އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިރުގަންނަންވީ ރާއްޖެ އަޑިއަށް ހިނގައިދާނެތީއެއް ނޫން! އިސްލާމް ދީނުގެ ޢަދާވާތްތެރިން ރާއްޖެއަށް ގަދަވެގަނެފާނެތީ!

ބިރުގަންނަންވީ ރާއްޖެ އަޑިއަށް ހިނގައިދާނެތީއެއް ނޫން! އިސްލާމް ދީނުގެ ޢަދާވާތްތެރިން ރާއްޖެއަށް ގަދަވެގަނެފާނެތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 11 މިނެޓް, 38 ސިކުންތު

ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރެވެން އޮތީ ސަރުކާރުގެ އިތުރުން ރައްޔިތުން އެކަމަށް ބާރުއަޅައިގެންނެވެ. އެއްބައިވަންތަވެ އެއްބާރުލުންދީގެންނެވެ. އެކަމަށް ބޭނުންވެގެންނެވެ. އެކަމަށް ބޭނުންވާކަމަށް ހަމައެކަނި ބުނެލުމަކުން ނުފުދޭނެއެވެ. އެކަން ޢަމަލުން ދައްކަން އެބަޖެހެއެވެ. ޢަމަލުން ދެއްކި ކަމަށްވާނީ ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ވާޖިބް އަދާކޮށްގެންނެވެ. 

އިސްލާމްދީނުގެ މަތިވެރި ނޫރުން ޢިއްޒަތާއި ޤަދަރާއި ޝަރަފާއި މަތިވެރިކަން ލިބިގެންވާ ދިވެހިރާއްޖޭގެ ލޮބުވެތި މުސްލިމުންނޭވެ! ދިވެހިންނަށް ވީތީވެ ފަޚްރުވެރިނުވެ، މުސްލިމުންނަށްވީތީވެ ފަޚްރުވެރި ވާށެވެ. އެދީނެއްގެ އަލިކަން މުޅިދުނިޔެއަށް ފެތުރިދާނެކަމުގެ ބިރަށްޓަކައި އަޅުގަނޑުމެންނަށްވެސް ޙަސަދަވެރިވާ ޔަހޫދީންނާއި ނަޞާރާއިންނާއި ހުޅަނގުގެ ތަރައްޤީއާއި އިންސާނުންގެ ޙައްޤުތައް ހޯދުމަށްގޮވާލާ އެކަމަކު ނާތަހުޒީބުވެފައިވާ ދުޝްމަނުންގެ ދަންތުރަތަކުން ސަލާމަތްވުމަށް ތިލޮބުވެތި މުސްލިމުންގެ ލޯތަށް ހުޅުވާށެވެ. 

ދުނިޔޭގެ 2 ތަނޑީގައިވާ ގަނޑުފެންތައްވިރި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އިންޑިޔާ ކަނޑުގައި ޖަޒީރާތަކެއް ގޮތުގައި އުފެދިފައިވާ ދިވެހިރާއްޖެ، ދުނިޔޭގެ ޗާޓުން ފޮހެވިގެންދާނެކަމުގެ ބިރުވެރި ޚަބަރުން އަޅުގަނޑުމެންގެ ހިތްތައް މަޝްޢޫލުކުރުވާފައިވާއިރު، ﷲ ގެ ހެޔޮރަޙްމަތްފުޅުން އަޅުގަނޑުމެންގެ ޤައުމު އަދިވެސް މިއޮތީ ސަލާމަތްކަންމަތީގައެވެ. އެ ޙަޤީޤަތެއްނެތް ޚިޔާލީ ހުވަފެނުގައި އަޅުގަނޑުމެންގެ ހިތްތަކާއި ވިސްނުންތައް މަޝްޢޫލުކުރުވާފައިވާއިރު، އަޅުގަނޑުމެންނަށް ޢިއްޒަތް ގެނެސްދިން މަތިވެރި އިސްލާމްދީން ފުނޑުފުނޑުކޮށް، މިދީން ފޮހެލުމަށް ބަޔަކު މީހުން މަސައްކަތްކުރާކަން އަޅުގަނޑުމެންނަށް ނުވިސްނެނީހެއްޔެވެ؟ އަޅެފަހެ، ޤައުމު ކަނޑުގެ އަޑިޔަށް ދިޔުމަށްވުރެ މި ފަސްގަނޑުން އިސްލާމްދީން ފޮހެވިގެން ދިޔުމަކީ މާބޮޑު ގެއްލުމެއް ނޫންތޯއެވެ. މިނެ ވަޒަންކުރުމުގައި އަދުލުވެރިވަމާތޯއެވެ. 

ޢާފިލުކަމުގެ ނިދިން ނިދާފައިވާ ދިވެހިންނޭވެ! ހަށިގަނޑުގައި މުސްލިމެއްގެ ލޭދައުރުވަމުންދާ ދިވެހިރައްޔިތެއްގެ ޙައިސިއްޔަތުން، ތިޔަލޮބުވެތި މުސްލިމުންގެ ކިބައިން އާދޭސްމިކުރަނީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކުރުމަށް އަތުކުރި އޮޅާލުމަށެވެ. މި ޤައުމުގައި އެހެންދީނަކަށް ޖާގަ ނުދިނުމަށެވެ. އިސްލާމްދީނުގެ ނޫރުން އަޅުގަނޑުމެންނަށް ހިދާޔަތް ލިބުނުތާ ގާތްގަނޑަކަށް 900 އަހަރުވަނީއެވެ. މި މާތް ނިޢްމަތުން އަޅުގަނޑުމެން މަޙްރޫމްކޮށްލުމަށް މީގެ އެތަކެއް އަހަރުތަކެއް ކުރިންވެސް މަސައްކަތްކޮށްފައިވެއެވެ. ޕޯޗުގީޒުންނާއި މާލާބާރީންނެވެ.  

ނަމަވެސް ހިތާމާއިއެކު ބުނެލަންއޮތީ މިއަދު އަޅުގަނޑުމެންގެ ރާއްޖެއިން އިސްލާމީ ވަޙްދާނިއްޔަތު ފޮހެލުމަށް މަސައްކަތް މިކުރަނީ އަޅުގަނޑުމެންގެ ތެރެއިން މުސްލިމުންކަމަށް ދަޢުވާކުރާ އެހެނަސް ހިތްތަކާއި ވިސްނުން ހުޅަނގުގެ ވައްޓަފާޅިޔަށް ގޮސްފައިވާ ދިވެހި ދަރިންތަކެކެވެ. އިސްލާމްދީނުގެ ޙުކުމްތަކަކީ މިޒަމާނަށް ނުފެތޭ ޙުކުމްތަކެއްކަމަށްބުނެ، ދީނުގައި އަންހެނުންނަށް ޙައްޤެއް ނުވާކަމަށް ދަޢުވާކޮށް، އިސްލާމްދީނަށާއި އެދީން އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވި މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަށާއި އެކަލޭގެފާނުގެ ޞަޙާބީންނަށް ފުރައްސާރަކުރަމުންދާއިރު، ރާއްޖެއިން އިސްލާމްދީން ފޮހެލުމަށް މަސައްކަތްކުރަމުންދާ މީހުން އެބައިމީހުންގެ އަމިއްލަ ނަފްސަށް މަލާމާތްކުރާށެވެ.  

އިސްލާމްދީނަކީ ފުރިހަމަ ވެގެންވާ ކޮންމެޒަމާނަކަށް އަދި ކޮންމެތަނަކަށް އެކަށީގެންވާ  އެއިލާހު ފުރިހަމަ ކުރައްވާފައިވާ ދީނެކެވެ. މި ދީނަށް އެއްވެސް އެއްޗެއް އުނިކޮށް އިތުރުކުރުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއްނޫނެވެ! އެއީ ﷲ ތަޢާލާ އަށް އެކަނި ލިބިގެންވާ ހައްޤެކެވެ. މިއީ އެއިލާހުގެ ދީނެވެ. 

ﷲތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ( الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ ) (އަލްމާއިދާ 3) މާނައީ:  މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢްމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ. “. 

މިކަން ޤަބޫލްނުކުރެވޭ މީހުންގެ  ވިސްނުމުގެ ކޮށިކަމާއެވެ. އިސްލާމްދީންނޫން އެހެންދީންތައް ފަތުރަން އެހާފޯރިޔެއް ހުރިނަމަ، މި  ލޮބުވެތި ފަސްގަނޑު ދޫކޮށް އެހެން ތަނަކަށް އެކަންކުރަން ދާންވީނޫންތޯއެވެ. އިސްލާމްދީން ނޫން އެހެންދީނެއް އިޚްތިޔާރު ކޮށްފިނަމަ ތިބާޔަށް ގެއްލުންހުރީ ހަމައެކަނި މި ދުނިޔޭގައި ނޫންކަން ހަނދާންކުރާށެވެ. އަދި ކިއެއްތަ! އާޚިރަތުގައިވެސް ތިބާޔަށް ދެމިގެންވާގޮތުގައި ވޭންދެނިވި އަޒާބުހުރިކަމުގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ! ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. 

(وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ ) (އާލް ޢިމްރާން 85 ). މާނައީ: ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން އެހެން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން)  ޤަބޫލް ނުކުރައްވާ ހުށްޓެވެ. އަދި، އާޚިރަތުގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. “ 

ލޮބުވެތި މުސްލިމުންނޭވެ! މީގެ 1400 އަހަރުކުރިން މި އުއްމަތުގެ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމް މައްކާގައި އިސްލާމްދީން ފެތުރުއްވުމަށް ކުރެއްވި މިންނެތް މަސައްކަތްޕުޅު ހަނދުމަފުޅު ނެތުނީތޯއެވެ. މައްކާގެ މުޝްރިކުންގެ އުނދަގޫތަކާއި ދުއްތުރާތަކާއި ވޭންތައް ތަޙައްމަލްކުރައްވައި މިދީން މީސްތަކުންނަށް ފޯރުކޮށްދެއްވުމަށް އެކަލޭގެފާނު ސާބިތުވެވަޑައިގެން ހުންނެވިއެވެ. 

މި ދީން ޙިމާޔަތްކުރުމަށްޓަކައި އެކަލޭގެފާނުގެ އެތަކެއް ޞަޙާބީންނެއް ޝަހީދުވެ ވަޑައިގެންނެވިއެވެ. ޚުދު އެކަލޭގެފާނުގެ ހަށިކޮޅު ޒަޙަމްވެވަޑައިގެން، ލޭފޮދު އޮހޮރިގެން ދިޔަކަން ހަނދުމަފުޅުނެތުނީތޯއެވެ؟ ނުވަތަ އެލޭފޮދުގެ އަގު އަޅުގަނޑުމެންނަށް ވަޒަންނުކުރެވެނީތޯއެވެ؟ އަޅުގަނޑުމެންގެ ރާއްޖެއިން އިސްލާމްދީން ފޮހެލުމަށް މަސައްކަތް ކުރަމުންދާއިރު އަޅުގަނޑުމެން ޢާފިލުކަމުގެ ނިދީގައި ނިދާފައި ތިބެންވީތޯއެވެ. އަޅުގަނޑުމެންނަށް ޢިއްޒަތް ގެނެސްދިން އިސްލާމްދީން ޙިމާޔަތްކުރުމަށް ނުކުންނާކަށް ނުވޭތޯއެވެ؟ ނިޢުމަތުގެ އަގު ވަޒަންކުރެވޭނީ އެނިޢުމަތް ގެއްލިގެން ދިޔައީމައެވެ. އެދުވަހުން ހިތާމަކޮށް އަޑުންއަޑުނަގައި ރޯންޖެހޭނެ ބަޔަކީވެސް ހަމަ އަޅުގަނޑުމެންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. 

(وَلِلَّـهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَـٰكِنَّ الْمُنَافِقِينَ لَا يَعْلَمُونَ)( މުނާފިޤޫން 8 ) މާނައީ: "ޢިއްޒަތް ވަނީ، ﷲ އަށެވެ. އަދި އެކަލާނގެ ރަސޫލާއަށާއި، މުއުމިނުންނަށެވެ. އެހެނެއްކަމަކު މުނާފިޤުންނަކަށް (އެކަމެއް) ނޭނގެތެވެ. " 

ރާއްޖޭގެ ލޮބުވެތި މުސްލިމުންގެ މައްޗަށް ވެރިކުރެވިފައިވާ ޢިއްޒަތްތެރި ވެރިޔާއެވެ! މަނިކުފާނު ﷲ އަށް ބިރުވެތިވެ ވަޑައިގަންނަވާށެވެ. މަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައިވާ މަސްއޫލިއްޔަތާއިމެދު ޤިޔާމަތްދުވަހު ﷲ ތަޢާލާގެ ދަރުބާރުގައި ސުވާލުކުރެއްވޭނެ ކަމާއިމެދު ބިރުވެތިވެ، އެމަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރައްވާށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.  

(كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ الْإِمَامُ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ) رواه البخاري  

މާނައީ: ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުންތެރިޔެކެވެ، އަދި ކޮންމެ މީހަކީވެސް އެމީހެއްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކާއިމެދު ސުވާލު ކުރެވޭނެ މީހެކެވެ. ވެރިމީހާ އަކީ ބެލެހެއްޓުންތެރިޔެކެވެ. އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ފަރާތްތަކާއިމެދު އޭނާއާއި ސުވާލުކުރެވޭނެއެވެ.“   

ދެން އެކަލޭގެފާނުގެ މި އަގުމާތްވި އިރުޝާދުގައިވާ ވަޢީދަށް ބިރުވެތިވެ، މަނިކުފާނުގެ ނަފްސު އިޞްލާޙު ކުރައްވާށެވެ. ރާއްޖޭގައި މިހިންގާ ލާދީނީ ޙަރަކާތްތައް މަނާކުރައްވާށެވެ. މުންކަރާތް ނަހީކުރައްވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.  (مَا مِنْ عَبْدٍ يَسْتَرْعِيهِ اللهُ رَعِيَّةً يَمُوتُ يَوْمَ يَمُوتُ وَهُوَ غَاشٌّ لِرَعِيَّتِهِ إِلَّا حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ))رواه مسلم މާނައީ: “ﷲތަޢާލާ ބަޔަކު ބެލެހެއްޓުން އަޅަކާއި ޙަވާލުކުރެއްވުމަށްފަހު، އޭނާ މަރުވާދުވަހު އެމަރުވަނީ އޭނާއާއި ބަލަހައްޓަން ޙަވާލުކުރެވުނު ބަޔެއްގެ މައްޗަށް ޙިޔާނާތްތެރިވެގެންވާ ޙާލު ކަމުގައި ވެއްޖެނަމަ ﷲ ތަޢާލާ އެމީހެއްގެ މައްޗަށް ސުވަރުގެ ޙަރާމް ކުރެއްވިއެވެ." 

އަދި ނުނިމޭ 

އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދު

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް