އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރަނބޫދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް އެދެވޭ ހައްލު ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނަން: ރައީސް

ދަރަނބޫދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް އެދެވޭ ހައްލު ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނަން: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ދަރަނބޫދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް އެދެވޭ ހައްލު ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ނިލަންދެ އަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ދަރަނބޫދޫ ކައުންސިލު އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި އެންމެ މުހިންމުކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއްވީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމެވެ. މީގެ އިތުރުން ރަށުން ދޫކޮށްފައި ހުރި ގޯތިތަކުގައި ގެދޮރުއެޅުމަށް ލުއިލޯނުފަދަ ލުއިފަސޭހަގޮތެއް ހޯދައިދިނުމަށް އެދުމާއި، ސްކޫލުގެ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް އަވަހަށް ނިންމަން ބޭނުންވާކަމަށާއި، މަގުތައް ހެދުމާއި، ޞިއްޙީ ދާއިރާއިން ބޭނުންވާކަންކަމާއި، ފުޓްބޯޅަދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ވޮލީ ކޯޓެއްގެ އިތުރުން ޕާކެއް ތަރައްޤީކުރަން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

އ.ތ.މ ކޮމިޓީން ވަނީ ބަޖެޓުގެ ދަތިކަމާއި އެކޮމިޓީގެ މަސައްކަތްތައް ހިންގުމަށް ލިބިފައިވާ އިމާރާތެއް ބޭނުން ހިފޭގޮތަށް ހެދުމަށް އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޒުވާނުންގެ މަރުކަޒާއި ވޮލީކޯޓާއި އަދި ފުޓްބޯޅަ ދަނޑުގެ މަސައްކަތަކީވެސް ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަންތައްތައްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް އެދެވޭ ހައްލުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު