އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިލަންދޫގައި 1800 މީޓަރުގެ ރަންވޭއަކާއެކު ޖެޓް ޖެއްސޭ ވަރުގެ އެއަރޕޯޓެއް ގާއިމު ކުރާނަން: ރައީސް ޑރ. މުއިއްޒު

ނިލަންދޫގައި 1800 މީޓަރުގެ ރަންވޭއަކާއެކު ޖެޓް ޖެއްސޭ ވަރުގެ އެއަރޕޯޓެއް ގާއިމު ކުރާނަން: ރައީސް ޑރ. މުއިއްޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު

ފ. ނިލަންދޫގައި ޖެޓް ޖެއްސޭ ވަރުގެ އެއަރޕޯޓެއް ގާއިމު ކުރައްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ތަރައްގީގެ މާސްޓާ ޕްލޭންގައި ހަތް އާބަން ސެންޓަރެއް ގާއިމް ކުރާއިރު އެއް އާބަން ސެންޓަރަކީ ފ. ނިލަންދޫ ކަމަށެވެ. އަދި އެރަށަކީ އެ އަތޮޅުގެ ރައްޔިތުން ފަހުރުވެރިވާ ވަރުގެ އާބަން ސެންޓާރަކަށް ހައްދަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ކަން ހާސިލް ކުރުމަށް އެންމެ ބޮޑަށް ބޭނުންވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާމިޔާބީ ލިބުން ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ. ރަށުގެ ހުރިހާ ރައްޔިތުން އެއްބާރުލުން ދީ އެންމެން އެކުގައި މިކަން ހަގީގަތަކަށް ހެދުމުގެ މަސައްކަތުގައި ނިކުތުމަށް ރައީސް ގޮވާލެއްވިއެވެ.

މީގެ ކުރިން ފ. ނިލަންދޫގައި ގާއިމްކުރަން ނިންމި އެއާޕޯޓްގެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށައި ބިން ހިއްކުމުގެ މަސައްކަތް ވަނީ ފެށީފައި ކަމަށާއި މި މަސައްކަތް ބާރު ސްޕީޑުގައި ނިމޭ އިރުގައި 1800 މީޓަރުގެ ދިގު ރަންވޭއަކާ އެކު އެންމެ ފުރިހަމަ އެއާޕޯޓެއް ގާއިމް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ އެއާޕޯޓް ވެގެން ދާނީ ޖެޓް ޖެއްސޭ ވަރުގެ ފުރިހަމަ އެއާޕޯޓަކަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެރަށަށް މިއަދު ރައީސް މުއިއްޒު ވަޑައިގެން އިރު ވެހެމުން ދިޔަ ވާރޭގައި، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ ރައްޔިތުން ނިކުމެ ތިބީ ތެމި ފޯވެގެންނެވެ. ރައްޔިތުން ކިއި ހޫނު މަރުހަބާ ފާހަގަކުރައްވައި ޝުކުރު އަދާ ކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ މަގުތަކުގައި ފެން ހެދިފައިވާ މަންޒަރު ފެނިވަޑައިގެން ކަމަށެވެ. މަގު ހެދުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތަކެއް އެބަ ހުރި ކަމަށާއި އެގޮތުން އެ ރަށުގެ ނަރުދަމާގެ މައްސަލަ ހައްލު ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން އެ މައްސަލަ ހައްލު ކުރުމަށް ކޮންމެވެސް ވަރެއްގެ އެގްރިމަންޓެއް ހެދި ނަމަވެސް އެ މައްސަލަ އަދިވެސް އޮތީ ހައްލު ނުވެ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ވައުދުފުޅުވީ ކަންކަން ފުއްދެވުމަށް ކަމަށާއި އެ ރަށުގައި ބައެއް މަޝްރޫއުތައް ހުއްޓިފައި ހުރި ފަދައިން އެހެން ރަށްރަށުގައި ހުއްޓިފައި ހުރި އެތައް މަޝްރޫއެއް ހުރި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން ހުއްޓިފައި ހުރި އެތައް މަޝްރޫއެއް މިހާރު ފައިސާ ދައްކަން ޖެހޭ ފަރާތްތަކަށް ފައިސާ ދީގެން، އަދި މަޝްރޫއުތައް ކުރިއަށް ނުދާ މައްސަލަތައް ހައްލުކޮށް އެތައް ކަމެއް ފަށައިގެން ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ. މީގެ ކުރިން ހުޅުމާލޭގެ ހިޔާ ސަރަހައްދުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ހުއްޓިފައި ހުރި މަޝްރޫއުތަކުގެ ތަފްސީލާއި، ކުރިއަށް ގޮސް ނިމިފައިވާ މަޝްރޫއުތަކުގެ ތަފްސީލް މުއިއްޒު ވަނީ ހާމަ ކުރައްވާފައެވެ.

ނިލަންދޫގެ ނަރުދަމާގެ މަސައްކަތް ހައްލު ކުރުމަށްފަހު އެ ރަށުގެ މަގުހެދުމުގެ މަޝްރޫއު ކުރިއަށް ދާނެ ކަމަށާއި އެ ރަށުގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ގޮތުން އިމާރާތް ގާއިމް ކުރުމާއި ހިދުމަތާއި ވަސީލަތްތައް އިތުރު ކުރުން ފަދަ ކަންކަން ކުރަން ޖެހިއްޖެ ނަމަ އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު