އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު
ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވުނު ޖަލްސާގައި، ފާސްކޮށްފިއެވެ.
މި އިސްލާހުތަކުގެ ދަށުން، 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޓީޖީއެސްޓީ) 16 އިންސައްތައިން 17 އިންސައްތައަށް ބޮޑުކުރެވޭނެއެވެ.
މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި ނަގާ އަދަދުވެސް ދެގުނައަށް އިތުރުކުރެވޭނެއެވެ. މިގޮތުން، ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާތަކުގައި ހޭދަކުރާ ކޮންމެ ރެއަކަށް 6 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނެގޭނެއެވެ. އަދި ގެސްޓްހައުސްތަކުގައި ހޭދަކުރާ ކޮންމެ ރެއަކަށް 3 ޑޮލަރުގެ ބަދަލުގައި 6 ޑޮލަރު ނެގޭނެއެވެ.
އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި ނަގާ އަދަދުތަކަށްވެސް ބަދަލު ގެނެވޭނެއެވެ. މިގޮތުން، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން 50 ޑޮލަރު، ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން 120 ޑޮލަރު، ފަސްޓް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން 240 ޑޮލަރު، އަދި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ފަރާތްތަކުގެ އަތުން 480 ޑޮލަރު ނެގޭނެއެވެ.
މި ބަދަލުތަކުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެކަމަށް ބެލެވެއެވެ. މި އިސްލާހުތައް ތަންފީޒުކުރަން ފެށުމުން، ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ޤައުމުގެ އިޤްތިޞާދަށް ފައިދާކުރާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.
Advertisement
31 އޮކްޓޯބަރ 2024