އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު
ކައިވެނި ރޫޅުމުން އަލުން ރުޖޫޢަ ކުރުމުގެ ނިޔަނެތިވެސް ބައެއް މީހުން މާޒީ ހަނދާންކުރުމުގައި ދުވަސްތައް ފާއިތުކުރެއެވެ. އެއީ ވިސްނާލަން މުހިންމު ކަމެކެވެ.
ފުރަތަމަ ކަމަކަށް ހިތުގައި ލޯބި އޮތްނަމަ، އެކުގައި ދިރިއުޅެން އަދިވެސް ބޭނުންވާނަ، ދެމީހުންގެ ގުޅުން އެހިސާބުން ނިންމާލަން ބޭނުންނުވާނަމަ އަވަހަށް ކައިވެނި ރުޖޫޢަކޮށް ދެމީހުންގެ ގުޅުން ޙަލާލުކުރާށެވެ. އެކަން އެގޮތަށް ކުރަން ބޭނުންނުވާނަމަ ރަނގަޅު ގޮތަކީ މާޒީ ހަނދާން ނައްތާލައި އަލުން ޙަޔާތެއް ފަށައެވެ.
އެންމެ މުހިންމު އެއް ކަމަކީ އަލުން ޙަޔާތެއް ފެށުމަށްފަހު ކުރީގެ ބައިވެރިޔާއާއި އެބާވަތުގެ އެއްވެސް ގުޅުމެއް ނުބޭއްވުމެވެ. ސަބަބަކީ އެކަމުގެ ސަބަބުން ދިރިއުޅުމަށް ހުރަސްތައް ކުރިމަތިވާނެތީއެވެ. ހަމަޖެހިގެން ދެވަނަ ބައިވެރިޔާ އާއިއެކު ދިރިއުޅެން އުނދަގޫވާނެތީއެވެ.
"ތިމަންމެން ދެމީހުންގެ މެދުގައި މިހާރު އޮންނަނީ އެކުވެރިކަން" ކަމަށް ބުނިނަމަވެސް އަނެކާއަށް އެކަން ޤަބޫލުކުރަން ވަރަށް އުނދަގޫވާނެއެވެ. ހިތުގައި ޝައްކުތައް އުފެދޭނެއެވެ. އެކަމުގެ އަސަރު ދިރިއުޅުމަށް ކުރާނެއެވެ.
ދެމީހުންނަށް ވަކިވެގެން ދުރުގައި ތިބެވޭނެކަން ޔަޤީންނުވާ ޙާލު ކައިވެނި ރޫޅައިނުލާށެވެ! އަދި ދިމާވާ ގޮތަކުން ކައިވެނި ރޫޅުނަސް (ދެމީހުންނަށް ވަކިނުވެވޭނެ ނަމަ) އަވަހަށް އަނބުރައި ރުޖޫޢަކޮށް ކުރިން ކުރިމަތިވި ފަދަ މައްސަލަތައް ކުރިމަތިނުވާނެ ގޮތަށް އުޅެން މަސައްކަތްކުރާށެވެ! އެކަމުގައި ﷲ ތަޢާލާ ރަހްމަތާއި ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުން ހުރި ސުވާލަކާއި ޖަވާބު:
ސުވާލު: ތިމާގެ ކުރީގެ އަނބިމީހާގެ ފޮޓޯ ފޯނުގައި ބައިންދައިގެން އޭނާ މަތިން ހަނދާންވުމުން ބެލުމަކީ ކޮންކަހަލަ ކަމެއް؟ އެ ކަމުގެ ސަބަބުން މިހާރުގެ ދިރިއުޅުން ބަރުބާދުވެދާ ފަދަ ކަމެއް ކުރިމަތިވެދާނެތޯ؟
ޖަވާބު: ތިޔަހާ ލޯބިވާ އަންހެނަކު ވަރިކުރީ ކީއްކުރަންތޯއެވެ؟ ވަރިކޮށް ޢިއްދަ ކަމަވުމުން އެއީ ހިލޭ އަންހެނެކެވެ. އޭނާގެ މަތިން ހަނދާންކޮށް، ފޮޓޯ ބަލަންވީ ވަގުތު ވަނީ ފާއިތުވެފައެވެ. މިހާރު އެކަން ކުރުމުގެ ފުރުސަތެއް ނެތެވެ.
--ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
24 ޖެނުއަރީ 2025