އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަހުދިހައަކީ ތަޤްވާވެރިންނަށް އޮތް ހެޔޮކަމުގެ ބާޒާރެއް! އެންމެ މަތިވެރި ނަޞީބު ހޯދެން އޮތް އެންމެ ފަހި ފުރުޞަތު!

ފަހުދިހައަކީ ތަޤްވާވެރިންނަށް އޮތް ހެޔޮކަމުގެ ބާޒާރެއް! އެންމެ މަތިވެރި ނަޞީބު ހޯދެން އޮތް އެންމެ ފަހި ފުރުޞަތު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 12 މިނެޓް, 18 ސިކުންތު

لحمد لله، والصلاة والسلام على رسول الله.

މިއީ ރަމަޟާންމަހުގެ ފަހު ދިހަޔަކާއި ލައިލަތުލް ޤަދްރިއާ ގުޅޭ ބައެއް ފައިދާތަކުގެ ޚުލާޞާއެކެވެ. މީގެ ފައިދާ މިންވަރުކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދަންނަވަމެވެ.  

1- ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ މަޤްލޫޤުތަކުންގެ ތެރެއިން ބައެއް މަޚްލޫޤުން އަނެއްބައި މަޚްލޫޤުންގެ މައްޗަށް މާތްކުރެއްވިއެވެ. އަދި އެއްބައެއްގެ ދަރަޖަ އަނެއް ބައެއްގެ މައްޗަށް އުފުއްލެވިއެވެ. ބައެއް ދުވަސްތަކާއި މައްސަރުތައް އަނެއްބައި ދުވަސްތަކާއި މައްސަރުތަކުގެ މައްޗަށް މާތްކުރެއްވިއެވެ. ދުނިޔޭގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަސްތަކަކީ ޛުލް ޙިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަސްކަމުގައި ލެއްވިއެވެ. އަދި ހަފުތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަސްކަމުގައި ލެއްވިއެވެ. އަދި އެހެނިހެން މަސްތަކުގެ މައްޗަށް ރަމަޟާން މަސް މާތްކުރެއްވިއެވެ. ރޭތަކުގެ ތެރެއިން އެންމެ މާތް ރޭތަކަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައްކަމުގައި ލެއްވިއެވެ. އަދި އޭގެ ތެރެއިންވެސް އެންމެ މާތް ރެއަކީ ޤަދުރުވިލޭރޭ ކަމުގައި ލެއްވިއެވެ. އެރޭ އަޅުކަންކުރުމުގެ މާތްކަން އެއްހާސް އަހަރު އަޅުކަންކުރުމަށްވުރެ އިތުރު ކުރެއްވިއެވެ. 

2- ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ފަހު ދިހައެއްގައި އަޅުކަންކުރެއްވުމުގައި ގަދައަޅައި މަސައްކަތް ކުރެއްވިއެވެ. ލައިލަތުލް ޤަދްރި ލިބިގަތުމަށްޓަކައެވެ. އެރޭގެ މާތްކަން ހޯދުމަށްޓަކައެވެ. އުންމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވާ ފަދައިންނެވެ.  

عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: (( كَانَ رَسُولُ اللهِ صَلَى اللهُ عَلَيْه وَسَلَّمَ يَجْتَهِدُ فِي الْعَشْرِ اَلْأَواخِرِ مَا لَا يَجْتَهِدُ فِي غَيْرِهِ )) [رواه ومسلم 1175]

މާނައީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެހެނިހެން ދުވަސްތަކުގައި އަޅުކަންކުރެއްވުމުގައި ގަދައަޅައި މަސައްކަތް ނުކުރައްވާ ވަރަށް ރަމަޟާންމަހުގެ ފަހު ދިހައެއްގައި އަޅުކަންކުރެއްވުމުގައި ގަދައަޅައި މަސައްކަތްކުރައްވައެވެ." 

އަދިވެސް އެކަމަނާގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ.

(( كَانَ رَسُولُ اللهِ صَلَى اللهُ عَلَيْه وَسَلَّمَ إِذَا دَخَلَ اَلْعَشْرُ شَدَّ مِئْزَرَهُ، وَأَحْيَا لَيْلَهُ، وَأَيْقَظَ أَهْلَهُ )) و في رواية لـمسلم ((وَجَدَّ وَشَدَّ الْـمِئْزَرَ))  [رواه البخاري 2024 ومسلم 1174]

މާނައީ: "ފަހުދިހައެއްގެ (އެބަހީ: ރަމަޟާން މަހުގެ ފަހުދިހައެއްގެ) ދުވަސްތައް އަތުވެއްޖެ ކަމުގައިވާނަމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ކަމަރު ބާރުކޮށްލައްވާ ކަމުގައި ވެއެވެ. (އެބަހީ: އަޅުކަމުގައި އިތުރަށް ހީވާގިވެ ވަޑައިގަންނަވައެވެ). އަދި ރޭތައް (އަޅުކަން ކުރައްވާ) އިޙުޔާ ކުރައްވާ ކަމުގައި ވެއެވެ. އަދި ޢާއިލާގެ ބޭފުޅުން (ރޭއަޅުކަމަށް) ހޭލައްވާކަމުގައި ވިއެވެ." 

މުސްލިމްގެ ރިވާޔަތުގައި ވެއެވެ.

"އެކަލޭގެފާނު ގަދައަޅައި މަސައްކަތް ކުރައްވައެވެ. އަދި ކަމަރު ބާރުކޮށްލައްވައެވެ." (އެބަހީ: އަޅުކަމުގައި އިތުރަށް ހީވާގިވެވަޑައިގަންނަވައެވެ.)

ކަމަރު ބާރުކޮށްލެވުމުގެ މާނައަކީ އަޅުކަމުގައި ހީވާގިވެވަޑައިގަތުމެވެ. އެއީ އެކަލޭގެފާނު ފަހު ދިހައެއް ފިޔަވައި އެހެނިހެން ދުވަސްތަކުގައި އަޅުކަމުގައި ނޫޅުއްވާ ވަރަށް އަޅުކަމުގައި އުޅުއްވުމެވެ. ކަމަރު ބާރުކޮށްލެއްވުމުގެ މާނައަކީ އަނބިކަނބަލުންނާ އެކަހެރިވެވަޑައިގެން އަޅުކަން ކުރެއްވުމައިގެން މަޝްޣޫލުވެވަޑައިގަތުން ކަމުގައިވެސް ބުނެވެއެވެ. 

3- ރަމަޟާންމަހުގެ ފަހު ދިހަޔަކީ، މަތިވެރިވެގެންވާ ބާޒާރެކެވެ. ޞާލިޙު ތަޤްވާވެރިން އެއިން ލިބިގަތުމަށްޓަކައި އެއްބަޔަކު އަނެއްބަޔަކާ ވާދަކުރެއެވެ. އަޅުވެރީން އެކަމުގައި ގަދައަޅައި މަސައްކަތްކުރެތެވެ. ގިނަ އަޅުކަންތައް ކޮށްގެން ﷲ ތަޢާލާއާ އެބައިމީހުން ކުށްތަންވެއެވެ. ހެޔޮ ޢަމަލުތަކުން ރަމަޟާން މަސް ނިންމާލުމަށް މުސްލިމް އަޅާ ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ.

ޙަދީޘްގައިވަނީ: 

((الأَعْمَـالُ بِـخَوَاتِـيـمِهَا)) [رواه البخاري 6493 ومسلم 112]

މާނައީ: "ޢަމަލުތައް އޭގެ ނިމުމުގެ މައްޗަށް މެނުވީ ބިނާވެގެން ނުވެއެވެ.” އަސް ރޭސް ޖަހާއިރު ރޭސް ނިމެން ކައިރިވީ ވަރަކަށް އޭގެ ގައިގައި ހުރި ހުރިހާ ބާރެއް ލައެވެ." 

މިދުވަސްވަރުގައި އަދި މި ރޭތަކުގައި، މުސްލިމަކު ނަމާދު ކުރުމުގައި ޤާއިމްވެގެން ހުއްޓައި، ކީރިތި ޤުރްއާން ކިޔެވުމުގައި ވަނިކޮށް، ނުވަތަ ޛިކްރު ކުރުމުގައި ވަނިކޮށް، އޭނާގެ ރައްބަށް ދުޢާކުރަނިކޮށް، ﷲ އަށް ތައުބާވެ މަޑުމޮޅިވެގެންވާ ޙާލު، އޭނާއަށް ވުރެ މިކަންކަމުގައި އެކަކުވެސް ކުރިއަރައި ދިޔުމަށް ނޭދޭ ޙާލުގައި ވަނިކޮށް، މެނުވީ ނުފެންނާނެއެވެ. 

އަބޫ އުޘްމާނު އައްނަހްދީ ވިދާޅުވިއެވެ. 

"އެބޭކަލުން ތިން ދިހައެއް މަތިވެރިކުރައްވާކަމުގައިވެއެވެ. އެއީ ރަމަޟާންމަހުގެ ފަހު ދިހައަކާއި ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހައަކާއި މުޙައްރަމް މަހުގެ ފުރަތަމަ ދިހައެކެވެ."

(ބައްލަވާ: ލަޠާއިފުލް މަޢާރިފް، އިބްނު ރަޖަބް ޞ 35). 

4- ފަހު ދިހައެއްގެ މަތިވެރިކަމުގައި އަދި އެ ދުވަސްތަކުގައި ހެޔޮ ޢަމަލުކުރުމުގައި ދުވާލާއި ރޭގަނޑު ޢާއްމުވެގެންވެއެވެ. އެކަމަކު ދުވަސްތަކަށްވުރެ ރޭތައް މާތްވެގެންވެއެވެ. އެއީ އެ ރޭތަކުގެ ތެރޭގައި ލައިލަތުލް ޤަދްރި ހިމެނިގެންވާކަމަށްޓަކައެވެ. 

=ނުނިމޭ = 

=އައްޝައިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދު ލިޔުއްވާފައިވާ 38 فائدة في العشر الأواخر وليلة القدر  (ފަހު ދިހަޔަކާއި ލައިލަތުލް ޤަދްރީގެ 38 ފައިދާ 1) ގެ ތަރުޖަމާ= 

- ޝައިޚް މުޙައްމަދު ޝާފިޢު ގެ ލިޔުއްވުމަކުން

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް