އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ނިކަމެތިންގެ ހެޔޮ ދުޢާލިބުމަކީ ކޮތަންމެ ބޮޑު ނިޢުމަތެއްވެސް ލިބިދާނެ ކަމެއް!

ޢިބްރަތްތެރި ވާހަކަ: ނިކަމެތިންގެ ހެޔޮ ދުޢާލިބުމަކީ ކޮތަންމެ ބޮޑު ނިޢުމަތެއްވެސް ލިބިދާނެ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 38 ސިކުންތު

ތިމާއަކީ އެހެން މީހުންނަށްވުރެ މާމަތީ މިހެއްކަމަށް ޤަބޫލުކުރެވޭނަމަ އެމީހަކުވާނީ ބޮޑާ، ކިބުރުވެރި މީހުންގެ ތެރެއިންނެވެ. އެކަން ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ނަމަވެސް މައްސަލައަކީ ބައެއް މީހުންނަށް އެކަން ބަލައިގަންނަން އުނދަގޫވާކަމެވެ. 

ތިރީގައިވާ ވާހަކައަކީ އެފަދަ މީހުންނަށް ވަރަށް ރަނގަޅު ފިލާވަޅެއް ލިބިގެންދާނެ ވާހަކައެކެވެ. އިން ޝާ ﷲ 

ޝާބީ އަކީ އެލީޒާ މުސާރަދީގެން ގެންގުޅޭ ނޯކަރެކެވެ. ނަމަވެސް ދެމީހުންގެ މިޒާޖު ވަރަށް ތަފާތެވެ. އެލީޒާގެ ކިބައިގައި ތަނަވަސްކަންހުރުމުން ތަނަވަސްކަން ނެތް މީހުންނަށް އޭނާގެ ހިތުގައި އެއްވެސް މަޤާމެއް ނުވެއެވެ. ދެކެނީ ވަރަށް ދަށު ދަރަޖައިގެ ބައެއް ކަމަށެވެ.

ޝާބީގެ ވިސްނުން މުޅިން ތަފާތެވެ. ޤަދަރުލިބިގެންވާ ބައަކީ ފަޤީރުންނެވެ. ދަށުދަރަޖައިގެ މީހުންނެވެ. ސަބަބަކީ އެމީހުންނަށް ކުރެވޭ ފާފަތައް މަދުވާނެތީއެވެ. އެހެންވެ އެބާވަތުގެ ވާހަކައެއް ދައްކަން އުޅުނަސް އެލީޒާ ރުޅިގަދަވާނެއެވެ. އަޑުވެސް ނާހާނެއެވެ. 

އެއިރު އެލީޒާ ލޯބީގެ ގޮތުން ގުޅުނު ޒުވާނާއަކީ ވަރަށް ހިތްތިރި އަޚްލާޤް ރަނގަޅު ޒުވާނެކެވެ. ފަޤީރަކަށް އެހީވާނެ ފުރުޞަތެއް ލިބިއްޖެނަމަ އެފުރުޞަތު ދޫކޮށްލާ މީހެއް ނޫނެވެ. އެހެންވެ އެލީޒާ އާއި ކައިވެނިކުރުމާއިމެދު އޭނާ ހުންނަނީ ކަންބޮޑުވެފައެވެ. ސަބަބަކީ ކައިވެނިކޮށްފިނަމަ އެލީޒާގެ ވިސްނުމުގެ ނުބައި އަސަރު އޭނާއަށް ކުރާނެތީއެވެ. 

ކައިވެނިކުރުމާއިމެދު ގޮތެއް ނިންމަން ގާތްވެފައިވަނިކޮށް އެއްދުވަހަކު އެލީޒާ އާއި ޝާބީ ގޮވައިގެން ޒުވާނާ ދުރު ރަށަކަށް ޗުއްޓީ ހޭދަކޮށްލަން ދިއަ ދުވަހެކެވެ. ބަނޑުހައިވެގެން ތިއްބާ މަގުމަތިން ފެނުނު މުސްކުޅި އުމުރުގެ އަންހެނެކެވެ. ގާޑިޔަލެއްގައި ކުޑަކުޑަ އުނދުނެއް ބަހައްޓައިގެން ކާއެއްޗެތި ވަގުތުން ތައްޔާރުކޮށް ދަތުރުވެރިންނަށް ވިއްކާ އަންހެނެކެވެ. 

އޭނާގެ އަތުން ކާއެއްޗެއް ގަތުމަށް ކާރު މަޑުކޮށްލުމުން އެލީޒާ އެކަމަށް ދެކޮޅު ހެދިއެވެ. ބުނީ އެބާވަތުގެ ދަށުދަރަޖައިގެ މީހުން ވިއްކާ ކާއެއްޗެތި ގަނެގެން ކެއުމަށްވުރެ ރަނގަޅު ފެންވަރުގެ ރެސްޓޯރަންޓަކާއި ހަމައަށް ދެވުމުން ވަދެ ކެއުން މާރަނގަޅުވާނެކަމަށެވެ. ޒުވާނާ އެކަމަށް ދެކޮޅު ހެދިއެވެ. އޭނާ އެވިއްކަނީ ވަގުތުން ތައްޔާރުކޮށްފައި ކަމަށްވުމުން އެއީ ވެސް ހަމަ ތާޒާ ތަކެތި ކަމަށާއި އަދި އޭނާގެ އަތުން އެއްޗެއް ގަތުމަކީ ފަޤީރަކަށް އެހީތެރިވުން ކަމަށް ބުންޏެވެ. އެހެން ބުމުންވެސް އެލީޒާ އެކަމަށް ދެކޮޅު ހެދުމުން ދެމީހުންގެ މެދުގައި ޒުވާބަކަށްވިއެވެ. 

އެވަގުތު ޝާބީ ކާރުންފައިބައިގެން ގޮސް 3 މީހުންނަށް ވާވަރަކަށް އެއްޗެތި ގަނެގެން އައުމުން ކާރު ދުއްވައިލިއެވެ. ޝާބީގެ އެ ޢަމަލު އެލީޒާއަކަށް ބަލައެއް ނުގަނެވުނެވެ. ދުށީ އޭނާގެ އަގުވައްޓާލުން ކަމަށެވެ. ޝާބީ ބުނީ އެއީ އެއްގޮތަކަށްވެސް އެގޮތަށް ކުރި ކަމެއް ނޫން ކަމަށާއި ބަނޑުހައިވެފައި ތިބި ވަރުން ކުރެވުނު ކަމެއް ކަމަށެވެ. ކޮންމެއަކަސް އެލީޒާ އެއިން އެއްޗެއް ކާން އެއްބަހެއް ނުވިއެވެ. ނަމަވެސް ޒުވާނާ އެއިން ކެއެވެ. 

އެރޭ ހޮޓަލުގައި ތިބިއިރުވެސް އެއްވެސް އުފާވެރިކަމެއް ނެތެވެ. ކަމަކަށް އޮތީ އެމައްސަލައިގައި ދެބަސްވުމެވެ. ޝާބީ ހުރީ ވަރަށް ދެރަވެފައެވެ. އެއީ އޭނާއަށް ކުރެވުނު ކަންތަކުގެ ސަބަބުން އޭނާގެ ވަޒީފާވެސް ގެއްލިދާނެ ކަމުގެ ބިރު އޮތުމުންނެވެ. ދަތުރު ނިންމައި އަނެއް ދުވަހު ގެއަށް ދިއުމަށްފަހު ކަންތައް މެދުވެރިވީވެސް އެގޮތަށެވެ. ވަޒީފާއިން ވަކިކޮށް ޝާބީ ފޮނުވައިލީއެވެ. 

ޝާބީ ގޭގައި ހުންނަތާ 3 ވަނަ ދުވަހުގެ ރޭ އެލީޒާގެ ލޯބިވެރިޔާ ޝާބީ ހޯދަން ޝާބީ ދިރިއުޅޭ ގެއަށް ގޮސް ޝާބޒާގެ ކިބައިގައި ހުންނަ އެފަދަ ރަނގަޅު، ހިތްތިރި ސިފަތަކުގެ ސަބަބުން ކަމަށާއި ކައިވެނިކުރަން ބޭނުންވަނީ ހިތްތިރި، ނިކަމެތިން ދެކެ ލޯބިވާ އަންހެނަކާއި ކަމަށެވެ. ޝާބީއަކީ އެފަދަ ހިތްތިރި އަންހެނަކުކަން އެކި ފަހަރުމަތިން ވަރަށް ރަނގަޅަށް އެނގިފައިވުމުން މިއައީ ޝާބީ އާއި ކައިވެނިކުރުމުގެ ބޭނުމުގައި ކަމަށެވެ. 

ޝާބީ ބުނީ ކައިވެނިނުކޮށް ލޯބިވެގެން އުޅުމަކީ ނިކަމެތިންގެ ދިރިއުޅުމުގައި އޮންނަ ކަމެއް ނޫން ކަމަށާއި ލޯބިވެގެން ނުއުޅެ ކައިވެނިކުރަން ބޭނުންނަމަ ކައިވެނިކުރަން ތައްޔާރަށް ހުރި ކަމަށެވެ. 

އޭނާ އެކަން ޤަބޫލުކޮށް ޝާބީ އާއި ކައިވެނިކުރިއެވެ. އެކައިވެނީގައި މިހާރު 8 އަހަރު ވެއްޖެއެވެ. 2 ދަރިންވެސް ލިބިއްޖެއެވެ. ފިރިމީހާއަކީ ނުހަނު ތަނަވަސް މީހެކެވެ. ޝާބީއަކީ އެންމެ ނިކަމެތި ފަޤީރެކެވެ. ނަމަވެސް ދެމަފިރިން ދިރިއުޅެމުން އަންނަނީ ވަރަށް އުފަލުގައެވެ. 

މިވާހަކަ ޙަޤީޤީ ޙާދިސާއެއްގެ ގޮތުގައި ކިޔައިދީފައިވަނީ ޝާބީގެ މަންމައެވެ. އޭނާ ފާހަގަކޮށްފައިވަނީ ނިކަމެތިންނަށް އެހީތެރިވެ އަޅައިލުމުން ކުރާ ފައިދާއެވެ. ނިކަމެތިންނަށް އެހީތެރިވުމުން އެމީހުން ކުރާ ދުޢާގެ ފައިދާއެވެ. މަންމަ ބުނެފައިވަނީ އެކަން އެގޮތަށް މެދުވެރިވެ ޝާބީއަށް އެހައި ރަނގަޅު ފިރިއަކު ލިބުނީ އެދުވަހު އެކާއެތިކޮޅު ވިއްކި މީހާގެ ހެޔޮ ދުޢާއިން ނޫންކަންވެސް ނުއެނގޭކަމެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް