އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 17 ސިކުންތު
އަހުރެމެންނާއި ﷲ ތަޢާލާގެ ޙަޟްރަތާއި ގުޅުވައިދޭ އެންމެ ބޮޑު އެއް ވަސީލަތަކީ ދުޢާ ކަމަށް ބުނުމަކީ ހަމަ ވަރަށް ޙައްޤު ބަހެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވެވިއެވެ.
އިރުއަރައިގެން އަންނަހިނދު، އެއުރެންގެ ހޮހަޅައިގެ ކަނާތްފަރާތަށް، އިރު ލަނބާލައިގެންދާތީ، ތިބާއަށް ފެންނާނެތެވެ. އަދި އިރުއޮއްސެންދާހިނދު، ވާތްފަރާތަށް އެއުރެން ދޫކޮށް ފަހަނަޅައިދެއެވެ. އޭރު އެއުރެންވަނީ، ހޮހަޅައިގެ ތަނަވަސް ތަނެއްގައެވެ. އެކަންތައްވަނީ، ﷲ ގެ އާޔަތްތަކުގެތެރެއިންނެވެ. ﷲ ތެދުމަގު ދެއްކެވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިއަކު ތިބާއަކަށް ނުފެންނާނެތެވެ." (އަލްކހްފި: 17)
އަދިވެސް ވަޙީކުރެއްވެވިއެވެ.
އަދި އެއުރެންގެ ހިތްތަކުގައިވާ ޙަސަދަ ވެރިކަން، ތިމަންރަސްކަލާނގެ ވަނީ ވަކިކުރައްވާފައެވެ. އެއުރެންގެ ދަށުން ފެންއާރުތައް ހިނގައެވެ. އަދި އެއުރެން ބުނާނެތެވެ. ޙަމްދު ހުރީ ތިމަންމެންނަށް މިކަމަށް ތެދުމަގު ދެއްކެވި ﷲ އަށެވެ. އަދި ﷲ، ތިމަންމެންނަށް ތެދުމަގު ދައްކަވައިފިއްޔާ މެނުވީ، ތިމަންމެންނަކަށް ތެދުމަގެއް ނުފެނުނީހެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ ފޮނުއްވި ރަސޫލުން، ޙައްޤު ދީނާއިގެން ވަޑައިގަތްކަން ކަށަވަރެވެ. ދެން އެއުރެންނަށް ގޮވައި އަންގަވާނެތެވެ. އެހެރީ ސުވަރުގެއެވެ. ތިއަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން އެތަން ތިއަބައިމީހުންނަށް ލިބިދެއްވިއެވެ." (އަލްއަޢްރާފް: 47)
ނަމާދުކޮށް ހެޔޮ ޢަމަލުކުރެވޭނަމަ ތިމާއަށް މިހުރެވެނީ ތެދުމަގު ފެނިފައި ކަމަށް ޔަޤީންކޮށް ތެދުމަގު ދައްކަވައި ދެއްވެވުމާއި ޙައްޤު މަގުގައި ސާބިތުކަން ދެއްވެވުން އެދި އަދި ފާފަތައް ފުއްސަވައި ދެއްވެވުމަށާއި ނަރަކައިގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުމުގައި އިހްމާލްވާ ބައަކު އުޅެއެވެ.
ނަމަވެސް އެއީ އެއްވެސް ޙާލެއްގައި އެކަން އޮތް ގޮތެއް ނޫނެވެ. ކުރިން މިބަޔާންކުރި ކަންކަން ހިންމަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ. މި ދެ ދުޢާއަކީވެސް ކުރު، ދޫމައްޗަށް އެހައި ފަސޭހަ 2 ދުޢާއެވެ.
رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ
"އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެން އީމާންވެއްޖައީމުއެވެ. ފަހެ، އަޅަމެންގެ ފާފަތައް، އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ!" (އާލްޢިމްރާން: 16)
رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ
"އަޅުގެ ވެރިރަސްކަލާކޮ! ފާފަފުއްސަވައި ރަޙްމަތް ލައްވާނދޭވެ! އިބަރަސްކަލާނގެއީ، ރަޙްމަތްލައްވާ، އެންމެހެޔޮ ރަސްކަލާނގެއެވެ." (އަލްމުއްމިނޫން: 118)
ތެދުމަގު ފެންނާނީ އެކަމަށް އެދި މަސައްކަތްކުރުމުންނެވެ. އަދި ﷲ ތަޢާލާ އެކަން ހިންމަވައި ދެއްވެވުމުންނެވެ. ވީމާ ފާފަތައް ފުއްސަވައި ދެއްވެވުމަށާއި ﷲ ތަޢާލާގެ ރަޙްމަތަށް އެދި ވީހައި ގިނައިން ދުޢާކުރަމުންގެންދާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
14 އޮކްޓޯބަރ 2024