އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ދެމަފިރިން އެކުގަ ރޭއަޅުކަންކޮށް ދުޢާކުރަން ފެށުމުން 4 ވަނަ ސްޓޭޖްގަ ހުރި ކެންސަރަށް ވީގޮތެއް ނޭނގުނު ހާދިސާއެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ދެމަފިރިން އެކުގަ ރޭއަޅުކަންކޮށް ދުޢާކުރަން ފެށުމުން 4 ވަނަ ސްޓޭޖްގަ ހުރި ކެންސަރަށް ވީގޮތެއް ނޭނގުނު ހާދިސާއެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 4 ސިކުންތު

ވެންޓިލޭޓަރުން ދެން ނުނެގޭނެކަމަށް ޑޮކްޓަރުން ނިންމާ ކިތަންމެ މީހަކަށް ޝިފާލިބި ގަދަވެއެވެ. ވީމާ ކިތަންމެ ނުރައްކައުތެރި ބައްޔެއް ކިތަންމެ މަތީ ސްޓޭޖެއްގައި ހުރުމަކީވެސް ބަލިން ގަދަނުވާނެ ސަބަބެއްކަމަށް ޤަބޫލުކުރުމެއް ނެތެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. 

ތިރީގައިވާ ވާހަކައަކީ އެކަމުގެ ޙަޤީޤަތް އިތުރަށް ޔަޤީންވެގެންދާ ވާހަކައެކެވެ. އެއިގެ އިތުރުން ދެމަފިރިން ލޯބިން އެކުގައި ދިރިއުޅުމާއި ދަމުނަމާދުކޮށް ދުޢާކޮށް ޛިކުރުކުރާނަމަ ޙާޞިލުނުކުރެވޭނެ ކަމެއް ނެތްކަން އެނގިގެންދާ ވަރަށް ރަނގަޅު ފިލާވަޅެއްވެސްމެއެވެ.  

އެދެމީހުންނަކީވެސް ވަރަށް ލޯބިން އެކުގައި އުޅުނު ދެމަފިރިންނެވެ. ފުރަތަމަ 2، 3 އަހަރު ފާއިތުވެ 4 ވަނަ އަހަރުގައި ފިރިމީހާ ޒުވާން ލޯބިވެރިއަކު ހޯދައި އަނބިމީހާގެ ހިތުގައި ޖައްސުވަން ފެށިއެވެ. ކުށެއް ދައްކާނެ އިތުރު ކަމެއް ނުފެންނަ ދުވަސްދުވަހު ޢާންމުކޮށް 2 ޖަހާއިރު ކާން އަންނަ މީހާ މެންދުރު 12 ޖަހާއިރު އަންނައިރު ކާން ނުހެދިހުރެގެން އެއްޗެތި ގޮވައެވެ.  

ލިބެމުން އައި ހިތްދަތިކަމުގެ ތެރޭގައި އުޅެމުން ދަނިކޮށް ކުއްލިއަކަށް އަނބިމީހާ ބަލިވާން ފަށައިފިއެވެ. ނުތެދުވެވޭ ދުވަސްތައް ވެސް އަންނަން ފަށައިފިއެވެ. ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހެދުމުން އެނގުނީ ކެންސަރު ޖެހި 4 ވަނަ ސްޓޭޖަށް ގޮސްފައިވާކަމެވެ. ޓެސްޓްތަކަށް ބަލައި ޑޮކްޓަރުން ބުނީ ފަސޭހަވުމުގެ ފުރުޞަތު ގެއްލިފައިވާ ކަމަށެވެ.  

އެކަން އެނގުމާއިއެކު ފިރިމީހާ މުޅިން ބަދަލުވިއެވެ. ހިތުގައި ހަމްދަރުދީ އުފެދި އަނބިމީހާ ދެކެ އިންތިހާއަށް ލޯބިވާން  އަދި ލޯބިދޭންފެށިއެވެ. ފަރުވާބަހައްޓައި އަޅައިލާން ފެށިއެވެ. ބުނަމުން ދިއައެވެ. "އަހަރެންނަށް ވަރަށް ބޮޑެތި ކުށްތަކެއް ކުރެވިއްޖެއެވެ. މިހިސާބުން އުޅުން މުޅިން ބަދަލުކުރާނަމެވެ. އިރާދަކުރެއްވިއްޔާ އަހަރެންގެ އަނބިމީހާ މަރެއް ނުވާނެއެވެ. ފުރާނައިގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ. ކެންސަރަކަށް ނޫނެވެ." އެގޮތަށް ބުނެފައި ދެމަފިރިން އެކުގައި އަޅުކަންކޮށް ދުޢާކުރަން ފެށިއެވެ. ދަމުނަމާދުކުރަން ފެށިއެވެ. ދަމުނަމާދަށްފަހު ޛިކުރުކޮށް ދުޢާކުރަމުން ގެންދިއައެވެ.  

ދެން ބުނެލަން އޮތީ އެންމެ ބޮޑަށް ޙައިރާންވާންޖެހުނު ކަންތަކުގެ ވާހަކައެވެ. އެއިގެ ފަހުން މިހާރު 12 އަހަރުވީއެވެ. ދެމަފިރިން އަދިވެސް ދިރިއުޅެމުން އެގެންދަނީ ހަމަ ވަރަށް ލޯބިންނެވެ.  

ކެންސަރުގެ އަސަރު ފިލިކަމަކަށް އަދިވެސް ޑޮކްޓަރުންނެއް ނުބުނެއެވެ. ނަމަވެސް ޢާންމު ޙާލަތުގައި ދިރިއުޅެވެއެވެ. 3 ދަރިންވެސް ވިހައިފިއެވެ. ބުރަކޮށް މަސައްކަތްކުރުމުން އަވަހަށް ވަރުބަލިވުން ނޫން އެއްވެސް ކަމެއް ފާހަގައެއް ނުކުރެވެއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިކިޔައިދިނީ ވާހަކައިގައި ކެންސަރު ޖެހުނުކަމަށް ބުނެފައިވާ އަނބިމީހާއެވެ. ސާމިޔާއެވެ. މިކިޔައިދިނީ އަޅުގަނޑުގެ އަމިއްލަ ޙަޔާތުގެ ވާހަކައެވެ. ހަމައެކަނި އެންމެ ބޭނުމަކުއެވެ. ދެމަފިރިން އިޚްލާޞްތެރިކަމާއިއެކު ލޯބިން ދިރިއުޅެ، އެކުގައި އަޅުކަންކޮށް ދުޢާކުރާނަމަ މިފަދަ އެތައް ނިޢްމަތްތަކެއް މިންވަރުކުރައްވަވާނެ ކަމަށް ބުނުމެވެ.  

އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑާއި އަޅާލަން ފެށުމުން އޭނާ ކުރިން ކުރި ހުރިހާ ކަމަކަށް އަޅުގަނޑުމާފުކޮށް ޙިތްޙަލާލް ދިނީމެވެ. އެފަދަ ޙާލުގައިވެސް އަޅުގަނޑުގެ މައްޗަށް ރަޙުމްކުރިކަމަށްޓަކައި ﷲ އަށް ޙަމްދުކޮށް ޝުކުރުކުރީމެވެ. އަޅުގަނޑަށް ޔަޤީންކުރެވުނީ ފިރިމީހާއަށް އަޅުގަނޑާއިމެދު ގޯސްކޮށް ކަންކަން ކުރެވުނު ނަމަވެސް އަޅުގަނޑު ދެކެ ލޯބިވާ ކަމެވެ. އެހެން ނޫންނަމަ އަޅުގަނޑާއިމެދު އެގޮތަށް ރަނގަޅަށް ކަންތައް ނުކުރާނެ ކަމެވެ. އަޅުގަނޑަށް އަޅާނުލައި މަރުވާން ދޫކޮށްލާނީ ކަމަށެވެ.  

އިތުރަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ ދެމަފިރިން ތެދުވެރިކަމާއިއެކު ތިބެ ﷲ އަށް ބިރުވެތިވެ ތިބެ ދިރިއުޅެމުން ގެންދާނަމަ އެދޭ ހުރިހާ ކަމެއް މިދުނިޔޭގައި ކާމިޔާބުނުވިނަމަވެސް ހަމަގައިމުވެސް ޤިޔާމަތްދުވަހު މާޔޫސްވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

 

- އިތުރަށް އެއްޗެއް ބުނާކަށް ނެތީމެވެ!

 

--ސާމިޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް