އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު
ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުން އަބަދުވެސް ގިނަ ކަންތައްތަކަކަށް އެދެން ޖެހިފައިވާ މީހެކެވެ. އެދެމުންވެސް ދާ މީހެކެވެ. ނަމަވެސް އެދޭ ކަންތައްތަކުގެ ތެރެއިން މިދުނިޔޭގައި ފުރިހަމަ ވަނީ މަދު ކަމެއް ކަމަށްވެސް ބުނެވިދާނެއެވެ. އެހެން އެވަނީ ލިސްޓު ދިގުވުމުންނެވެ. އަދި ލިސްޓުގައި ހުންނަ ބައެއް ކަންކަމަކީ އެކަމެއް ޙާޞިލުވުމުން އަހަރެމެންނަށް ގެއްލުން ހުރި ކަންކަން ކަމުގައިވާތީއެވެ.
ކަން މިހެން އޮތް ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އިޚްލާޞްތެރިކަމާއިއެކު އެދިއްޖެ ހަމަ އެއްވެސް މީހަކަށް ނުދެއްވަވައި ދޫކޮށް ނުލައްވަވާނެ ނިޢްމަތެއް ވެއެވެ. އަޅެ ނިކަން ވިސްނައިލަބަލާށެވެ! އެއީ ކޮން ނިޢްމަތެއްކަން އެނގޭތޯއެވެ!
އެ ނިޢްމަތަކީ ހިދާޔަތު ދެއްކެވުމެވެ. ތެދުމަގު ދެއްކެވުމެވެ. ތެދުމަގު ދެއްކެވުމަށް އެދި އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުގައި އެދިއްޖެ ކޮންމެ މީހަކަށް އެ ނިޢްމަތް މިންވަރު ކުރައްވަވާނެތެވެ. އެއީ ހަމަ ޒައްރެއްގެ މިންވަރަށްވެސް ޝައްކުކުރަންޖެހޭ ކަމެއް ނޫނެވެ! އެއީ ﷲ ތަޢާލާގެ ވަޢުދު ބަސްފުޅެކެވެ. ވީމާ އިތުރަށް ވިސްނާކަށްވެސް ނުޖެހޭނެއެވެ.
މީސްތަކުންނޭވެ! އިންސާނަކަށް އެންމެ މުހިންމުވާނީ، އަދި އެންމެ ފައިދާކުރާނެ ކަމަކަށްވާނީ ތެދުމަގު ފެނުމެވެ. ހިދާޔަތު ލިބުމެވެ. އެ މަތިވެރި ނީޢްމަތް ލިބިއްޖެ ނަމަ ހުރިހާ ނިޢްމަތްތަކައް ލިބުނީއެވެ. ފުދި އިތުރުވީއެވެ. އެހެންކަމާއިއެކުވެސް އިޚްލާޞްތެރިކަމާއިއެކު ތެދުމަގު ދައްކަވައި ދެއްވެވުން އެދެވެނީ ވަރަށް މަދު މީހަކަށެވެ. އަބަދުހެން އެދިދަންނަވަމުން ގެންދެވެނީ ދުނިޔަވީ ބޭނުންތަކުންނެވެ!
އެންމެ ރަނގަޅެވެ. ނިކަން ބުނެބަލާށެވެ! ދުނިޔެއިން ތިބާ އެދުނު ހުރިހާ ނިޢްމަތްތަކެއް ﷲ ތަޢާލާ ދެއްވެވީއެވެ. މުއްސަނދިކަމާއި އާރާއި ބާރާއި މިހެންގޮސް ހުރިހާ ކަމެއް ލިބުނީއެވެ. ނަމަވެސް ތެދުމަގު ނުހިފުނީއެވެ. ހިދާޔަތު ނުލިބުނީ އެވެ. ދެން ވާނީ ކިހިނަކުން ހެއްޔެވެ؟ ފިރުއަޢުނާއި ޤާރޫނަށް ވީގޮތް ނޫން ހެއްޔެވެ؟ އެކަމުން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ވީމާ ކޮންމެ މީހަކީވެސް ގިނަގިނައިން ތެދުމަގު ދެއްކެވުން އެދި ދުޢާކުރާ މީހަކަށް ވާން އެބަ ޖެހެއެވެ.
ކަން މިފަދައިން އޮތް ނމަވެސް މިއަދު އެންމެންވެސް ނިޢްމަތުގެ ގޮތުގައި އެންމެ ބޮޑަށް ބޭނުންވެގެން މިއުޅެނީ ތަނަވަސްކަން، މަތީ މަޤާމްތައް، ޢިއްޒަތާއި ޝަރަފް، އެންމެ އަގު ބޮޑު ކާރު، އެންމެ ރީތި ގެ، އެއްވެސް ބައްޔެއް ނުވުން ފަދަ ކަންކަމެވެ. މިހެން ގޮސް އެތައް ބައިވަރު ކަންކަމަށް އަހަރެމެން އެދި ދުޢާކުރަމުއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
17 ފެބްރުއަރީ 2025