އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 13 ސިކުންތު
އަޅުގަނޑުގެ ލޯބިވެރިޔާއަކީ އެހައި ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް ވަރަށް އަޚްލާޤް ރަނގަޅު ޒުވާނެކެވެ. އެހެންވެ ދެމީހުން އެކުގައި ދުވަސްތައް ހޭދަކުރަމުން އައީ ވަރަށް އުފަލުގައެވެ. ނަމަވެސް އަހަރެއްހައި ދުވަސް ފާއިތުވިތަނާހެން ޒުވާނާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އެއިރު އޮތީ ކައިވެނިކުރަން ހުރިހާ ކަމެއް ހަމަޖެހި ދުވަސް ކަނޑައަޅައި ހުރިހާ ކަމެއް ތާވަލުވެސް ކޮށްފައެވެ.
އެހެންވެ ވަރަށް ކަންބޮޑުވެފައި އިންދާ އެއްރޭ ލޯބިވެރިޔާ އާދައިގެ މަތިން ގެއަށް އައިސް ޖެހިގެން ހުރި ގޮނޑީގައި އިށިނދެ ވާހަކަދައްކަން ފެށިއެވެ. އެކަމަކު އޭނާގެ ސިކުނޑިއަށް ހުރީ ކޮންމެވެސް ގޮތެއްވެފައިކަން އެނގުނެވެ. އެއީ ނުގުޅޭ ވާހަކަ ދައްކާތީއެވެ. ކުރާ ސަވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި އެހެން ކޮންމެވެސް ވާހަކައެއް ދައްކާތީއެވެ.
ލޯބިވެރިޔާ އަޅުގަނޑުގެ މައިންބަފައިންނަށް ވަރަށް އިޙްތިރާމްކުރެއެވެ. އެމީހުންގެ ގާތުގައި އެއްވެސް ބޭކާރު ވާހަކައެއް ނުދައްކާނެއެވެ. އެމީހުންގެ ގާތުގައި އިންނައިރު ވަރަށް ބަސްމަދުވާނެއެވެ. އެހެންވެ ބާރަށް ގޮސް މަންމަ ގާތުގައި އަހުރެމެންގެ ގާތަށް އައިސް ދިނުމަށް އެދުނީމެވެ. މަންމަ އައުމުންވެސް ލޯބިވެރިޔާގެ ވާހަކަތައް ހުރި ގޮތުން މަންމައަށް ކޮންމެވެސް ކަމެއް ވިސްނި ލޯބިވެރިޔާގެ މަންމައަށް ގުޅައިގެން ގެނުވިއެވެ.
ކޮންމެއަކަސް ހަމަ އެރޭ ލޯބިވެރިޔާގެ މައިންބަފައިން ރުޤްޔާކުރާ މީހަކު ހޯދައިގެން ރުޤްޔާކުރަން ފެށިއެވެ. ރުޤްޔާކުރަން ފެށުމުން ލޯބިވެރިޔާއަށް އައީ ޝިފާލިބެމުންނެވެ.
ދެން ކުރިމަތިވީވެސް ހަމަ އެފަދަ މައްސަލައެކެވެ. އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއަށް ހަމަ އެމައްސަލަ ކުރިމަތިވީއެވެ. އޭނާ އުޅެނީވެސް ކައިވެނިކޮށްގެންނެވެ. އެކަން އަޅުގަނޑަށް އެނގުނީވެސް އޭނާގެ ފިރިމީހާގެ ކިބައިންނެވެ. އަޅުގަނޑު ބުނީ އަޅުގަނޑުގެ ލޯބިވެރިޔާއަށްވެސް ހަމަ ތިއަ މައްސަލަ ކުރިމަތިވެގެން އުޅޭ ކަމަށާއި ރުޤްޔާކުރަމުން ގެންދާ ކަމަށެވެ.
އެހެންބުނީމާ ލޯބިވެރިޔާއަށް ރުޤްޔާކުރާކުރާ މީހާ ހޯދައިގެން އަނބިމީހާއަށް ރުޤްޔާކުރަން ފެށިއެވެ. 3 ވަނަ ރޭ އެކުވެރިޔާގެ ފިރިމީހާ ގުޅާފައި އެގެއަށް ގޮސްދިނުމުން އަޅުގަނޑު ދިއައިމެވެ. އެއިރު ރުޤްޔާ ކުރަނީއެވެ. އަޅުގަނޑު ފެނުމުން ރޯންފެށި ގޮތަށް ހުއްޓައެއް ނުލިއެވެ. އެކަމަކަށް ރުޤްޔާކުރާ މީހާ އަޅައެއްވެސް ނުއްޔެވެ. އެކުރާ ކަމެއް ކުރިއަށް ގެންދިއައީއެވެ.
ކުރިއަށް ގެންގޮސް ނިންމާލާފައި އެމީހާ އެކުވެރިޔާއަށް ބުންޏެވެ. ތެދަށް ކިޔައިނުދޭނަމަ ފަސޭހަކުރަން އުނދަގޫވެފައި ގިނަދުވަސް ނަގާނެއެވެ. ތެދަށް ކިޔައިދީފިނަމަ ތަންކޮޅެއް ފަސޭހަވާނެއެވެ. ތެދަށް ބުނެބަލާށެވެ! "އެއްވެސް ދެމީހެއްގެ ދެމެދަށް ވަންނަން އެއްވެސް މީހަކު ލައްވައި އެއްވެސް ބާވަތެއްގެ ސިޙުރެއް ހެއްދުވިން ހެއްޔެވެ؟"
އެސުވާލުތައް ކުރެވުމުން އެކުވެރިޔާގެ މޫނުގެ ކުލަ ބަދަލުވެގެން ދިއައެވެ. އަދި އެއީ އޭނާއަށް ކުރަން ކިތަންމެ އުނދަގޫ ކަމެއް ނަމަވެސް ތެދަށް ކިޔައިދިނެވެ. ކިޔައިދިނީ އަޅުގަނޑުގެ ލޯބިވެރިޔާ ހޯދަން ބޭނުންވެގެން އޭނާގެ އެކުވެރި އަންހެނަކު ލައްވައި ސިޙުރެއް ހެއްދުވި ވާހަކައެވެ. ކިޔައިދީފައި އަޅުގަނޑުގެ ކިބައިން މާފަށް އެދުނީމައި ބުނީމެވެ. "އަހުރެން މާފުކޮށްފީމެވެ. އަހުރެންގެ މާފަށްވުރެ މުހިންމީ ތައުބާވުމެވެ. ދެންވެސް އަވަހަށް ތައުބާވާށެވެ!"
އެހެން ބުނެފައި ނުކުމެގެން އައީއެވެ. އެއީ އިތުރަށް މަޑުކުރަން ވެއްޖެނަމަ ނުރުހުމުގެ ބަހެއް ބުނެވިދާނެތީއެވެ.
އަޅުގަނޑުގެ ލޯބިވެރިޔާއަށް ޝިފާލިބުނެވެ. ކައިވެނިވެސް ކުރެވުނެވެ. ކައިވެންޏަށް 12 އަހަރުވެސް ވެއްޖެއެވެ. ދިރިއުޅެމުން މިދަނީ ހަމައެކައިވެނިމަތީގައެވެ. އެކުވެރިޔާ 4 މީހުންނާ 7 ކައިވެނިކޮށްފިއެވެ. މިހާރުވެސް އިނީ އެކަނިވެފައެވެ.
މިއަދުނޫހުގައި މިބާވަތުގެ ވާހަކަތައް ލިޔެފައި ހުންނާތީ އަޅުގަނޑަށް ދިމާވި ކަންކަމުގެ ވާހަކަވެސް ޙީއްޞާކޮށްލީއެވެ. ޢިބްރަތަކަށްވާނެ ކަމަށް ހީކުރަމެވެ. އިތުރަށް ބަހެއް ބުނާކަށް ނެތީމެވެ.
--ނާޒިމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
--ޢިބްރަތްތެރި ވާހަކަ
Advertisement
7 ޖެނުއަރީ 2025