އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ކުޑަދަރިފުޅުގެ އޮޕަރޭޝަނަށް އެއްކުރި ފައިސާކޮޅު މަންމަގެ ބޭސްފަރުވާއަށް ދިނުމުން ދަރިފުޅުގެ ބަލިފަސޭހަވެ ތަނަވަސް ފިރިއަކުވެސް ލިބުނު އަންހެނެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ކުޑަދަރިފުޅުގެ އޮޕަރޭޝަނަށް އެއްކުރި ފައިސާކޮޅު މަންމަގެ ބޭސްފަރުވާއަށް ދިނުމުން ދަރިފުޅުގެ ބަލިފަސޭހަވެ ތަނަވަސް ފިރިއަކުވެސް ލިބުނު އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 27 ސިކުންތު

މައިންނަށް ހެޔޮކޮށް ހިތުމަކީ ހީވެސް ނުކުރެވޭފަދަ ބޮޑެތި ނިޢުމަތްތައް މިންވަރުކުރައްވަވާ ކަމެއްކަން އެތައް ބައެއްގެ ތައޖުރިބާއިންވެސް އަންނަނީ އެނގެމުނެނެވެ. އެފަދަ ޙާދިސާތަކުގެ ތެރެއިން ތިރީގައި އެވަނީވެސް ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އަޅުގަނޑަކީވެސް އޯލެވެލް ހެދުމާއިއެކު ވަޒީފާއަށް ވަދެ މަސައްކަތްކުރަންފެށި އަންހެނެކެވެ. 18 އަހަރު ފުރުމާއިއެކު ކައިވެނިވެސްކުރި އަންހެނެކެވެ. އެއީ އެޒަމާނުގައި އެކަން ކުރަމުން އައި ގޮތެވެ. ދެމީހަކު ލޯބިވެއްޖެނަމަ ކައިވެނިކުރުން ވީހާއަވަހެއް ކުރާނެއެވެ.  

އަވަހަށް ކައިވެނިކުރެވުނުކަން އެއީ އަޅުގަނޑަށް ލިބުނު ބޮޑު ކާމިޔާބެކެވެ. އެއްވެސް ފާފައެއް ނުކޮށް ކައިވެނިކުރެވުނީތީއެވެ. ކައިވެނިކުރުމުން ދެމީހުންނަށްވެސް އުފާވެރިކަން ލިބުނެވެ. ރަނގަޅު ގޮތްތައްވެސް މެދުވެރިވިއެވެ. ހިތާމަކުރަންޖެހުނީ 5 އަހަރު ފަހުން ބަލިވެއިންތަނާ ފިރިމީހާ ވަރިކުރީމައެވެ.   

ފިރިމީހާ ވަރިކުރީ އަވަހަށް ކައިވެނިކުރެވުނީތީއެއް ނޫނެވެ. ތަނަވަސް އަންހެނެއްގެ އަވާގައި ޖެހި އޭނާގެ ތަނަވަސްކަމަށް ފުންމާލުމުގެ ދަހިވެތިކަމުގައެވެ. ވީމާ އެކަމަކީ ލޯބިވެގެން ކިތަންމެ ދުވަހަކު އެކުގައި އުޅެފައި ކައިވެނިކުރިނަމަވެސް ދިމާވެދާނެ ކަމެކެވެ. މިހެން މިވާހަކަ މިދެއްކީ އަވަހަށް ކައިވެނިކުރުން ބައެއް މީހުން ގޯސްކަމަކަށްހަދާތީއެވެ.  

ކޮންމެއަކަސް ބަލިވެއިނދެ އަޅުގަނޑު އުޅުނީ ވަރަށް ޙާލުގައެވެ. ވަރަށް ބޮޑަށް ބަލިވިއެވެ. ގިނައީ ނުތެދުވެވޭ ދުވަސްތަކެވެ. އެހެންވެ ވަޒީފާވެސް ގެއްލުނީއެވެ. ވިހައި ގަދަވެގެން ގެއަށް އާދެވުނުއިރު ސޭވިންގސްކޮޅު ވަނީ އެކުގައި ހުސްވެފައެވެ. އެހިސާބުން އަޅުގަނޑުމެން ދެމައިންގެ ހުރިހާ ކަންކަންވެސް ކޮށްދޭންޖެހުނީ މަންމައަށެވެ.  

ވަރަށް ދެރަވިއެވެ. އެއީ ވަޒީފާލިބުނުފަހުން ދުވަހަކުވެސް މަންމައަތުން އެއްވެސް ފައިސާއެއް ނުހޯދަމެވެ. އަބަދުވެސް ބެލީ މަންމައަށް އެހީތެރިވެދެވޭތޯއެވެ. އެހެންވެ ވަރަށް އުނދަގޫވިއެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތުމުން ކެތްތެރިވީމެވެ.  

އަޅުގަނޑަކީ އަބަދުވެސް ﷲ އަށް ވަކީލްކުރާ އަންހެނަކީމެވެ. ވީމާ އުންމީދު ކަނޑައެއް ނުލަމެވެ. ވިހައި ގަދަވާއިރަށް ވަޒީފާއެއް ލިބޭތޯ ދިއައީ ގަދައަޅައި މަސައްކަތްކުރަމުންނެވެ. އެކަން ހިންމަވައިވެސް ދެއްވެވިއެވެ.  

ދެން ދިމާވީ މާބޮޑުކަމަކާއެވެ. ދަރިފުޅުގެ ހިތުގެ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށާއި ރާއްޖެއިން އޮޕަރޭޝަން ނުކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނުމުންނެވެ. އެހެންވެ ޚަރަދުތައް ވީހައި ކުޑަކޮށް ފައިސާކޮޅެއް ޖަމާކުރެވޭތޯ މަސައްކަތްކުރަން ފެށީމެވެ. ބައެއް އެކުވެރިންގެ އެހީތެރިކަމާއިއެކު ފުރަން ތައްޔާރުވަމުން އަންނަނިކޮށް ދިމާވީ މާބޮޑުކަމެކެވެ.  

މަންމަ ބަލިވީއެވެ. މަންމަގެ ފަރުވާއަށްވެސް ޖެހުނީ ބޭރަށް ގެންދާށެވެ! އަދި ވަރަށް އަވަހަށް ފަރުވާ ނުދެވިއްޖެނަމަ މަންމަގެ ފުރާނައަށް ނުރައްކައުވެދާނެ ކަމަށްވެސް ޑޮކްޓަރުބުންޏެވެ. ވިސްނައިލީމެވެ. މުހިންމީ މަންމަގެ ފުރާނަހެއްޔެވެ؟ ދަރިފުޅުގެ އޮޕަރޭޝަންހެއްޔެވެ؟ އަޅައިކިރައިލީމެވެ. ހިތަށް އެރިއެވެ. "ދަރިފުޅަށް އަދި އެބަ އުޅެވެއެވެ. މަންމަގެ ފަރުވާ ލަސްވެ މަންމަ މަރުވެއްޖެނަމަ މަންމައެއް ނުލިބޭނެއެވެ. ވީމާ ހުރިހާ ފައިސާއެއް މަންމައަށް ޚަރަދުކުރާނީއެވެ."  

ރަނގަޅަސް ނުބަޔަސް މިއީ އަޅުގަނޑަށް ވިސްނުނުގޮތެވެ. އަޅުގަނޑު އަމަލުކުރީ އަޅުގަނޑުގެ ވިސްނުމަށެވެ. އެހެން ދަރިންގެވެސް ބައިވެރިވުމާއިއެކު މަންމަ ގޮވައިގެން ބޭހަށް ފުރި ދުވަހަކީ އެންމެ އުފާވި ދުވަހެވެ. އެހެން ކަމާއިއެކުވެސް ދަރިފުޅާއިމެދު ވިސްނައިލެވުމުން ވަރަށް ދެރަވެސް ވިއެވެ. ހިތަށް ހަމަޖެހުމެއް ލިބެނީ ދަރިފުޅަށް ބޭނުންވާ ފަރުވާކުރެވޭނެ މަގުވެސް މާތް ﷲ ދައްކަވާނެކަމަށް ހިތަށް އަރުވާލުމުންނެވެ. އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ދަމުނަމާދުކޮށް ދުޢާކޮށްލެވުމުންނެވެ.  

ދަންނަވަންތޯއެވެ! މަންމަ ފުރިތާ ހަފްތާއެއްވެސް ނުވަނީސް އަޅުގަނޑުގެ ކައިވެންޏަށް މީހަކު އެދިއްޖެއެވެ. އޭނާ ގާތުގައިވެސް އަޅުގަނޑުބުނީ ލޯބިވާނަމަ އަވަހަށް ކައިވެނިކުރުމަށެވެ. އެހެންބުނިތާ 3 ވަނަރޭ އޭނާ އަޅުގަނޑާއި ކައިވެނިކޮށްފިއެވެ.  

ކައިވެނިވީ އަޅުގަނޑުގެ ހުރިހާ މައްސަލަތަކެއްގެ ޙައްލަށެވެ. އޭނާއަކީ ތަނަވަސްމީހެކެވެ. ދަރިފުޅުގެ ފައިލް ފެނުމާއިއެކު އޭނާ ބޭނުންވީ އަވަހަށް ބޭސްފަރުވާއަށް ބެންކޮކަށް ފުރާށެވެ. އަވަސް އަވަހަށް ދަތުރު ހަދާލައިގެން ފުރީއެވެ.  

ޓެސްޓްތައް ހަދާފައި ޑޮކްޓަރު ބުނީ ދަރިފުޅުގެ ހިތުގައި މައްސަލައެއް ހުރިކަމަށާއި މިހާރު އެކަންތައް ރަނގަޅުވެފައިވާ ކަމަށެވެ. ހިތުގައި އިން ލޯވަޅުވަނީ އަމިއްލައަށް ބެދިފައި ކަމަށެވެ. މިހާރު އެއްވެސް މަސައްލައެއް ނެތްކަމަށެވެ. ތަފާތު 3 ހޮސްޕިޓަލަށް ދެއްކުމުންވެސް ބުނީ ހަމައެހެންނެވެ. އެހެންވެ ދަތުރަކީ ފިރިމީހާގެ ވިޔަފާރި ދަތުރަކަށާއި ދެމީހުންގެ ހަނީމޫން ދަތުރުކަމަށްހަދައި އުފާކޮށްލާފައި މާލެ އައީއެވެ. އެއިރު މަންމަވެސް ހުރީ ފަރުވާ ލިބިގެން އައިސް މާލޭގައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ފާހަގަކޮށްލަން އަޅުގަނޑު ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. އެއީ މަންމައަށް އިސްކަންދިނުމުން އަޅުގަނޑަށްކުރިފައިދާއެވެ. ދަރިފުޅުގެ ބަލި ފަސޭހަވީއެވެ. އެބޮޑު އޮޕަރޭޝަން ކުރަންވެސް ނުޖެހުނީއެވެ. އަޅުގަނޑުދެކެ ނުލާހިކު ލޯބިވާ ތަނަވަސް ފިރިއަކުވެސް ލިބުނީއެވެ. އަޅުގަނޑުމެންގެ ކައިވެންޏަށް މިހާރު މިއީ 22 އަހަރެވެ. އިރާދަފުޅާއެކު ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް ލޯބިން ވަރަށް އުފަލުގައެވެ. 

އަޅުގަނޑުގެ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކޮށްފިނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލްކުރެވުނީއެވެ.  

- ނީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް