އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

لا إله إلا الله އަކީ ހަމައެކަނި ދުލުން ކިޔައިގެން ފުއްދައިލެވެން އޮތް ކަލިމައެއް ނޫން: ޝައިޚް ޝަފީޢު ޢަބްދުﷲ

لا إله إلا الله އަކީ ހަމައެކަނި ދުލުން ކިޔައިގެން ފުއްދައިލެވެން އޮތް ކަލިމައެއް ނޫން: ޝައިޚް ޝަފީޢު ޢަބްދުﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 34 ސިކުންތު

އިސްލާމީ ޢަޤީދާ އުނގެނުމަކީ، ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އިސްލާމީ ޢަޤީދާގެ ޙަޤީޤަތާއި، އެ ޢަޤީދާގެ މަޤްޞަދާއި، އެ ޢަޤީދާގައި ހިމެނޭ އަސްލުތަކާއި އުސޫލުތައް ދަނެގަންނާން ޖެހޭނެއެވެ. ހަމަ އެއާ އެކު، އިސްލާމީ ޢަޤީދާއާ ފުށުއަރާ ކަންކަމާއި، މި ޢަޤީދާ ނަފީކުރާ  ހުރިހައި ކަމަކާއި، ބާޠިލު ގޮތްތަކަކީ ކޮބައިކަން ވެސް އެނގުން ލާޒިމެވެ. އަދި ޝިރުކުގެ ވައްތަރުތަކަކީ ކޮބައިކަމާއި، ކުދި ޝިރުކާއި ބޮޑު ޝިރުކަކީ ކޮބައިކަން ވެސް ދަނެގަތުން ލާޒިމުވެގެންވެއެވެ. 

މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. (( فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ )) (محمد:19) މާނައީ: "ފަހެ، اللَّه މެނުވީ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ!" މި އާޔަތުން ދަލީލު ނަންގަވައިގެން އިމާމު ބުޚާރީ (رحمه الله) ވަނީ އެކަލޭގެފާނުގެ ފޮތުގައި (ޞަޙީޙް ބުޚާރީގައި) ބާބެއް އެކުލަވައިލައްވައިފައެވެ. އެ ބާބުގެ ނަމަކީ، باب العلم قبل القول والعمل މިހެންނެވެ. މާނައީ، ބަސް ބުނުމާއި ޢަމަލުކުރުމުގެ ކުރިން ޢިލްމު (ހޯދުމުގެ މުހިންމުކަމާ ބެހޭ) ބާބު، މިއެވެ. 

ހުރިހައި ޒަމާނެއްގައި ވެސް އިސްލާމީ އުންމަތުގެ ދަންނަބޭކަލުން ވަނީ ޢަޤީދާގެ އަޙްކާމުތަކާއި ޢަޤީދާގެ ޢިލްމު މީސްތަކުންނަށް ބަޔާންކޮށްދެއްވުމުގައި އިތުރު ހިއްމަތާއި މިންނަތް ކުރައްވައިފައެވެ. ވުމާއެކު، ޢަޤީދާގެ ޢިލްމަކީ އެންމެ ފުރަތަމަ އުނގެނެންޖެހޭ ޢިލްމަށް ވަނީ ވެފައެވެ. އެ ބޭކަލުން ވަނީ މި ރޮނގުން ބޮޑެތިބޮޑެތި ފޮތްތައް އެކުލަވައިލައްވައިފައެވެ. ޚާއްޞަކޮށް، ޢަޤީދާގެ އަޙްކާމުތަކާއި އެކަމުގެ ވާޖިބުތަކުގެ މައްޗަށް އިތުރަށް ލިޔުއްވައި އުންމަތަށް ތަފުސީލުކޮށްދެއްވައިފައިވެއެވެ. އަދި މި ޢަޤީދާ ފާސިދުކުރާ ޝިރުކިއްޔާތާއި ޚުރާފާތާއި ބިދުޢަތަކުގެ ވާހަކަ ބަޔާންކޮށްދެއްވައިފައިވެއެވެ. 

އެހެންކަމުން، މިއިން ދޭހަކޮށްދެނީ، لا إله إلا الله އަކީ ހަމައެކަނި ދުލުން ކިޔައިގެން ފުއްދައިލެވެން އޮތް ކަލިމައެއް ނޫން ކަމެވެ. މި ކަލިމައިގައި ވަރަށް ފުން މާނައެއް ވާކަމާއި، މި ކަލިމައިގެ މައްޗަށް ޙުކުމްތަކަކާއި ވާޖިބާތުތަކެއް އެކުލެވިގެންވާކަން މިކަމުން ސާބިތުކޮށްދެއެވެ. މި ޙުކުމްތަކަށް ބޭރުފުށުންނާއި އެތެރެފުށުން ޢަމަލުކުރަން ޖެހޭނެއެވެ. އަދި މި ކަލިމައާ ފުށުއަރާ ހުރިހައި ކަމަކުން ދުރުވާން ޖެހޭނެއެވެ. މިކަންކަން، އުނގެނިގެން ނޫނީ ޞައްޙަ ޢަޤީދާއަކީ ކޮބައިކަން ސާފުވެ ބަޔާނެއް ނުވާނެއެވެ 

ވުމާއެކު، މަދަރުސީ ހުރިހައި މަރުޙަލާއެއްގައި ވެސް މި ޢަޤީދާ ކިޔަވައިދޭން ޖެހޭނެއެވެ. ބައިބަޔަށް ބަހައިގެންނެވެ. އެ މަރުޙަލާއަކާ ގުޅޭގޮތަކަށެވެ. އަދި މި ޢިލްމު އުނގަންނައިދޭން މަދުނުވާ ވަރަށް މުދައްރިސުން ހަމަޖައްސަން ޖެހޭނެއެވެ. މުދައްރިސުން އެ ވަރަށް ނެތިއްޔާ، ދައުލަތުގެ ޚަރަދުގައި މި ޢިލްމު ކިޔަވައިދޭން، ފެންވަރު ރަނގަޅު މަތީ ތަޢުލީމު ދޭ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން މުދައްރިސުން ތަމްރީނު ކުރައްވަން ޖެހޭނެއެވެ. ހިތާމައަކީ، މިއަދުގެ ޙާލަތުގެ އޮތީ މިއާ މުޅިން އިދިކޮޅަށެވެ. ޢަޤީދާގެ ޢިލްމަށް ނުވަތަ އިސްލާމީ ތަޢުލީމަށް އަހައްމިއްޔަތުކަމެއް އެއްވެސް މަދަރުސާއަކުން ދޭ ތަނެއް ފެނިގެން ނުދެއެވެ. އެކަމާބެހޭ ވުޒާރާއިން ވެސް އެކަމަކީ ކުރަން ނުޖެހޭ ފަދަ ކަމެއްކަމުގައި ދޭހަވާ ގޮތަށް ކަންތައްތައް ދަނީ ކުރަމުންނެވެ. ނަމަވެސް، މި އުސޫލުތައް ބަދަލުކުރާން އެބަ ޖެހެއެވެ. އިސްލާމީ ޢަޤީދާގެ މައްޗަށް ތަރުބިއްޔަތުވާ، ޚުރާފާތާއި ޝިރުކިއްޔާތާއި ބިދުޢަތަކުން ސަލާމަތްވެގެންވާ ޖީލެއް ބިނާ ކުރެވޭނީ އޭރުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް