އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤުރްއާނުގައި ބަޔާންވެގެންވާ ކަނބަލުންގެ ތެރެއިން: ޒައިނަބު ބިންތި ޖަޙުޝް

ޤުރްއާނުގައި ބަޔާންވެގެންވާ ކަނބަލުންގެ ތެރެއިން: ޒައިނަބު ބިންތި ޖަޙުޝް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 13 މިނެޓް, 28 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަ ޢަންހާގެ ވާހަކަ ބަޔާންކުރައްވައިފައިވަނީ ޤުރްއާނުގެ އަޙްޒާބު ސޫރަތުގައެވެ. އެއީ ޒައިދުގެފާނު އެކަމަނާއާ ކާވެނި ބައްލަވައިގެން އުޅުއްވައިފައި އެކަމަނާ ވަރިކުރެއްވުމުން އަރަހުށި މާތް އެކަލާނގެ ރަސޫލާ صلّى اللّـه عليه وسلّم  އާ އެކަމަނާ ކާވެނިކޮށް ދެއްވި ވާހަކަ ބަޔާން ކުރެއްވި އާޔަތުގައެވެ. ޒައިނަބުގެފާނަކީ އެބޭކަނބަލެއްގެ ކާވެނިފުޅު ހަތްއުޑުމަތީން ކޮށްދެއްވި ބާއްޖަވެރި އަންހެން ސާހިބާއެވެ. އަޙްޒާބު ސޫރަތުގެ 37 ވަނަ އާޔަތުގައި އަރަހުށި މާތް ވަޙީ ކުރައްވައިފައިވެއެވެ. 

وَإِذْ تَقُولُ لِلَّذِي أَنْعَمَ اللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَاتَّقِ اللَّهَ وَتُخْفِي فِي نَفْسِكَ مَا اللَّهُ مُبْدِيهِ وَتَخْشَى النَّاسَ وَاللَّهُ أَحَقُّ أَن تَخْشَاهُ ۖ فَلَمَّا قَضَىٰ زَيْدٌ مِّنْهَا وَطَرًا زَوَّجْنَاكَهَا لِكَيْ لَا يَكُونَ عَلَى الْمُؤْمِنِينَ حَرَجٌ فِي أَزْوَاجِ أَدْعِيَائِهِمْ إِذَا قَضَوْا مِنْهُنَّ وَطَرًا ۚ وَكَانَ أَمْرُ اللَّهِ مَفْعُولًا ﴿٣٧﴾

މާނައީ: [اللَّه، އެމީހަކަށް (إسلامى هداية ގެ) نعمة ދެއްވައި، އަދި އެމީހެއްގެ މައްޗަށް ކަލޭގެފާނު ހެޔޮކަން ދެއްވާފައިވާ މީހާއަށް، ކަލޭގެފާނު ވިދާޅުވާހިނދު ހަނދުމަ ކުރައްވާށެވެ! ތިބާގެ އަނބިމީހާ ދޫކޮށްނުލައި، ތިބާގެ ގާތުގައި ބައިންދާށެވެ! އަދި اللَّه އަށް تقوى ވެރިވާށެވެ! އަދި اللَّه ފާޅުކުރައްވާނޭ ކަންތައް ކަލޭގެފާނުގެ ހިތްޕުޅުގައި ވަންހަނާ ކުރައްވަމުއެވެ. އަދި މީސްތަކުންދެކެ ކަލޭގެފާނު ބިރުފުޅު ގަނެތެވެ. އަދި ކަލޭގެފާނު ބިރުފުޅުގަތުން حق ކަންބޮޑީ اللَّه ދެކެއެވެ. ފަހެ، زيد، އެކަމަނާގެ ކިބައިން ބޭނުމެއް ފުއްދައިފިހިނދު (އެބަހީ: އަނތްބެއްގެ ގޮތުގައި ބޭނުންކުރުމަށްފަހު ވަރިކޮށް عدّة ހަމަވުމުން) ތިމަންރަސްކަލާނގެ، ކަލޭގެފާނާ އެކަމަނާއާ ކާވެނިކޮށްދެއްވީމެވެ. އެއީ مؤمن ންނަށް، އެއުރެން ދަރިންކަމަށް ހަދައިގެންއުޅޭ މީހުންގެ އަނބިންގެ ކިބައިން، އެއުރެންގެ ބޭނުމެއް ފުއްދައި (ވަރިކޮށް) ފިހިނދު، އެއުރެންނާ ކާވެނި ކުރުމުގައި ފާފައެއް ނެތްކަން އެންގެވުމަށްޓަކައެވެ. އަދި اللَّه ގެ އަމުރުފުޅަކީ، ހިނގަނިވި ކަމެއްކަމުގައި ވެއެވެ.]  

މިކަންތައް ހިނގި ގޮތާ ބެހޭ ގޮތުން އިބްނު ކަޘީރު ލިޔުއްވައިފައިވާ ބަޔާނުގެ ކުރު ހުލާސާއެއް މިތަނުގައި ލިޔެލާނަމެވެ. ޒައިދު ބިން ޙާރިޘް ރަޟިޔަﷲ ޢަންހުއަކީ މާތް ރަސޫލާ މިނިވަން ކުރައްވައިފައިވާ އަޅުކުއްޖެއެވެ. ހިޖުރައަށްފަހު ކީރިތި ރަސޫލާ صلّى اللّـه عليه وسلّم  ، ޒައިދުގެފާނާއި ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާއާ ކާވެނިކޮށްދެއްވިއެވެ. ޒައިނަބުގެފާނަކީ މާތް ރަސޫލާގެ ބަފައިފުށުގެ ބޮޑުދައިތާފުޅު އުމައިމާ ބިންތި ޢަބްދުލް މުއްޠަލިބު ގެ ބޭފުޅެކެވެ. މިކާވެނިފުޅުގެ ރަންކަމުގައިވާ ދިހަ ދީނާރާއި، ފަސްދޮޅަސް ދިރުހަމުވެސް ދެއްވީ މާތް ރަސޫލާ صلّى اللّـه عليه وسلّم  އަމިއްލަފުޅަށެވެ. އެއަށްފަހު އެކަމަނާއަށް ބުރުގާކޮޅަކާއި ހެދުންކޮޅެއްވެސް ހޯއްދަވައިދެއްވިއެވެ. ހަމައެހެންމެ އެދެކަނބަލުންގެ ގެކޮޅަށް ބޭނުންވާނެ ކާބޯތަކެތިވެސް ހޯއްދަވައިދެއްވީ ޚުދު ކީރިތި ރަސޫލާ صلّى اللّـه عليه وسلّم  އަމިއްލަފުޅަށެވެ. 

ނަމަވެސް ޒައިދުގެފާނާއި ޒައިނަބުގެފާނަށް ހިތްޕުޅުގެ އަޑީން މިކާވެނިފުޅު ދެމެހެއްޓޭ ގޮތެއް ނުވިއެވެ. އޭގެ ދެކަނބަލުންނަށް އެކުގައި ދިރިއުޅުއްވުނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުއެވެ. ދެބޭފުޅުންގެ ދެމެދުގައި މައްސަލަތައްޖެހި، ޒައިދުގެފާނަށް ޒައިނަބުގެފާނުގެ ޝަކުވާއާގެން މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަރިހަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ޒައިދުގެފާނަށް ޙަދީޘް ކުރެއްވިއެވެ. [މާތްﷲ އަށް ތަޤުވާވެރިވާށެވެ. އެކަމަނާ ދޫކޮށްނުލައްވައި ތިބާގެ ގާތުގައި ބައިންދާށެވެ.] {ތަފްސީރު އިބްނު ކަޘީރު، އިނގިރޭސި އެޑިޝަން، ވޮލިޔުމް 7، ޞަފްޙާ 696} 

ސައްޔިދު އަބުލް އަޢުލާ މައުދޫދީ، ތަފްހީމުލް ޤުރްއާނުގައި ލިޔުއްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ޒައިނަބުގެފާނަށް ޒައިދުގެފާނުގެ ކާވެނިފުޅު ހުށައަޅުއްވައިލެއްވުމުން އެކަމަނާ އާއި އެކަމަނާގެ އާއިލާގެ ބޭފުޅުން އެކަމާ ނުރުހުންވެވަޑައިގެންނެވިއެވެ. ޒައިނަބުގެފާނު ވިދާޅުވިއެވެ. [އަޅުގަނޑަކީ ޒައިދަށްވުރެ ނަސަބުގެ ގޮތުން އަރާއިން މީހެކެވެ.] އަދިވެސް އެކަމަނާ ވިދާޅުވެފައިވެއެވެ. [އަޅުގަނޑު އޭނާއާ ކާވެނިކުރާކަށް ބޭނުމެއް ނޫނެވެ. އަޅުގަނޑު އުފަންވީވެސް ޤުރައިޝީއެއްގެ ގޮތުގައެވެ.] 

ޒައިނަބުގެފާނުގެ އަޚް ޢަބްދުﷲ ބިން ޖަޙުޝް ރަޟިޔަﷲ ޢަންހުވެސް މި ކާވެނިފުޅާ ދެކޮޅު ހެއްދެވިއެވެ. އެހެނީ ޒައިދުގެފާނަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم  މިނިވަން ކުރައްވައިފައިވާ އަޅެކެވެ. އެއާ ޚިލާފަށް ޒައިނަބުގެފާނަކީ މާތް ރަސޫލާގެ ބަފައިފުށުގެ ބޮޑުދައިތާފުޅުގެ ދަރިކަނބަލުންނެވެ. އެހެންކަމުން ޤުރައިޝުވަންހައިގެ ޤަދަރުވެރި ދަރިކޮޅެއްގެ އަންހެން ބޭފުޅަކާއި، މާތް ރަސޫލާ މިނިވަންކުރެއްވި އަޅަކާ ކާވެނިކުރުމަށް ޒައިނަބުގެފާނުގެ އާއިލާގެ ބޭފުޅުންނަށް ނުރުހެވުނީއެވެ. ނަމަވެސް އަޙްޒާބު ސޫރަތުގެ 36 ވަނަ އާޔަތް ބާވައިލެއްވުމުން ޒައިނަބުގެފާނާއި އެކަމަނާގެ އާއިލާގެ ބޭފުޅުން އެކާވެނިފުޅާ އެއްބަސްވެއްވަޑައިގެންނެވިއެވެ. މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިކަން އަދާ ކުރެއްވުމުގެ ގޮތުންނެވެ. އެ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا ﴿٣٦﴾‏

މާނައީ: [އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ.] 

ދެން މާތް ރަސޫލާ صلّى اللّـه عليه وسلّم  ޒައިދު ބިން ޙާރިޘް ރަޟިޔަﷲ ޢަންހު އާއި ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާގެ ކާވެނިފުޅުކޮށްދެއްވިއެވެ. ކާވެނިފުޅުގެ ހުރިހާ ކަމެއް ހަމަޖައްސަވައި، ޚަރަދުބަރަދުވެސް ދެއްވީ ޚުދު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޖީބުފުޅުންނެވެ. {ސައްޔިދު އަބުލް އަޢުލާ މައުދޫދީ،ތަފްހީމުލް ޤުރްއާން}

އަދިވެސް ސައްޔިދު އަބުލް އަޢުލާ މައުދޫދީ، ތަފްހީމުލް ޤުރްއާނުގައި ލިޔުއްވައިފައިވެއެވެ. ޒައިދުގެފާނާއި ޒައިނަބުގެފާނު ކާވެނިބެއްލެވި ކަމުގައި ވިޔަސް އެދެބޭކަނބަލުންގެ ގުޅުން ދުވަހެއް ދުވަހަކަށް ހީނަރުވަމުން ދިޔައެވެ. ދެކަނބަލުންގެ މެދުގައި މައްސަލަތައް ޖެހެމުން ދިޔައެވެ. ޒައިދުގެފާނު ތަކުރާރުކޮށް ޒައިނަބުގެފާނުގެ ޝަކުވާއާގެން މާތް ރަސޫލާގެ އަރިހަށް ވަޑައިގަންނަވަމުން ދިޔައެވެ. އެންމެފަހުން ޒައިދުގެފާނު އެކަމަނާ ވަރިކުރައްވަން ގަސްތުކުރައްވާ ވާހަކަ ނަބިއްޔާ صلّى اللّـه عليه وسلّم  ގެ އަރިހުގައި ވިދާޅުވިއެވެ. 

އަނެއްކޮޅުން ޒައިނަބުގެފާނު މިކާވެނިފުޅަށް އެއްބަސްވެވަޑައިގެން ޒައިދުގެފާނާ ކާވެނިފުޅު ބެއްލެވީވެސް މާތްﷲ އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރެއްވުމުގެ ގޮތުންނެވެ. އެކަމަނާއަކީ މާތް ޢަރަބި އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަނބަލެކެވެ. ޒައިދުގެފާނަކީ ކުރީގައި އަޅުވެތިކުރެއްވި އަދި ފަހުން މިނިވަންކުރެވިފައިވާ ބޭކަލެކެވެ. އެކަލޭގެފާނު ބޮޑުފުޅުވެވަޑައިގަތީ އެކަމަނާގެ އާއިލާގެ މީހުންގެ ބެއްލެވުމުގެ ދަށުންނެވެ. ކަންމިހެން ވެފައި އޮތުމާއެކު ޒައިނަބުގެފާނަށް ޒައިދުގެފާނަކީ އެކަމަނާއާ ކުފޫހަމަވާ ބޭކަލެއްކަމުގައި އެއްގޮތަކަށްވެސް ފެނިވަޑައެއްނުގެންނެވިއެވެ. އަހަރަކާއި ދުވަސްކޮޅެއްވީތަނާ އެކާވެނިފުޅު ރޫޅިއްޖެއެވެ. ޒައިދު ބިން ޙާރިޘް ރަޟިޔަﷲ ޢަންހު، ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ ވަރިކުރައްވައިފިއެވެ. 

އޭގެފަހުން ޒައިނަބުގެފާނުގެ ޢިއްދަ ހަމަވުމުން އަރަހުށި މާތްﷲ ކީރިތި ޤުރްއާނުގެ އަޙްޒާބު ސޫރަތުގެ 37 ވަނަ އާޔަތް މެދުވެރިކުރައްވައި މާތް ރަސޫލާ صلّى اللّـه عليه وسلّم އާ ޒައިނަބުގެފާނާ ކާވެނިފުޅުކޮށް ދެއްވިއެވެ.{ސައްޔިދު އަބުލް އަޢުލާ މައުދޫދީ،ތަފްހީމުލް ޤުރްއާން} 

މާތް ރަސޫލާ صلّى اللّـه عليه وسلّم،  ޒައިނަބުގެފާނާ ކާވެނިފުޅު ބައްލަވައިގަތުމުން އެކަމަނާ ވަރަށް އުފާފުޅު ކުރެއްވިއެވެ. ހަތް އުޑުމަތީން އެކަމަނާގެ ކާވެނިފުޅު ޢަޤުދުކޮށްދެއްވި ކަމަށްޓަކައި ފަޚުރުވެރިވެވަޑައިގެން އުޅުއްވައެވެ. އެވާހަކަ މާތް ނަބިއްޔާ صلّى اللّـه عليه وسلّم  އާއި އެކަލޭގެފާނުގެ އެހެން އަނބިއަނބިކަނބަލުންގެ އަރިހުގައި ވިދާޅުވެ އުޅުއްވައެވެ. 

އުއްމުލް މުއުމިނީން ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އެއްފަހަރަކު ނަބިއްޔާ صلّى اللّـه عليه وسلّم  އެހެން އަނބިއަނބިކަނބަލުންގެ އަރިހުގައި ވިދާޅުވެފައިވެއެވެ.

زَوَّجَكُنَّ أَهَالِيكُنَّ وَزَوَّجَنِي اللَّهُ مِنْ فَوْقِ سَبْعِ سَمَوَاتٍ {أخرجه البخاري في التوحيد، باب: وكان عرشه على الماء} 

މާނައީ: [ތިޔަކަނބަލުންގެ ކާވެނިފުޅުކޮށްދެއްވީ ތިޔަ ކަނބަލުންގެ އަހުލުވެރިންނެވެ. ތިމަންކަމަނާގެ ކާވެނިކޮށްދެއްވި ހަތްއުޑު މަތީން ޚުދު އަރަހުށި މާތް އެވެ.] 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް