އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 43 ސިކުންތު
ފުރަތަމަ މިއަޅައިލަނީ ސުރުޚީއެވެ. އިބިލީހަށް ﷲ ތަޢާލާ އަމުރުފުޅުކުރެއްވެވީ އާދަމްގެފާނަށް ސަޖިދަކުރުމަށެވެ. އިބްލީސް ސަޖިދަނުކުރީއެވެ. އަދި ތައުބާވެސް ނުވީއެވެ. އަހުރެމެންނަށް ﷲ ތަޢާލާ އަންގަވާފައިވަނީ ފާފަ ނުކުރުމަށެވެ. ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެގަތުމަށެވެ. އަހުރެމެން އެބަ ފާފަކުރަމުއެވެ. ތައުބާއެއް ނުވަމުއެވެ. ދެން ﷲ ތަޢާލާ އަންގަވާފައިވަނީ ފަރުޟުތަކާއި ސުންނަތް ޢަމަލުތައް ކުރުމަށެވެ. ހެޔޮ ޢަމަލުތައް ކުރުމަށެވެ. އެކަންކަމެއްވެސް ނުކުރެވެއެވެ.
އެހެންވީމާ އިތުރަށް ވިސްނައިލަމާހިނގާށެވެ!
ގިނަ ބައަކު ދައްކާނީ އިބްލީސް އާދަމްގެފާނަށް ސަޖިދަނުކުރިވާހަކައެވެ. އެއީ އޭނާކުރި ވަރަށް ބޮޑު ކުށެކެވެ. އެހެންކަމާއިއެކުގައިވެސް އެއިގެކުރިއަށް އޭނާ މާބޮޑުކުށެއްކުރިއެވެ. އެކުށުގެ ވާހަކަ ދައްކަނީވެސް ވަރަށް މަދުމީހެކެވެ. އެހެންވެ އަހުރެން މިއުޅެނީ އިބްލީސް ކުރި އެންމެ ބޮޑު ކުށުގެ ވާހަކަދައްކާށެވެ!
އެކުށަކީ ކޮބައިކަން ވިސްނެނީ ތިއަބައިމީހުންގެ ތެރެއިން ކިތައް މީހުންނަށްހެއްޔެވެ؟ ވިސްނޭ މީހަކު ހުރިނަމަ ނިކަން ޖަވާބުދީބަލާށެވެ!
ކޮންމެއަކަސް އެކުށަކީ އޭނާއަށް ﷲ ތަޢާލާ ކުރެއްވެވި އަމުރުފުޅަށް ކިޔަމަންތެރިނުވުމެވެ. އާދަމްގެފާނަށް ސަޖިދަކުރަން ﷲ ތަޢާލާ ކުރެއްވެވި އަމުރުފުޅަށް ކިޔަމަންތެރިނުވީއެވެ.
"އަދި އާދަމްގެފާނަށް ތިޔަބައިމީހުން ސަޖިދަ ކުރާށޭ ތިމަންރަސްކަލާނގެ މަލާއިކަތުންނަށް ވަޙީކުރެއްވިހިނދު، ހަނދުމަކުރައްވާށެވެ! ފަހެ، އިބްލީސް ފިޔަވައި، އެ މަލާއިކަތުން ސަޖިދަކުރެއްވޫއެވެ. އެކަލޭގެ އެކަމުން މަނާވެގަނެ، ކިބުރުވެރިވީއެވެ. އަދި ކާފިރުންގެ ތެރެއިން އެކަލޭގެވިއެވެ." (އަލް ބަޤަރާ: 34)
"އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން (އެބަހީ: ތިޔަބައިމީހުންގެ އަޞްލު ކަމުގައިވާ އާދަމްގެފާނު) ހެއްދެވީމެވެ. ދެން ތިޔަބައިމީހުން (އެބަހީ: އާދަމްގެފާނު) ޞޫރަކުރެއްވީމެވެ. ދެން މަލާއިކަތު ންނަށް ވަޙީ ކުރެއްވީމެވެ. އާދަމްގެފާނަށް ތިޔަބައިމީހުން ސަޖިދަކުރާށެވެ! ދެން އިބްލީސްފިޔަވައި، އެއުރެން ސަޖިދަކުރިއެވެ. ސަޖިދަ ކުރި މީހުންގެ ތެރެއިން އޭނާ ނުވެއެވެ." (އަލް އައްރާފް: 11)
މިދެއާޔަތުގައިވެސް އެވަނީ އާދަމްގެފާނަށް ސަޖިދަކުރުމަށް އަމުރުފުޅުކުރައްވަވައިފައެވެ. ކަމެއް ކުރަން ﷲ ތަޢާލާ އަމުރުފުޅު ކުރެއްވެވުމުން އެކަން ނުކުރަން ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ. ނަމަވެސް އިބްލީސް ދެއްކި ބަހަނާވެސް ﷲ ތަޢާލާވަނީ ވަޙީކުރައްވަވައިފައެވެ.
އިބްލީސް ދެއްކި ބަހަނާ:
"އެކަލާނގެ ވަޙީކުރެއްވިއެވެ. ތިމަންރަސްކަލާނގެ ކަލެޔަށް އަމުރު ކުރެއްވިހިނދު ސަޖިދަ ކުރުން ކަލެޔަށް މަނާކުރީ ކޮންކަމެއް ހެއްޔެވެ؟ އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން މާމޮޅެވެ. އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ." (އަލް އައްރާފް: 12"
ﷲ ތަޢާލާގެ އަމުރުފުޅުތަކަށް އަމަލުނުކޮށްފައި މިއަދު މީސްތަކުންވެސް ދައްކަނީ ހަމަ ތަފާތު ބަހަނާތަކެވެ. ބުނަނީ ހަމަ އިބްލީސް ދެންނެވި ބަހެވެ. ތިމަންމެންނަށް މާމޮޅު ގޮތްތައް އެނގެނީ ކަމަށެވެ.
ދެން އުފެދޭ ސުވާލަކީ މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބުވެސް ހަމަ ﷲ ތަޢާލާގެ ވަޙީބަސްފުޅުން އެނގެން އެބައޮތެވެ.
"އެކަލާނގެ ވަޙީ ކުރެއްވެވިއެވެ. ތިޔަތަނުން (އެބަހީ: ސުވަރުގެއިން) ކަލޭ ފައިބާށެވެ! ފަހެ، ތިޔަތާނގައި ހުރެ ކަލެޔަކަށް ބޮޑާވެގަތުމެއް ނެތެވެ. ފަހެ، ކަލޭ ނިކުންނާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ދެރަވެ ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ." (އަލް އަޢްރާފް: 13"
ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވީނަމަވެސް ދުނިޔޭގައި މިތިބެވެނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވުމުން އެމީހަކު ދުނިޔެއިން ބޭރުކޮށް ނުލައްވަވާތީއެވެ. ނަމަވެސް އެކަމުގައި ސަބަބެއް އޮތްކަން އެމީހުންނަށް ނުއެނގެނީއެވެ. އެއީ އަހަރެމެން އިންސާނުން ދުނިޔޭގައި ލެއްވެވީ އިޚްތިޔާރުތަކެއް ދެއްވަވާފައިކަމާއި އެއިޚްތިޔާރުތަކުގެ ބޭނުން ކުރި ގޮތެއްގެ މައްޗަށް ޤިޔާމަތްދުވަހު ޖަޒާ ދެއްވަވާނެ ކަމެވެ. ނުކިޔަމަންތެރިވި އަޅުންނަށް ނަރަކަހުރިކަމެވެ.
މިއަދު މީސްތަކުންނަށް ވެގެން މިއުޅޭގޮތަކީ ހަމަ އިބްލީހަށްވެސްވި ގޮތެވެ! އިބްލީސް ފަދައިން ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވެވެނީއެވެ. ނުކިޔަމަންތެރިވެފައި ބަހަނާތައްވެސް ދައްކަނީއެވެ. ދެން ނިކަން ބުނެބަލާށެވެ! އަހަރެމެންގެ ތެރެއިން ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވާ އަޅުން އެ ޢަމަލުކުރަނީ ހަމަ އިބްލީސްވެސް ޢަމަލުކުރި ގޮތަށް ނޫންހެއްޔެވެ؟ އެހެންކަމަށްވާއިރު ހަމަ އިބްލީސްފަދައިން ނަރަކައަށް ނުވަދެ ސަލާމަތްވެވޭނީ ކިހިނަކުން ހެއްޔެވެ؟
މީސްތަކުންނޭވެ! މިކިޔައިދިނީ އަހަރެމެންގެ ތެރެއިން މަގުފުރެދެމުންދާ މީހުން ހަލާކުގެތެރެއަށް އަމިއްލައަށް ވއްޓިގަންނަ އެންމެ ބޮޑު ސަބަބެވެ. ވިސްނައިލާށެވެ. މިދެއްކި ވާހަކަކޮޅު ސިކުނޑިއަށް ވައްދުވަން މަސައްކަތްކުރާށެވެ! ކާމިޔާބު މިންވަރު ކުރައްވަވާނެތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
11 ޖެނުއަރީ 2025