އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: އެންމެގާތް އެކުވެރިޔާކަމަށް ހެދިގެންހުރެ ފިރިމީހާއާ ގުޅުނު އަންހެނަކާ ގުޅޭނެ ފިރިހެނަކުނުވެ ޙާލުގަ ޖެހުމުން ހަށިވިއްކާ އަންހެނަކަށް-

ޢިބްރަތްތެރި ވާހަކަ: އެންމެގާތް އެކުވެރިޔާކަމަށް ހެދިގެންހުރެ ފިރިމީހާއާ ގުޅުނު އަންހެނަކާ ގުޅޭނެ ފިރިހެނަކުނުވެ ޙާލުގަ ޖެހުމުން ހަށިވިއްކާ އަންހެނަކަށް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 42 ސިކުންތު

އަޅުގަނޑުމެން ދެމަފިރިން އެކުގައި ލޯބިން ދިރިއުޅެމުންދިއަ ނަމަވެސް އަޅުގަނޑު ބޭނުންވާ އުފާވެރިކަމެއް ނުލިބެއެވެ. އެއީ ދަރިއަކު ހޯދަން ފިރިމީހާ އެއްބަސްނުވާތީއެވެ. އެކަމުގެ ހިތްދަތިކަމުގައި އުޅެމުންދަނިކޮށް ފިރިމީހާ ދެވަނަ ލޯބިވެރިއަކު ގެންގުޅޭކަން ޔަޤީންކުރެވިއްޖެއެވެ. 

ވީ ދެރައިން ލަފާ ހޯދާލަން އެންމެ ގާތް އެކުވެރިޔާ އާއި މަޝްވަރާކޮށްލުމުން ބުނީ ފިރިމީހާ ދެކޮޅުހަދާނަމަ، ބޭސްކެއުން ފިރިމީހާއަށް ސިއްރުން ހުއްޓައިލާށެވެ. ބަލިވެ އިނީމާ ދަރިފުޅު ދެކެ ލޯބިވާނެ ކަމަށެވެ. ދަރިފުޅުދެކެވާ ލޯބީގެ ސަބަބުން އުޅުން އިޞްލާޙްކުރާނެ ކަމަށެވެ. 

އެކުވެރިޔާ ދިން ލަފައަށް ޢަމަލުކުރިތާ 2 ވަނަ މަހު ބަލިވެއިނދެއްޖެއެވެ. ބަލިވެއިން ވާހަކަބުނުމުން ފިރިމީހާ އެންގީ ވަގުތުން ދަރިފުޅު ވައްޓާލުމަށެވެ. ނޫންނަމަ ވަރިކޮށްފައި ފޮނުވައިލާނެ ކަމަށެވެ. 

ވީދެރައިން އަނެއްކާވެސް އެކުވެރިޔާ ގާތަށް ގޮސް ލަފާހޯދީމެވެ. ބުނީ ވައްޓާލައިފިން ކަމަށް ބުނާށެވެ! ނަމަވެސް ވައްޓައިނުލާށެވެ! ދަރިފުޅު ވިހެއިމަ ލޯބިވާނެ ކަމަށެވެ. އެގޮތަށް ކަންތައް ކުރީމެވެ. ދަރިފުޅު ވައްޓާލައިފިން ކަމަށް ބުނެ އެކުގައި އުޅުނީމެވެ.

ނަމަވެސް މާގިނަ ދުވަހަކު އެކަން ސިއްރެއް ނުކުރެވުނެވެ. ބަނޑަށް 5 މަހުގައި ބަނޑުބޮޑުކަމުން ފިރިމީހާއަށް ޙަޤީޤަތް އެނގިއްޖެއެވެ. އަޅުގަނޑު ހީކުރީ އޭނާގެ ހިތުގައި ދެމައިންގެ މައްޗަށް ކުލުނު އުފެދި ރަޙުމްކުރާނެ ކަމަށެވެ. ނަމަވެސް ކަންތައް ބަދަލުވީ މުޅިން އެހެން ގޮތަކަށެވެ. ވަރިކޮށްލާފައި ވަގުތުން ގެއިން ނެރެލީއެވެ.

އަޅުގަނޑު ދިއައީ މައިންބަފައިންގެ ގާތަށެވެ. ނަޞީބަކުން މަންމަ އާއި ބައްޕަ އަޅުގަނޑު ބަލައިގަތެވެ. ގެއަށް ދިއަތާ 3 ވަނަ ރެއަކީ ކޮއްކޮގެ އުފަންދުވަސް ފާހަގަކުރި ރެއެވެ. ޢާއިލާގެ އެންމެން ދިއައީ ރެސްޓޯރަންޓަކަށް ކާށެވެ.  

ހަމަ އެ ރެސްޓޯރަންޓުގެ ކަނެއްގައި ބައަކު ކުޑަ ޕާޓީއެއް ބާއްވައިގެން އުޅެއެވެ. ބާރަށް ހޭނ އަޑު އިވެއެވެ. ހޭނ މީހުންގެ ތެރޭގައި ފިރިމީހާ ހިމެނޭހެން ހީވެގެން އެއީ ކޮންޕާޓީއެއްތޯ ވެއިޓަރެއް ގާތު އަހައިލުމުން ބުނީ "ނިޒާމް އާ ޢާއިޝާގެ އެންގޭޖްވުން" ފާހަގަކުރަނީކަމަށެވެ.  

ބުނާނެ އެއްޗެއްވެސް ނުއެނގުނެވެ. ބަނޑުގައި މިއޮތީ ނިޒާމްގެ ދަރިފުޅެވެ. ޢާއިޝާ އަކީ ދެމަފިރިންގެ މައްސަލަތައް ޙައްލުކުރަން ކަންކަންކުރަންވީ ގޮތް އަޅުގަނޑަށް ކިޔައިދިން އެންމެ ގާތް އެކުވެރިޔާއެވެ. ދެމީހުންގެ މެދުގައި މައްސަލަ ޖެހުމުން އެމީހެއްގެ ގާތަށް ގޮސް އޭނާގެ ކުރިމަތީގައި ރޮއި ކަރުނަ އަޅައި ހެދުނު އެންމެ ގާތް އެކުވެރިޔާއެވެ. 

ލިބުނު ޝޮކާއެކު އަނބުރައިގަންނަންވެސް އުޅުނެވެ. އެހައި ބޮޑަށް ކަންބޮޑުވީ ފިރިމީހާ ޚިޔާނާތްތެރިވެގެނެއް ނޫނެވެ. އެއީ ކުރިންވެސް އެނގިފައި އޮތްކަމެކެވެ. ދެރަވީ އެންމެ ގާތް އެކުވެރިޔާގެ ހުރި ނުބައި ނުލަފާކަން އެނގުމުންނެވެ. ފިރިމީހާގެ ލޯބިވެރިއަކީ އޭނާކަން ޔަޤީންކުރެވުމުންނެވެ.  

އެކަމާ ނުބެހެން ވިސްނާފައިވެސް މަރުޙަބާގެ މެސެޖެއް އެކުވެރިޔާއަށް ފޮނުވައިލީމެވެ. ޖަވާބުގައި އެކުވެރިޔާ ކުޑަވެސް ޖެހިލުމެއް ނެތި ބުނީ މިރޭ ރަސްމީކޮށް ފެށިނަމަވެސް މިއީ ވަރަށް ކުރިންސުރެ އޮންނަ ލޯބީގެ ގުޅުމެއް ކަމަށެވެ. އެހިސާބުން އަޅުގަނޑު ފޯނު ނިއްވައިލީއެވެ.  

އެމީހަކީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާކަމަށް ބަލައި  އެމީހަކަށް ހުރިހާ އިތުބާރެއްކޮށް ހުރިހާ ކަންކަން ޙިއްޞާކުރެވުނު އެކުވެރިޔާގެ ހުރި ފެންވަރަކީ މިއީއެވެ. ރަނގަޅަށް ވިސްނަވައިލައްވާށެވެ! އޭނާ އަޅުގަނޑަށް ނަޞޭޙަތް އެދިނީ ފިރިމީހާ ރުޅިއަންނާނެހައި ގޮތްގޮތަށް ކަންކަން ކުރުމަށެވެ. އޭނާ އެލިބިގަތީ އަޅުގަނޑަށް ކުރެވުނު ކަންތައްތަކުގެ ނާޖާއިޒް ފައިދާއެވެ.  

އެވަގުތު ދެރަވިއެވެ. އަސަރުވެސް ކުރިއެވެ. ނަމަވެސް ހައަކަ ދުވަހުގެ ތެރޭގައި ހުރިހާ ކަންކަންވެސް ހަމައަކަށް އެޅިއްޖެއެވެ.  

މަންމަމެންގެ ގާތަށް ބަދަލުވެ ފުރަތަމަ ޑޮކްޓަރަށް ދައްކަން ދިއަ ދުވަހެވެ. ނަންބަރު ޖެހެންދެން މަޑުކޮށްލައިގެން ތިއްބާ ސްކޫލް ދައުރުގެ އެކުވެރިއަކާއި ބައްދަލުވިއެވެ. ވަރަށް ގިނަ ދުވަސްފަހުންނެވެ. ޙާލުގެ ވާހަކަ އެހުމުން ހުރިހާ ވާހަތަކެއް ކިޔައިދިނީމެވެ. ފަހުން ބައްދަލުކުރާނެ ކަމަށް ބުނެފައި ދިއައީ އެވެ.  

އެއިގެ 2،3 ދުވަސްފަހުން ގެއަށް އައިސް ބައްދަލުކުރިއެވެ. ފުރަތަމަވެސް ބުނީ އެއިރު އިންޓޯލް ނުލިބޭތީ ފެންފޮދެއް ބޯލައިގެން ކިޔެވިނަމަވެސް ކުރި މަސައްކަތުގައި ބަރަކާތް ލައްވައި މިހާރު އޭނާއަކީ މެދުމިނުގެ ވިޔަފާރިވެރިއެއް ކަމަށެވެ. ވިހަންވުމުން އަޅުގަނޑު ދައްކާ ހޮސްޕިޓަލަށް ގޮސް އެޑްމިޓްވެފައި އަންގާލުމުން ބިލްގެ ކަންތައް ހަމަޖައްސައިދޭނެ ކަމަށެވެ. ވިހަން ތައްޔާރުވާން ބޭނުންވާ ތަކެތި ގަންނާނެ ފައިސާވެސް ދިނެވެ. ބަދަލެއް ބޭނުން ނޫންކަމަށްވެސް ބުންޏެވެ.  

މަންމަމެންނަށް އުނދަގޫނުކޮށް ވިހެއުމުގެ ކަންކަން ކުރެވޭނެ މަގު އެހައި ފަސޭހައިން ފެނުމުން ވަރަށް އުފާވިއެވެ. ﷲ އަށް ހާސްފަށުން ޝުކުރުކުރީމެވެ.  

ކޮންމެއަކަސް ވިހައި ގަދަވެ ހަމަޖެހިލައިގެން އުޅެލެވޭވަރުވުމުން އޭނާގެ ކުންފުނިން އަޅުގަނޑަށް ވަޒީފާއެއް ދިނެވެ. އެކައުންޓްސް ބަލަހައްޓާށެވެ. ވަޒީފާގައި އުޅެންފެށިތާ 4 ވަނަ މަހު މީހަކު އަޅުގަނޑުގެ ކައިވެންޏަށް އެދުނެވެ. އެއީ އެކުވެރިޔާގެވެސް ވަރަށް ގާތް މީހެކެވެ. އޭނާއަކީ ވަރަށް ރަނގަޅު މީހެއްކަމަށް އެކުވެރިޔާ ބުނުމުން އެކުވެރިޔާއަށް އިތުބާރުކޮށްފައި އޭނާއާއި ކައިވެނިކުރީއެވެ.

އަޅުގަނޑުގެ 2 ވަނަ ކައިވެންޏަށް މިހާރު 18 އަހަރު ފުރުނީއެވެ. 4 ދަރިންނާ އަދި ކުރީގެ ފިރިމިހާގެ ދަރިފުޅާއިއެކު ޖުމުލަ 5 ދަރިން ގޮވައިގެން ދިރިއުޅެމުން މިގެންދަނީ ހަމަ އުފަލުގައެވެ.  

ދެން އޮތީ އަޅުގަނޑަށް ނިކަމެތިކަން ދޭން މަސައްކަތްކުރި ނިޒާމް އާއި ޢާއިޝާގެ ވާހަކައެވެ. ޢާއިޝާއަކީ އެތައް ބައިވަރު ފިރިހެނުންނާއި ގުޅުން ބާއްވާ އަންހެނެއްކަމާއި އޭނާގެ ޙަޤީޤަތް އެނގުމުން ނިޒާމް އޭނާ ވަރިކޮށްލީއެވެ. އޭނާގެ ޙަޤީޤަތް އެނގުމުން ގުޅޭނެ ފިރިހެނަކު ނުވެގެން އުޅޭކަމަށާއި ހަށިވިއްކާ ސައިޓުތަކުން އޭނާގެ ވަގު ޕްރޮފައިލް ފެންނަކަމަށް ބައެއް އެކުވެރިން ބުނެއެވެ. ނިޒާމަށް ބަލައިފިނަމަ މިހާރު 4 ވަނަ އަނބިމީހާވެސް ވަރިކޮށްފައި އެކަނިހުރިކަމަށް މައުލޫމާތުލިބެއެވެ.  

އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ކިތަންމެ ގާތް އެކުވެރިއަކަށް ނަމަވެސް މިހާރު އިތުބާރުކުރެވެން ނެތްކަމެވެ. ވަރަށް ހެޔޮއެދޭކަމަށް ހެދިގެން އުޅެފައި ފިރިމީހާ ޖަހައިގަތުމުގެ މައްސަލަތައް މިވަނީ ޢާންމުވެފައެވެ. އެންމެ ގާތް އެކުވެރިޔާގެ ފިރިމީހާ އާއި ހިތާވެގެން އުޅުން ވެސް މިވަނީ ޢާންމު ކަމަކަށްވެފައެވެ. އެހެންކަމުން ކުރިމަތިވާ ކަންކަން އެންމެ ގާތް އެކުވެރިޔާއަށް ޙިއްޞާކުރުންވެސް މިވަނީ ބޮޑު ނުރައްކަލަކަށްވެފައެވެ. އަޅުގަނޑުގެ ސުވާލަކީ އެންމެ ގާތް އެކުވެރިޔާގެ ދިރިއުޅުން ހަލާކުކޮށްލަން ޖެހިލުންނުވާ މީހަކު ކުރަންޖެހިލުންވާނެ ނުބައި ކަމެއް އޮންނާނެތޯއެވެ؟  

މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލަން ބޭނުންވީ މި މައްސަލައަކީ ވަރަށް ބޮޑަށް ޢާންމުވެފައިވާ މައްސަލައަކަށްވާތީއެވެ. އަޅިގަނޑުގެ ކައިވެނނީގައި 2 ދަރިން ލިބިފައި ވަނިކޮށް ކައިވެނި ރޫޅިގެންދިއައީވެސް ހަމަ އެންމެ ގާތް އެކުވެރިޔާގެ ސަބަބުންނެވެ. އަޅުގަނޑުމެން ދެމަފިރިންގެ ދެމެދަށްވަނީ އޭނާގެ ފިރިމީހާ އޭނާ ވަރިކޮށްލުމުން ޙާލުގައި ޖެހުނު ދުވަހު އެއަންހެނަކަށް އަޅުގަނޑު ޚަރަދުކޮށް އެހީތެރިވެސްވި އެކުވެރިޔާއެވެ.  

އެދެމީހުންނަކަށްވެސް އުފަލުގައި މާގިނަ ދުވަހަކު ނުއުޅެވުނެވެ. ދާދިއަވަހަށް ވަރިވެއްޖެއެވެ. އެކަމުންވެސް އަދި މިވާހަކައިންވެސް އެނގެނީ އެހެން މީހުންގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަނެގެން ހަޤީޤީ އުފާވެރިކަމެއް ނުލިބޭނެ ކަމެވެ.  

- ޝާއިނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް