އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤުރްއާނުގައި ބަޔާންވެގެންވާ ކަނބަލުންގެ ތެރެއިން: ޢަޒީޒުގެ އަނބިކަނބަލުންނާއި އަތްތައް ކޮށިގެން ދިޔަ މިޞްރުގެ އަންހެނުންތައް

ޤުރްއާނުގައި ބަޔާންވެގެންވާ ކަނބަލުންގެ ތެރެއިން: ޢަޒީޒުގެ އަނބިކަނބަލުންނާއި އަތްތައް ކޮށިގެން ދިޔަ މިޞްރުގެ އަންހެނުންތައް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 24 މިނެޓް, 13 ސިކުންތު

ޔޫސުފުގެފާނު ވަރަށް ތުއްޕުޅުއިރު އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނު ވަޅަކަށް ވައްޓަވައިލެއްވިއެވެ. އެވަޅު ކައިރިން ދަތުރު ކުރަމުން ދިޔަ ވިޔަފާރި ޤާފިލާއަށް ޔޫސުފުގެފާނު ފެނިގެން އެކަލޭގެފާނު އެވަޅުން ނަގައިގެން ގެންގޮސް މިޞްރުގެ ބާޒާރުގައި ވިއްކައިލިއެވެ. އެތަނުން ޔޫސުފުގެފާނު ބައްލަވައިގަތީ، މިޞްރުގެ ޢިއްޒަތްތެރި ވަޒީރެކެވެ. އިމާމު ސުހައިލީ ބަޔާން ކުރައްވާ ގޮތުގައި، އޭނާގެ ނަންފުޅަކީ، قِطْفِيرُ އެވެ.

މުޙައްމަދު ބިން އިސްޙާޤު ބަޔާން ކުރައްވާ ގޮތުގައި، އޭނާގެ ނަންފުޅަކީ،  إِطْفِيرُ بْنُ رُوَيْحِب އެވެ. އޭނާގެ ލަޤަބުފުޅަކީ، ޢަޒީޒެވެ. އޭނާއަކީ އެޒަމާނުގައި މިޞްރުގެ ޚަޒާނާތަކާ ޙަވާލުވެގެން ހުންނަ މީހާއެވެ. އޭރު މިޞްރުގައި ރެނދަލި ކުރައްވައިގެން ހުންނެވި ރަސްގެފާނުގެ ނަމަކީ الرَّيَّانُ بْنُ الْوَلِيدُ އެވެ. އެހެން ރިވާޔަތެއްގައިވަނީ، الْوَلِيدُ بْنُ الرَّيَّانُ ކަމަށެވެ. އޭނާއަކީ ޢަމާލިޤުންގެ ތެރެއިން ހިމެނޭ މީހެކެވެ.{އިމާމު ޤުރުޠުބީ، ތަފްސީރުލް ޤުރްޠުބީ، 11 ވަނަ ޖިލްދު، ޞަފްޙާ 299}

މިޞްރުގެ ޢަޒީޒު ނުވަތަ قِطْفِيرُ ކާވެނި ބައްލަވައިގެން އުޅުއްވީ ވަރަށް ރީތި އަންހެން ބޭފުޅަކާއެވެ. މުޙައްމަދު ބިން އިސްޙާޤު ވިދާޅުވާ ގޮތުގައި އެކަމަނާގެ ނަންފުޅަކީ، راعيل އެވެ. އިމާމު الْمَاوَرْدِي ރަޙިމަހުﷲ، ވިދާޅުވެފައިވަނީ، އެކަމަނާގެ ނަންފުޅަކީ، زليخا ކަމަށެވެ. {އިމާމު ޤުރުޠުބީ، ތަފްސީރުލް ޤުރްޠުބީ، 11 ވަނަ ޖިލްދު، ޞަފްޙާ 299}

މިޞްރުގެ ޢިއްޒަތްތެރި ޢަޒީޒު، ޔޫސުފުގެފާނު ބައްލަވައިގެން އެމަނިކުފާނުގެ ގަނޑުވަރަށް ވަޑައިގެން، އަނބިކަނބަލުންނާ މުޚާބަތު ކުރައްވައި ވިދާޅުވިއެވެ.

وَقَالَ الَّذِي اشْتَرَاهُ مِن مِّصْرَ لِامْرَأَتِهِ أَكْرِمِي مَثْوَاهُ عَسَىٰ أَن يَنفَعَنَا أَوْ نَتَّخِذَهُ وَلَدًا ‎﴿٢١﴾‏

[ކަނބުލޭގެ، އެކަލޭގެފާނުގެ ހުންނެވުން ރަނގަޅުގޮތަކަށް ހަމަޖައްސާށެވެ! އެއީ އެކަލޭގެފާނު، ތިމަންމެންނަށް މަންފާއެއް ކުރޭތޯއެވެ. ނުވަތަ ތިމަންމެން އެކަލޭގެފާނު ދަރިއެއްކަމުގައި ހަދާނީއެވެ.] {ޔޫސުފު 21}

ޔޫސުފުގެފާނު ބޮޑުފުޅުވަމުން ދިޔަ ދިޔަހެން، އެކަލޭގެފާނުގެ ފިރިހެންވަންތަކަމާއި، ބަނިޔާދަކަން، ދިޔާއީ އިތުރަށް އުއްތި ފުރިހަމަވަމުންނެވެ. ފުރިހަމަ ފިރިހެނެއްގައި، ކޮންމެހެން ހުންނަންޖެހޭ އެންމެހައި، ހިތްގައިމުކަމަކާއި، ސާއްބަކަމެއް އެކަލޭގެފާނަށް ދެއްވުމުގައި، އަރަހުށި މާތްﷲ، ވަނީ ދީލަތިވެވޮޑިގެންފައެވެ. އެކަލޭގެފާނު މިދެންނެވި ރުޖޫލިއްޔަތުގެ ފުރިހަމަކަން ފެނިވަޑައިގެން ޢަޒީޒުގެ އަނބިކަނބަލުންގެ ހިތްޕުޅުގައިވަނީ، އެދުންނެވިކަމުގެ ޝުޢޫރުތައް ހިނގައިފައެވެ.

ޢަޒީޒުގެ އަނބިކަނބަލުންގެ ފިތުނަވެރިކަން

ކޮންމެއަކަސް ޔޫސުފުގެފާނު ފުރާފުރިހަމަވެ، ބޮޑުފުޅުވީ ހިނދު، ޢަޒީޒުގެ އަނބިކަނބަލުން ފިތުންވެރިކަމާ ކުރިމަތި ލައްވަން ޖެހިވަޑައިގެންފިއެވެ. އެކަމަނާ އެކަލޭގެފާނާއެކު ފާޙިޝް ޢަމަލު ކުރުމަށް ޤަޞްތުކޮށް އެކަލޭގެފާނު އެކަމަނާގެ މަޅީގައި ޖައްސާލެވޭތޯ މަސައްކަތްކުރަން ފެށިއެވެ. މިވާހަކައިގެ ތަފްޞީލު ޤުރްއާނުގެ ޔޫސުފް ސޫރަތުގެ 23 ވަނަ އާޔަތުން ފެށިގެން 25 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތްތަކުންނެވެ.

وَرَاوَدَتْهُ الَّتِي هُوَ فِي بَيْتِهَا عَن نَّفْسِهِ وَغَلَّقَتِ الْأَبْوَابَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ اللَّـهِ ۖ إِنَّهُ رَبِّي أَحْسَنَ مَثْوَايَ ۖ إِنَّهُ لَا يُفْلِحُ الظَّالِمُونَ ﴿٢٣﴾ وَلَقَدْ هَمَّتْ بِهِ ۖ وَهَمَّ بِهَا لَوْلَا أَن رَّأَىٰ بُرْهَانَ رَبِّهِ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ السُّوءَ وَالْفَحْشَاءَ ۚ إِنَّهُ مِنْ عِبَادِنَا الْمُخْلَصِينَ ﴿٢٤﴾ وَاسْتَبَقَا الْبَابَ وَقَدَّتْ قَمِيصَهُ مِن دُبُرٍ وَأَلْفَيَا سَيِّدَهَا لَدَى الْبَابِ ۚ قَالَتْ مَا جَزَاءُ مَنْ أَرَادَ بِأَهْلِكَ سُوءًا إِلَّا أَن يُسْجَنَ أَوْ عَذَابٌ أَلِيمٌ ﴿٢٥

މާނައީ: [އަދި އެކަލޭގެފާނު އެކަނބުލޭގެ ގޭގައި ހުންނެވި ކަނބުލޭގެ، އެކަލޭގެފާނުގެ އަރިހުން ނުބައި ކަމަކަށް އެދުނެވެ. އަދި ދޮރުލައްޕައި، އެކަނބުލޭގެ ދެންނެވިއެވެ. ކަލޭގެފާނު (ތިމަންނާގެ ގާތަށް) ވަޑައިގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. [معاذ اللَّه] އެވެ. (އެބަހީ: اللَّه ގެ ރައްކާތެރިކަމަށް އެދެމެވެ. خيانة ތެރިވުމަށް ކަނބުލޭގެ ތިޔަ އެދޭ މީހާ) އެއީ ހަމަކަށަވަރުން، ތިމަންގެ ސާހިބު މީހާއެވެ. އޭނާ ތިމަންކަލޭގެފާނު ބަހައްޓާފައިވަނީ، މާތް ރަނގަޅުގޮތަށެވެ. ހަމަކަށަވަރުން، އަނިޔާވެރިން ނުދިނޭނެތެވެ. އަދި ހަމަކަށަވަރުން (އެދުމާއެކު) އެކަނބުލޭގެ އެކަލޭގެފާނާ ކުރިމަތިލިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ دليل ފެނިވަޑައިނުގެންނެވިނަމަ، އެކަލޭގެފާނުގެ ހިތްޕުޅުވެސް އެކަނބުލޭގެ ފަރާތަށް ލެނބުނީހެވެ. އެފަދައިން (އެ دليل ދެއްކެވީ) ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ކިބައިން ނުބައި عمل އާއި، ހުތުރުކަންބޮޑު ފާފަ ދުރުކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ خيار ކުރެއްވި އަޅުންގެ ތެރެއިންނެވެ. އަދި އެ ދެމީހުންމެ ދޮރާ ދިމާއަށް އަވަސްވެގެންފޫއެވެ. އަދި އެކަނބުލޭގެ އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން (ހިފައި) ވީދައިލިއެވެ. އަދި ދޮރުކައިރިން އެކަނބުލޭގެ ފިރިމީހާ އެ ދެމީހުންނަށް ފެނުނެވެ. އެކަނބުލޭގެ ބުންޏެވެ. ތިބާގެ އަނބިމީހާއަށް ނުބައިކަމެއްކުރަން އުޅުނުމީހަކަށް، އެމީހާ ޖަލުގައި ހައްޔަރުކުރުން، ނުވަތަ ވޭންދެނިވި عقوبات ދިނުން ފިޔަވައި އޮތީ ކޮން ޖަޒާއެއް ހެއްޔެވެ؟.]

ޢަޒީޒުގެ އަނބިކަނބަލުންގެ މިދެންނެވި ފަދައިން ވިދާޅުވުމުން، ޔޫސުފުގެފާނުވެސް އެކަލޭގެފާނުގެ ދިފާޢުގައި ވާހަކަފުޅު ދެއްކެވިއެވެ. އެންމެ ފުރަތަމައަށް ކަންތައް ހިނގައި ދިޔަގޮތުގެ ވާހަކަ ވިދާޅުވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [ނުބައިކަންތަކަށް ތިމަންކަލޭގެފާނުގެ ކިބައިން އެދުނީ، އެކަނބުލޭގެއެވެ.]

ހަމަ އެ ވަގުތުމެ، ޢަޒީޒުގެ އަނބިކަނބަލުންގެ ތިމާގެ މީހުންގެ ތެރެއިން ހެކިވެރިއަކު ބުންޏެވެ. [އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ކުރިމަތިންނަމަ، އެކަނބުލޭގެ އެބުނީ ތެދެވެ. އަދި އެކަލޭގެފާނު ވަނީ ދޮގުވެރިންގެ ތެރެއިންނެވެ. އަދި އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ފުރަގަހުންނަމަ، އެކަނބުލޭގެ އެހެދީ ދޮގެވެ. އަދި އެކަލޭގެފާނު އެވަނީ ތެދުވެރިންގެ ތެރެއިންނެވެ.] {ޔޫސުފު 26 އަދި 27}

ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [އެ އާޔަތުގައި ބަޔާން ކުރެވިފައިވާ ހެކިވެރިއަކީ، ޅަފަތުގެ ދާނުގައިވާ ތުއްޕުޅު ބޭފުޅެކެވެ.] ޞަޙާބީންގެ ތެރެއިން އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުވެސް ދެކެވަޑައިގަންނަވާ ގޮތަކީ މިއީއެވެ. ޠާބިޢީންގެ ތެރެއިން ސަޢީދު ބިން ޖުބައިރު ރަޙިމަހުﷲ ވެސް ދެކެވަޑައިގަންނަވަނީ މިގޮތަށެވެ. އިމާމު އިބްނު ޖަރީރުއް ޠަބަރީ އެންމެ ރާޖިޙު ކަމުގައި ދެކެވަޑައިގަންނަވަނީވެސް މިދެންނެވި ރިވާޔަތަށެވެ.{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު 147 ވަނަ ޞަފްޙާ}

ދެން އެބައިމީހުން ޔޫސުފުގެފާނުގެ ގަމީސްކޮޅު ބެލިބެލުމުން އެ ގަމީސްކޮޅު ވީދިފައިވަނީ، ފުރަގަހުންކަން އެނގުނެވެ. އެހިނދު މިޞްރުގެ ޢިއްޒަތްތެރި ޢަޒީޒު ވިދާޅުވިއެވެ. [ހަމަކަށަވަރުން، އެއީ ތިޔަކަނބަލުންގެ މަކަރުވެރިކަމުގެ ތެރެއިން ކަމެކެވެ. ހަމަކަށަވަރުން، ތިޔަކަނބަލުންގެ މަކަރުވެރިކަމަކީ، ބޮޑުވެގެންވާ ކަމެކެވެ. يوسف ގެފާނެވެ! މިކަންތަކުން ދުރުހެލިވެވަޑައިގަންނަވާށެވެ! އަދި ކަނބުލޭގެ ކުރި ކުށަށް މާފު އެދޭށެވެ! ހަމަކަށަވަރުން، ކަނބުލޭގެވަނީ، ކުށްވެރިންގެ ތެރެއިންނެވެ." {ޔޫސުފު 28 އަދި 29}

މިޞްރުގެ އަންހެނުން

ޢަޒީޒުގެ ގަނޑުވަރުގައި ހިނގައި ދިޔަ ކަންތައްތަކުގެ ވާހަކަ ކޮންމެވެސް ގޮތަކުން އެ ގަނޑުވަރުން ބޭރުވެއްޖެއެވެ. މި ޚަބަރު މިޞްރުގައި ފަތުއަޑު ކިޔައިފައި، ފެތުރިގެންފިއެވެ. މިޞްރުގެ އަންހެނުންތައް ތަންތަނަށް ކޯޅިކޯޅިއަށް އެއްވެތިބެ މި ވާހަކަ ދައްކަން ފަށައިފިއެވެ. އެ އަންހެނުންތައް ބުނަމުން ގެންދިޔައެވެ. [ޢަޒީޒުގެ އަންހެނުން، އެކަނބުލޭގެ އަޅުކުއްޖާގެ ކިބައިން ނުބައިކަންތަކަށް އެދެނީއެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ހިތްވަނީ، އެކުއްޖާގެ ލޯބިން ފުރިފައެވެ. ހަމަކަށަވަރުން، އެކަނބުލޭގެ ވާކަމަށް ތިމަންމެންދެކެނީ ބަޔާންވެގެންވާ ފުރެދުމެއްގައެވެ.] {ޔޫސުފު 30}

ޢަޒީޒުގެ އަނބިކަނބަލުނަށް މިޞްރުގެ އަންހެނުންތައް އޭނާއާ ގުޅުވައިގެން ދައްކަމުން ގެންދިޔަ ވާހަކަތައް އެނގުމުން އެކަމާ ވަރަށް ހިތް ހަމަނުޖެހުނެވެ. ވަރަށް ރުޅިއަތުވެއްޖެއެވެ.  ދެން އޭނާ ބޭނުންވީ އެބައިމީހުންނަށް يوسف عليه السّلام، ދައްކައިލުމަށެވެ. އެކަލޭގެފާނުގެ ރީތިފުޅުކަން ފެނި އެފަދަ ކަމެއް އެއީ ހިނގުން އެކަށީގެންވާ ކަމެއްކަން ޘާބިތުކޮށްދެއްވުމަށެވެ. މި ވާހަކަ ޔޫސުފު ސޫރަތުގެ 31 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

فَلَمَّا سَمِعَتْ بِمَكْرِهِنَّ أَرْسَلَتْ إِلَيْهِنَّ وَأَعْتَدَتْ لَهُنَّ مُتَّكَأً وَآتَتْ كُلَّ وَاحِدَةٍ مِّنْهُنَّ سِكِّينًا وَقَالَتِ اخْرُجْ عَلَيْهِنَّ ۖ فَلَمَّا رَأَيْنَهُ أَكْبَرْنَهُ وَقَطَّعْنَ أَيْدِيَهُنَّ وَقُلْنَ حَاشَ لِلَّـهِ مَا هَـٰذَا بَشَرًا إِنْ هَـٰذَا إِلَّا مَلَكٌ كَرِيمٌ ﴿٣١

މާނައީ: "ފަހެ، އެ އަންހެނުން ދެއްކި (މަލާމާތުގެ) މަކަރުވެރި ވާހަކަ އެކަނބުލޭގެއަށް އިވުމުން، އެއުރެން ބަލައިފޮނުވިއެވެ. އަދި ލެނގިގެންތިބޭނެ ތަނެއް ތައްޔާރުކުރިއެވެ. އަދި އެއިންކޮންމެ މީހަކަށް ފިޔޮއްސެއް ދިނެވެ. އަދި يوسف ގެފާނަށް ދެންނެވިއެވެ. އެއުރެންގެ ތެރެޔަށް ނުކުމެވަޑައިގަންނަވާށެވެ! ދެން، އެ އަންހެނުން އެކަލޭގެފާނު ދުށްހިނދު، އެއުރެން އެކަލޭގެފާނުގެ ރީތިކަމާމެދު حيران ވޫއެވެ. އަދި އެއުރެން އަތްތައް ކޮށަމުން ދިޔައޫއެވެ. އަދި ބުނެފޫއެވެ. [حاش للَّه] އެވެ. (اللَّه ގެ ހުސްطاهر ވަންތަ ކަމާއެވެ!) މިއީއަކީ آدم ގެދަރިއެއްވާ ނޫނެވެ. މިއީ ހަމަކަށަވަރުން، މާތްވެގެންވާ ملائكة އަކު ކަމުގައި ނޫނީ ނުވެތެވެ."

ޔޫސުފުގެފާނުގެ ރީތިފުޅުކަމުގެ މަސްތުގައި ޖެހި، ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި މިޞްރުގެ އަންހެނުންތަކުގެ އަތްތައްކޮށިގެން ދިޔަތަން، ޢަޒީޒުގެ އަނބިކަނބަލުންނަށް ފެނިވަޑައިގަތުމުން އެކަމަނާ އެކަނބަލުންނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ.

[ތިޔަބައިމީހުން ތިމަންނާއަށް މަލާމާތްކޮށް ވާހަކަދެއްކީ، އޭނާއާ މެދުގައެވެ. ހަމަކަށަވަރުން، ތިމަން އޭނާގެ ކިބައިން ނުބައިކަންތަކަށް އެދުނީއެވެ. ފަހެ، އެހިނދު އޭނާ އެކަމުން ރައްކާތެރިވެގަތެވެ. އަދި ތިމަން އޭނާއަށް أمر ކުރާ ކަންތައް ނުކުޅަނަމަ، ޖަލުގައި އޭނާ ހައްޔަރު ކުރެވޭނެކަން ކަށަވަރެވެ. އަދި އޭނާ ވާހުށީ، ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ.] {ޔޫސުފު 32}

 އެނގިވަޑައިގަންނަވާނެ ފަދައިން، ޔޫސުފުގެފާނަކީ ޠާހިރު ނަބީބޭކަލުންގެ ތަކެއްގެ ސުލާލަތުން ވަޑައިގެން ހުންނެވި ބޭކަލެކެވެ. ޠާހިރު އުޅުއްވުމާ އަދަބު އަޚްލާޤާއި، އިއްފަތްތެރިކަމާއި، ތަޤުވާވެރިކަން އެކަލޭގެފާނަށް ލިބިވަޑައިގެންފައިވަނީ ވާރުތައިންނެވެ. ޢަޒީޒުގެ އަންހެނުންގެ ހިތްޕުޅުގެ މުރާދު އެނގިވަޑައިގެންނެވުމުން، ޔޫސުފުގެފާނު އަރަހުށި މާތްﷲ ގެ ޙަޟްރަތަށް ދުޢާ ދެންނެވިއެވެ.

[އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ ކުރުމަށް އެއުރެން އެ އެދޭކަންތަކަށްވުރެ، ޖަލުގައި ހައްޔަރުވުންވެސް، ތިމަންއަޅާއަށް ލޮބުވެތިކަން މާބޮޑެވެ. އަދި އިބަރަސްކަލާނގެ އެއުރެންގެ މަކަރުވެރިކަން ތިމަން އަޅާގެ ކިބައިން ދުރުނުކުރެއްވިނަމަ، ތިމަންއަޅާ އެއުރެންނަށް ލެނބިގެން ހިނގައިދާނެތެވެ. އަދި جاهل ންގެ ތެރެއިން ތިމަންއަޅާ ވެދާނެތެވެ.]{ޔޫސުފު 33}

އަރަހުށި މާތް، يوسف عليه السّلام، ކުރެއްވި ދުޢާފުޅު ވަރަށް ފުރިހަމައަށް އިޖާބަކުރެއްވިއެވެ. އަދި އެބައިމީހުންގެ މަކަރުވެރި ރޭވުންތައްކުން ދުރުކުރެއްވިއެވެ. ޙަޤީޤަތުގައި ޔޫސުފުގެފާނަށް ޖަލުގައި ހުންނެވުމުގެ އަދަބު ލިބިވަޑައިގެންނެވީ އެކަލޭގެފާނުގެ އެއްވެސް ކުށެއް ބުށެއް ނެތިއެވެ. އެކަމުގެ ޞަރީޙަ ދަލީލުތައް ޚުދު އެބައިމީހުންނަވެސް ވަނީ ފެނިފައެވެ. މިދެންނެވި ވާހަކަ ޔޫސުފު ސޫރަތުގެ 35 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ.

ثُمَّ بَدَا لَهُم مِّن بَعْدِ مَا رَأَوُا الْآيَاتِ لَيَسْجُنُنَّهُ حَتَّىٰ حِينٍ ﴿٣٥

މާނައީ: [ދެން (އެކަލޭގެފާނު ބަރީއަވެގެންވާކަމުގެ) دليل ތައް އެއުރެންނަށް ފެނިދިއުމަށްފަހުވެސް، ހަމަކަށަވަރުން، އެކަލޭގެފާނު ދުވަސްކޮޅަކަށް ޖަލުގައި ހައްޔަރުކުރުމަށް އެއުރެންނަށް ފެނުނެވެ.]

މިޞްރުގެ ޢަޒީޒުގެ އަނބިކަނބަލުންނަކީ، ޙަސަބާއި ނަސަބުގެ ގޮތުން އަރާ އިންނެވި ބޭކަނބަލެކެވެ. ވަރަށް ރީތިފުޅު ބޭކަނބަލެއްވެސްމެއެވެ. ނަމަވެސް ޔޫސުފުގެފާނު އެކަމަނާގެ އެދުމަށް އިންކާރު ކުރެއްވިއެވެ. ރީތިކަމާއި، ޙަސަބާއި ނަސަބުގެ ގޮތުން އަރާއިން އަންހެނަކު ފާޙިޝްކަމަކަށް ގޮވައިލުމުން އިންކާރު ކުރާ މީހާއަށް ޤިޔާމަތް ދުވަހުގައި، ޢަރުޝިގެ ހިޔާވަހިކަން ލިބޭނެކަމަށް ޙަދީޘްގައި ވާރިދުވެގެން އައިސްފައިވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ.

"سَبْعَةٌ يُظِلُّهُمُ اللهُ في ظِلِّهِ يَوْمَ لاَ ظِلَّ إلاَّ ظِلُّهُ : إمَامٌ عَادِلٌ ، وَشَابٌّ نَشَأ في عِبَادَةِ الله – عز وجل – ، وَرَجُلٌ قَلْبُهُ مُعَلَّقٌ بِالمَسَاجِدِ ، وَرَجُلاَنِ تَحَابّا في اللهِ اجْتَمَعَا عَلَيهِ وتَفَرَّقَا عَلَيهِ ، وَرَجُلٌ دَعَتْهُ امْرَأةٌ ذَاتُ حُسْنٍ وَجَمَالٍ ، فَقَالَ : إنِّي أخَافُ الله ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ ، فَأخْفَاهَا حَتَّى لاَ تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ ، وَرَجُلٌ ذَكَرَ الله خَالِياً فَفَاضَتْ عَيْنَاهُ" { مُتَّفَقٌ عَلَيهِ}

މާނައީ: [ޤިޔާމަތްދުވަހުގައި އަރަހުށި މާތް ހަތް ބާވަތެއްގެ ބަޔަކަށް އެއިލާހުގެ ހިޔާވަހިކަން ދެއްވާނެއެވެ. އެއީ އެއިލާހުގެ ހިޔާވަހިކަން ފިޔަވާ އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާނެ ދުވަހެވެ. އެބައިމީހުންނަކީ، ޢަދުލުވެރި ވެރިޔާއާއި މާތް އަށް އަޅުކަމުގެމަތީ ބޮޑުވި ޒުވާނާއާއި، އެމީހެއްގެ ހިތް މިސްކިތާ ގުޅިފައިވާ މީހާއާއި، މާތް އަށްޓަކައި ލޯބިވެ އެކަމުގެމަތީ ޖަމާވެ އެކަމުގެމަތީ ވަކިވެދާ ދެމީހުންނާއި، ރީތިކަމާއި ޙަސަބާއި ނަސަބުގެ ގޮތުން އަރާއިން އަންހެނަކު (ނުބައިކަމަކަށް) ގޮވާލާހިނދު، ތިމަން އަށް ބިރުވެތިވަމޭ ބުނެ އެކަމުން ދުރުވެގަންނަ މީހާއާއި، އެކަނިހުރެ މާތް ހަނދުމަކުރުމުން ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ.]

ޔޫސުފުގެފާނު ޖަލުގައި ދުވަސްތައް ހޭދަކުރައްވަމުން ގެންދަވަނިކޮށް އެއްފަހަރަކު މިޞްރުގެ ރަސްގެފާނަށް ހުވަފެންފުޅެއް ފެނިވަޑައިގަތެވެ. އޭނާއަށް ފެނުނީ ހިކިހަތް ގެރި އައިސް ފަލަ ހަތްގެރި ކަނިކޮށެވެ. މިހުވަފެންފުޅު ފެނިވަޑައިގަތުމުން ރަސްގެފާނު ވަރަށް ޢަޖާއިބު ވެއްޖެއެވެ. އޭގެ ތަޢުބީރާމެދު އެކަމުގެ މާހިރުންނާ ސުވާލު ކުރުމުން އެބައިމީހުންގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިވަޑައެއް ނުގެންނެވިއެވެ. އެބައިމީހުން ބުނިހާވެސް ބަހަކީ އެއީ ހުސް ހާސަރުތަކެއް ކަމަށެވެ. އޭގެ އެއްވެސް މާނައެއް ނެތްކަމަށެވެ.  މިވާހަކަތައް ޔޫސުފު ސޫރަތުގެ 43 އަދި 44 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ.

وَقَالَ الْمَلِكُ إِنِّي أَرَىٰ سَبْعَ بَقَرَاتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعَ سُنبُلَاتٍ خُضْرٍ وَأُخَرَ يَابِسَاتٍ ۖ يَا أَيُّهَا الْمَلَأُ أَفْتُونِي فِي رُؤْيَايَ إِن كُنتُمْ لِلرُّؤْيَا تَعْبُرُونَ ﴿٤٣﴾ قَالُوا أَضْغَاثُ أَحْلَامٍ ۖ وَمَا نَحْنُ بِتَأْوِيلِ الْأَحْلَامِ بِعَالِمِينَ ﴿٤٤

މާނައީ: "ރަސްގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއަށް (ހުވަފެނުގައި) ފަލަ ހަތް ގެރި ފެނެއެވެ. (ފެންނަނީ) ހިކި ހަތް ގެރި، އެ ގެރިތައް ކަނިކޮންނެވެ. އަދި ރޯ ހަތް ކުރާއާއި، ހިކި ހަތް ކުރާ ފެނެއެވެ. އޭ ބޮޑުންނޭވެ! ތިޔަބައިމީހުން ހުވަފެނުގެ މާނަ ކިޔައިދޭ ބަޔަކު ކަމުގައިވާނަމަ، އަހުރެންގެ މި ހުވަފެނާ މެދުގައި، އަހުރެންނަށް އޮޅުންފިލުވައިދޭށެވެ! އެއުރެން ދެންނެވޫއެވެ. (ތިޔައީ) ހުވަފެނުގެ ހާސަރެކެވެ. އަދި (އެކަހަލަ) ހުވަފެން މާނަކުރަން ދަންނަ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ."

ހުވަފެން ތަޢުބީރު ކުރާމީހުންގެ ޖަވާބާމެދު ރަސްގެފާނު ހިތްޕުޅު ހަމަޖެހިވަޑައިނުގެން އުޅުއްވާތަން، ރަސްގެފާނަށް ރާފޮދު އަރުވާ މީހާއަށް، އެނގުމުން އޭނާ އަށް ކުއްލިއަކަށް يوسف عليه السّلام، ގެ މަތިން ހަނދުމަވިއެވެ. އަދި އެބައިމީހުންނާ ދިމާއަށް އޭނާ ބުންޏެވެ.

[އެ ހުވަފެނުގެ މާނަ ތިޔަބައިމީހުންނަށް ތިމަން ކިޔައިދީފާހުށީމެވެ. ފަހެ، ތިޔަބައިމީހުން (يوسف ގެފާނުގެ އަރިހަށް) ތިމަން ފޮނުވާށެވެ!] {ޔޫސުފު 45}

ދެން އޭނާ يوسف عليه السّلام، ގެ އަރިހަށްގޮސް އެކަލޭގެފާނަށް ރަސްގެފާނަށް ފެނިވަޑައިގެން ހުވަފެނުގެ ތަފުޞީލު ބަޔާންކޮށް ދެއްވިއެވެ. އޭނާ ދެންނެވިއެވެ.

[(އޭނާ ދެންނެވިއެވެ.) އޭ يوسف ގެފާނެވެ! އޭ ތެދުވެރިޔާއެވެ! ހިކި ހަތް ގެރި (ވެގެން) ކާ، ފަލަ ހަތް ގެރިއާއި، ރޯ ހަތް ކުރާއާއި، ހިކި ހަތް ކުރާއާމެދު (އެބަހީ: އެ ހުވަފެނާމެދު) އަހުރެމެންނަށް އޮޅުންފިލުއްވައި ދެއްވާށެވެ! (އެއީ) ތިމަން އެއުރެން ގާތަށް އެނބުރިގޮސް ކިޔައިދިނުމަށްޓަކައެވެ. (އެއީ) އެއުރެންނަށް (އެކަން) އެނގުމަށްޓަކައެވެ.] {ޔޫސުފު 47}

يوسف عليه السّلام، މިހުވަފެނުގެ ވާހަކަ އަޑު އައްސަވައި ނުހަނު އަވަސް ފުރުޞަތެއްގައި، އެ ހުވަފެނުގެ ތަޢުބީރު ބަޔާންކޮށް ދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

[ވިދިވިދިގެން ހަތް އަހަރުވަންދެން ތިޔަބައިމީހުން ގޮވާންކުރާ ހުށިކަމެވެ! އަދި ތިޔަބައިމީހުން ކަނޑާ ގޮވާމެއް، ކުރާގަނޑުގައި ބަހައްޓާށެވެ! ކެއުމަށް ބޭނުންކުރާ މަދު އެތިކޮޅެއް މެނުވީއެވެ. ދެން އެއަށްފަހު، ތަދުމަޑު ހަތް އަހަރު އަންނާނެތެވެ. ތިޔަބައިމީހުން ރައްކާކުރި ތަކެތިން މަދުއެތިކޮޅެއް މެނުވީ، އެ އަހަރުތަކަށް ބަހައްޓާފައިހުރި ތަކެތި ތިޔަބައިމީހުން ކައިހުސްކުރާނޫއެވެ. ދެން އެއަށްފަހު، މީސްތަކުންނަށް ވާރޭފެން ގިނައިން ލިބޭނޭ އަހަރެއް އަންނާނެތެވެ. އަދި އެ އަހަރުގައި އެއުރެން (ދިޔަފެލާ ތަކެތިން) ދިޔަފެލާނެތެވެ.] {ޔޫސުފު 48 އަދި 49}

ދެން، ރަސްގެފާނަށް ރާފޮދު އަރުވާ މީހާގޮސް ރަސްގެފާނުގެ ދަރުބާރުގައި يوسف عليه السّلام، ހުވަފެން ތަޢުބީރުކޮށް ދެއްވި ގޮތްދެންނެވިއެވެ. ދެން ރަސްގެފާނު ވަގުތުން މީހަކަށް އަމުރުކުރެއްވީ يوسف عليه السّلام، އޭނާގެ އަރިހަށް ޖަލުން މިނިވަންކޮށްގެން ގެނައުމަށެވެ. ނަމަވެސް يوسف عليه السّلام، ރަސްގެފާނު ފޮނުވި މީހާއަށް ދެންނެވީ އެކަލޭގެފާނު ޖަލުން ނުކުމެވަޑައިވަޑައިގަންވާނީ އެކަލޭގެފާނުގެ އެއްވެސް ކުށެއްނެތި ޖަލަށް ލެވުނު މައްސަލަ ބަލައި ތަޙްޤީޤު ކުރުމުން ކަމުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

[ތިބާގެ ސާހިބުމީހާގެ ގާތަށް ތިބާ އެނބުރި ހިނގައިދާށެވެ! ފަހެ، އެއުރެންގެ އަތްތައް ކޮށައިލި އަންހެނުންތަކަށް ވީގޮތަކާމެދު، އޭނާއާ ސުވާލުކޮށްބަލާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މަކަރުވެރިކަން މޮޅަށް ދެނެވޮޑިގެންވެތެވެ.] {ޔޫސުފު 50}

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ޙަދީޘްފުޅު ކުރައްވައިފައިވެއެވެ.

[ لَوْ لَبِثْتُ فِي السِّجْنِ مَا لَبِثَ يُوسُفُ، ثُمَّ أَتَانِي الدَّاعِي لأَجَبْتُهُ ]‏‏ {صحيح البخاري، كتاب التعبير، ޙަދީޘް ނަންބަރު 6992}

މާނައީ: [ ޔޫސުފުގެފާނު ޖަލުގައި، ހޭދަކުރެއްވި މުއްދަތުގައި ތިމަންކަލޭގެފާނު ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވިނަމަ، ޖަލުން ނިކުންނެވުމަށް އެންގެވުމަށް އައި މީހާ އައުމާއެކު ތިމަންކަލޭގެފާނު އޭނާއަށް އިޖާބަ ދެއްވައި ޖަލުން ނިކުންނެވީމުހެވެ.]

ރަސްގެފާނު ވަގުތުން އެމައްސަލައިގެ ތަޙްޤީޤު ފެއްޓެވިއެވެ. އަދި މިޞްރުގެ އަންހެން ބޭކަނބަލުންނާއި ޢަޒީޒުގެ އަނބިކަނބަލުން ގެންނަވައި ޔޫސުފުގެފާނުގެ އިސްތަށިފުޅުގައި އެޅުވިގެންދިޔަ ދޮގު ތުހުމަތުތަކާ ބެހޭ ގޮތުން ސުވާލު ކުރެއްވިއެވެ.

[ތިޔަކަނބަލުން يوسف ގެފާނުގެ ކިބައިން ނުބައިކަމަކަށް އެދުނުހިނދު، ކަންވީގޮތަކީ ކޮބައިހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. حاش للَّه އެވެ! (اللَّه ގެ ހުސްطاهر ވަންތަކަމާއެވެ!) އެކަލޭގެފާނުގެ ކިބައިގައި އެއްވެސް ނުބައިކަމެއްވާ ކަމަކަށް ތިމަންމެން ދެނެއެއްނެތީމުއެވެ. العزيز ގެ އަންހެނުން ބުންޏެވެ. މިހާރު حق ތެދު ފާޅުވެއްޖެއެވެ. އެކަލޭގެފާނުގެ ކިބައިން ނުބައިކަމަކަށް އެދުނީ، ތިމަންނާއެވެ. އަދި ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތެދުވެރިންގެ ތެރެއިންނެވެ.] {ޔޫސުފު 51}

يوسف عليه السّلام، ގެ އެއްވެސް ކުށެއް ނެތްކަން ރަސްގެފާނަށް އެނގިވަޑައިގެން އަދި އެންމެހާ މީސްތަކުންގެ ދޫތަކުން އެކަލޭގެފާނުގެ އިއްފަތްތެރިކަމާއި ތެދުވެރިކަން ޘާބިތުވުމުން، ރަސްގެފާނުގެ ހިތްޕުޅުގައި، އެކަލޭގެފާނަށްޓަކައި ވަރަށް ޚާއްޞަ މަޤާމެއް ދެވިއްޖެއެވެ. ރަސްގެފާނުގެ ޚިދުމަތައްޓަކައި ޔޫސުފުގެފާނު ޚާއްޞަ ކުރެއްވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް