އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 38 ސިކުންތު
މިޒަމާނުގައި ޢިއްފަތްތެރިން ނުއުޅޭކަމަށް ޤަބޫލުކުރުމަކީ ކުށެކެވެ. އެހެނެއް ނޫނެވެ. މަދުކަމަށް ޤަބޫލުކުރަންޖެހެއެވެ. އެކަމުގެ ސަބަބުތައް ވަރަށް ގިނައެވެ. އެހެންކަމާއިއެކުވެސް ފިރިންނަށް ތެދުވެރި ތަޤްވާވެރި އަންހެނުން އެބަތިއްބެވެ. އެކަން ޤަބޫލުކުރަންޖެހެނީ ދަތިޙާލުގައި އުޅެންޖެހުނަސް ފައިސާއަށް ނުވިކޭ އަންހެނުން މިހާރުވެސް ތިބުމުންނެވެ.
ތިރީގައިވާ ވާހަކައަކީ އެފަދަ އަންހެނަކަށްވުމަށް އެދޭ އަންހެނުންނަށާއި އަދި ޢިއްފަތްތެރިކަމުގަ ތިބެން ބޭނުންވާ އަންހެނުންގެ ކަރާމާތް ނަގާލަން މަސައްކަތްކުރާ ބޮހުންނަށް ޢިބްރަތްތެރި ފިލާވަޅެކެވެ.
އޭނާއަކީ ބޮސްގެ ސެކެޓްރީއެވެ. ވަޒީފާގައި ދުވަސްކޮޅެއްވީތަނާ ބޮސް އޭނާއަށް ބޭނުންވެގެން ކަންކަން ކުރަން ފަށައިފިއެވެ. ހަދިޔާތައްދޭން ފަށައިފިއެވެ. ވަޒީފާގެ ކުރިއެރުން ދީފިއެވެ. މުސާރަބޮޑުކޮށްދިފިއެވެ. ބުނަމުން އައީ އެކަންކަން ކޮށްދެނީ މަސައްކަތަށް ރަނގަޅުވުމުން ކަމަށެވެ.
އެންމެ ފަހުން ފައިނަލް އެޕިސޯޑް ފަށައިފިއެވެ. އަތުކުރީގައި ހިފަން ފަށައިފިއެވެ. ދޮންދޭން މަސައްކަތްކުރަން ފަށައިފިއެވެ. ސެކެޓްރީ އެކަންކަމަށް އިންކާރުކުރާ ސަބަބާއިމެދު ސުވާލުކުރުމުން ސެކެޓްރީ ބުނީ އޭނާގެ ވަރަށް ލޯބިވާ ފިރިއަކު ހުންނަނަކަމަށެވެ. ފިރިމީހާވެސް ހިލޭ އަންހެނެއްގެ ގައިގައި އަތްނުލާނެ ކަމަށާއި އޭނާވެސް ހުންނަން ބޭނުމީ އެގޮތުގައި ކަމަށެވެ.
ބޮސްބުނީ އޭނާގެ ފިރިމީހާއަކީ އަންތބަކު ބަލަހައްޓާނެ ފައިސާ އަތުގައި ނެތް އެއްވެސް ޙައިޞިއްޔަތެއް ނެތް މީހެއްކަމަށެވެ. ސެކެޓްރީގެ ރައްދަކީ އަހަރެމެންނަށް އުޅެވޭވަރަށް ﷲ ފައިސާ ދެއްވަވައެވެ. ހަމަ ޔަޤީނުންވެސް އަހަރެންގެ ފިރިމީހާއަކީ ﷲ އަށް ބިރުވެތިވާ ތަޤްވާވެރިއެއް ކަމަށާއި އެއަށްވުރެ ބޮޑު ތަނަވަސްކަމެއް ނެތް ކަމަށެވެ.
"އަހަރެން ކަލެއަށް ކިހާގިނަ ކަންތައްތަކެއް ކޮށްދިފިންހޭ؟" ބުނަމުން ސެކެޓްރީގެ ގައަށް އަތްލާން އަތްއިސްކުރި ވަގުތު އޮފީހުގެ އެހެން އަންހެން މުވައްޒިފަކަށް ކޮޓަރިއަށް ވެދެވުމުން ސެކެޓްރީ ކަރުނައަޅައި ރޯން ފެށިއެވެ.
ބޮސްގެ ކަންކަން ހުރިގޮތް އެދުވަހު މުމުވައްޒިފަށް ކިޔައިދިނުމުން އޭނާ ބުނީ މިފަދަ ވެރިންނަށް ރަނގަޅު ފިލާވަޅެއް ދޭންޖެހޭނެ ކަމަށާއި އެކަމަށް އޭނާ އެހީތެރިވާނެ ކަމަށެވެ. ދެއަންހެނުންގެ މެދުގައި ކަންކަން ސައްލާކޮށް ކަންކަން ރާވާފައި އެއްރޭ އޮފީސް ނިމިގެން ބޮސް ނުކުތް ވަގުތު ސެކެޓްރީ ބޮސްގެ ކުރިމައްޗަށް އރާފައި ހިނިތުންވެލިއެވެ. ބޮސްއަށް ހީވީ އޭނާ ރުހިގެން އައިސް ބައްދަލުކުރީ ކަމަށެވެ. ބަލާކަށް ނުހުރެ އަތުގައި ހިފިއެވެ. ފޮޅާލުމުންވެސް އަތުގައި ހިފައި ކާރާދިމާއަށް ގަދަކަމުން ގެންދަން މަސައްކަތްކުރިއެވެ.
އެވަގުތު އެކަމަށް ހުރަސްއެޅީ ފިރިމީހާއެވެ. ފުލުހުން އައިސް ބޮސް ބިޑިއެޅުވިއެވެ. މައްސަލަ ކޯޓަށް ފޮނުވުމުން ބޮޑު ޢަދަދަކުން ޖުރުމަނާކޮށް 10 އަހަރުގެ ޖަލު ޙުކުމެއް އިއްވިއެވެ. ލިބުނު ފައިސާ ދެއަންހެނުންގެ މެދުގައި ބަހައިލުމުންވެސް އަމިއްލަ މަސައްކަތެއް ފަށާނެ ފައިސާ ކޮންމެ އަންހެނަކަށްވެސް ލިބުނެވެ.
މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ އަޅުގަނޑުމެން ކޮންމެ އަންހެނަކީވެސް އެފަދަ ސެކެޓްރީއަކަށްވުމަށް ހިތްވަރުދިނުމަށެވެ. އަދި އެކުގައި މަސައްކަތްކުރާ ކޮންމެ އެކުވެރިއަކީވެސް އަނެކާއަށްޓަކާ މިފަދައިން ހެޔޮއެދޭ، އަނެކާ ޙިމާޔަތްކޮށްދޭން މަސައްކަތްކުރާ މުވައްޒިފަކަށްވުމަށް ބާރު އެޅުމަށެވެ.
ކޮންމެ މުވައްޒިފަކަށް ކޮންމެ ވަގުތަކުވެސް މިފަދަ ކަމެއް މެދުވެރިވެދާނެއެވެ. މިޙާލަތުން ސަލާމަތްވެ ތިބެވޭނީ އެންމެން އެއް ނިޔަތެއްގައި މަސައްކަތްކޮށްގެންނެވެ.
- ޝިބާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
28 ޖެނުއަރީ 2025