އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު
ރައްޔިތުންގެ މަޖިލީހުން މާދަމާ ބާއްވާ ދައުރުން ބޭރުގެ ޖަލްސާއަށް، ކުންފުނިތަކުގެ ޚާއްޞަ އާންމު ޖަލްސާ ބޭއްވުމަށް ދޭ މުއްދަތު ކުރުކުރުމަށް ހުށަހަޅާ އިޞްލާޙު އެޖެންޑާ ކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި އިޞްލާޙު މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ. މި އިޞްލާޙުގެ މަޤްޞަދަކީ ކުންފުންޏެއްގެ ޚާއްޞަ އާންމު ޖަލްސާ ބޭއްވުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތަކަށް ބަދަލު ގެނައުމެވެ.
މިހާރު ހުށަހަޅާފައިވާ އިޞްލާޙުގައިވާ ގޮތުން، ކުންފުންޏެއްގެ ޚާއްޞަ އާންމު ޖަލްސާއެއް ބާއްވަން އެދޭތާ 3 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދަޢުވަތު ދޭންޖެހޭނެއެވެ. އަދި 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހޭނެއެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައިވާ ގޮތުން ޖަލްސާއަށް ދަޢުވަތު ދޭން ޖެހެނީ 21 ދުވަހުގެ ތެރޭގައެވެ. އަދި ޖަލްސާ ބޭއްވުމަށް 3 މަސް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މީގެ އިތުރުން، ކުންފުންޏެއްގެ ޚާއްޞަ އާންމު ޖަލްސާއެއް ބާއްވާނަމަ ކުންފުނީގެ މެންބަރުންނަށް 7 ދުވަސް ކުރިން ނޯޓިސް ފޮނުވަން ޖެހޭނެކަމަށް އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައިވާ ގޮތުން މި ނޯޓިސް ދޭންޖެހެނީ 14 ދުވަސް ކުރިންނެވެ.
އިޞްލާޙުގައި އަދި ހިމަނާފައިވާ އެހެން ބަދަލެއްގެ ގޮތުން، ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިތުރުކުރުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ.
މި އިޞްލާޙުގެ ފުރަތަމަ ކިޔުން ވަނީ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ފުރަތަމަ ޖަލްސާގައި އިއްވާފައެވެ. މާދަމާ ބާއްވާ ދައުރުން ބޭރުގެ ޖަލްސާގައި މި އިޞްލާޙާ މެދު މަޝްވަރާކުރެވޭނެ ކަމަށް ބެލެވެއެވެ.
Advertisement
15 ސެޕްޓެމްބަރ 2024