އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު
ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ކުށެއްނެތް މަޢުޞޫމް ކުދިންގެ ޙައްޤުތަކަށް އަރައިގަންނަ ފަރާތްތަކާމެދު ޤާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.
މަޖިލިސް ރައީސް އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޒާތީ ހަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ކުށެއްނެތް މައުސޫމް ކުދިންގެ އަބުރާއި ޢިއްޒަތް ނަގާލައި، ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެ ކުދިންގެ ބަލުގައި އަޅުވަމުންދާ މައްސަލައަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
"ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ކަންކަން ކުރީމާ ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމައެކަނި ކުށްވެރިކުރުމުގެ ބަޔާނަކުން ފުއްދައިނުލައްވާ އެފަދަ ކަންކަން ތަކުރާރު ނުކުރެވޭގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން އެބަޖެހޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މި މައްސަލައިގައި ކަމާބެހޭ މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަޖިލިސް ރައީސް ގޮވާލައްވާފައިވާއިރު، ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމަކީ ޤާނޫނީ ގޮތުން ވެސް އަދި އިޖްތިމާއީ ގޮތުން ވެސް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވެއެވެ.
މަޖިލިސް ރައީސްގެ މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ކުޑަކުއްޖެއްގެ ޙައްގުތައް ގެއްލޭގޮތަށް ވާހަކަދައްކާފައިވާތީއެވެ.
Advertisement
15 މާޗް 2025