އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަޤްވާވެރިވެ ދުޢާނުކުރުމަކީ ދިރިއުޅުމުގަ ބޮޑެތި ގޯސްތައް ހެދި ބަނގުރޫޓުވާ ކަމެއް!

ތަޤްވާވެރިވެ ދުޢާނުކުރުމަކީ ދިރިއުޅުމުގަ ބޮޑެތި ގޯސްތައް ހެދި ބަނގުރޫޓުވާ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 47 ސިކުންތު

ހެމާ އާއި ޢަޤީލަކީވެސް ވަރަށް ލޯބިން ދިރިއުޅެމުން ދިއަ ދެމަފިރިންނެވެ. އެދެމަފިރިންނަށްވެސް ދިމާވި އެންމެ ބޮޑު މައްސަލައަކީ ދަރިއަކު ނުލިބުމުގެ މައްސަލައެވެ. ޑޮކްޓަރަށް ދައްކައިގެން ދެމީހުންވެސް ދިއައީ ފަރުވާ ހޯދަމުންނެވެ. ދަރިއަކު ލިބޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ. 

އަހަރެއްހައި ދުވަހު މަސައްކަތްކުރިއިރުވެސް ދަރިއަކު ނުލިބުމުން ދެމީހުންވެސް މާޔޫސްކަމުގައި ތިބެފައި އެއްރޭ ޢަޤީލް ބުނީ ދަރިއަކު ބޭނުންވަރުން ސިއްރުން ކައިވެންޏެއް ކޮށްފައިވާ ކަމަށާއި އޭނާ މިހާރު އިނީ ބަލިވެ ކަމަށެވެ. އެހެންވެ ހެމާ ވަރިކޮށްލާފައި އޭނާގެ ގާތަށް ދަނީ ކަމަށެވެ. 

އެހެން ބުނެފައި ޢަޤީލް ނުކުމެގެން ދިއުމުން ހެމާއަށް ލިބުނު ހިތްދަތިކަމުން އަރައިގަނެވުނީ ވަރަށް ގިނަ ދުވަހުންނެވެ. ހެމާގެ ސްކޫލް ދައުރުގެ އެކުވެރި ޒުބައިރު އޭނާއަށް ވަރަށް ބޮޑަށް އެހީތެރިވެދީގެންނެވެ. އެހަނދާންތަކާއި މުޅިން ވަކިވެވުނީ ދެމީހުން ކައިވެނިވެސްކޮށް ކައިވެންޏަށް 4 ވަނަ މަހުގައި ބަލިވެއިނުމުންނެވެ. 

ދުވަސްފުރައި ލިބުނީ ވަރަށް ލޯބިލޯބި ފިރިހެން ކުއްޖެކެވެ. އެހިސާބުން ހެމާއަށް ޤަބޫލުކުރެވެން ފެށީ ދުނިޔޭގެ ހުރިހާ އުފާވެރިކަމެއް އޭނާއަށް ލިބިއްޖެ ކަމަށެވެ. ޒުބައިރު އާއި ދެމީހުން ދިރިއުޅެމުން ދިއައީ ވަރަށް އުފަލުގައެވެ. 

އެއްދުވަހެއްގެ ހަވީރެވެ. ކުރީގެ ފިރިމީހާ ކުޑަ ކުއްޖަކު ގޮވައިގެން ހެމާގެ ގެއަށް ދިއުމުން މަރުޙަބާ ކިޔައި ގެއަށް ވައްދާފައި މެހްމާންދާރީ އަދާކޮށްފައި ޑޮކްޓަރު ދީފައި ހުރި ލިޔުންތަކެއް ދެއްކިއެވެ. އެއިގެ ތެރޭގައި ޢަޤީލް އޭނާ ވަރިކޮށްލާފައި ދިއައިރު ނަތީޖާ ނުލިބިހުރި ބައެއް ޓެސްޓްތަކުގެ ނަތީޖާވެސް ހުއްޓެވެ. ނަތީޖާތަކުންފެންނަ ގޮތުގައި ކުރީގެ ފިރިމީހާ، ޢަޤީލަށް ދަރިއަކު ލިބުމުގެ އެއްވެސް ފުރުޞަތެއް ނެތެވެ. 

އެހިސާބުން ޢަޤީލް ކިޔައިދިނެވެ. "ހެމާއެވެ! ދަރިއަކު ލިބުމުން މިހުރީ ވަރަށް އުފަލުންނެވެ. އޭނާގެ މަންމަ ޢޭނާއަށް ގާތުންވެސް ނުދީ އެއްލާލާފައި ވަރިވެގެން ދިއައީ އަތްމަތި ހުސްކޮށްލައިފައެވެ. މިދަރިފުޅު ބަލަމުން މިދަނީ ވަރަށް ދަތިޙާލުގައެވެ. ވަރަށް ލޯބިންނެވެ. އެކަމަކު މިއެނގުނީ މިއީ އަހަރެންގެ ދަރިއެއް ނޫންކަމެވެ. އެހެންވިޔަސް މިދަރިފުޅު އެއްލައެއް ނުލާނަމެވެ. އެމީހަކުކުރި ނުބައިކަމެއް އެމީހަކަށެވެ. ހެދި މަކަރެއްވެސް ހަމަ އެމީހަކަށެވެ. އަހަރެންނަށް ދަރިއަކުވެސް ލިބޭނީއެއް ނޫންވިއްޔާއެވެ! ވީމާ ދަރިއަކު ކަމަށް ލޯބިން ގެންގުޅެވުނު ދަރިފުޅު ލޯބިން ގެންގުޅޭނީއެވެ. 

އަހަރެން ހެމާގެ ކިބައިން އެދެނީ އެންމެ ކަމަކަށެވެ. އަހަރެންނަށް ހިތްހެޔޮކޮށްދީ މާފުކޮށްދިނުމަށެވެ. އަހަރެންނަށް ހެމާއާއިމެދު ކަންކަން ކުރެވުނީ ވަރަށް ގޯސްކޮށް ކަމަށް ޤަބޫލުކުރަމެވެ. އެގޮތަށް ކަންކަން ކުރެވުނުކަމުން ހެމާއަށް ހިތްދަތިކަމެއް ލިބުނު ނަމަވެސް ކުރި ފައިދާވެސް ވަރަށް ބޮޑެވެ. ދަރިއަކު ތިއަ ލިބުނީ އަހަރެންނަށް އެގޮތަށް ކަންތައްތައް ކުރެވުނީތީ ނޫންހެއްޔެވެ؟ މިއީ ހަމަ ތަޤްދީރެވެ. ކުރިއަށް އޮތްތަނުގައި ދެމީހުންގެ މެދުގައި އެކުވެރިކަން ބާއްވައިދީފިނަމަ އަހަރެން ވަރަށް އުފާވާނަމެވެ." 

ހެމާ ޢަޤީލަށް މާފުކުރިއެވެ. ޒުބައިރުވެސް ޢަޤީލުގެ ވާހަކަތަކަށް ތާއީދުކުރިއެވެ. އަދި ދަރިން ލިބިފައިހުރި، ނުވަތަ ދަރިއަކު ލިބުމުގެ އުންމީދު ނެތް، ޢަޤީލްފަދަ އަންހެނަކު ހޯދައިގެން ކައިވެނިކޮށް ދިރިއުޅެން ޢަޤީލަށް ހިތްވަރުދިނެވެ. 

އެވަޤުތު ޢަޤީލަށް ބުނެވުނެވެ. "އަހަރެންނަށް މިޙާލު މިޖެހުނީ ހެމާ ތަކުރާރުކޮށް ބުނަމުން ގެންދިއައިރުވެސް ހެމާފަދައިން ތަޤްވާވެރިނުވެވުނީމައެވެ. ދުޢާނުކުރެވުނީމައެވެ. ހެމާއަށް އުފާވެރިކަން ލިބުނީ ހެމާގެ ތަޤްވާވެރިކަމުންނެވެ. ކޮންމެ ރެއަކު ހޭލައި އިނދެ ކުރި ދުޢާއިންނެވެ. އިރާދަކުރެއްވިއްޔާ އަހަރެންވެސް ކުރިއަށް އޮތްތަނުގައި ހެމާފަދަ ތަޤްވާވެރިއަކަށްވާން މަސައްކަތްކުރާނަމެވެ." 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ އަޅުގަނޑު ހުށަހަޅައި މިލީ އަޅުގަނޑުގެ ޙަޔާތާއި ވަރަށް ގުޅުންހުރި ވާހަކައަކަށްވުމުންނެވެ. އަޅުގަނޑުގެ ފުރަތަމަ ފިރިމީހާވެސް އަޅުގަނޑު ރޮއިރޮއި އިންދައި ދޫކޮށްލާފައި ދިއައީ އަޅުގަނޑަށް ދަރިއަކު ނުލިބިގެން ދަރިއަކު ހޯދުމުގެ ބޭނުމުގައެވެ. 

ދެވަނަ ކައިވެނީގައި 7 އަހަރުވީއިރު 3 ދަރިން އެބަތިއްބެވެ. އޭނާ 3 ކައިވެނިކޮށްގެންވެސް ދަރިއަކު ނުލިބުމުން މިހާރު ކައިވެނިކޮށްގެން އުޅެނީ 5 ދަރިންގެ މަންމައަކާއިއެވެ. އަހަރެމެން ދެމީހުންގެ މެދުގައިވެސް ކަންކަން މެދުވެރިވީ ހަމަ އެފަދަ ގޮތަކަށެވެ. އޭނާއަކީ އެންމެ ކުޑަމިނުން ފަރުޟު ނަމާދުތަކަށްވެސް ފަރުވާ ބަހައްޓާ މީހެއް ނޫނެވެ. ނަމަވެސް އަޅުގަނޑަކީ ކުޑައިރުންސުރެ ނަމާދުތަކަށް ރައްކައުތެރިވަމުން އަންނަ އަންހެނަކީމެވެ. 

ވީމާ އަޅުގަނޑު ބުނެލަން ބޭނުމީ ނަމާދުތަކަށް ރައްކައުތެރިވެ ﷲ އަށް ކިޔަމަންތެރިވާނަމަ ދެރައެއް ދެވޭނެ މީހަކު ނުހުންނާނެއެވެ. ހިތާމައިގާ ދުވަސްކޮޅަކު އުޅެން ޖެހުނަސް އުފާވެރިކަން ދެއްވަވާނެއެވެ. އިން ޝާ ﷲ 

- ޢަޒީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް