ އުނިކަން އިސްތިޣްފާރުގެ ސަބަބުން ފޫބެދިގެން ދެއެވެ. (ބައްލަވާ: ލަޠާއިފުލް މަޢާރިފް ޞ 214)

14- އެންމެ މަންފާބޮޑު އިސްތިޣްފާރަކީ ތައުބާއާއެކު ކުރެވޭ އިސްތިޣްފާރެވެ. އެއީ ފާފައިން ދުރުހެލިވުމާއެކު، ފާފަ ކުރެވުނު ކަމުގެ މައްޗަށް ހިތާމަކޮށް، ފާފައަށް ދެން އަރައިނުގަތުމަށް ޢަޒުމް ކަނޑައަޅައި، އެފާފައަކީ އާދަމު ދަރީންގެ ޙައްޤު އެކުލެވޭ ފާފައެއް ނަމަ، ޙައްޤުތަކަށް އަރައިގަނެވިފައިވާ މީހުންގެ ޙައްޤުތައް އަދާކުރުމަށްފަހު، ކުރެވޭ އިސްތިޣްފާރެވެ.

15- މުސްލިމް އަޅާގެ އެތެރެއާއި ބޭރު އިޞްލާޙްކުރަން މަސައްކަތްކުރުމަކީ މި ދުވަސްތަކުގައި އޭނާގެ ކިބައިން އެދެވޭ އެންމެ ބޮޑު އެދެވުމެވެ. ހެޔޮ ރަނގަޅު ކޮންމެ ޢަމަލެއްގެ ފެށުމަކީ ހިތުގެ ޢަމަލެވެ. އެއިލާހަށް ޚާލިޞްކޮށް، އެއިލާހަށް ރުޖޫޢަވާ ޙާލު، އެއިލާހުގެ ކުރިފުޅުމަތީގައި ދެރަނިކަމެތިވެގެންވާ ޙާލު، ފުރިހަމައަށް ލޯބިވުމާއެކުގައި އޭނާގެ ހުރިހާ ކަމެއް ﷲ އަށް ކިޔަމަންކުރުމެވެ.

އޭނާ ﷲ އަށް ޙަމްދުކޮށް ޝުކުރުކުރެއެވެ. އޭނާއަށް ކުރެވިފައިވާ ފާފަތަކަށް އޭނާ އިސްތިޣްފާރުކުރެއެވެ. އަދި އެއިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެއެވެ. އަދި އެއިލާހުގެ ޙަޟްރަތުން މަދަދަށް އެދެއެވެ. އަދި އެއިލާހަށް ވަކީލު ކުރެއެވެ. ﷲ ގެ ޙަޟްރަތުން މެނުވީ އެއްވެސް ފަރާތަކުން އޭނާ ޙިމާޔަތަށް އެދި ނުދަންނަވައެވެ.

އޭނާގެ ރައްބަށް އޭނާ ބިރުވެތިވެއެވެ. އަދި އޭނާގެ ރައްބުގެ ޙަޟްރަތުން އޭނާ އުއްމީދުކުރެއެވެ. ބިރުގަތުމާއި އުންމީދުކުރުމަކީ ދޫނީގެ ދެ ފިޔަފަދަ ކަމެކެވެ. ފުރިހަމަ ޞިއްޙަތުގެ ޙާލަތުގައި ބިރުގަތުމުމުގެ ބައި ބޮޑުކުރަން ޖެހެއެވެ. އަދި މަރަށް ޙާޟިރުވުމުގެ ވަގުތުގައި އުންމީދުކުރުމުގެ ބައި (ބިރުގަތުމުގެ މައްޗަށް) ގަދަކުރަން ޖެހެއެވެ.

يَحْذَرُ الْآخِرَةَ وَيَرْجُو رَحْمَةَ رَبِّهِ- الزمر  9- ” އާޚިރަތް ދުވަހަށް ބިރުވެތިވެ، އޭނާގެ ރައްބުގެ ރަޙްމަތަށް އެދެއެވެ"

އެއިލާހުގެ ރަޙްމަތަށާއި ޖަންނަތަށް އޭނާ އުންމީދުކުރެއެވެ. އަދި އޭނާގެ އެ އުންމީދުކުރުމާއެކު އޭނާ ހެޔޮ ޢަމަލު ކުރެއެވެ. އެއިލާހުގެ ރުހިވޮޑިގަތުން ހޯދުމަށެވެ. އަދި އެކަމުން އޭނާ އަޖުރާއި ޘަވާބަށް އުންމީދުކުރެއެވެ.

=ނުނިމޭ =

 

 

 

= އައްޝައިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދު ލިޔުއްވާފައިވާ 38 فائدة في العشر الأواخر وليلة القدر  (ފަހު ދިހަޔަކާއި ލައިލަތުލް ޤަދްރީގެ 38 ފައިދާ) ގެ ތަރުޖަމާ=

 

 

 

--ޝައިޚް މުޙައްމަދު ޝާފިޢު

 

 

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް