އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުދިން ތަރުބިއްޔަތުކުރުމުގަވެސް ހިފަންވީ ރަސޫލް ޞޢޥ ދެއްކެވި ނަމޫނާގަ!: ރައީސް ޑރ. މުޢިއްޒު

ކުޑަކުދިން ތަރުބިއްޔަތުކުރުމުގަވެސް ހިފަންވީ ރަސޫލް ޞޢޥ ދެއްކެވި ނަމޫނާގަ!: ރައީސް ޑރ. މުޢިއްޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 55 ސިކުންތު

"މިކަމުގެ (ކުޑަކުދިން ތަރުބިއްޔަތުކުރުމުގެ) އެންމެ ރިވެތި ނަމޫނާ މުޅި އިންސާނިއްޔަތަށް ފެންނާން އޮތީ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ރިވެތި ސީރަތުންނެވެ. ދަރީން ފަދައިން ލޯބި ދެއްވައިގެން، ތަރުބިއްޔަތާއި، ރިވެތި ނަމޫނާއާއި، ދިރިއުޅުމަށް ބޭނުންވާނެ މުހިންމު ދަރެސްތައް އުނގަންނައިދެއްވައިގެން އެކަލޭގެފާނުގެ ނަބަވީ މަދަރުސާއިން ދަސްވެނިވެ މުޅި އިންސާނިއްޔަތަށް އަލިގަދަ ދަންމަރުތަކެއްކަމުގައިވީ ކިތައް ޝަޚްޞިއްޔަތުތޯއެވެ؟ 

ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރާންވާނީ، އިސްލާމީ އުޞޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަކަމަށް ލޯބިކުރާ، ޤައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގައެވެ. މިއީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ."  

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިމޭރުމުން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ކުޑަކުދީންގެ ދުވަހުގެ މުނާސަބަތުގައެވެ.  

ދިވެހިރާއްޖޭގެ ކުޑަކުދީންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބު: 

ރިފަރެންސް: -ކުޑަކުދީންގެ ދުވަހުގެ ހެޔޮ ދުޢާތަކާއި ހެޔޮ އެދުންތައް، ދިވެހި އެންމެހައި ކުޑަކުދީންނަށް، އަދި އެ ކުދީންގެ މައިންބަފައިންނަށާއި، ބެލެނިވެރީންނަށާއި، ޢާއިލާތަކަށް، އަދި ކުދީންނަށް އުނގަންނައިދީ ހޭހަންކޮށް އަޅައިލުމުގައި ރެޔާދުވާލު ހޭދަކުރައްވާ ޚިދުމަތްތެެރީންނަށް ހިތުގެ އިޚްލާޞްތެރި ލޯތްބާއި ކުލުނާއެކު އަރިސްކުރަމެވެ. 

މީގެ 63 އަހަރުކުރީން، 1961 ވަނަ އަހަރުގެ މޭ މަހުން 10 ވަނަ ދުވަހު، ޙަމީދިއްޔާ މޮންޓެސޫރީ ސްކޫލުގެ ނަމުގައި ތުއްތުކުދީންނަށް ކިޔަވައިދޭން ޚާއްޞަ މަދަރުސާއެއް ރާއްޖޭގައި އުފެއްދުން، އިން ފާހަގައެއްކަމުގައި ބަލައި، ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ކުޑަކުދީންގެ ދުވަސް ފާހަގަކުރާން ފެށީ 1979 ވަނަ އަހަރުއެވެ. ޙަމީދިއްޔާ މޮންޓަސޫރީ ސްކޫލަކީ، މިހާރު ރާއްޖޭގެ ފަޚުރުވެރި އެދުރުގެއެއް ކަމުގައިވާ އިސްކަންދަރު ސްކޫލެވެ. 

ކުޑަކުދީންގެ ދުވަހެއްގައި، ހިތަށް ވެރިވާ އުފާވެރި އަދި އުންމީދީ އިޙްސާސްތަކާއެކު، މިއަދު އަޅުގަނޑަށް ހިތާމަވެރި އަސަރުކުރުވާކަމެއްވެސް އެބައޮތެވެ. އެއީ، ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބި، ބިކަ ހާލުގައި ޖެހެމުންދާ އެތައް ހާސް ކުޑަކުދީންނެވެ. އިޒްރޭލުގެ އަނިޔާވެރި އަތްތަކުގެ ޝިކާރައަކަށްވެ، ޙަޔާތުގެ ޅަނދޮޅު ފޯވަހީގެ އެންމެ ހިތްފަހި ދުވަސްތަކުގެ އުފަލާއި، ތަޢުލީމާއި، ޢާއިލީ ލޯބިން މަޙްރޫމްވަމުން އެދާ މަޢުޞޫމް ކުދީންނަކީ ހަމަ އަޅުގަނޑުމެންގެވެސް ދަރީންނެވެ. އެ ކުދީންގެ ތެރެއިން ޝަހީދުވާ ކޮންމެ ކުއްޖަކަށް ސުވަރުގޭގައި ކީރިތިﷲ ވަޢުދުވެވޮޑިގެންފައިވާ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަނިޔާލިބި ގެދޮރާއި ސަހަރޯވެރީން ގެއްލި ނިކަމެތިވަމުންދާ ކޮންމެ ކުއްޖަކަށް ކީރިތި ﷲގެ ރަޙްމަތާއި މަދަދުގެ ހާސްދޮރު ހުޅުއްވާށިއެވެ. އާމީން. 

ދިވެހިރާއްޖޭގެ އުސްތާޛުލްޖީލް މަރުޙޫމް މުޙައްމަދު ޖަމީލުދީދީ "ހައްތާވެސް ދަރީންނެވެ." މި ނަމުގައި ވަރަށް އަސަރުގަދަ ޢިބްރަތްތެރި ކުރުވާހަކައެއް 1981 ވަނަ އަހަރު ލިޔުއްވައި، ޝާއިޢުކުރައްވައިފައި ވެއެވެ. މި ވާހަކައިން ލިބިދޭ އެންމެ ބޮޑު އެއް ޢިބްރަތަކީ، އުފަން ދަރީން ނޫނަސް، ކޮންމެ ކުޑަކުއްޖަކީވެސް ދަރިއެއްކަމުގައި ދެކި އޯގާތެރިކަމާއި އެހީތެރިކަމާއެކު ދިރިއުޅެން ފަށައިފި މީހެއްގެ ނަފްސާއި ރޫޙަށް ލިބޭނެ ހަމަޖެހުމެވެ. މިފަދަ ދުވަހެއްގައި މިއީ، ވިސްނައިލުން މުހިންމު ނުކުތާއެކެވެ. 

ކުޑަކުދީންގެ ޙައްޤުތައް ރައްކައުތެރިކޮށްދިނުމާބެހޭ ބައިނަލްއަޤްވާމީ މުހިންމު މުޢާހަދާތަކުގައި ރާއްޖެެއިން ވަނީ ބައިވެރިވެފައެވެ. ކުޑަކުދީންނަށް ޙިމާޔަތާއި، ދިރިއުޅުމުގެ ފަހި ފުރުޞަތުތަކަށްޓަކައި ބޭނުންވާނެ ޤާނޫނުތައް ހަދައި، އިދާރާތައް އުފައްދައި، ނިޒާމުތައް ޤާއިމުކުރުމުގައިވެސް ބޮޑެތި އަދި މުހިންމު އެތައް މަސައްކަތެއް ރާއްޖޭގައި ވަނީ ފުރިހަމަކުރެވިފައެވެ. އިތުރު އެތައްކަމެއް ކޮންމެ ސަރުކާރަކުންވެސް ދަނީ ކުރަމުންނެވެ. 

މި ހުރިހާ ކަމަކާއެކު، އަޅުގަނޑުމެން ކޮންމެ ބޮޑު މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ދީނީ، އިންސާނީ، އަދި ޤައުމީ މަސްއޫލިއްޔަތެއް އެބައޮތެވެ. އެއީ، ކުޑަކުދީންނަށް ރައްކައުތެރިކަންދީ، ރީތި ނަމޫނާ ދައްކާ، ހެޔޮމަގަށް އެކުދީންގެ ސުލޫކު ބައްޓަންކުރަން މަގުދައްކައިދިނުމުގައި ހަމަ ކޮންމެ މީހަކުވެސް ދެމިހުރުމެވެ. މަރުޙޫމް މުޙައްމަދު ޖަމީލް ދީދީ އެ ވިދާޅުވި ފަދައިން، "ހައްތާވެސް ދަރީން" ކަމުގައި ދެކި، ކޮންމެ ކުއްޖަކާމެދުވެސް ދަރިކުލުނާ އިމެއްމިނެއް ނެތް ތެދުވެރި ލޯތްބާއެކު މުޢާމަލާތު ކުރުމެވެ. 

މިކަމުގެ އެންމެ ރިވެތި ނަމޫނާ މުޅި އިންސާނިއްޔަތަށް ފެންނާން އޮތީ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ރިވެތި ސީރަތުންނެވެ. ދަރީން ފަދައިން ލޯބި ދެއްވައިގެން، ތަރުބިއްޔަތާއި، ރިވެތި ނަމޫނާއާއި، ދިރިއުޅުމަށް ބޭނުންވާނެ މުހިންމު ދަރެސްތައް އުނގަންނައިދެއްވައިގެން އެކަލޭގެފާނުގެ ނަބަވީ މަދަރުސާއިން ދަސްވެނިވެ މުޅި އިންސާނިއްޔަތަށް އަލިގަދަ ދަންމަރުތަކެއްކަމުގައިވީ ކިތައް ޝަޚްޞިއްޔަތުތޯއެވެ؟ 

ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރާންވާނީ، އިސްލާމީ އުޞޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަކަމަށް ލޯބިކުރާ، ޤައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގައެވެ. މިއީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. 

ރާއްޖޭގެ އެކި ރަށްރަށަށް އަޅުގަނޑު ކުރާ ޒިޔާރަތްތަކުގައި ވަރަށް ގިނަ ކުޑަކުދީން، އެކުދީން ކުޅިވަރުކުޅެ އުޅޭނެ ޒަމާނީ ޕާކެއް ރަށުގައި ބިނާކޮށްދިނުމަށް އެދެއެވެ. އިރާދަކުރެއްވިއްޔާ ކުޑަކުދީންނަށާއި ޢާއިލާތަކަށް ބޭނުންވާނެ އެފަދަ ޕާކުތައް، ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ބިނާކުރާނަމެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުޚާނާތައް ބިނާކުރަން ފަށައި، ކުޑަކުދީންގެ ސިކުނޑިތަކަށް ޢިލްމާއި މަޢުލޫމާތުން ކާނާ ލިބޭނެ މަގުތައް އިތުރުކޮށްދޭނަމެވެ. ބަވަނަވަމުން މިދާ ދުނިޔެއަށް ހަލުވިކަމާއެކު އަންނަ ބަދަލުތަކާއި، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކަށް ދަރީން އަހުލުވެރިކުރުވަން ވާނީ އަޅުގަނޑުމެން ނުހަނު ހުޝިޔާރުވެ ތިބެއެވެ. ޒަމާނީ ކޮންމެ އޮއިވަރަކާއެކު އަންނަ ނުކިއްސަރު ކަންކަމުން ދަރީން ދަފަރާ ކުރާން ހޭލުންތެރިވެ ތިބެއެވެ. ސަރުކާރުން މި ހުރިހާ ކަމެއްގައި އިރާދަކުރެއްވިއްޔާ ހުރިހާ މައިންބަފައިންނާއި، ބެލެނިވެރީންނާއި، ސަހަރޯވެރީންނާވެސް އެއްބާރުލައި އަތުގުޅާލައިގެން މަސައްކަތްކުރާނަމެވެ. 

މި ޤައުމުގެ ކުރިމަގަށް އަޅުގަނޑުމެން މިކުރާ ފާގަތި އުންމީދާއި، މާދަމާގެ ވިޔަވަތިކަމަށް އެދި ރެޔާދުވާލު މިކުރާ މަސައްކަތުގެ މިލްކުވެރީންނަކީ އަދި ވާރުތަވެރީންނަކީ، މިއަދުގެ ކުޑަކުދީންނެވެ. ދެލޯނޭދި އެދޭ މި ލޮބުވެތި ދަރީންނެވެ. މިކުދީންގެ ޙައްޤުގައި މިއަދު ކުރި މަސައްކަތަކުން ނޫނީ މި ޤައުމަށް އުޖާލާ މުސްތަޤްބަލެއް ހޯދައެއް ނުދެވޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު