އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 25 މިނެޓް, 25 ސިކުންތު
ކުށުގެ ވެއްޓަށް ވަދެވި، އެއިން ސަލާމަތްނުވެވިފައިވާ އަޚުންނޭވެ! ތިޔަބައިމީހުންގެ ހަވާނަފުސުގައި ލަގަން އަޅުވާށެވެ! ފާފަތަކަށް އަރައިގަތުމާ މެދު ހިތްތަކުގައި ބިރުވެރިކަން އުފައްދާށެވެ! ދުނިޔޭގެ ޙަޔާތަކީ ކުޑަ ދުވަސްކޮޅެކެވެ. ތިޔަބައިމީހުން ހޭވެރިވާށެވެ! ޣާފިލުކަމުގެ ނިދީގައި ތިބެވުނީ، ކިތައް އަހަރުކަން ހަނދާނަށް ގެންނާށެވެ! ހަވާނަފުސު ކޮންޓުރޯލުކޮށް، އޭގެ މައްޗަށް ބާރު ފޯރުވައިފި މީހަކީ ހިތްވަރުގަދަ ފަހުލަވާނެކެވެ. ޣާފިލުކަމުގެ ނިދީން ހޭލެވޭ ކޮންމެ މީހަކަށްމެ ބޭއިޚުތިޔާރުގައި، ކިޔައިލެވޭނެއެވެ. (إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُوْنَ) އެވެ. (لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيْمِ)އެވެ.
ޙައްދުތައް ފަހަނަޅައިފައިވާ އިންސާނާއެވެ! ތިބާއަށް ޖެހިފައިވާ މުޞީބާތުގެ މައްޗަށް ދެރަވެ ރޮއި އުޅޭށެވެ! ޢުމުރު ފަނާވުމަށް ފަހު، އިޢާދަނުވާނެކަން ދަންނާށެވެ! ތިބާ ވަޢުޡުތައް އަޑުއެހީމުއެވެ. ތިބާގެ ބޯ ނުރަވުން، މަރު އައިސް ކައިރިވަނީކަން އެބަ އަންގައިދެއެވެ. ޙާލުގެ ދުލުން ބުނާ ކަހަލައެވެ. "އޭ އިންސާނާއެވެ! ހަމަކަށަވަރުން، ތިބާއީ، ތިބާގެ ވެރިރަސްކަލާނގެ حضرةއަށް ދިޔުމަށް ވަރަށް ބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވެ."[1] ވަގުތު ފާއިތުވުމުގެ ކުރީން ޢަމަލުތައް އިޞްލާޙުކުރާށެވެ!
ތިޔަބައިމީހުންނީ އީމާންކަމުން ފުރިގެންވާ ހިތްތަކެއްގެ ވެރި ބަޔަކަށް ވާށެވެ! ﷲ ހަނދުމަކުރުމުގެ ވާހަކަތައް އަޑުއަހާ ބަޔަކަށް ވާށެވެ! ލޮލަށް ފެންނަ ކަންތައްތަކުން ޢިބުރަތް ޙާޞިލުކުރާށެވެ! އަހަރެން މި ކިޔައިދޭ ވާހަކަ އަޑުއަހާށެވެ! މިއީ ހުރިހައި ނަމާދަކުން އަހަރެން ދެކޭ އަޚެއްގެ ވާހަކައެވެ. އަހަރެންނަށް އޭނާ ހުރިހައި ތަނަކުން ފެނެއެވެ. ﷲ އެއީ ރައްބުކަމުގައި، "އިސްލާމް" އެއީ ދީންކަމުގައި، މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައީ ނަބިއްޔާ އަދި ރަސޫލާކަމުގައި ޤަބޫލުކުރާ ކޮންމެ މުސްލިމެއްގެ ތެރޭން ވެސް އޭނާ ފެނެއެވެ. މިއީ ނޭދެވޭ އުޅުމާ ދުރުނުވެވުނު އަޚެއްގެ ވާހަކައެވެ. އެންމެންނަކީ ވެސް ކުށް ކުރެވޭނެ މީހުންނެވެ.
މި ވާހަކަ މި ކިޔައިދެނީ އުޚުއްވަތްތެރިކަމާއި، ލޯބީގެ ޝުޢޫރުތަކާ އެކުގައެވެ. އަހަރެން ދައްކަން މި އުޅެނީ ތިބާއަށް އަމާޒުވާ ވާހަކައެކެވެ. ތިބާގެ ހިތުގެ ދޮރާއި، ސިކުނޑީގެ ކިޑިކީތައް އަހަރެންނަށް ހުޅުވައިލަދޭށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ނުވާ ﷲ ގަންދީ ބުނަމެވެ. އަހަރެން ތިބާދެކެ ލޯބިވެއެވެ. އެއީ ތިބާ ކުރިޔަށް ފިޔަވަޅެއް އަޅާ ކޮންމެ ވަގުތަކު އަހަރެންނަށް އުފާވެރިކަން ގެނެސްދޭ ލޯތްބެކެވެ. ﷲ ގަންދީ ބުނަމެވެ. ތިބާ ފަހަތަށް އަޅާ ކޮންމެ ފިޔަވަޅަކާ އެކު އަހަރެންގެ ހިތަށް މާޔޫސްކަން ވެރިވެއެވެ. މުސްލިމް އަޚާއެވެ! އަހަރެން ތިބާއަށް މި ކިޔައިދޭ ވާހަކައަކީ ހިތުން ހިތަށް ކިޔައިދޭ، އިޚްލާޞްތެރި ވާހަކައެކެވެ. ކަނުލައި އަޑުއަހާށެވެ! ފުރާނަޔާ ގުޅިފައިވާ ވާހަކައަކީ ވަރަށް ފަސޭހައިން ހިތަށް ނަގައިގަނެވޭނެ ވާހަކައެކެވެ.
ކުށްކުރުމަކީ އަހަރެމެން އެކަނި ކުރާ ކަމެއްކަމަށް ހީކުރަނީހެއްޔެވެ؟ ނޫނެކެވެ. އަހަރެމެން ދުވަހަކު ވެސް މަލާއިކަތުންނަށް ވެގެންނެއް ނޫޅެމެވެ. މަލާއިކަތުން ﷲއަކަށް ނުއުރެދޭނެތެވެ. އަދި އެ ބޭކަލުން ކުރައްވާނީ، އެ ބޭކަލުންނަށް އަމުރުވެވޭ ކަމެކެވެ. އެކަމަކު އިންސާނުންނަކީ، ކުށަށް ހުށަހެޅިފައިވާ ބަޔެކެވެ. އިޚުލާޞްތެރިކަމާއެކު ފާފަފުއްސެވުމަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވީމާ ފާފަފުއްސަވާނެތެވެ. ތިބާ ތިޔަ ދެކޭ ހުރިހައި ޞާލިޙު އަޅުންނަކީ، ފާފަ ކުރެވޭ މީހުންނެވެ. ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުން ފާފަނުކުރާ ނަމަ ﷲ ތިޔަބައިމީހުން ގެންދަވައި، ފާފަކުރާ ބަޔަކު ގެންނަވައިފާހުއްޓެވެ. އަދި އެބައިމީހުން ފާފަފުއްސެވުމަށް އެދި ދެންނެވީމައި އެކަލާނގެ އެބައިމީހުންނަށް ފާފަފުއްސަވާހުއްޓެވެ."[2]
ފާފައިގެ ސަބަބުން އަހަރެމެންނަށް ވޭން ލިބެއެވެ. ކަނުލައި އަޑުއަހާށެވެ! ކުށްތަކުން އަހަރެމެން ސަލާމަތްވެގެންނެއް ނުވެއެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް މުޅިން ސަލާމަތެއް ނުމެވާނޭމެއެވެ. ނަމަވެސް ހިތާމައަކީ، ތިޔަބައިމީހުންގެ ފާފަތަކުގެ ނާޖާއިޒު ފައިދާ ހޯދުމުގެ ފުރުޞަތު ޝައިޠާނާއަށް ދެވޭކަމެވެ. އެއީ ކިހިނެއް ހިނގާކަމެއްކަން ދަންނަމުހެއްޔެވެ! ފާފަތަކުގެ ސަބަބުން ދީންވެރިވެ އުޅުމުގެ ޤާބިލުކަން އަހަރެމެންގެ ކިބައިގައި ނެތިއްޖެކަމަށް އޭނާ ވިސްނައިދޭނެއެވެ. ތިޔަބައިމީހުން އެ އަޑު ނާހާށެވެ! ޝައްކެއް ނެތެވެ. ތިބާއީ ދީންވެރިއެކެވެ. ތިބާ ﷲއަށް އަޅުވެތިވަމުއެވެ. ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރަމުއެވެ. ތިބާ ވުޟޫކުރަމުއެވެ. ރުކޫޢުކޮށް، ސަޖިދަކޮށް، الله تَعَالَى މަތިވެރިކުރަމުއެވެ. ތިބާއީ الله تَعَالَىއަށް ދުޢާކޮށް، އެކަލާނގެ ހަނދުމަކުރުމުގެ މީރުކަން ދުލަށް ލިބިގެންވާ މީހެކެވެ. އެކަލާނގެ މަތިވެރިކުރުމުގެ ސަބަބުން ހިތުގައި ނޫރުލެވިފައިވާ މީހެކެވެ. ތިބާގެ ތައުޙީދަށާއި، އީމާންކަމަށް މަރުޙަބާއެވެ! ތިބާގެ ޔަޤީންކަމާއި، ތެދުވެރިކަމާއި، ﷲއާ ކުއްތަންވުމަށް މަރުޙަބާއެވެ! ﷲގެ އިސްމުފުޅުތަކާއި، ސިފަފުޅުތަކުގެ މަތިވެރިކަމާއެވެ! ހަމަހިލާ ވެސް ޝައިޠާނާ އެ ބުނާހެންނެއް ނުވާނެއެވެ. ތިބާއީ ޞައްޙަ ޢަޤީދާއެއްގެ ވެރިއެކެވެ. ތިބާގެ މައްސަލަ އަކީ ފުޓުބޯޅަ ޓީމެއްހެން، ބައެއް ފަހަރު ކާމިޔާބުވެ، އަނެއްބައި ފަހަރު ނާކާމިޔާބުވާ ގޮތަށް އޮތް މައްސަލައެއް ނޫނެވެ. ތިބާއަށް މުހިންމީ، ވަގުތީ އުފަލާއި، ކެއުމާއި ބުއިމެއް ނޫނެވެ. އެއީ އެހެން ބައަކަށް މުހިންމުވާ ކަންކަމެވެ. އެބައިމީހުންނާ ބެހޭ ގޮތުން الله تَعَالَى ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ކާފިރުވި މީހުން (ދުނިޔޭގެ ދިރުއުޅުމުގައި) އެއުރެން ފަސޭހަކަމާއި އަރާމު ލިބިގަނެ، ނަޢަމްސޫފި ކައިއުޅޭ ފަދައިން އެއުރެން ކައިއުޅެތެވެ. އަދި އެއުރެން ތިބެނިވި ތަނަކީ ނަރަކަޔެވެ."[3]
ތިޔަބައިމީހުން ދުނިޔޭގައި އުޅެނީ، މިއަށް ވުރެ މާ މުހިންމު މަޤްޞަދަކަށްޓަކައެވެ. އެއީ ހަމައެކަނި ﷲއަށް އަޅުކަންކުރުމެވެ. މި ދުނިޔޭގައި ތިބާ ދިރިއުޅުމުގެ ބޭނުމަކީ އެއީއެވެ. الله تَعَالَى ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިމަންރަސްކާލާނގެއަށް އަޅުކަންކުރުމަށް މެނުވީ ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީން ނަހައްދަވަމުއެވެ."[4] އިސްލާމް ދީން ވަނީ ފުރިހަމަވެފައެވެ. މި ދީނުގައި ކަތިކަމެއް، ގުދުކަމެއް ނެތެވެ. މިއީ الله تَعَالَىގެ ޛާތުފުޅަށް ނިސްބަތްވެގެންވާ އެކަލާނގެ ދީނެވެ. "ﷲގެ ޙަޟްރަތުގައި ދީނަކީ އިސްލާމްދީނެވެ." މި ދީނަށް ތަބަޢަވާ މީހުންނަކީ މީސްތަކުން ކުރެ އެންމެ ހެޔޮ މީހުންނެވެ. މިއީ ދީނެއްގެ ގޮތުގައި ﷲ ރުހިވޮޑިގެންފައިވާ ހަމައެކަނި ދީނެވެ. މި ދީނާ ހަމައިން ދެދުނިޔޭގެ ނިއުމަތް ފުރިހަމަކުރައްވައިފިއެވެ. الله تَعَالَى ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."[5]
މި ދީނަށް ތަބަޢަވެގެން މެނުވީ ނަޖާވާނެ މަގެއް، މުކައްލަފަކަށް ނުވެއެވެ. މި ދީނަށް އީމާންވެއްޖެ މީހާއަށް ތެދުމަގު ލިބި، ކާމިޔާބުވެއްޖެއެވެ. މި ދީން ދޫކޮށް، އެހެން ދީނެއް ހިފައިފި މީހާގެ ކިބައިން الله تَعَالَى ފަރްޟެއް، ސުންނަތެއް އަދި އެހެން ވެސް ޢަމަލެއް ޤަބޫލެއް ނުކުރައްވާނެއެވެ. الله تَعَالَى ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ދީނެއްގެ ގޮތުގައި އިސްލާމް ދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެ ކަން) ޤަބޫލެއް ނުކުރައްވާ ހުށްޓެވެ. އަދި، އާޚިރަތުގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."[6]
މި ދީނަކީ އުންމަތުގެ ފަޚުރެވެ. މި ދީނުގެ ޝަރީޢަތުން ޢިއްޒަތްލިބި، މުސްލިމުންގެ ސަފުތައް ބަދަހިވެ، ހިތްތައް އެކުވެރިވިއެވެ. މުޅި އިންސާނިއްޔަތު ހަލާކުން މިންޖުކޮށްދީ، ޝަރަފުވެރިކަމުގެ އެންމެ އުހަށް ފޯރުކޮށްދިނީ މި ދީނެވެ. މި ދީނަކީ ޞައްޙަ ސާފު ޢަޤީދާއެކެވެ. ފުރިހަމަ އީމާންކަމެކެވެ. ޙުކުމްތައް ބަޔާންކޮށްދިނީ މި ދީނެވެ. ޢަދުލުވެރިކަމާއި، ހަމަހަމަކަން ގެނެސްދީ، ޢާންމުންނާއި ޚާއްޞުންގެ ޙައްޤުތަކަށް އިޙްތިރާމުކުރާން ދަސްކޮށްދިނީ މި ދީނެވެ. އާދަކާދައާއި ޢުރުފަށް ރިޢާޔަތްކޮށް، މަޞްލަޙަތު އިސްކުރުމާއި، ފަސާދަތައް ދުރުކުރުމަކީ، މި ދީނުގެ އަސާސެވެ. މިއީ ޙަޔާތުގެ ހުރިހައި ފަޅިފަޅިއަކަށް އިންސާފުކޮށްދޭ ދީނެވެ. ޢަޤީދާއާއި، އަޅުކަމާއި، ޢާއިލީ ގުޅުންތަކާއި، މުޢާމަލާތާއި، ޙުދޫދާއި ކުށްތައް ހިމެނޭހެން، ވެރިންނާއި ރައްޔިތުންގެ އިންތަކާއި ގުޅުންތައް ހުންނާންވީ ގޮތް ވެސް ބުނެދިނެވެ. މިއީ މިއްލަތްތަކުގެ އަސާސެވެ. މި ދީނުގައި މުޅީން ވެސް ހުރީ ޢަދުލުވެރި ޙުކުމްތަކެވެ. ސީދާމަގު ދައްކައިދޭ އިރުޝާދުތަކެވެ. ޙިކުމަތްތެރި ސިޔާސަތުތަކެވެ. الله تَعَالَى ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ފޮތުގައި (ނުލިޔުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ."[7] އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެ ކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ."[8]
އިސްލާމް ދީން އިއްޔެ، ބިނާކުރި އުންމަތަކީ، އޭގެ ކުރީން ނިކަމެތި ބަލިކަށި ބަޔެކެވެ. ދެން ﷲގެ ފަޟްލުވަންތަވެރިކަމުން އެ އުންމަތް ވީ އެންމެ މާތް އުންމަތަށެވެ. މަގުގެއްލިފައިވާ މީހުންނަށް ހުރި މަގުބައްތިއަކަށެވެ. އަހަރެމެންގެ މަންހަޖަކީ އިސްލާމް ދީންކަމުގައި ހަދައިފި ނަމަ، ނަންހުރި މޮޅު ބަޔަކު ތަރުބިޔަތު ކުރެވޭނެއެވެ. ސުވަރުގެ ލިބުމަށް ޓަކައި، ޝަހީދުވާން ކެރޭ ޖީލެއް ބިނާކުރެވޭނެއެވެ. އެ މައިދާނުން ޝަހީދުނުވެ އެނބުރި ގެއަށް ރުޖޫއަވެވިއްޖެ ނަމަ އެއީ ޝަރަފުވެރިކަމާ އެކު ގެދޮރު ޙިމާޔަތްކުރާނޭ ބަޔެއްގެ ގޮތުގައެވެ.
ﷲއަށް ކިޔަމަންގަތުމުގައި، އަހުރެމެންގެ ކިބައިގައި ހުރި ފަރުވާކުޑަކަމާއި، ކުރެވޭ ކުށްތަކަކީ ދީނަށް ޚިދުމަތްކުރުމަށް ހުރި ޢުޛުރެއް ނޫނެވެ. މި ބޮޑު މަސްއޫލިއްޔަތުން ރެކެން އޮތް ބަހަނާއެއް ނޫނެވެ. އަހަރެމެންގެ ވާޖިބަކީ މި ދީނަށް ޚިދުމަތްކުރުމެވެ. ތިބާ މި މުހިންމު ވާޖިބާ މެދު ފުންކޮށް ވިސްނާށެވެ! އީމާންކަމުގެ ނަޒަރަކުން މި ކަމާ މެދު ދެކޭށެވެ! ތިބާގެ ހިތަށް ފެންނަފެނުމުގެ މައިކުރޯސްކޯޕަށް ލައިގެން މި ކަން ބަލާށެވެ! أَبُوْ مِحْجَنِ الثَّقَفِي (رَضِيَ ﷲ عَنْهُ)ގެ ވާހަކަ އަޑުއަހާށެވެ! އެއީ ބަނގުރާ ހިއްޕަވެމަށް އާދަވެފައިވީ ޞަޙާބީ ބޭކަލެކެވެ. އެކަލޭގެފާނު ތަކުރާރުކޮށް ޙާޒިރުކުރެވި ޙައްދު ޤާއިމުކުރެވެއެވެ. ނަމަވެސް އެއީ އޭގެ ސަބަބުން ދީނަށް އުޅުމަށް ހުރަސްއެޅޭ ކަމެއްކަމަކަށް، ނުވަތަ ދީނަށް ނަޞްރުދިނުމާ ދުރަށް ޖެހިވަޑައިގަންނަވަން ޖެހޭ ކަމެއްކަމަކަށް ދެކެވަޑައެއް ނުގަންނަވައެވެ. أَبُوْ مِحْجَن ޤާދިސިއްޔާ ހަނގުރާމައިގައި ބައިވެރިވެވަޑައިގަތެވެ. އެ ހަނގުރާމައިގައި ވެސް އެކަލޭގެފާނު ރާ ބައްލަވައިގެން سَعْدُ بْنُ أَبِي وَقَّاص رَضِيَ الله عَنْهُ ގެ އަރިހަށް ޙާޟިރު ކުރެވި، ގަދަފަދަ ޢުޤޫބާތެއް ތަންފީޛުކުރެވެއެވެ. އެއީ ހުރަގެއަށް ލެއްވުމެވެ. އެހިސާބުން އެކަލޭގެފާނަށް މުސްލިމުންނާ އެކު ޖިހާދުގައި ބައިވެރިވުން މަނާވީއެވެ. މި ކަން ވީ أَبُوْ مِحْجَنއަށް ވަރަށް ވޭންދެނިވި ޢުޤޫބާތަކަށެވެ. ކަނޑިއާއި ލޮންސީގެ އަޑާއި، އަސްތައް ގޮވާ އަޑު އިވޭ ހިނދު، ހަނގުރާމަ ފެށުނީކަން އެނގިވަޑައިގަނެއެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވުނީކަން އެނގިވަޑައިގަނެއެވެ. އެހައިރުން أَبُوْ مِحْجَن ޖިހާދުގައި ބައިވެރިވެވަޑައިގަންނަވާ ހިތްޕުޅުން ލޯފުޅަށް ނިންޖެއް ނާދެއެވެ. ދެން އެ ކަލޭގެފާނު ހުރަގޭގައި ހުންނަވައިގެން ވިދާޅުވިއެވެ. "ހަނގުރާމައިގައި އަސްތައް ވަރުބަލިވާ ހިނދު، އަހުރެން ކަސްތޮޅުއެޅިފައި މިތާ އިންނާން ޖެހުމަކީ ކެތްކުރެވޭ ވަރުގެ ވޭނެއް ނޫނެވެ. އަހަރެން މި ހުރަގެއިން ނެރެވިއްޖެ ނަމަ، ކުރީގެ އެކުވެރިންނާ އެކު ނުދާހުށީމެވެ." އެއަށް ފަހު سَعْدُ بْنُ أَبِي وَقَّاص ގެ އަނބިކަނބަލުން ގާތުގައި އާދޭސް ދެންނެވިއެވެ. "އަހަރެން މި ހުރަގެއިން ސަލާމަތްކޮށްދެއްވާށެވެ! ހަނގުރާމައިން އެނބުރި އައުދެވިއްޖެ ނަމަ އަލުން އަހަރެންގެ ފައިގައި ކަސްތަޅު އަޅުއްވާށެވެ! އަދި އަހުރެން ޝަހީދުވެއްޖެ ނަމަ ތިޔަބައިމީހުންނަށް އަހުރެންގެ ކިބައިން ސަލާމަތްވެވުނީއެވެ." އެހިނދު އެ ކަމަނާ އެކަލޭގެފާނު ދޫކޮށްލެއްވިއެވެ.
ދެން أَبُوْ مِحْجَن، سَعْدُ ގެ "اَلْبَلْقَاءُ" އެވެ، ކިޔުނު އަހަކަށް ސަވާރުވެވަޑައިގެން ލޮންސި ނަންގަވައި، ހަނގުރާމަ ފަށްޓަވައިފިއެވެ. ދެން ދިމާވާ ކާފިރުންގެ ކޮންމެ ޖަމާޢަތެއް ވިއްސިވިހާލިކޮށްލައްވަމުން ވަޑައިގަތެވެ. އޭރު سَعْدُގެފާނު ހުންނެވީ ޙައިރާންކަމާ އެކު ހަނގުރާމައިގެ މައިދާނަށް ބައްލަވާށެވެ. އަދި ވިދާޅުވަމުން ގެންދެވިއެވެ، "މިއަދު މުޅި މައިދާނުން ފެންނަނީ "اَلْبَلْقَاءُ" އެވެ، ކިޔުނު އަހެވެ. އަދި މުޅި މައިދާނުން ފެންނަނީ أَبُوْ مِحْجَنގެ އެތިފަހަރުތަކެވެ." ހަނގުރާމަ ފަތަޙަވުމުން أَبُوْ مِحْجَن ވަޑައިގެން ފައިންޕުޅުގައި ކަސްތަޅު އަޅުއްވައިފިއެވެ. ލަސްތަކެއް ނުވެ سَعْدُގެފާނުގެ އަނބިކަނބަލުން އެ ކަމަނާގެ ފިރިކަލުންނަށް މި ޚަބަރު ދެއްވައިފިއެވެ. އަދި أَبُوْ مِحْجَن ކިބައިގައި ދީނަށް ހުރި ޣީރަތްތެރިކަމާއި، ޖިހާދަށް ހުރި ލޯބި سَعْدُގެފާނު ދެކެވަޑައިގެން، އެކަލޭގެފާނުގެ ސަބަބުން ދީނަށާއި މުސްލިމުންނަށް ލިބުނު ނަޞްރަށް ޓަކައި، އެކަލޭގެފާނަށް ހިތްވަރުދެއްވައި އެކަލޭގެފާނުގެ ގައިކޮޅުގައި ޙައްދު ނުޖައްސަވާނެކަމަށް އެކަލޭގެފާނު ވަޢުދުވެވަޑައިގަތެވެ. އެހިނދު أَبُوْ مِحْجَن رَضِيَ الله عَنْهُ އެކަމާ އުފާފުޅުކުރައްވައި ވިދާޅުވިއެވެ. "އަހުރެން މީގެފަހުން ދުވަހަކު ވެސް ރާ ނުހިއްޕަވާހުށީމެވެ." [9]
ތިޔަބައިމީހުން މި ޙާދިޘާއަށް ބަލާށެވެ! ކުށާއި ފާފައިގެ ސަބަބުން، ދީނަށް ޢަމަލުކުރުމާއި، ދީން ދެކެވާ ލޯތްބާއި މުސްލިމުންނަށް ވާގިވެރިވުމަށް ބަދަލެއް ނާދެއެވެ. ދީނަށް ޚިދުމަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެކެވެ. ފިރިހެނަކަށް ވިޔަސް، އަންހެނަކަށް ވިޔަސް، ބޮޑުމީހަކަށް ވިޔަސް، ކުޑަކުއްޖަކަށް ވިޔަސް، ޒުވާނަކަށް ވިޔަސް، މުސްކުޅިއަކަށް ވިޔަސް މެއެވެ. މި ދީނުގެ ޤަދަރު ދަންނަ ބަޔަކު الله تعالى ޚަލްޤުކުރައްވައިފައި ވެއެވެ. އެ މީހުން ހުރިހައި ތަކެއްޗެއް މި ދީނުގެ ޙައްޤުގައި ހޭދަކުރިއެވެ. ނަފުސުގެ ޖިހާދު ކުރިއެވެ. ދީނަށް ޓަކައި މަސައްކަތް ކުރުމީ ލާޒިމުކަމެއް ކަމުގައި ހެދިއެވެ. އެ މީހުން އުޅުނީ ޝަރަފުވެރި ދިރިއުޅުމެކެވެ. އަދި މަރުވެދިޔައީ ބާއްޖަވެރިކަމާއެކުގައެވެ. ބައެއް މީހުން ގެނެވި، ކެކިކެކި ހުރި ހޫނު ތެޔޮ ޖާޑިއެއްގެ ތެރެއަށް ލެވެއެވެ. މިއީ މަންޒަރު ދެކޭ މީހާ ބިރުން ފިތްކަޑައިގެން ގޮސް ހީބިހިނަގާ ވަރުގެ ކަމެކެވެ. ދެން އޭނާ ރޯންފެށުމުން ސުވާލުކުރެވެއެވެ. "ރޮނީ ކޮންކަމަކާ ހެއްޔެވެ؟" ޖަވާބުގައި ބުނެއެވެ. "އަހަރެންނަށް މިލްކުވެގެން ވަނީ އެންމެ ފުރާނައެކެވެ. މިއަށް ލީމައި އެ ފުރާނަ އެ ދިޔައީއެވެ. އެކަމަކު އަހުރެންގެ ގައިގައި ހުރި އިސްތަށީގެ ޢަދަދަށް ފުރާނަ ހުންނާނޭނަމައޭ ހިތަށް އަރައެވެ. އެއީ އެއިން ކޮންމެ ފުރާނައެއް ﷲ ގެ މަގުގައި އެކަލާނގެ ދެކެވާ ލޯބީގައި ދީނުގެ ޚިދުމަތުގައި މަރުގެންނެވުމަށެވެ."[10]
މިފަދަ އަނެއް ބޭކަލަކީ ޖާބިރުގެފާނުގެ ބައްޕާފުޅު عَبْدُ اللَّهِ بْنُ عَمْرِو بْن حَرَام (رَضِيَ ﷲ عَنْهُ)އެވެ. އުޙުދު ހަނގުރާމައިގައި އެކަލޭގެފާނު ޝަހީދުވިއެވެ. އެކަލޭގެފާނާމެދު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (ބަރުޒަޚުގެ ޢާލަމުގައި) "الله سُبْحَانَهُ وَتَعَالَى އެއްވެސް މެދުވެރިޔަކާނުލައި އެކަލޭގެފާނަށް ބަސް ވަޙީކުރެއްވިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. "އޭ ތިމަންރަސްކަލާނގެ އަޅާއެވެ! ތިމަންރަސްކަލާނގެ ޙަޟްރަތުން ތިބާގެ އެދުމެއް އޮތިއްޔާ އެދި ދަންނަވާށެވެ! އެހިނދު އެކަލޭގެފާނު ދެންނެވިއެވެ. "އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާ އެދި ދަންނަވަނީ މިއަޅާ އަލުން ދިރުއްވައި އަނެއްކާވެސް ދުނިޔެއަށްގޮސް އިބަރަސްކަލާނގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާށެވެ! ދެންވެސް ދިރުއްވައި އެގޮތުގައި ޝަހީދުވާށެވެ!"[11] މިހުރިހައި ކަމަކީވެސް މި ދީނަށްޓަކައި މަސައްކަތް ކުރުމާއި، މި ދީނަށް އޮތް ލޯބީގެ ބޮޑުކަމެއްނޫންތޯއެވެ؟
Advertisement
30 އޮގަސްޓް 2024