އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 42 ސިކުންތު
އަޅުގަނޑަކީ މައިންބަފައިންގެ ކިބައިން ތަނަވަސްކަން ލިބިގެންއިން އަންހެނަކީމެވެ. ފުރަތަމަ ކައިވެނިކުރީ މައިންބަފައިން ދެއްކި މީހާކާއިއެވެ. ކައިވެނީގައި 3 ދަރިންވެސް ލިބުނެވެ. ނަމަވެސް އަޅުގަނޑަކަށް އެއްވެސް އުފާވެރިކަމެއް ނުލިބުނެވެ. މިބުނަނީ ފިރިމީހާގެ ކިބައިން ލިބެންޖެހޭ އެއްވެސް ކަމެއް ނުލިބުނު ވާހަކައެވެ. ލޯތްބާއި އަޅައިލުން ނުލިބުނު ވާހަކައެވެ.
އެހެންވެ ވަރަށް ގިނަ ސުވާލުތަކެއް އުފެދުނެވެ. މުޅި ޢުމުރު މިގޮތަށް ބޭކާރުކޮށްލަންވީހެއްޔެވެ؟ ނޫންނަމަ ލޯތްބާއި އަޅައިލުންދޭނެ މީހަކު ލިބޭތޯ މަސައްކަތްކުރަންވީހެއްޔެވެ؟ މައިންބަފައިންގެ ކިބައިގައި ތަނަވަސްކަން އެބަހުއްޓެވެ. ފމައިންބަފައިންގެ ފުށުން ފިރިމީހާއަށްވެސް ތަނަވަސްކަން ލިބިއްޖެއެވެ.
މިލިބެނީ ތަނަވަސް ދިރިއުޅުމެކެވެ. ދިރިއުޅުން ކިތަންމެ ވަރަކަށް ތަނަވަސްވީނަމަވެސް ލޯތްބާއި އަޅައިލުން ނުލިބި ދުނިޔޭގައި އޮތީ ކޮން އުފަލެއް ހެއްޔެވެ؟ ތަނަވަސްކަން ނެތަސް ލޯތްބާއި އަޅައިލުން ލިބޭނެ ނަމަ މާއުފަލުގައި އުޅެވޭނެއެވެ.
މިފަދަ ޚިޔާލުތައް ކުރަމުން ދަނިކޮށް ފިރިމީހާ އަޅުގަނޑު ދޫކޮށްލައިފިއެވެ. ވަރިކޮށްލާފައި ހިނގައްޖެއެވެ. އެހިސާބުން ފިރިހެނުންތައް އަޅުގަނޑަށް ގުޅައި އަޅުގަނޑާއި ގުޅެން މަސައްކަތް ފަށައިފިއެވެ. ގުޅަނީ ތަނަވަސް މީހުންނެވެ. ފަޤީރުންނަށް އަޅުގަނޑު ނުވެސް އެނގޭތީއެވެ.
އެހެންވެ އަޅުގަނޑު ނިންމީ ދިރިއުޅުން ބަދަލުކޮށްލާށެވެ. ފަޤީރުންގެ ތެރޭގައި ދުވަސްކޮޅަކު ދިރިއުޅޭށެވެ. ކަންކަން ތަޖުރިބާކޮށްލުމުގެ ބޭނުމުގައެވެ. އެބޭނުމުގައި މުހިންމު ދަތުރެއް ކުރީމެވެ. ފަޤީރު އަވަށަކަށް ގޮސް ވަރަށް އާދައިގެ ފެންވަރުގެ ގެއެއް ކުއްޔަށް ހިފައިގެން މަޑުކޮށްލީމެވެ. 3 ދަރިންނާއިއެކު އެގޭގައި ދިރިއުޅެން ފެށީމެވެ.
އަޅުގަނޑަކީ ކޮންފެންވަރެއްގެ އަންހެނެއްކަމެއް ނުއަންގަމެވެ. ލައިއުޅުނީވެސް ވަރަށް އާދައިގެ ހެދުމެވެ. ކައިއުޅުނީވެސް އެންމެ އާދައިގެ އެއްޗެއްސެވެ. މީހަކު ސުވާލުކުރިނަމަވެސް ބުނަނީ ފަޤީރެއް ކަމަށެވެ. ޗުއްޓީއަށް އައީ ވަރަށް ގިނަ ދުވަހު މަސައްކަތްކޮށް ލިބުނު ފައިސާއިން މިންވަރެއް ޖަމާކޮށްގެންކަމަށެވެ.
10 ވަރަކަށްދުވަސްވީތަނާ ހޮޓަލެއްގެ ރިސެޕްޝަނުގައި މަސައްކަތްކުރާ މުވައްޒިފަކު އަޅުގަނޑުގެ ފަހަތުން އެނބުރެންފަށައިފިއެވެ. އަޅުގަނޑާއި ގުޅުން ބަދަހިކުރަން މަސައްކަތްކުރަން ފަށައިފިއެވެ. އެއީ ވަރަށް ފަޤީރު ޢާއިލާއެއްގެ ކުއްޖެކެވެ. އޭނާ އެންމެ ފުރަތަމަ ގުޅުން އުފެއްދީވެސް ދަރިންނާއިއެވެ. ދަރިން ގޮވައިގެން ހިނގާލައި ކުޅިވަރުކުޅުން ފަދަ ކަންކަން ކުރުމުންނެވެ.
އޭނާގެ ކިބައިން އުންމީދީ ކަންކަން ފެންނަން ފެށުމުމުން އެއް ދުވަހަކު އޭނާ ގާތު ބުނެގެން އޭނާގެ ގެއަށް ދިއައިމެވެ. ޢާއިލާ ދިރިއުޅޭ ޙާލަތު ފެނުމުން ވަރަށް އަސަރުކުރިއެވެ. ގެއަކީވެސް ކިސަޑުން ހަދާފައިހުރި ގެއެކެވެ. ހަމައެކަނި ތަޅުންއަޅާލާފައި ހުރިކަމެވެ. މައިންބަފައިންނަށް ކުޑަކުޑަ ހަދިޔާއެއް ދީފައި އެނބުރި އައީއެވެ.
ދެމީހުންގެ މެދުގައި ގުޅުން އުފެދެމުންގޮސް ލޯތްބަށް ބަދަލުވިއެވެ. ކައިވެނިވެސް ކުރެވުނެވެ. ކައިވެނިކުރެވުމުން ދުވަސްކޮޅަކު ތިބެލާފައި އެނބުރި އަމިއްލަ ގެއަށް އައީއެވެ. ނަޞީބަކުން އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑުގެ ކައިވެންޏަށް ރުހުނެވެ. ހަމައެކަނި ދިން ނަޞޭޙަތަކީ އެހައި ފަޤީރުކަމުގައި ބޮޑުވެފައި ހުރި ޒުވާނަކަށްވުމުން ކުއްލިއަކަށް އެހައި ބޮޑަށް އިތުބާރު ނުކުރުމަށާއި ކަންކަމުގައި އިތުބާރު ހޯދަމުންގޮސް އިތުބާރު ކުރުމެވެ. މައިންބަފައިންގެ އެ ނަޞޭޙަތްވެސް ޤަބޫލުކުރީމެވެ.
ދެވަނަ ކައިވެންޏަށް މިހާރު 10 އަހަރުވީއެވެ. އެކައިވެނީގައިވެސް 3 ދަރިން ވަނީ ލިބިފައެވެ. ޖުމުލަ 6 ދަރިން އެބަތިއްބެވެ.
10 އަހަރުތެރޭގައި ދުވަހަކުވެސް އަޅުގަނޑު ގާތަކުން އެއްވެސް ފައިސާއަކަށް ނުއެދެއެވެ. މައިންބަފައިންނަށް ފޮނުވަނީވެސް އަޅުގަނޑު އެކަމަށް ދިން އެއްޗެކެވެ. އެއިގެ އިތުރުން މައިންބަފައިން ގެނެސްގެން ގޭގައި ގެންގުޅޭއިރުވެސް އެއްވެސް އެއްޗަކަށް ނުއެދެއެވެ. ބައްޕަ މިހާރުވަނީ އެމީހުންނަށް ގެއެއްވެސް އަޅައިދީފައެވެ. އުފަލުގައި ދިރިއުޅެވޭނެ މަގު ފަހިކޮށްދީފައެވެ.
މިވާހަކަ އަހަރެން މިކިޔައިދިނީ ތަނަވަސް މީހުންނާއި ކައިވެނިކުރުމުން އުފާވެރި ދިރިއުޅުން ލިބޭނެ ކަމަށް ޤަބޫލުކުރާ އަންހެނުންނަށް ފިލާވަޅެއްގެ ގޮތުންނެވެ. އަދި ފަޤީރުންނާއި ކައިވެނިކުރުމުން އުޅޭނީ ތަނަވަސްކަން ހޯދަންކަމަށް ބުނާ މީހުންނަށްވެސް ފިލާވަޅެއްގެ ގޮތުންނެވެ.
ދެވަނަ ކައިވެނި ކުރިފަހުން ދުވަހަކުވެސް ލޯބި ނުލިބިގެން އަދި އަޅައިލުން ނުލިބިގެންވެސް އުޅޭކަށް ނުޖެހެއެވެ. ފުރަތަމަ ދުވަހުން ފެށިގެންނެވެ. އަޅުގަނޑަކީ ތަނަވަސް އަންހެނެއްކަން ނުއެނގޭއިރުން ފެށިގެންނެވެ. އަދި ކީއްހެއްޔެވެ؟ އަޅުގަނޑުގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް އޭނާ ނުކުރެއެވެ. އަޅުގަނޑުގެ 3 ދަރިންނަށްވެސް އެހައި ރަނގަޅެވެ.
އަޅުގަނޑުގެ ތަޖުރިބާއަށް ބަލައި ބުނަމެވެ. ކައިވެނިކުރަންވީ ތަނަވަސްކަން ސިއްރުކޮށްގެންނެވެ. ނޫންނަމަ ކައިވެނިކުރަން މިލިބެނީ ކޮންމެވެސް އަމިއްލަ ބޭނުމަކު އަންނަ މީހެކެވެ. އޭނާގެ ބޭނުން ފުދުމުން ދޫކޮށްލާފައިދާނެއެވެ. އަދި އެކުގައި އުޅުނަސް ލޯތްބާއި އަޅައިލުން ލިބުމަކީ ދުރުކަމެކެވެ. ވީމާ ލޯބިވާން މީހަކާއި ވާހަކަ ދައްކާނަމަ އެންމެ ރަނގަޅު ގޮތަކީ ތަނަވަސްކަން ސިއްރުކުރުމެވެ.
އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. ފިރިމީހާ އަޅުގަނޑުދެކެ ލޯބިވީ 3 ދަރިން އެބަތިބިކަން އެނގިހުރެއެވެ. އަދި ފަޤީރެއްކަމަށްވެސް ބަލައިގެންނެވެ. ވީމާ އެކަމުން އެނގެނީ ފަޤީރަސް، ދަރިން ތިބިނަމަވެސް ލޯބިވާނެ މީހުން ލިބޭނެ ކަމެވެ.
މިއީ ޕާކިސްތާނުގެ އަންހެނަކު އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ވާހަކައެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ވިސްނުމާއި ވަރަށް ތަފާތު ވާހަކައަކަށްވުމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކޮށްފާނެ ކަމަށް އުންމީދުކޮށް ޙިއްޞާކޮށްލީއެވެ.
- ޙައްވަ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
10 މާޗް 2025